ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން (ވ) އާއި ނަޝީދު: މައުމޫން ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް ނަޝީދު ވިދާޅުވި.-- ފޮޓޯ: ވީ ނިއުސް
06 ސެޕްޓެމްބަރ 2016 - 11:15
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި ގޮތުގައި މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެ މަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ".
"އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޑިމޮކްރެސީ. އެކަމަށް އަބަދު ވެސް ވަކާލާތުކުރަމުން މި އަންނަނީ. މައުމޫން ވެސް އެ މަގުގައި ހުންނެވީ...،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.
އެކަމަކު ނަޝީދުގެ އެ ވާހަކަފުޅާ ބެހޭ ގޮތުން މައުމޫންގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2018 ގެ އިންތިހާބު ބޭއްވުމަށް އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ޖެހެ އެވެ. އެ ސަރުކާރުގައި އިދިކޮޅު އިއްތިހާދުގެ އިތުރުން، މައުމޫނާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ވެސް ހިމެނޭނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.
އެކަމަކު، ސަރުކާރު ވައްޓާލަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވަން ނަޝީދު ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ބަދަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. ނަަމަވެސް، މި ވަގުތު ސިންގަޕޫރުގައި ހުންނެވި މައުމޫން އެ މަޝްވަރާތަކުގައި ސީދާ ބައިވެރިވެވަޑައިގަންނަވާ ކަމެއް ނޭނގެ އެވެ.
އިދިކޮޅު ފަރާތްތަކާ އެކު މައުމޫން ހުންނެވި ކަމަށް އިދިކޮޅު އިއްތިހާދުގައި އިސް ދައުރެއް އަދާކުރައްވާ ނަޝީދު ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، މައުމޫނާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މާދަމާ ދައްކާ ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
06 September 2016
ޔާމީނު ހެދިހާ ގޮތެއް ހަދަން ބަލައިގެން ތިއްބާ ޕީޕީއެމް ފުނޑޭނީ ....ޔާމީނު އެ އުޅޭ ވައްތަރުން ވޯޓުލައިގެން 2018 އަކު އޭނާއެއް ނުހޮވޭނެ ... މި އަށް ވުރެ މި ޙާލަތު ބަދަލުކޮށް ޢަސްލު ޕީޕީއެމްގެ ވެރިކަމެއް ގެނެއުން މުހިއްމު..
ޑަކުޓަރު
06 September 2016
މުޅި ވަތަން އެދޭގޮތައް ދިވެހި ރައްޔިތުން އައު އުސްމިންތަކަކަށް . ހަޖަމު ނުވާމީހުން ތިބޭ މަހަށް ގޮސްދޮސް ދިހަހާސް ލިބޭނެކަމަށް
ޢަލިފުތު.
06 September 2016
މައުމޫނު ނަޝީދުގެ ފަހަށް ޖެހި ޓޮމްމެންޖަރީގައި ޓޮމްގެ ދައުރު ކުޅުއްވާކަށް ބޭނުންފުޅެއްނުވާނެ. ނަޝީދުގެ ހުސްއަގަތެޅުން ދިވެހީން މިހާރުދަނޭ.
ރަސީދު
06 September 2016
ވެރިކަމާހެދި ވަރެއް އެބަހުރިތާ 30ވެސް މިހާރު ރަނައްވެއްޖެ،ކިޔުނު އެއްޗިއްސާ ކީއެއްޗިހި މަތިންވެސް ހަދާން ނެތިއްޖެ.
ހާއުފާ
06 September 2016
ރައީސް ނަޝީދު ހުންނެވި ފަޅިއަށް ރައީސް މައުމޫނު އަރުއްވައިފިނަމަ އެމަނިކުފާނަށް ތާޢީދުކުރައްވާ އެއްވެސް ބޭފުޅަކު އެމަނިކުފާނާ އެކުގައެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑާ އަޅުގަނޑަށް ތާޢީދުކުރާ އެއްވެސް މީހަކު އެމަނިކުފާނާ އެކުގައެއް ނުހުންނާނެ އެވެ. އަދި ޕީޕީއެމްގެ އެއްވެސް މެންބަރަކު އެކަމަކަށް ތާއީދެއް ނުކުރާނެ އެވެ. ރައީސް ޔާމީނު ކޮންމެގޮތަކަށް ވެރިކަންކުރެއްވިޔަސް އިސްލާމްދީނާ ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ނުކުޅުއްވާހާ ހިނދަކު ތިބޭނީ ޔާމީނުއަށް ތާޢީދުކުރުމުގައެވެ. އަޅުގަނޑު ޔަޤީންކުރާހިތްއޮތީ ރައީސް މައުމޫނު އެފަދަ ޅައެއްޗެއް ނާޅުއްވާނެ ކަމަށެވެ.
ޙަސަން
07 September 2016
ދެން ކޮންފަޅިޔަކަށްބާ އަރަންވީ؟
އޭނަ
08 September 2016
ތިދެންކާކު މީހަކު ތާއީދު ހޯދަން އަމިއްލަޔަށް ވެގަނެގެންއުޅުނަސް ތީ ބޮޑުވަރެއް
ޢަބުރެހިމް
06 September 2016
ކުރީގެޜައީސްމީހާ އަކީ އަބަދުވެސް ހަމަނުޖެހޭ ވާހަކަ ދައްކާމީހެއް
ކަޅޭ
06 September 2016
އަބަދަކު މައުމޫނުވެސް ރަގަޅުގޮތް އެގޭއިރު ނުހުންނާނެ ޔާމީނު ހެދިހާ ގޮތަކައް ބޯލަބައިގެން..
މަސްލަޙަތު
06 September 2016
ސަރުކާރާއި ދެކޮޅަށް އެއްޗެކޭ ބުނެލާ ކޮންމެ މީހަކީ ތިޔަ ބައިގަނޑުގެ މީހެއް ކަމަށް ދެކުން އެއީ ވަރަށް ބޮޑު ކުށް ހީއެއް. ނަމަވެސް ކަލޭމެން ތިޔަ ހެން ބުނީމަ ދެން ރީނދޫ ކުދިންކޮޅު ވަރަށް އުފަލުން ހިތުގެ ފުން މިނުން އެކަން ޤަބޫލުކޮށްގެން ތިބޭނީ..
އިއްލި
06 September 2016
ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅުނު ކަމުގައި ވާނަމަ މައުމޫން ވެސް ދިވެހި ގައުމާއި ރައްޔިތުނަ ނައް އޯގާތެރި ނުވަނީ ކަމަށް ބެލެވޭނެއެވެ. މައުމޫން ރައީސް ޔާމީން އާއި ދެކޮޅަށް ނުކުތް ކަމުގައި ވީނަމަވެސް ރައީސް ޔާމީން ގެ ލަސްކަރު ފަހަތަށް ނުޖެހި ކުރިޔަށް ސާބިތުކަމާ އެކު އެބަތިބިން.
ފާހި
06 September 2016
ކޮންތާކު އޮތް ލަޝްކަރެއް؟
ގައުމު
06 September 2016
ރައީސް ޔާމީން ގެ ލަސްކަރު .... ؟؟؟؟؟ މިތާކު ހަގުރާމައެއް ނުހިގާ... މިތާކަށް ކަލޭމެން ބޭނުމެއްނުވޭ
ބޮލައްތުރާ
06 September 2016
އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ........ އިސްލާމީ ޝަރީޢަތް.
މުޙައްމަދު
06 September 2016
އެކަމަކު އެވެރިން އެ ކިޔަނީ "އޯލްޓަރނެޓިވް ނެރޭޓިވް" އޯ ޙައްލަކީ.