ބޭންކް އޮފް މޯލްޑިވްސް: ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދިނުމާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމުމުގެ ކުރިން، މައުލޫމާތު ނުދީގެން މުވައްޒަފުންނާ މެދު ފިޔަވަޅު ނޭޅުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައި.
18 ޖުލައި 2019 - 20:52
ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކަށް ނޫނީ ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅުމުގެ ވަގުތީ އަމުރަކަށް މިއަދު އެެދެފި އެވެ.
ބޭންކުން މި އަމުރަށް އެދުނީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ބޭނުންވާ ބައެއް މައުލޫމާތު ދިނުމަށް އިންކާރުކޮށް، އެކަމުގައި ގޮތެއް ކަނޑައަޅައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކާ ނުލައި ވެސް، މި މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ބީއެމްއެލުން އައީ ދެމުންނެވެ. ނަމަވެސް އޭގެ ފަހުން މައުލޫމާތު ނުދޭން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ހަވާލާދީފަ އެވެ. އެ ހުކުމް ކުރީ މިދިޔަ މާޗު 31 ވަނަ ދުވަހު އެވެ.
މީގެ ކުރިން ތަހުގީގުތަކަށް މައުލޫމާތު ދެމުން އައީ، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލްގެ ލިޔުމަކުން އެދިގެން ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތު ދެވޭނެ ކަމަށް ބޭންކިން ގާނޫނުގައި ބުނެފައި ވާތީ އެވެ. ނަމަވެސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ހަވާލާދީ ބޭންކުން ބުނަނީ ތަހުގީގީ އިދާރާތަކަށް ވެސް މައުލޫމާތު ދޭން ޖެހޭނީ ކޯޓު އަމުރަކަށް ކަމަށެވެ. ނަމަވެސް މިކަމުގައި، ބޭންކާއި ތަހުގީގީ އިދާރާތަކުގެ މެދުގައި ވަނީ ޚިލާފު އުފެދިފަ އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށިއިރު އެ މައްސަލަ އަށް އޭސީސީން ވަނީ ތަދައްޚުލްވާން އެދިފަ އެވެ. ތަހުގީގަށް މައުލޫމާތު ނުދޭ މައްސަލާގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ވެސް ބޭންކަށް ސިޓީ ފޮނުވާފައިވާކަން ވަނީ އެނގިފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގަށް ބޭންކުން މައުލޫމާތު ނުދޭ ކަމަށް ބުނާ މައްސަލާގައި އެ ބޭންކުން ބުނެފައިވަނީ ހައި ކޯޓުގެ ގަޒިއްޔާއާ ގުޅިގެން، މައުލޫމާތު ދިނުމުގައި ކަސްޓަމަރުންނާއި އެންމެހާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރަން ބޭނުންވާ ކަމަށެވެ. ތަހުގީގުތަކަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމަކު މިހާރު އޮތް ގޮތުން ގާނޫނީ ހައްލެއް އެކަމުގައި ހޯދަން ޖެހޭ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބުލޭ
21 July 2019
ބީއެމްއެލް އަކީ މަގޭވެސް ބޭންކް މަގޭ މައުލޫމާތު މަގޭ ހުއްދަޔަކާއި ނުލާ އެގުމެއް ހިލަމެއްނެތި ފާޑު ފާޑުގެ ކޮމިޝަންތަކަށް ދީގެންނޫވާނެ، ކޮމިޝަންތަކުގައި މަދުބޭފުޅަކު ނޫނީ ތިބީޒާތީ ތައައްސަބުން ފުރިފައިވާ އެކްޓިވިސްޓްން
ހިނި ގެޅޭ
20 July 2019
މި މައްސަލަ ކުރިއަށްދާގޮތުން ހަނދާންވަނީ ސުކޫލް ދައުރުގައި ގިނަ ކުދިން އެއްވެގެން ހިނގާ ސަކަރާތްތަކުގައި އެއްވެސް ކުއްޖަކަށް އަދަބު ނުލިބި ސަލާމަތްވާގޮތް، ނުވަތަ އެންމެ ކުއްޖެއް ބޮލުގައި މައްސަލައެޅި ދެންތިބި ކުދިން ސަލާމަތްވާގޮތަށް މިހާރުގެ ސަރުކާރުގެ ބައެއް މީހުންނާއި، ކުރީގެ ސަރުކާރުގެ ބައެއް މީހުން އެއްވެގެން މިހިނގި ހިޔާނާތުގައި އަދަބު ލިބެން އުޅޭގޮތެވެ.
ޔާސްމީން
20 July 2019
ވައްކަން ފޮރުވުން ނޫން ކަމެއް ނޫން.
