ރިޕޯޓް / ކްރިމިނަލް ކޯޓް

ޑްރަގްގެ އެންމެ ބޮޑު ޝަރީއަތް: ދައުލަތަށް ކާމިޔާބު ކުރެވޭނެތަ؟

ކަނޑު މަގުން އެތެރެކުރި 24 ކިލޯގެ ޑްރަގް އަތުލައިގަތުމަށް ފުލުހުން ހަރަކާތްތެރިވަނީ: އެ މައްސަލާގައި ދައުވާކުރަނީ ދެ މީހަކަށް --ފޮޓޯ/ޕޮލިސް

އީރާނުގެ މަސްބޯޓަކުން ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވާފައި ހުރި 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 18 މީހުން ހައްޔަރުކުރުމަކީ މިހާތަނަށް ދިވެހި ފުލުހުން ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. އެ ޑިންގީއާ ހަވާލުވާން ދިޔަ ދޯންޏާއި އެ ދޯނި އަތުލުމަށް ފަހު ޑިންގީގެ ބައެއް ކަފާލައިގެން ހޯދި މަސްތުވާތަކެތީގެ އަގު 100 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެކަމަކު އެ ބޮޑު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފުތާގައި ނިމުނު އިރު އުފެދުނު އެންމެ ބޮޑު ސުވާލަކީ އެކަމުގައި ދައުލަތަށް ކާމިޔާބު ލިބޭނެ ހެއްޔެވެ؟ އެ މައްސަލާގައި ފުރަތަމަ 18 މީހުން ހައްޔަރުކުރި ނަމަވެސް ޝަރީއަތް ފެށީ ދެ މީހުންނާ އެކު އެވެ.

އެ ޝަރީއަތާ މެދު އާންމުން މާ ބޮޑު ސަމާލުކަމެއް މިިހާރު ނުދިނަސް ހަގީގަތުގައި މިއީ ވަރަށް ބޮޑު ޝަަރީއަތެކެވެ. ޝަރީއަތުގައި ހުކުމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިސްމާއިލް މޫސާ، ގ. ޓްރަސްޓްހޯމް އާއި އަބްދުﷲ ސޮއްފަތު، ހ. އެވާޕީސް އަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށް، ދައުލަތުން ދައުވާކުރަނީ ސޮއްފަތުގެ މައްޗަށެވެ.

ފުލުހުންގެ ބޮޑު އޮޕަރޭޝަން

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީއާ ހަވާލުވާން ސޮއްފަތާއި އިސްމާއިލް މޫސާ ދޯންޏެއްގައި އިތުރު ބަޔަކާ އެކު އއ. އަތޮޅު ކައިރިއަށް ދަތުރުކުރި ކަމަށް ދައުލަތުން ބުނެ އެވެ. ޝަރީއަތުގައި ހާމަވި މައުލޫމާތުތަކަށް ބަލާއިރު އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާކަން ފުލުހުންނަށް ކުރިން އެނގިގެން ދިޔައީ ތައްޔާރުވަމުންނެވެ.

ޑިންގީ ބަލާ އީރާނުގެ ބޯޓު ކައިރިއަށް ދަތުރުކުރި ދޯންޏަށް ފާރަލާން ފުލުހުންގެ ޓީމެއް ވަނީ ދެ ހަފުތާއެއްހާ ދުވަހު ކަނޑުމަތީގައި ހޭދަކޮށްފަ އެވެ. އެ ފުލުހުންގެ ކެއިންބުއިމާއި ނިދުމާއި ޒަރޫރީ އެހެން ބޭނުންތައް ވެސް ފުއްދީ ކަނޑުމަތީގަ އެވެ.

ކަނޑު މަތީގައި ފާރަލަމުން ދިޔައިރު އެކަމުގައި ބައިިވެރިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މާލޭގައި ތިބި ބައެއް މީހުންނަށް ވެސް ފުލުހުން ދިޔައީ ފާރަލަމުންނެވެ. އެ މީހުން ދާހާ ތަނަކަށް ފަހަތުން ދިއުމާއި ބައްދަލުކުރާ މީހުން ބެލުން ފަދަ ކަންކަން ކުރިއަށް ގެންދިޔަ އެވެ.

ޝަރީއަތުގައި ހާމަވި މައުލޫމާތުން އެނގުނު ގޮތުގައި ތުހުމަތުކުރެވުނު މީހުންނަށް ފާރަލުމުގެ މަސައްކަތް އޭގެ ހައެއްކަ މަސް ކުރިން ފުލުހުން އޮތީ ފަށައިފަ އެވެ. އެމީހުންގެ ފޯން ކޯލްތައް އަޑުއެހި އެވެ.

