ރިޕޯޓް / ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް

ޣިޔާސުއްދީން: ތިމާވެށީގައި ހިމާޔަތުގައި ނަމޫނާއަކަށް

ޣިޔާސުއްދީން ސްކޫލްގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ދަރިވަރުން ޕްލާސްޓިކް ކުނި ހޮވުމުގެ ހަރަކާތެއްގައި

ޣިޔާސުއްދީން ސްކޫލްގެ 10 ވަނަ އަހަރީ ދުވަހު މަޖީދީ މަގުގައި ބޭއްވި ހިނގާލުމުގައި، ގިނަ މީހުންގެ ލޯތައް ހުއްޓުނީ އާދައިގެ އެއްޗަކަށް ނޫނެވެ: ޕްލާސްޓިކުން ހަދާފައި އޮތް ބޮޑު މަހެވެ.

ސްކޫލް ބޭންޑާ އެކު އެތައް ސަތޭކަ ދަރިވަރުން ހިނގަމުން، ތަންތަނަށް ހުއްޓި މިޔުޒިކް ކުޅެމުން ދިޔަ އިރު އެ ޕްލާސްޓިކް ބޮޑުމަހުން އާންމުންނަށް ގެނެސްދިން މެސެޖަކީ، ޕްލާސްޓިކާ ދެކޮޅަށް ތެދުވުމެވެ. މޫދާއި ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ ރާއްޖޭގެ ތިމާވެއްޓަށް ޕްލާސްޓިކުން ލިބެމުން ދާ ގެއްލުންތައް އަންގައިދޭން ޣިޔާސުއްދީން އޮތީ އެންމެ ކުރީ ސަފުގަ އެވެ.

އެ ބޮޑު މަސް ހެދީ އެއްފަހަރު ބޭނުންކޮށް އުކާލާ ފުޅި ފަދަ ޕްލާސްޓިކުންނެވެ. މިއީ ރާއްޖޭގެ ތިމާވެއްޓަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، އެކަމާ ދެކޮޅަށް ސަރުކާރުން ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެކަމަކު ޣިޔާސުއްދީނުން، ސްކޫލް ފެންވަރުގައި އެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ނުކުތްތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން އިތުރު 16 ސްކޫލާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީއަށް ހުށައެޅި ހުށައެޅުމުގައި ވެސް އިސް ރޯލެއް ޣިޔާސުއްދީނުން ކުޅެފައިވެ އެވެ.

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަނާކުރަން މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީއަށް ދަރިވަރުން ހުށައެޅުމުން އެކަން ދިރާސާކޮށް އެ ކޮމެޓީން މަޖިލީހަށް ގަރާރެއް ފޮނުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާ އެކު ފާސްކުރި ގަރާރު ބުނާ ގޮތުން، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމް ބިނާވެފައި ވަނީ ރާއްޖޭގެ އެއްގަމާއި މޫދުގެ ދިރުންތައް ދެމެހެއްޓުމުގެ މައްޗަށާއި ސާފު ގުދުރަތީ ވެށި، ކުނި ބުނިން ސަލާމަތްކޮށް، ފަރުތަކާއި ކަނޑު ފަޅުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. އެހެންވެ 2025 ވަނަ އަހަރުން ފެށިގެން، އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަނާކުރަން ވަނީ ނިންމައިފަ އެވެ.

ޣިޔާސުއްދީންގެ އަހަރީ ޕެރޭޑްގައި ދައްކާލި މަސް ހަދާފައި ވަނީ 6،000 ޕްލާސްޓިކް ފުޅި ބޭނުންކޮށްގެންނެވެ.

ޣިޔާސުއްދީންގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ މޮޅު ކުއްޖަކަށް ވެގެން މަސައްކަތް ކުރެވޭނީ އުޅެން އޮންނަ ގައުމާއި ރަށް ސަލާމަތުން އޮވެގެން ކަމަށެވެ. އެހެންވެ ހަމައެކަނި ސަރުކާރުން އެ މަސައްކަތް ކުރުމުގެ ބަދަލުގައި އެކަމުގައި އެންމެން ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް: ކުދިންނަށް ކަންކަން ދަސްކޮށްދިނުމުގެ ފުރުސަތު އޮންނަން ޖެހޭ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިއީ ހަމައެކަނި ދައުލަތެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމެއް ނޫން. ފަރުދީ ގޮތުން ވެސް މަސައްކަތްކުރަން ޖެހޭ ކަމެކޭ. ކޮންމެ މީހަކު މިކަމަށް ހޭލުންތެރިވާން ޖެހޭ،" ތޯހާ ވިދާޅުވި އެވެ.

"އެއީ ކުނި އެޅުން ކަމުގައި ވިއަސް އަދި ފަރުތަކާއި ދިރުން ހުރި ތަކެތި ހަލާކުކޮށް ނެތިކޮށްލާ ގިނަ އަހަރުތަކުން ނެތިގެންދާ ޕްލާސްޓިކު ކަމުގައި ވިއަސް. މިކަންކަމުން މިހާރު ލިބިފައި ހުރި ގެއްލުމަށް ވުރެ އިތުރު ގެއްލުން ވިޔަ ނުދިނުމަށް އެންމެ ގިނަ މަސައްކަތް ކުރެވޭނީ މިހާރު ތިބި ދަރިވަރުންނަށް."

އޭނާ ވިދާޅުވި ގޮތުގައި ޕްލާސްޓިކާ ދެކޮޅަށް ޣިޔާސުއްދީނުން ގިނަ ހަރަކާތްތަކެއް ހިންގާ އިރު އުފެދޭ ސުވާލަކީ "އަޅުގަނޑުމެން ހަމަ މިހެން ޕްލާސްޓިކް ހޮވަހޮވަ ތިބޭނީ ހެއްޔޭ؟" އެވެ. މަދު ނުވަންޏާ އޭގެ ހައްލެއް ނެތް ކަމަށް ތޯހާ ގަބޫލުކުރައްވަ އެވެ. އެހެންކަމުން އޭނާގެ ހިތުގައި ދެން އުފެދޭ ސުވާލު ވެސް އެހާމެ ބޮޑެވެ.

"މިއަދު މުޅި ތަން ސާފުކޮށްފައި މާދަމާ ދާއިރު ހަމަ އެތަނުގައި އެހާ ބައިވަރު ޕްލާސްޓިކް. ކޮބައިތޯ މީގައި ހައްލަކީ؟ ރާއްޖެއަށް ވުރެ ދިރިއުޅުން މާ ދަށް ގައުމުތަކުގައި މިކަންކަން މަނާކޮށްފި. ކީއްވެގެންތޯ އަޅުގަނޑުމެން ކަހަލަ ގޮނޑުދޮށާއި މޫދަށް އިގުތިސޯދު ބަރޯސާވެފައި އޮންނަ ގައުމަކުން މިކަންކަން މަނާނުކުރެވިގެން މި އުޅެނީ؟"

ޣިޔާސުއްދީނުން ވަނީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފަ އެވެ. އެއާ އެކު ދަރިވަރުން ގޭގައި ހުސްކުރާ ޕްލާސްޓިކް ފުޅިތައް ވެސް ގެންދަނީ ސްކޫލަށެވެ. އެ ސްކޫލްގައި ޕްލާސްޓިކް އެއްކުރަން ބިޔަ ގޯނިތައް ބަހައްޓާފައި ހުރެ އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ސްކޫލުން އެކަނި ވެސް 10 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފައި ރިސައިކަލް ކުރަން ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްފައި ވެ އެވެ.