މުހަންމަދު ކަލޯ
20 July 2019
ތިހާ ބޮޑެތި އަދަދުން ފައިސާ ހުރި އެކައުންޓްތަކުގެ ވެރިން ދައުލަތަށް ޓެކްސް ދައްކާބާ؟
ސަޅިބެކަބުލޯ
20 July 2019
ބޭންކް އޮފް މޯލްޑިވްސްގެ އެކިއެކި ބްރާންޗްތަކުން އެކި މީހުން އެކިއެކި މަޢުލޫމާތުތައް އެކި ފަންތީގެ މުވައްޒަފުން ލައްވާ ހޯދާކަން އެއީ މިއަދަކު އެކަނި ދައްވާ ވާހަކަ އެއް ނޫން. އެކަމަކު ތަހުޤީޤު އިދާރާއަކަށް މަޢުލޫމާތު ދޭންޖެހުނީމާ ދެން މިބުނަނީ ކޯޓުއަމުރޭ..... ބޭންކް އޮފް މޯލްޑިވްސް އަކީ އެތައް ތުހުމަތުތަކެއް އެޅިފައިވާ އަގުވެއްޓިފައިވާ ތަނެއްގެ ތުހުމަތު ކުރެވޭތާ ކިތަންމެ އަހަރުތަކެއް ވެއްޖެ.
މިއަދު
19 July 2019
ތިއަކީކޯޓް އަމުރަކަށް އެދެންޖެހޭވަރުގެ ކަމެއްވެސްނޫނެއްނު ބޭންކަކީ ވަކިސިއްކައެއްއޮވެ ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރުއޮތް ވަކި މުއައްސަސާއެއް ވީއިރު ބޭންކުން ނިންމަންވީނޫންތޯ ބޭންކޫގެ މަޢުލޫމާތުދީ ހާމަކުރެވޭނީ ބޯޑުން ނިންމާ ވަކި މުއައްޒަފުންނަށްކަމަށް އެހެންނޫންނަމަވެސް ކޮންމެމުއައްޒަކީ ކޮންމެކޮންމެ މަޢުލޫމާދު ދެވޭނެ މުއައްޒަފުންނެއްވެސްނޫނެއްނު
ދޮންހިޔަލަ
19 July 2019
ހާދަ ހީވެއޭ ބޭންކް ކުށްވެރިވާތީ، ސަލާމަތްވާން އުޅޭހެން. ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ އޮވޭ ސަރުކާރުގަ. އެހެންވީމަ، ސަރުކާރު ތެރެއިން ހިންގާފައިވާ އަމަލެއްކަމަށް ބެލެވޭ.
falcon_autho
19 July 2019
.. ވަގުފައިސާއާއި އެނޫންފައިސާ އެއެކައުންޓްގައި ހުރިނަމަ އެދެބައި ދެނެގަތުމަށް ސަރުކާރުން ކުރާ މަސައްކަތަކީ މީހެއްގެ ޒާތީ މަޢުލޫމާތު ހޯދަން ކުރާ މަސައްކަތެއްކަމުގައި ނުބެލެވޭނެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް. ބޭންކަކީ ނޫރައްދީނަކާއި ޝަރީފުގެ އަމިއްލަ ތަރިކައެއްނޫން. ޖޫނިއަރސްޓާފެއް ސީނިއަރ ސްޓާފެއްތޯ އެވައްކަމުގައި ބޭންކުން އަދާކުރިދައުރު އަދާކުރީތޯ ބަލާކަށް ނޫން ދައުލަތުން އުޅެނީކީ. ވައްކަން ފޮރުވާތަނަކަށް ބޭންކްވެގެން ނުވާނެ.
falcon_autho
19 July 2019
އެމީހެއްގެ ޙަލާލު މަސައްކަތުން ހޯދާ ފައިސާއިން ސަރުކާރަށް ޓެކްހެއް ނުވަތަ އެހެންގޮތަކުން ވިޔަސް އެއްޗެއް ދައްކަން ޖެހޭ ހާލަތެއްނެތި ބޭންކަށް ޖަމާކޮށްފައިވަނިކޮށް އެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ހާމަކުރުމަށް ކޯޓަކުން ވިޔަސް ސަރުކާރުން ވިޔަސް އެދޭނަމަ ބޭންކުން އެމަޢުލޫމާތު ނުދޭން ގަދަދައްކަން ރަނގަޅު. އެކަމަކު މިހާރު މިއުޅެނީ ދައުލަތުގެ މާލިއްޔާއިން ބައެއް ބަޔަކު މީހުން ވަގަށް ނަގައި ފޮރުވުމުގައި ބޭންކުގެ އަތެއް އޮތަތީ އެމަޢުލޫމާތު ހޯދަން. ...
ކަޅުސޮރު2
19 July 2019
ބޭންކުން ތި އުޅެނީ ތި ބޭންކުގެ ކޮންމެވެސް އިސް މީހެއް ސަލާމަތްކޮށްދޭން. ގައިމުވެސް ތި ބޭންކުގެ ޖޫނިއަރ ސްޓާފަކަށް މަޢުލުމާތު އިދާރާތަކަށް ދިނުމުގެ ޒިންމާ ޙަވާލުކޮށްފައެއް ނޯވޭ. މަޢުލޫމާތު ފޮނުވުމުގެ ސިޓީތަކުގައި ސޮއިކުރާނީވެސް ހަމަ ބޮޑު މީހެއް. މިހާރު ނޫހުންވެސް މިކަހަލަ ހެޑްލައިންތައް ނުގެޖުމަކީ ރަނގަޅުގޮތް ކަމުގައި ދެކެންޖެހޭދޯ.