އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
31 އޯގަސްޓް 2019 - 12:53
ޒުވާނުންގެ މައްސަލަތަކަށް އޮތް ހައްލަކީ އުމުރު ދުވަހަށް ޖަލުގައި އެ މީހުން ބޭތިއްބުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހިރިޔާ ސްކޫލްގައި ފެށި އެމްޑީޕީގެ ޒުވާނުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކަކީ ރިހެބިލިޓޭޓް ކުރާ ތަންތަނަށް ހަދައި ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވާނީ ޒުވާނުންގެ މުސްތަގުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރަނީ ޒުވާނުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު، އަދި އެމްޑީޕީގެ އިސްބޭފުޅުން-- ފޮޓޯ: ރައީސް އޮފީސް
"ޖަލުތައް ވެސް ބަދަލުވާން ޖެހެނީ ރިހިބިލިޓޭޓް ކުރެވޭ ތަންތަނަށް. މިއަދު ވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށް ވުރެ ގިނަ ޒުވާނުން އެބަ ތިބި. މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަތުވާ އާއި އެ ޕްރޮގްރާމްތައް ދަނީ ހިންގަމުން،" ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ހަފްލާގައި ރައީސް ވިދާޅުވި އެވެ.
"އަމާޒަކީ ޖަލުތަކުގެ ނިޒާމަށް ވެސް ރިހެބިލިޓޭޝަން ތައާރަފްކޮށް ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހަދައި އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަށް ވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލުތަކުގެ އާބާދީގެ 65 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށް ވެސް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް ތިން ސެންޓަރެއް މިހާރު ގާއިމްކޮށްފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި އިތުރު ސެންޓަރެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާ ކަމަށާއި އެގޮތުން ޒުވާނުންގެ ތެރެއިން 18 ޕަސެންޓް މީހުން ވަޒީފާ އަދާ ނުކުރާ ކަމަށެވެ. އަދި އެއީ ތައުލީމާއި ތަމްރީނު ހޯދުމުގައި ވެސް ޝާމިލް ވެގެން ނޫޅޭ ޒުވާނުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވަޒީފާ އަދާނުކުރާ ޒުވާނުންގެ ތެރޭގައި އަންހެނުން ވެސް ގިނަ އެވެ.
"ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށް ޖެހޭ. ހަމައެހެންމެ، ވަޒީފާ ދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނިކުތުމަށް މަގުތައް ކޮށާދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސްޖުމްހޫރިއްޔާގެ މަގާމާ އެކު އެމްޑީޕީގެ އެންމެ އިސް މަގާމުގައި ހުންނެވި ރައީސް ވަނީ އެ ޕާޓީ ވެރިކަމަށް އައުމުގައި ޒުވާނުން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ އެއްވުންތަކާއި އެކި ހަރަކާތްތަކުގައި އެ ޕާޓީގެ އަސްލު "ސައިޒް" ދައްކާދީފައިވަނީ ޒުވާނުންގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޒުވާނުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ރާއްޖޭގައި ވޯޓްލުމުގެ ހައްގު 21 އަހަރުން މައްޗަށް އޮތްއޮތުން ބަދަލުކޮށް 18 އަހަރުން ފެށިގެން ވޯޓް ލުމުގެ ހައްގު ހޯދައިދިނީ އެމްޑީޕީން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ޕާޓީ ކުރިއަށް ދާނީ ޒުވާނުންގެ އަޑުއަހައިގެން. މި ޕާޓީއަކީ ޒުވާނުންނަށް ޑިމޮކްރަސީ ދައްކައިދިން ޕާޓީ،" ރައީސް މުހައްމަދު ނަޝީދު ވެސް އިންނެވި ހަލްފާގައި ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ބައިވެރިވަނީ ހަ ކެޓަގަރީއަކުން ޝަރުތުހަމަވާ މީހުންނެވެ. އެއީ އެމްޑީޕީ ޓިކެޓްގައި މަޖިލިސް އިންތިހާބު ކާމިޔާބުކުރި ހަތް މެމްބަރުންނާއި އެ ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެކަކާއި ޕާޓީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި 147 މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ 10 މެމްބަރަކާއި ޒުވާނުންގެ ގޮފީގެ 86 މެންބަރަކާއި އެ ގޮފި ހިންގާ ކައުންސިލްގެ 11 މެންބަރުން ކަމަށެވެ. މި އެންމެންނާ އެކު ބައިވެރިންގެ އަދަދު 403 އަށް އަރަ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފި "ޒުވާނުންގެ ހިތްވަރު" ކުރިއަށް ގެންދާނެ ގޮތެއް މި ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮސްކަލޯ
01 September 2019
ޒުވާނަކަސް މުސްކުޅިޔަކަސް ކުށެއް ކޮށްފިއްޔާ ޖެހޭނީ އެކުށަސަށް އޮންނަ އަދަބެއް ދޭން. ވަކި ބައެއްގެ ސަޕޯޓް ހޯދަން ބޯގޯސް ވާހަކަ ދައްކާނެ ކަމެއް ނެތް
އަލިބެއްޔާ!
