ޚަބަރު / ދުންފަތް

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރަންޖެހޭ: ނައިބު ރައީސް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިހާރަށް ވުރެ އިތުރު ކުރަންޖެހޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރަން ޖެހޭނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގަ އެވެ.

"އެކަމާ މެދު މެމްބަރުން ވިސްނަވައި މަޝްވަރާ ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ބޭއްވި ފޯރަމްގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކަށް ވާނެ ކަމަށާއި އެކަން ހާސިލު ކުރުމަށް ސަރުކާރުން ވައުދުވާ ކަމަށެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މީހަކު އަމިއްލަ އަށް މަރުވުން ފަދަ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ބޭރުގެ ގައުމުތަކުން ދިމާވާ ޑޮކްޓަރުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ގައުމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ ހިތްވަރު އެބަހުއްޓެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ ދުމުގެ އަސަރުކޮށްގެން ލިބޭ ގެއްލުންތައް ވެސް ވަކި ކުޑަ ނޫން ކަމަށާއި އެހެންވެ އެ މައްސަލަ އަށް ވެސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ގެއަކީ ވެސް ދުންފަތުގެ އިސްތިއުމާލް ނުކުރާ ގެއަކަށް ހަދައިގެންނެވެ. އެހެންކަމުން، ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލް ނުކޮށް، އެހެން މީހަކަށް އޭގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް، އެފަދަ ތަނެއްގައި ކުރުމަށް އެންމެން ވެސް ބާރު އެޅުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

އެއާ އެކު، ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަކީ އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލް ނުކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން ވައުދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް ކަމަށާއި އެކަން ކުރުމަށް ބޭނުންވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ބޭރުގެ ފަރާތްތަކުގެ އިތުރަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމަށް އަޅުގަނޑު ވެސް އެހީވާނަން،" އެމަނިކުފާނު އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލް ނުކުރައްވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރަށް ވުރެ އިތުރަށް ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ފޯރަމްގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ ތަޖުރިބާކާރުން ވެސް ބައިވެރިވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އެ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރައްވައި މި ސަރަހައްދުގެ ގައުމުތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ހަސަން މުހައްމަދު ވިދާޅުވީ ހަމައެކަނި ސިގިރެޓް ގަތުމަށް ރާއްޖޭގައި އަހަރަކު 1.1 ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.

އެކަމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާ ގުޅުން ހުރި ސިއްހީ މައްސަލަތަކަށް ބެލުމަށް ފަހު ރާއްޖެއިން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި ރާއްޖޭގައި އަމަލުކުރަމުންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ދުންފަތް އެތެެރެކުރާ ފަރާތްތަކަށް ވަކިވަކިން ލައިސެންސް ދޫކުރާ ގޮތަށް ހެދުން ހިމެނެ އެވެ.

ދެ ހާސް ދިހަ ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަނީ އެކަމަށް ހާއްސަ ބޯޑެއް އެކުލަވައިލައިފަ އެވެ. އެ ގާނޫނުގެ ދަށުން އާންމު ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވެމުން ނުދެ އެވެ. އަދި މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖެ އަށް ދުންފަތް އެތެރެ ކުރި ނިސްބަތް 35 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

24 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަގީރުކޮއި

21 September 2016

މުއްސަދިން އަތުން އިންކަމް ޓެކްސް ނަގާނީ ކޮންދުވަހަކުން. މުޅި ގައުމު އެމީހުނަ ދީގެން ތިބެން ވީތަ.

The name is already taken The name is available. Register?

