ދަރިވަރުންތަކެއް ފިޔޮއް ކޮށިތަކަކާ އެކު.
23 ނޮވެމްބަރ 2019 - 09:40
ސްމާޓްފޯނާއި ޓެކްނޮލޮޖީގެ އާލާތްތަކާ އެކު ދަރިވަރުން ހޭދަކުރާ ވަގުތުތައް ގިނަވެ، އެކި މައްސަލަތައް ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑޮނީޝިއާގެ ދަރިވަރުންނަށް ފިޔޮއް ހަދިޔާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ބަންޑަން ސިޓީގެ އެލެމެންޓްރީ އާއި ޖޫނިއާ ހައި ސްކޫލްގެ ދަރިވަރުންނަށް ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ އުމުރުން ހަތަރު ދުވަސްވީ 2،000 ފިޔޮއް ހަދިޔާކޮށްފަ އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި "ޕްލީޒް ޓޭކް ގުޑް ކެއާ އޮފް މީ" ޖަހާފައިވާ ކޮށިތަކަށް ލާފައި ތިބި ޅަ ފިޔޮއްތައް ސްކޫލްތަކާ ހަވާލުކޮށްފައިވެ އެވެ.
މި ޕްރޮޖެކެޓް ކަމާބެހޭ ފަރާތްތަކުން ސިފަކޮށްފައި ވަނީ "ޗިކެނައިޒޭޝަން" އަދި "ޗިކް-ޓޮކް" ގެ ގޮތުގަ އެވެ. އަދި މިއީ އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އިއުލާނުކުރައްވާފައިވާ ތައުލީމީ ސިޔާސަތުގެ ވެސް ބައެކެވެ. ބޭނުމަކީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ހިޔާލު ފުޅާކޮށް ތަނަވަސްކުރުމެވެ.
ދަރިވަރަކު ފިޔޮކަކާ އެކު.
މިކަމާ ބެހޭ ގޮތުން ބަންޑަންގްގެ މޭޔަރު އޮދެދު މުހައްމަދު ދަނިއާލް ވިދާޅުވީ ދަރިވަރުންނަށް ބަލަހައްޓާނެ ފިޔޮކެއް ދިނުމުން ޑިސިޕްލިންވާން ބާރަކަށް ވާނެ ކަމަށެވެ.
"މީގެ ސަބަބުން ފޯނާއި އެ ނޫން ވެސް އާލާތްތަކަށް ދަރިވަރުން ހުސްކުރާ ބޭކާރު ސްކްރީން ޓައިމް ދަށްކުރެވި ދިރިހުރި ފުރާނައަކަށް އަޅާލުމުގެ ލޯތްބާއި ޝައުގުވެރިކަން އިތުރުކޮށްދީ، ތަރުބިއްޔަތުގެ ވަރަށް މުހިއްމު ހިއްސާއަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.
ދަރިވަރުންނާ ފިޔޮއްތައް ހަވާލުކުރީ ގޭގައި ފިޔޮއް ގެންގުޅުމާއި އަދި ގޭގައި އެކަމަކަށް އެކަށޭނެ ޖާގައެއް ނެތް ނަމަ ސްކޫލްތެރޭގައި ވެސް ފިޔޮއް ބަލަހައްޓަން ފުރުސަތު ލިބޭ ގޮތަށެވެ.
ފިޔޮކެއް.
މިކަމާ ބެހޭ ގޮތުން މީޑިއާތަކާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ކައުންސިލުން ދަރިވަރުންނަށް ފިޔޮއް ބަލަހައްޓަން ޖެއްސުމަކީ ވަރަށް ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ.
"އަހަރެން އަބަދު ވެސް ބަކަން ދަރިފުޅު ސްކްކްރީންތަކާ ދުރުކުރެވޭތީ، މިއީ އެކަމަށް ފަހިވި މަގެއް. ހަމަ ޔަގީނުން ވެސް މިއީ ފޯނާ ކުޅެން އިނުމަށް ވުރެ އެތައް ގޮތަކުން ފައިދާހުރި ކަމަކަށް ވާނެ،" އޭނާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި މިކަހަލަ ބޭނުންތެރި އާދަތައް ދަސްކޮށްދެވޭނެ ނަމަ އެ އަޅައިދެވެނީ މަސައްކަތެއް ދަސްކުރުމުގެ ވެސް ބިންގާ. އަދި މިއީ ޖަނަވާރުންނާއި ދޫނިސޫފާސޫފިތަކަށް ލޯތްބާއި އޯގާތެރިވުމަށް ދަސްވާނެ ކަމެއް ވެސް މެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރިޔާ
23 November 2019
ރާއްޖޭގައި ވެސް ކުރަން ރަންގަޅު ކަމެއް. ޖާގައިގެ ދަތިކަން ބޮޑީ
ގެދާނޯމޮސް
23 November 2019
މީ ދިވެހިންގެ ތެރެއިންވެސް ގިނައާއިލާ ތަކުން ވަރައްފެއްނަ މަންޒެރެކެވެ. ދޫނި އުދުއްސާ މީހުން އެމީހުންގެ ނަޒަރު 30 ސިކުންތައްވެސް ދޫނިން ނުނެއްޓެއެވެ. މި ދޫނިތައް ހީވަނީ އެބަޔެއްގެ ދަރިންނަށް ލިބޭ ގެއްލުމުން އެއްކިބާ ކުރުމަށް ސަމާލުވެ ތިބޭހެންނެވެ. މޯބައިލް ފޯނު މާގިނައިން ކުޅޭ މީހުންގެ ލޮލުގެ ރެޓީނާ ބަލިކަށި ވެ ނޭވާކުރުވުން ފަދަ ބަލިތަކާ ކުރިމަތި ކުރުވައެވެ.