01 September 2019
ދަންނަވަންތޯ؟ ތި ދަންނަވާ ޒުވާނުން ދޫކޮށްލީމާ ، ދެން ފޭރެނީވެސް ކޮންމެވެސް ދިވެހި ޒުވާނެއްގެ އަތުން. ވަޅި ޖަހަނީވެސް ކޮންމެސް ޒުވާނެއްގަޔަށް. ދިރިއުޅުމަށްވެސް ދަތިވަނީ ދެންތިބި ޒުވާނުންނަށް. މަދު ޒުވާނުންކޮޅެއްގެ ހައްޤުގައި ދެންތިބި ހުރިހާ ޒުވާނުންގެ ހައްޤުތައް ތި ގެއްލުވާލަނީ. އަބަދު ގުނބޯ ހައްދައިގެން ނުގެންގުޅެވޭނެ. އަދި ދިވެހިންވެސް ހޭވެރިކަން ވެގެން ތެދުވާނެ.
ރީނދޫ
01 September 2019
ހައްލަކީ ކޮންމެ ކުށަކީ ބައްޔަކަށް ހަދާފަ، އަދަބު ނުދީ ދޫކޮށްލުމެއްވެސް ނޫން.
މަލާމާތަކީ
01 September 2019
އަނިޔާވެރިކަން
ޔަހުޔާ
01 September 2019
އެފްޕީއައިޑީގެ މައްސަލަ، އެސްޓީއޯގެ ތެޔޮވިއްކުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ދަރުމަވަންތަ ހޮސްޕިޓަލާއި، ނަސަންދުރައާއި، ކިޔާނެކަމެއްނެތެވެ. މިމައްސަލަތައް އުފެދި، ވާހަކަދެކެވި، ޙައްލުނުވެ، ރައްޔިތުން ގެއްލުން ބޮލުއަޅަންޖެހެއެވެ. މީންކަމެއް ނުބެލެއެވެ. ޙައްލެެއް ނުހޯދެއެވެ. އަދަބެއް ނުދެވެއެވެ. އުފަލާއި އަރާމުގަ އެބޮޑުން އުޅެދެތެވެ. މައްސަލަ އުފެދެނީ ބޮޑުންގެ ފަރާތުންނެވެ. އޮއްބަންދުއްވޭ ދެބޯގެރިއަކީ ޒުވާނުންގެ ކަންތަކެވެ. ފެބުރުވަރީ 7 ބާއްވާ
ކަދުރު
01 September 2019
ނަޝީދު އަށް ދަންނަވާލަން އޮތީ ބަސްމަގު ރަނގަޅުކުރާށޭ، އެކްޓިވިސްޓުންނައް ވަޒީފާ ދީނުމާބެހޭގޮތުން ބުނިވާހަކަ ކަމަކުނުދޭ
ގޮހޮޑާ
01 September 2019
ހައްލު އެގިލައްވާ އިރު ކީއްވެތޯ އަމަލު ނުކުރައްވަނީ! އެހެން ނޫނަސް ހައްލަކީ ޒުވާނުން ކުރާނެ ކަންތަކާ ވަޒީފާ މަދުވުން...ޗެލެންޗިން ކަންތައް މަދީ....ނިކަން ފުޓްބޯޅަ މުބާރާތް ތަކާ އެއްޗިހީގެ ތަށި އަގުބޮޑު ކޮށް ފޯރިގަދަ ކޮށްލަ ބަލަ....
ޒުވާނާ123
01 September 2019
އަޅުގަނޑަކީވެސް ޒުވާނެއް.އަޅުގަނޑަށް ތިޔަވިދާޅުވާ ޒުވާނުންގެ ފަރާތުން ވ ބޮޑެތި އުނދަގޫތައްޖެހޭ..އެމީހުން މުޖްތަމައުއަށް ދޫކޮށްލާފަ ތިބެގެން ރިހެބިލިޓޭޓެއްނުވާނެ.
ޙަބީބު
01 September 2019
ޒުވާނަކަސް އަދި ކޮންމެމީހަކަސް ކުށެއްކޮއްފިނަމަ ޖަލައްލަންޖެހޭ އުމުރައްވިޔަސް އެފަދަ ހަރުކަށި އަދަބު ނުދެވެތީ ފުއްޕަނީ ދާދިމިދާކައްދުވަހު 50 ޑޮލަރުވަގައްނެގިމީހަކު 27 އަހަރު ކޮއްފަ މިނިވަންވީ ބޭރު ގައުމަކުން ކޮބައިތޯ މުސްލިމުންނޭ ކިޔައިގެން މިއުޅޭ މިހުންގެ ހާލަކީ
ސުވާލުބޭ
01 September 2019
ހައްލަކީ ކުށްކުރާ މީހާ އަދި ކުށްނުކޮށް ހުންނަ މީހާ ހަމަހަމަ ކޮށް އެއްވެސް މީހަކަށް އަދަބު ނުދިނުންތޯ؟ އެހެންވެތޯ އަދީބުވެސް ދޫކޮށްލީ؟ ރައީސް ޔާމީންވެސް ދޫކޮށްލާނީތޯ؟ ބާޢީ ލުތުފީ ދޫކޮށްލަން މަސައްކަތް ކުރީމުތޯ؟