އުމަރު

21 September 2016

ތިޔައީ ވަރަށް ރަނގަޅުކަމެއް، ތިޔަކަމުން 2 ކަމެއް ހާސިލްވާނެ، އެއީ މީހުންގެ ސިއްހަތު ސަލާމަތްވުން، ދެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގުބޫލުކަން ނެތިދިއުން، އެއީ ދުންފަތަކީ ވަރަށްގިނަ ޒުވާނުންނާ ގުޅިފައިވާ އެއްޗެއް އެހެންކަމުން އެމީހުން ރުޅިއަންނާނެ ދުންފަތުގެ ޑިއުޓީބޮޑުކޮށް އެމީހުންނަށް އަގުބޮޑުވުމުން، އެހެންކަމުން އަހަރެން ގޮވާލަން ބޭނުންވަނީ ތިޔަފަދަ ފިޔަވަޅުތަށް އަޅާއިރު ކޮންމެވެސްކަމެއް ކުރުަމަށް ޒުވާނުންނަށް ވަޒީފާ އިތުރުކުރުމަށް

The name is already taken The name is available. Register?

ޕެސިވްސްމޯކިންގ 01

21 September 2016

1000% ޓެކްސް ނަގަންވީ. ފައިދާއެއް ނެތް ގެއްލުންހުރި އެއްޗެއް މީ. މީގެ ސަބަބުން އެހެންމީހުންނަށްވެސް މީގެ ނޭދެވޭ އަސަރުކުރޭ. ކުރީދުވަހަކުވެސް ކުރިމަތީސައިކަލުގައި އިންމީހާ އަޅިކަނޑާލީ މޫނަން. ކިރިޔާ އެކްސިޑެންޓު ނުވީ.

The name is already taken The name is available. Register?

އެމްސް

21 September 2016

ޓެކްސް ބޮޑު ވެގެން ތިގޮތަށް އަޅި ކެނޑުން ހުއްޓުވޭނީ ބާ؟

The name is already taken The name is available. Register?

ސަބްސިޓީީީީޓީޓީ

21 September 2016

ދުންފަތުން ޓެކްސް ނަގަންވީ، އަދި ޖީ.އެސް.ޓީ އާއި އެހެނިހެން ޓެކްސް ވެސް ނަގަންވީ، އެކަމު އެނަގާ ފައިސާއިން ފައިދާހުރި ކަންކަމަށް ޚަރަދުކުރަންވީ، އަދި އެއީ ސަރުކާރުން ކުރާ ޚަރަދުގެ ގޮތުގައި ދެއްކުމުގެ ބަދަލު ޓެކްސްއިން ނަގާ ފައިސާކަން ހާމަކޮށްދެންވީ، ރާއްޖެ މިއަދު ކަހަލަ ޕްރޮގްރާމްތަކަށް އަރާ ބޭފުޅުންވެސް ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޭވާހަކަ ދައްކާއިރު އެފައިސާއަކީ ޓެކްސްގެ ގޮތުގައި ނެގޭ ފައިސާކަން ހާމަކޮށްދޭންވީ

The name is already taken The name is available. Register?

އަލީ

21 September 2016

ސިގިރޭޓް ކޮންްޓްރޯލް ކުރަން މުހައްމަދު އަމީންގެ ދައުރުން ފެށިގެން މި ގައުމުގައި ހަދާ އެންމެހާ ގާނޫނެއް ފަނުފުލުން ދަނީ. އެހެނީ ދައުލަތުގެ ބޮޑަތި މީހުންނާއި އާންމުންގެ ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލް ކޮށް އެކަމުން މަންފާ ހޯދަން ބޭނުންވުން. ދުންފަތް ކޮންޓްރޯލް ކުރަން ދާދި ފަހުން ހެދި އާންމު ތަންތަނާއި ސައިހޮޓާ ތަކުގައި ސިގިރޭޓް ނުބޮވޭނެ ކަމަށް ރަތް ގަނޑުގައި ހިތްޕާފައިވާ ގާނޫނު ގެ ހަތަރެސް ފަައި ބަދެވިފައިވުން މިކަމަށް ހެއްކަކަށް ފުދޭ. ސިންގަޕޫރު ގައި ގާނޫނުތަށް ހިނގިއަސް ލިޓިލް ސިންގަޕޫރު ފަދަ ކޮރަޕުޓް ތަނެއްގަ ގާނޫންތަށް ނުހިނގާނެ.

