ދަރިވަރުންނަށް ނާސްތާ ދޭން ފެށުމަށް މިދިޔަ ޖެނުއަރީ މަހު އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ނާސްތާ ދެނީ..--ފޮޓޯ: ނިޝާން އަލީ/ މިހާރު
09 މެއި 2019 - 15:16
މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ އެކު، އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ދޭން ވަނީ ފަށައިފަ އެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ފަހަރު އިއުލާނުކުރީ، ބާކީ 188 ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށެވެ. އެ ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ނަން ނޯޓު ކުރެވޭނެ އެވެ. ނާސްތާ ފޯރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އިތުރު ސްކޫލުތަކަށް ނާސްތާ ފޯރުކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހު އޮންނާނެ އެވެ. އެ އަށް ފަހު ބީލަން ހުޅުވާނީ މި މަހުގެ 23 ގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މިއަދު ވިދާޅުވީ، މިހާތަނަށް ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ 25 ސްކޫލުގެ ތެރެއިން 24 ސްކޫލެއްގެ ނާސްތާގެ ކަންކަން ކުރިން ހަވާލުކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ. އަޖުމަ ބެލުމަށް މިހާތަނަށް ނާސްތާ ޕްރޮގްރާމް ހިންގި 25 ސްކޫލުގެ ތެރެއިން މި ބުރުގައި އަލުން އިއުލާން ކުރީ ވިލިމާލޭ މުހުޔިއްދީން ސްކޫލު އެކަންޏެވެ.
ރިޔާޒް ވިދާޅުވީ، ނާސްތާ ދޭން ފެށުމުން ދަރިވަރުންގެ ހާޒިރީ ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ހެނދުނު ކެއުމަށް ދަރިވަރުންނަށް ބާރަކަށް ވި ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނާސްތާގެ ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެކަމަށް އެދޭ ދަރިވަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވި ކަމަށް ވެސް ވިދާޅުވި އެވެ.
ވަކި ސްކޫލަކަށް ނާސްތާ ފޯރުކޮށްދޭން ބޭނުން ނަމަ ބިޑް ހުށަހަޅަން ޖެހޭނީ އެ ސްކޫލަކަށެވެ. ބިޑް ކޮމިޓީ އަށް އެ ލިޔުންތައް ފޮނުވާނީ އެ ސްކޫލަކުންނެވެ. އެގޮތުން ނާސްތާ ދޭނެ ފަރާތެއް ހޮވުމުގައި، ސާފުތާހިރު ބަދިގެއެއް ހުރުމަކީ މަޖުބޫރު ކަމެކެވެ.
"ފުރަތަމަ ޓާމުގެ ނަތީޖާ އާއި ތަޖުރިބާ އަށް ބަލާފައި، ބަދަލުތަކާ އެކު ދެވަނަ ޓާމުގައި ހުރިހާ ސްކޫލެއްގެ ހެނދުނު ދަންފަޅީގައި ނާސްތާ ދެވޭނެ. އެކަމުގެ ތައްޔާރީތައް މި ވަނީ ފެށިފައި،" ރިޔާޒް ވިދާޅުވި އެވެ.
ނާސްތާގެ ޕައިލެޓު ޕްރޮޖެކްޓް ފެށުމުގައި ވެސް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުދި ރަށްރަށުގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުލިބުމުގެ މައްސަލަ އެވެ. ނަމަވެސް މި ފަހަރު އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސްކޫލުތަކުގައި ނާސްތާ ދިނުމުގައި ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި ރޯދަ މަހާ އެކު، ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓު މިހާރު ވަނީ ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
10 May 2019
ދެދަންފަޅިއަށް ކިޔަވާދޭއިރު ހަމައެކަނި ހެނދުނު ދަންފަޅީކުދިންނަށް ނާސްތާ ދިނީމާ ހުރިހާ ކުދިންނަށް ނާސްތާ ދެވުނީކަމަކަށްނުވާނެ. މެންދުރުކުދިންނަށް އެއްވެސް އެއްޗެއްނުދޭ. ކިހާބޮޑު ތަފާތު ކުމެއްތޯ؟ އަދިކިހާބޮޑު ގޯހެއްތޯ އަދި ބޭއިންސާފެއްތޯ؟ ކޮބައިތޯ ތިޔަހޯއްދަވާދެއްވަންއުޅޭ ހަމަހަމަކަމާ އިންސާފަކީ؟ މީގެ ޖަވާބު ރައީސް ސޯލިހު ދެއްވަންޖެހޭނެ.
