ސާރާ އާއި ސައިމަން.
28 ޑިސެމްބަރ 2019 - 07:25
މީހެއްގެ ނަސީބު ކޮންމެ ފަދަ ގޮތަކަށް ވެސް ދިމާވެދާނެ އެވެ. އިނގިރޭސި ވިލާތުގެ މި އަންހެން މީހާ އަކީ އޭގެ ތެރެއިން މީހަކަށް ވެދާނެ އެވެ. އޭނާ ވިހަން ހޮސްޕިޓަލްގައި އެޑްމިޓް ވާން ޖެހުނީ ޕީއެޗްޑީ ތީސިސް ހުށަހަޅަން އޮތް ދުވަހު އެވެ. ބްރިސްޓަލްގެ އެސްޓީ މައިކަލް ހޮސްޕިޓަލްގައި އެޑްމިޓް ވެގެން އޮވެ، ވިހެއުމުގެ ކުރިން ތީސީސް ނިންމައި ލެވިދާނެ ކަމާ ދޭތެރޭ ވެސް އޭނާ ހުރީ ޝައްކެއްގަ އެވެ.
އެކަމަކު، ވިހަން ވެއްދުމުގެ ދެ ދުވަސް ކުރިން ކަން ދިމާކުރި ގޮތުން ހޮސްޕިޓަލްގައި އޮވެ، ސާރާ ހަމްފްރީ އަށް ތީސީސް ނިންމައިލަން ވަގުތު ލިބުނެވެ. އެހެންވެ، ކަނޑައެޅިފައި އޮތް ސުންގަޑި ކަމަށްވާ މި މަހުގެ 23 ވަނަ ދުވަހު، ވިހާ ކޮޓަރި އަށް އޭނާ ވަނީ ތީސީސް އެއްކޮށް ނިންމާލައި، ޔުނިވާސިޓީ އަށް ހުށަހެޅުމަށް ފަހު އެވެ.
އެ އުފަލާ އެކު، ސާރާ މި މަހުގެ 25 ވަނަ ދުވަހު ވިހެއީ ފިރިހެން ކުއްޖެކެވެ. ނަމަކީ ތިއޮޑޯ އެވެ. ވިހެއުމުގެ ކުރިން ކުރިމަތިވި ކޮމްޕްލިކޭޝަންތަކަކާ ގުޅިގެން އޭނާ އުފަންވީ ވިހަން އޮތް މުއްދަތަށް ވުރެ ތިން ހަފުތާ ކުރިންނެވެ. އެކަމަކު ސާރާ އެންމެ އުފާވި ކަމަކީ ދަރިފުގެ ހާލު ވެސް ރަނގަޅުވުމެވެ. ވިހޭ އިރު ތިއޮޑޯގެ ބަރުދަނުގައި ތިން ކިލޯ އެވެ.
މިއީ ސާރާ އާއި ފިރިމީހާ ސައިމަން ހަމްފްރީގެ ދެވަނަ ދަރިފުޅެވެ. އެ މީހުންގެ ދޮށީ ދަރިފުޅު އެލީޖާ އަށް ހަތަރު އަހަރެވެ.
"އަހަރެން ބުނާނީ މި އަހަރުގެ ކްރިސްމަސް ވަރަށް އުފާވެރިކޮށޭ ދިމާވީ. ހޮސްޕިޓަލްގައި އޮވެ ތީސީސް ފުރިހަމަކޮށް ސަބްމިޓް ކުރުމާއި ވިހަން އޮތް ދުވަހަށް ވުރެ މަސް ދުވަސް ކުރިން ސިއްހަތު ރަނގަޅުކޮށް އޮތް ދަރިއަކު ވިހެއުމަކީ ހަމަ ވަރަށް ވެސް ބޮޑު އުފަލެއް،" ބްރިސްޓަލް ޔުނިވަސިޓީގައި ސައިކޮލޮޖީ އަށް ކިޔެވި ސާރާ ބުންޏެވެ.
އެސްޓީ މައިކަލްސް ހޮސްޕިޓަލުން ބުނިގޮތުގައި ކްރިސްމަސް ދުވަހު އެތަނުގައި ޖުމްލަ 11 ކުދިން މި ފަހަރު އުފަންވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްތަ
28 December 2019
ޕީއެޗްޑީ ހަދާތި ތިވަރުންވެސް ..
ޒޮމްބީ
28 December 2019
ވިހައިގެން އޮވެ ތީސިސް ނިއްމި ދިވެހިން ވެސް އެބައުޅޭ އަޅެ ނޫހުގަ ޖަހާލަބަ