The name is already taken The name is available. Register?

ސިޔާމް

21 September 2016

ސިގިރޭޓުން ނަގާޓެކްސް ބޮޑުކޮށް ފައިދާހުރި ކާނާއިން ސަބްސިޑީދީގެން ފައިދާހުކާނާ އަގުހެޔޮކޮށްދެއްވަންވީ! ސިގިރޭޓްގެ ޓެކްސް މެކުހަށް، ތަރުކާރީ އާއި މޭވާ އަތްފޯރާފަށަށް.

The name is already taken The name is available. Register?

އަލީ

21 September 2016

ސިގިރޭޓް ނުބޯ މީހުންގެ ޙައްޤުތަކާ ދޭތެރޭ އަޅާލެވޭތަނެއް ނުފެނޭ، އަޅުގަނޑުމެން ސިގިރޭޓް ބޯން ބޭނުންނުވާއިރު، އަޅުގަނޑުމެން ބޭނުމެއްނުވޭ، އޭގެ ދުމުންވާގެއްލުން އަޅުގަނޑުމެންނަށްވާކަށް، މަގުމަތީވެސް ސިގިރޭޓްބުއިން މާނާކުރަންވީ، ބޯމީހުން ބަންދުކޮޓަރިއެއްގަ އެހެން މީހުނަށް ދުއްތުރާ ނުވާ ގޮތަކަށް ބޮންޏާ ބޯންވީ، ކިހައި ބޮޑުވެއްޖެ ކަމެއްތަ މީ! ސިގިރޭޓް ބޯމީހުން ވަގުތީ ހުރިހާ ފޮނިމީރުކަމެއް ހޯދާފަ، އެހެން މީހުނަށް އޭގެ އުދަގޫ ޖެއްސުމަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެކަމެއްނޫން، ޖޫރިމަނާ ބޮޑުކޮށް، ޖޫރިމަނާ ނުދެއްކިއްޖިއްޔާ ޖަލުހުކުމަކަށް ބަދަލުވާގޮތައް ޤާނޫނުވެސް އިސްލާޙުކުރަަންވީ، ހުސްވާހަކަތަކެއް ދެއްކުމުގެ ބޭނުމެއްނެތް، ޤާނޫނު ތަންފީޒުނުކުރެވެންޏާ، ތަންފީޒުކުރެވޭ ގޮތްތަކަކަށް ކަންކަން ބައްޓަންކުރަން ފެނޭ! ބައެއް ޤާނޫނުތައް ވަރަށް ބާރަށް ތަންފީޒު ކުރެވޭތަން އެބަފެނޭ! ދުންފަތުގެ ޤާނޫނޫ ތަންފީޒުކުރަން އުދަގޫވެއޭ ދެންނެވުމުން އެކަން ޤަބޫލެއް ނުކުރެވޭ! ދުންފަތާ ކަނޑައެޅިގެން ދެކޮޅު، ވަރަށް ސަލާމް!

The name is already taken The name is available. Register?

އާދަން ހުސެން

21 September 2016

ސިގިރެޓްގެ ޓެކްސް މަތި ކުރަންވީ ވިއްކޭ އަގު ފޮއްޓަކަށް 200 އާ 400 ރުފިޔަާ ހަމަޔަށް އަރާވަރަށް. ކީއްކުރަން އަގު ކުޑަކުރަންވީ. ނުވަތަ ކީއްވެ މީތި އެކުގަ މަނާ ނުކުރެވެންވީ. މަނާ ކުރަން ބޭނުންވާ ކަމެއްވިއްޔާ ހޭލާތިބެގެން ގާނޫނެއް ހަދައިގެންވިއަސް އެކަމެއް އެބަ ހުއްޓުވާ. ގައުމެއް ގައުމަކަށްވެސ މޮޅުވަނީ މިބާވަތުގެ ތަހުޒީބުވެގެން. ސިންގަޕޫރުގަ ގުޑުގުޑާ (އެކިޔާ ޝީޝާ) އޮތީ މަނާ ކޮށްފަ. ކުރީމަ ރަގަޅުވަމުންދަނީ ރައްޔިތުންގެ ސިއްހަތު.