ޑިމޮކްރަސީ
10 May 2019
ތިޔަ ނާސްތާ އަށްވުރެ ދިވެހި ޤަވްމުގެ ހުރިހާ ރައްޔިތުންވެސް މާބޭނުން އެމީހުންގެ ދަރިންވެސް މާބޭނުން އަގުހެޔޮ ދިރިއުޅުމެއް ލިބޭ ހުރިހާ ފައިސާކޮޅު ކުއްޔަށްދީފަ ދެން އެއްއިރު ސަރުކާރުން އެދޭ ނާސްތާ ދިނީމަ އަނެއްދެއިރު ކައިފަ އުނު އޮރިޔާން ހެޔޮކޮށްފަ ޒަރޫރީ އެހެނިހެން ބޭނުންތައްކޮށްދެނީ ކޮންބައެއްބާ؟
ޕްރިންސިޕަލް
10 May 2019
ޓީޗަރުން މޯޓިވޭޓްކޮށް ފެންވަރު ރަނގަޅުކުރުމަށް ތިލާރި ބޭނުންކުރުން މާމުހިންމު
ހަސަންކޮ
10 May 2019
ކުރިންވެސް އިނގޭ ތީކަލޭމެންނަށް ވާނެ ވަރުގެ ކަމެއް ނޫން ކަން..! އެއްބަޔަަކަށް ދީފިއްޔާ ކެވޭނެ ބައި ބޮޑުވާނެ ކަން ޔަގީން..!!!
ަަހަރީ
10 May 2019
ހެޔޮ ނުވާނެ. ތިޔަ ނާސްތާ ޕްރޮގްރާމުން ލިބޭ ފައިދާއަށް ވުރެ އިސްރާފު މާބޮޑު.
ހަބީބާ
10 May 2019
ހުރިހާ ސުކޫލަކަށް ހުޅުވާލިއިރު އަޖުމަބެލުމުގެ ނަތީޖާއަކީ ކޮބާތޯ؟ އެކަންކަމަށްބަލައި ހައްލު ކޮށްފިންތޯ؟ އަޅުގަނޑަށް ފެނުނު ކަންކަން: ބައެއް ސްކޫލްތަކުގައި އިސްރާފު ވަރަށްބޮޑު! އަބަދު އެކައްޗެއްކާތީ ކުދިން ފޫހިވޭ! މިލްކުޕެކެޓް ވަނީ ބޮޑު އިސްރާފަކަށް. ކާއެއްޗެހީގެ ކޮލިޓީ ފެށިއިރާ ބަލާފަ މިހާރު ދައްވެއްޖެ. މަސައްކަތުމީހުން ކޮތަޅުކޮތަޅަށް އަޅާ ފުރައިގެން ބަކީ މިލްކު ޕެކެޓްތަކާ ކާނާ ގެއަށް ގެންދޭ. ގިނަކުދިން އަންނަނީ ސައިބޮއެގެން. ދޭންޖެހޭ ކުދިންހޮވާ!
ޕްރައިމަރީ
10 May 2019
އަނެކާވެސް އެއްބަޔަކު މުއްސަދިވާނެޤޮތެއްރިހޯދަނީ، އެންމެމޮޅުވާނީ އެސްކޫލް އަކާ ގުޅޭރަށެއްގެ، އެކުވެރި ހެޔޮއެދޭ ބަޔަކު އެކަނަކުރުން!
ސުނީތާ
10 May 2019
މި ސަރުކާރުން ވަަރަށް ފޭކް ވައުދު ވެފަ ހުރީ. ކެޔަސް ބުޔަސް ޔާމީން މާ ރަގަޅު. މިކަހަލަ ކޫސަނި ވައުދު ފުއްދާކަށް ނޫޅެވިއްޔަ ޔާމީނެއް..
ޔާނު
11 May 2019
ދިވެހިން ބޭނުންވީ ޔާމިންގެ ވެރިކަން ނޫން ވެރިކަމެއް ފޭކަސް ފޭކު ނޫނަސް ޔާމިން އަށް މިގައުމުގެ ރައީސްކަމެއް ނުކުރެވޭނެ ވ ސަލާން
އޮކުޓޮޕަސް
10 May 2019
އަސްލުވެސް މީހަމަކުރަން މަޖުބޫރުކަމެއްތަ.
ޢެހެންތަ ހީވަނީ
10 May 2019
ދޮގު ހެދުމުގަ އަރާ ތިބި ބައެއް ދަރިވަރުންގެ ނަތީޖާ ރަގަޅުވާނީ ކިޔަވައިދޭނަމަތާ ހެއުނުވާނެ މިއޮތްފަދަ ރޯދަމަހު ދޮގުހަދަން މިއީކީ ވަކިމީހަކު ޕޮރޮމޯޓް ކުރަން ދައްކާވާހަކައެއްނުން މިޓާމްގަ ޓީޗަރު ހަމަވެގެން ކިޔަވައިދިންތޯ ނުން ފުރަތަމަ ބަލަންޖެހޭނީ .ނުކިޔަވައިދީވެސް ކުދިންނައް ޔުނިޓް ޓެސްޓު ހަދުވައިފަ އެބަހުރި .ދެންތިނާސްތާއެއް ތަރުހީބޭ ނުކިޔަބަލަ .އިސްރާފެކޭ ޓަސްބިނެކޭ ކިޔާބަލަ .