މަސްތުވާތަކެތި ހުރި ޑިންގީ ރާއްޖެ ގެނައި އީރާނުގެ މަސްބޯޓު --ފޮޓޯ/ޕޮލިސް

އެކަމަކު ޝަރީއަތުގެ މަރުހަލާގައި ހާމަވެފައިވާ ވާހަކަތަކުންނާއި ކަން ހިނގާފައިވާ ގޮތުން އެ މައްސަލަ ދައުލަތަށް ކާމިޔާބު ކުރެވިދާނެތޯ ނުވަތަ ނުވަތަ ނޫންތޯ ސުވާލު އުފެދެ އެވެ. ސަބަބުތައް ބައިވަރެވެ.

ތަހުގީގު ބަލިކަށި؟!

އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުންނާ އެކު އީރާނުގެ މަސްބޯޓުގެ ފަޅުވެރިންނާއި އެ ބޯޓު ކައިރިއަށް ދަތުރުކުރި ދޯނީގެ ފަޅުވެރިންނާއި އިތުރު ބަޔަކު ވެސް ހިމެނޭ ގޮތަށް 18 ވަރަކަށް މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނުނެވެ. އެކަމަކު ހެކި ނެތުމުން ފަހަރަކު ބަޔަކު ދިޔައީ ދޫކުރަމުންނެވެ. އެންމެ ފަހުން ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ އެންމެ ފަސް މީހެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން ވެސް ދައުވާކުރީ އިސްމާއިލާއި ސޮއްފަތުގެ މައްޗަށް އެކަންޏެވެ. ބާކީ ތިބި އެންމެން ވެސް ސަލާމަތްވީ އެވެ.

އެތައް ބަޔަކު ބައިވެރިވެ އަދި ދުރާލައި ރާވައިގެން ހިންގި ކަމަށް ބުނާ ބޮޑު ކުށަކާ ގުޅިގެން އެންމެ ދެ މީހަކަށް ދައުވާ ކުރުމުން އެނގެނީ އެ މައްސަލާގައި ފުލުހުންގެ ތަހުގީގު ބަލިކަށިކަމެވެ. ކޯޓެއްގައި ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ފުލުހުންނަށް ހޯދުނު ހެއްޔެވެ؟

ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށް ނުދިނަސް އެ މައްސަލައިގެ މުހިންމު ބައެއް ހެކިތައް ފުލުހުންގެ ތެރެއިން ގެއްލިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ދައުލަތުން ހުށަހެޅި ސިއްރު ބައެއް ހެކިން ތަހުގީގުގައި ބުނި ގޮތާ ޚިލާފަށް ޝަރީއަތުގައި ހެކިބަސް ދިން މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލަ ފުލުހުން މިހާރު އަަންނަނީ ބަލަމުން ކަމަށްވެ އެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީ: ކަނޑު މަތީގައި ފުލުހުން ހިންގީ ބޮޑު އޮޕަރޭޝަނެއް --ފޮޓޯޕޮލިސް

ތަހުގީގުގައި ދެއްކި ވާހަކަތަކާ ޚިލާފަށް ޝަރީއަތުގައި ހެކިބަސް ދިނީ، ބެލެވޭ ގޮތުގައި، ދައުވާ ލިބޭ މީހުންނާ ދެކޮޅަށް އެންމެ ވަރުގަދަ ބަޔާންތައް ދިން މީހުންނެވެ. އެކަމަކު "ކޮންމެވެސް ސަބަބުތަކަކާ ހެދި" އެ މީހުންގެ ވާހަކަ ޝަރީއަތުގައި ކުއްލިއަކަށް، އެހެން ގޮތަކަށް، ބަދަލުވުމުން ހެކިބަހުގެ ބާރު ދަށްވި އެވެ.

ބައެއް އިޖުރާއަތްތަައް ގޯސް؟

ޖިނާއީ މައްސަލަތަކުގައި ހެކި ހޯދުމާއި ހައްޔަރުކުރުމާއި ބަލައި ފާސްކުރަން ވަކި ޚާއްސަ އިޖްރާއަތުތަކެއް އޮންނައިރު އެއިން އެއްވެސް އިޖްރާއަތެއް ގޯސްކޮށް ހިންގައިފި ނަމަ މުޅި މައްސަލަ އަށް އަސަރު ފޯރުމުގެ ފުރުސަތު އޮވެ އެވެ. މީގެ ކުރިން ބޮޑެތި ބައެއް މައްސަލަތަކުގައި ހެކި ހޯދުމުގައި ފުލުހުން އަމަލުކޮށްފައިވާ އިޖްރާއަތު ގޯސްވުމުން އެތައް ބަޔަކު މިނިވަންވި އެވެ. މަސްތުވާތަކެތީގެ ބޮޑު ޝަރީއަތުގައި ވެސް އެފަދަ ކަންކަން ހާމަވެފައިވެ އެވެ.

