ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު: ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރަންޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
19 އެޕްރީލް 2019 - 20:52
އުތުރު ޕްރޮވިންސް ގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީބާޖާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން މުރާޖައާ ކުރަންޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް މީޑިއާގައި ވާހަކަ ދައްކަވަން، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ސުއޫދު ބޭނުމެއް ނުވި އެވެ.
DHEEBAAJAA judgment of the Supreme Court should be reviewed by the Supreme Court. https://t.co/dDf2BACJmx
— Husnu Al Suood (@hsuood) April 19, 2019
ސުއޫދުގެ ޓްވީޓް
ދަށު ކޯޓުގެ ހުކުމް ދަމަހައްޓައި، ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް މިދިޔަ ބުދަ ދުވަހު ކުރި ހުކުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، ދައުލަތުން އެހާ ގިނަ ފައިސާ ކުންފުންޏަކަށް ދޭން ޖެހުމަކީ ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް، އެ ޕާޓީ އަށް ތާއީދުކުރާ ބަޔަކު ހިމެނޭ ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ވަހީދުގެ ސަރުކާރުން ބާތިލްކުރީ މެއި، 2013 ގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި އަމުރުކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އެކަމަކު، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މުއްދަތުގައި މައްސަލަ ހުށަނޭޅި އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީ
24 October 2019
ދެންކޮންހާ ވާހަކައެއްތިދައްކަނީ އަޅެ މިހުރިހާކަމެއް ކުރިއުރު ކޮބާ ސޫދު
އަންކަލޯ
21 April 2019
ޖާގެ ޕާސްޕޯޓްތަ ހިފެއްޓީ، އަފްރާޝީމްގެ މަރާ ގުޅިގެން، އުމަރު ބުނީ ރަނގަޅު ވާހަކަޔެއްތާ
އަލީބަލީ
20 April 2019
ޖާ އަކީ ހިއްސާ ދާރެއް. މިވަރުން މި ހަދާފައި އޮތް އެތި ސާފުވާނެ. މިއީ ކުރީގެ ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް.
ބުއްޅަބޭ
20 April 2019
ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް.
ބޯއިޖޯޖު
20 April 2019
ފުލުފުލުގަ ތިކުރާހުކުމް ތަކަކީ ސަރުކާރައް ބަލާވެރިކަން ޖެއްސުން ތިޔަކުން ކުރާނެ މާބޮޑު ފައިދާއެށް ނޯންނާނެ ހަމަތިމީހުން ނޫންތޯ އަދީބު ދޫކޮއްލަން ހުކުމްކުރީވެސް ކޮންމެމީހަކުވެސް ބަލަނީ މަގާމު ކަށަވަރުކުރުން ދެންބަލަމާ ވާގޮތެއް
ބުއްޅަބޭ
20 April 2019
އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެކިގޮތްގޮތަށް ދައުލަތުން ބޮޑެތިއަދަދުތައް ދޭންޖެހޭގޮތައް ރާވައިގެން މިކުރާވައްކަން ހުއްޓުވަންޖެހޭ. ކޯޓުތަކުން މިހާރު ސަރުކާރުން ބޭނުންވާގޮތަކަށް ކަންކަން ނިންމަނީ މަގާމުގަ ތިބެވެންއޮތީ އެހެންހަދައިގެން ކަމަށްވާތީ. ސުޕަރ މުޖޯރިޓީގެ އަސަރު.
ނޫސް ބަލާމީހާ
20 April 2019
މައްސަލަތަކުގައި އުޞޫލުތަކާ ޚިލާފެވެގެން ދައުލަތުގެ މާލިއްޔާއިން ފައިސާދޭކަށް ނުޖެހޭނެ. ވަރުވަރުން މަޤާމްދީފައި އިއްޒަތާ ނުކުޅަދާނަ ބޮޑުމުސާރަދީފައި މީހުންބޭތިއްބެނީ މިކަހަލަކަންކަން ވިޔަނުދޭން ޒިންމާކޮށްފައި. ތިފައިސާ ދޭންޖެހޭނީ މަޤާމްތަކުގައި ޒިންމާ ނުނަގާތިބި ވެރިން. ދައުލަތެއް ނުދާން ކޮށްކުރަމުންނެއް. ދައުލަތުގެ ފައިސާ ބަޔަކު ބޭނުންކުރަން ކުޅޭބޮޑެތި އުކުޅުތައް. ކީއްވެތަ މިސަރުކާރު އައިމާ ކުއްލިއަކަށް ތިމައްސަލަ ނިމެންވީ.
ކަބީލު
20 April 2019
އެހެންވީމަ ސުއޫދުގެ އުސޫލަކީ ގާނޫނާ ގަވާއިދާ ޚިލާފަށްވެސް ސުޕްރީމް ކޯޓުން ބައެއް ކަންކަން ކުރަންޖެހޭނޭދޯ
ހަބީބާ
20 April 2019
ކަމެއް ނުކޮށް 348 މިލިއަން ރުފިޔާ؟؟؟؟ ކޯޓުތަކުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިފައި އޮތްގައުމެއްގައި ކިހިނެތް ތިކަން ބަލައިގަންނާނީ؟ ތިކަމުގައި ކޯޓުތަކާއި، އޭޖީ އޮފީހުގެ މުވައްޒަފުން ނުހިމެނެއެކޭ އަޅުގަނޑަކަށް ބުނާކަށް ނުކެރޭނެ. ތިފަދަ ޖަރީމާއެއް ހިންގަން ތިކަމުގައި ބައިވެރިވާ ކޮންމެ މީހަކަށް 1 މިލިއަން ޑޮލަރު ދިނަސް ދީބާޖާއަށް ހިލޭ ބޮޑުފައިދާއެއް ވާނެ. މީ ވާ ގައުމެއް.
ބަނބުކެޔޮ ހަސަން
20 April 2019
ދީބާޖާ ކޮންޓްރެކްޓް އުވާލީ އުވާލްނޖެހިގެން. ޜައްޔިތުންނަށް މަކަރުހަދާ ސަރުކާރުން ހޯދި ރަށް ވިއްކައިގެން ކައި ދުވަހަކު ގަޑިއަކަށް ފެރީ ނުބާއްވައިގެން ތަކުރާރުކޮށް އިންޒާރުދީގެންވެސް އެކަންކަން ރަގަޅުނުކޮށްގެން. ޢޭރުގެ ނޫސްތައް ބަލާބަލަ. ތީ ރިސޯޓު ހަދަން ދިން ރަށް ވިއްކާލައިގެން އެކަމާ ގުޅިގެން ހެދި ޑީލްގެ ދާސުން ދާ ކަމެއް. މޮޔަ ނުވޭ. ޓިކާން ތިއުޅެނީ ރައްޔިތުން ފެލައިގެން އަލިފާން.