ޣިޔާސުއްދީން ސްކޫލުން ބައިވެރިވާ މުބާރާތްތަކުގައި ވެސް ޕްލާސްޓިކް ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖޭގައި ޕްލާސްޓިކް މަނާކުރުމުގައި އިސް ދައުރެއް ޣިޔާސުއްދީން ސްކޫލުން އަދާކުރަމުން އަންނާތީ އިންޑިޔާގެ ޓީވީ ޗެނަލަކުން އަންނަނީ ދަރިވަރުންގެ އެ ކާމިޔާބު ފާހަގަކޮށް ޕްރޮގްރާމެއް ވެސް ގެނެސްދޭން މަސައްކަތްކުރަމުންނެވެ.

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ޕްލާސްޓިކް އެއްކުރަނީ: އެއްފަހަރު ބޭނުންކޮށް އުކާލާ ކުންޏާ ދެކޮޅަށް އެ ސްކޫލުން ކުޅޭ ރޯލު ބޮޑު

ތޯހާ ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ އިނގިލި ކުރިން ކުއްޖާ ދޫކޮށްލުމުގެ ކުރިން އެއީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުއްޖަކަށް ހަދަން ޖެހެ އެވެ. އެކަން ކުރިއަށްގެންދަން ޣިޔާސުއްދީނުން އަންނަނީ "ލީޑާސް" ގެ ނަމުގައި ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ތަމްރީނުދީ، އެ ޕްރޮގްރާމް ހިންގަނީ، އެ ސްކޫލުގެ 947 ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

އެހެން ސްކޫލުތަކާ ޣިޔާސުއްދީން ތަފާތުވަނީ ގިނަ ކަންކަމުގައި އެ ސްކޫލުން ލީޑް ރޯލެއް އަދާކުރާތީ އެވެ. އެހެން ދަރިވަރުންނާ ވާދަކުރުމަކީ އެ ސްކޫލުން ގަބޫލުކުރާ ސިފައެއް ނޫނެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ދޭ ނަސޭހަތަކީ "އަމިއްލަ ނަފްސާ ވާދަކުރުމަށެ"ވެ.

ތޯހާ ވިދާޅުވީ ސްކޫލުތަކުގައި ބޮޑަށް އިސްކެންދެނީ ހަމައެކަނި ނަތީޖާއަށެވެ. އެހެންކަމުން އެންމެ ބޮޑަށް ފާހަގަކުރަނީ ވެސް އޯ ލެވެލް އާއި އޭ ލެވެލްގެ ކާމިޔާބީތަކެވެ. އެކަމަކު ކުދިންނަށް ބޭނުންވާ ތަފާތު ކަންކަމާއި ގައުމަށް ގެއްލުން ހުރި މައްސަލަތަކުގައި އިސް ދައުރެއް އަދާކުރަން ދަސްކޮށްދިނުމުގެ ބައި ފަހިކޮށްދިނުމެއް ނެތި، ހުނަރުވެރި ކުދިން ނެތޭ ބުނުމަކީ ގޯހެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޣިޔާސުއްދީނުން އެކި ދާއިރާތަކުން އިސް ރޯލެއް އަދާކޮށް، އިސްނަގަނީ، ތޯހާ ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ކުރިމަގަށެވެ. އޭގެ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ ސާއިދު

22 July 2019

ދެއްކުންތެރިކަމުގެ ގޮތުން ކުރާ ކަންކަމާ ވައްތަރީ. އަބަދުވެސް ވެރިން އުޅެނީ ސްކޫލްގެ ޑިމާންޑް ބޮޑުކުރަން ހެޑްލައިން މޭކް ކުރެވޭތޯ. ދަރިވަރުންގެ އަޚުލާގު އަދި ކިޔެވުން ވަކި ރަނގަޅެއްނޫން

The name is already taken The name is available. Register?

އަތޯ

22 July 2019

ތިމާވެށިވެސް މުހިންމު. ބުލީ ކުރުމާ އިދިކޮޅަށް ކުރި ކަންތަކަކީ ކޮބައިތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454