ދައުވާ ލިބޭ މީހުންގެ ފޯން ކޯލްތައް ފުލުހުން އަޑުއެހީ ކޯޓު އަމުރެއް ނެތި ކަމަށް ދިފާއީ ވަކީލުން ވަނީ ޝަރީއަތުގައި ފާހަގަކޮށްފަ އެވެ. ކޯޓު އަމުރެއް ނެތި ފޯން ކޯލް އަޑުއަހައިގެން ހޯދާ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް މަތީ ކޯޓުތަކުން ކަނޑައަޅާފައިވެ އެވެ. ދިފާއީ ވަކީލުންގެ އެ ވާހަކަ އަކީ ހަގީގަތެއް ނަމަ، އެ ފޯން ކޯލްތަކުން ކިތަންމެ ވަރުގަދަ ހެއްކެއް ލިބުނަސް އޭގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދުމުގެ ފުރުސަތު އެބަ އޮތެވެ.

މީގެ އިތުރުން އިސްމާއިލްގެ ގެ ފާސްކުރުމުގެ ތެރޭގައި އިތުރު މަސްތުވާތަކެއްޗާއި އޮރިޔާން ކާޑު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކުރި އެހެން ދައުވާއެއް ކޯޓުން ކުރިން ބޭރުކޮށްލީ ފުލުހުން އަމަލްކުރި އިޖްރާއަތުތައް ގޯސްވުމުންނެވެ. އެއީ އެގެ ފާސްކުރަން ކޯޓު އަމުރެއް ފުލުހުންނަށް ލިބިފައި އޮއްވައި، އެ އަމުރު ދެއްކުމެއް ނެތި ގެއަށް ވަދެ ފާސްކުރުމުންނެވެ.

އެންމެ ފަހު އަޑުއެހުމުގައި ފަހު ބަސް ބުނަން ދިން ފުރުސަތުގައި ވެސް ދައުވާ ލިބޭ މީހުންގެ ވަކީލުން ބުނީ ދައުލަތުގެ ފަރާތުން ރަނގަޅު ހެއްކެއް ނެތް ކަމަށެވެ. އެއަށް ރައްދު ދީ ދައުލަތުގެ ވަކީލުން ބުނި ގޮތުގައި ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެވެ.

މިއީ އާދައިގެ މައްސަލައެއް ނޫނެވެ. އާދައިގެ ޝަރީއަތެއް ވެސް ނޫނެވެ. ފުލުހުންގެ ވަރުގަދަ އޮޕަރޭޝަންގެ މޮޅުކަން ޝަރީއަތުގައި ސާބިތުކޮށްދެވުނުތޯ ނުވަތަ ނޫންތޯ އެނގޭކަށް މާ ގިނަ ދުވަހެއް ނެތެވެ.

12 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

02 June 2016

ކަނޑު އަޑިން ނެގި 1 ޓަނުގެ މުދަލަށާއި ޝަރީޢަތަށް ވީގޮތް އެނގޭމީހަކު އެބަހުރި ބާ؟

The name is already taken The name is available. Register?

މިފްތާހް

02 June 2016

ޤާނޫނުތައް ގޯހީކީނޫން ޤާނޫނު އަސާސީވެސް ގޯހެއްނޫން، ހުރިހާވެސް މައްސަލައަކީ ދައުލަތުގެ މުއްސާސާތަކުގެ މަތީ ފަޑިން ފެށީގެނަގޮސަ އާދައިގެ މުވައްޒަފުންގެ ތެރޭގައި ނުރަގަޅު މީހުން ތިބިކަން، އެފަދަ ބައެއްމީހުންގެ މައްޗަށް ޤާނޫނު ނުހިންގާކަން. ޤައުމުގެ އެންމެ މަތީ ކޯޓުގައި ތިބި ބައެއް ފަންޑިޔާރުންގެ އަބުރާ އިތުބާރު ގެއްލިފައިވާއިރުވެސް އެމީހުންވެސް ގޮތްދޫކޮށް މުއައްސަސާގެ އިތުބާރަށްޓަކައިވެސް މާޤާމު ދޫނުކޮށް ތިބެނީ، އެފަދަ ބަޔަކަށް އަދުލުވެރި ނިންމުމެއް ނުނިންމޭނެ. އަދުލާއި އިންސާފު ގެއްލިއްޖެ ތަނެއް ފަސާދަނޫން އެއްޗެއް ނޯންނާނެ.

The name is already taken The name is available. Register?

ޖަމީލުބެ

01 June 2016

ޝުކުރިއްޔާ #ރަައީސް ޔާމީން

The name is already taken The name is available. Register?