The name is already taken The name is available. Register?

ޒޯހާން

21 September 2016

އަދިކިރިޔާ އަގުތައް އަޔްފޯރާފަށަށް މިއަންނަނީ... ދީނައްޓަކާ ގައުމަށްޓަކާ މިވަރުގެ ސަރުކާރެއް ނުލިބޭނެ.

The name is already taken The name is available. Register?

ކްރިޓިކަލް

21 September 2016

އެންމެ ގިނައިން އެތެރެވަނީ ދުންފަތް... އެންމެ ބޮޑު ކަޓެއް ނެގޭނީވެސް މީގެން... މީ ކޮންމެހެން މުޖުތަމައު ރައްކާތެރިކުރުމެއް ނޫން... އިޓްސް ބިޒްނަސް.. ކުކިން އޮއިލް ފުޅިތަކުގެ ބޭރުގަވެސް ލިޔުމެއް ޖަހަން ޖެހޭނެ " ތެލަކީ ފަލަވުމައް ބާރުދޭ އެއްޗެއް އަދި ތެލުގެ ސަބަބުބް މާ ފަލަވެ ހިތް ހުއްޓޭ ގޮތްވެޔޭ"... އިޓް މޭކްސް ސެންސް ހަމަ...

The name is already taken The name is available. Register?

ފަރީޝާ

21 September 2016

ވަރަށް ރަނގޅުވާހަކަފުޅެއް ތިކަންވެސް ކުރަންފެނޭ! އެކަމަކު ކުކިންްގ އޮއިލް މީހަކު ބޭނުންކުރުމުން އޭ ގެ ގެއްލުންވަނީ ހަމަ އެކަނި އެބޭނުންކުރާ މީހާޔަކަށް ނޫންތޯ، ސިގިރޭޓް ބުއީމަ އެ ނުބޯ މީހާޔަށްވެސް އޭގެ ގެއްލުއް އެބަވޭ، އެ ބޯމީހުން ، ގިނަ މީހުން އެއްވެސް ކަހަލަބަލާލުމެއް ނުހުރޭ އެ ނުބޯ މީހުނާ ދޭތެރޭ! ނޭވައިހިއްލުމާއި އެކި ކަހަލަގެ ފުއްޕާމޭގެ ބަލި ހުންނަ މީހުން މުޖުތަމަޢުގަ އުޅޭ، އެކަމަކު އެކަންކަމަށް ބަލައިލެވޭތަނެއް ނުފެނޭ، ސިގިރޭޓް ދުން ބުރުވާލައިފަ ހިތް ހަމަ ޖެހުން ހޯދުނީމަ އެ ނިމުނީ! ދުންފަތާއި އެހެން މީހުނަށް ތުރާ ނުވަތަ ޞިއްޚަތް، ކޮންކަމެއްތޯ ބޭނުންވަނީ؟

The name is already taken The name is available. Register?

ކްރިޓިކަލް

21 September 2016

އެހެން ވީމަ ހައްލަކީ މީހުން ހޭލުންތެރި ކުރުވުން ތާ ދޯ... މީހުން މީހުންގެ ބޮލައް ދުންބުރުވި ވަރެއް ސަރުކާރައް ރަނގަޅީ... ބޯ މީހާ ގަންނަ ސިނގރޭޓުން ލާރި ވަދޭ ސަރުކާރައް.. ގަނެގެން ބުއީމަ ޖޫރިމަނާ ކޮއްގެންވެސް ސަރުކާރައް ފައިދާ... ވިން ވިން ސިޓުއޭޝަން އެއް މީ ސަރުކާރައް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454