އުނބުށެން

01 June 2016

ޤާނޫނު އަސާސީ އޮތީ ކުށްވެރިން ހިމާޔަތްކުރުމަށް ބައްޓަންކޮށްފަ ކަމަށްވަންޏާ އޭގެ ދަށުން ޤާނޫނެއް ގަވާއިދެއް ނުވަތަ ކަމެއް ކުރާގޮތެއް ހަރުދަނާކުރެވެން އޮންނާނެބާ؟ ތަހުގީގުގައި ވަރަށް ބަސްއަހައިގެން ހުރިހާކަމެއް ކިޔައިދީފަވެސް ޝަރީޢަތުގައި އެއަށް އިންކާރުކުރީމާ ފުލުހުން އެކުރި ހުރިހާ މަސައްކަތެއް ފަނުފުލުންދާހެން ޤާނޫނު އަސާސީ ހަދާފައިއޮތުމުން ލޮލުން ދެކެ އަތުން ހިފޭކަމެއްނޫނީ ޝަރީޢަތެއްގައި ސާބިތުކުރެވުމަށްވުރެ ނުކުރެވުން ގާތެވެ.

The name is already taken The name is available. Register?

ކަޅު މުހައްމަދު

01 June 2016

ތަހުގީގު އިދާރާތައް ހަރުދަނާ ކުރަން ޖެހޭ.

The name is already taken The name is available. Register?

މިނިވަންޚިޔާލް

01 June 2016

ތިކަންދާގޮތަުން ބޮޑަށްހީވަނީ އަބަދުވެސް ކަންހިގާގޮތަށް ތި ޑްރަގް ޝިޕްމަންޓުގެ އަޑީގައި ސަރުކާރުގެ ބާރުވެރިފަރާތެއްވާނެ. އެހެންވީމާ މުހިންމު ހެކި ގެއްލޭނެ. ނޫނީ ކޮފީ އެޅޭނެ. ކަންހިގާގޮތް ރައްޔިތުންނަށް އެގޭތީ ރައްޔިތުން ތިކަމާތިވަރަށް ނޫޅެނީ. ތިކަންކަމުގަ އުޅެންކުރެވޭނެ ކަމެއްނޯވޭ. ތަހުގީގީ މަރުޙަލާގައިތްކަމަކާ ބަސްކިޔައިފިއްޔާ ވަނީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅީކަމަށް. ޝަރީޢަތްހިގަނިކޮށް އެކަމާއުޅެފިއްޔާ ކޯޓްހުރުމަތްކެޑީކަމަށްބުނެ ބޮޑުހުކުމެއް އަންނާނެ. ކަމެއްނުކުރެވުނަސް މިތިބީ ކަންކުރާގޮތް ވަރަށްރަގަޅަށް ބަލަން. ލިބޭފުރުޞަތުގެ ބޭނުން ފިސާރި މިނިވަންކަމާއެކު ބޭނުންކުރާނީ.

The name is already taken The name is available. Register?

އަލީ

01 June 2016

ރައްޔިތުން މަސްތުވާ ތަކެތީގެ މައްސަލަތަކަށް ސަމާލުކަން ކެނޑި، މީހުންގެއްލޭ މައްސަލަތައް ކަމަކަށް ނުވަނީ އެއީ މިގައުމުގެ އާންމުކަމަކަށް ވުމުންކަމަށް ފެނޭ. އަދި ތިއިން ކަމެއް ކޯޓަކަށް ހުށަހެޅިއަސް އެދެވޭ ގޮތަކަށް ނުނިމޭނެކަންވެސް ގަބޫލުކުރެވި ތިކަމުގަ މާބޮޑު ހައްލެއްނެތްކަމަށް ގަބޫލުކުރެވުމުން ކަމަށްފެނޭ. ފުލުހުން ފޭލް. ކޯޓް ފޭލް. ސަރުކާރު ފޭލް. މީ ގައުމެއްތަ.

The name is already taken The name is available. Register?

ދޮންބެ

01 June 2016

ރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް ސާބިތެއް ނުވާނެ.... ޑްރަގް އެތެރެކުރުމަށް މިހާރު ހިތްވަރު ލިބޭގޮތަށް މިހާރު ކަންތައްތައް ވަމުންދަނީ

The name is already taken The name is available. Register?

ބޮޑު ހުސޭނު

01 June 2016

ހައިރާންވާނެ ކަމެއް ނެތެވެ. މިއީ ޑުރަގް ޑީލަރުންގެ ދުނިޔެ އެކެވެ. އަދި އެމީހުން ބޭނުން ގޮތަކަށް ހުރިހާކަމެއް ކޮންޓްރޯލް ކުރާނެއެވެ.

The name is already taken The name is available. Register?

އެންދަމާ

01 June 2016

އިރާނުގެ މަސްބޯޓު ދޫކުރުމަށް ފިޝަރީޒް އިން ނިންމީ ކީއްވެގެންކަން ބަލާލީމާ އެނގޭނެ ތިޔަކަން ނިމޭނެ ގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454