ރިޕޯޓް / ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީނަށް 35 އަހަރު، ކާމިޔާބީތައް ގިނަ

ޖަމާލުއްދީން ސްކޫލް: ގިނަ މީހުންގެ މެދުގައި މަގުބޫލުކަން ބޮޑު -ފޮޓޯ: ނިޝާން އަލީ/ މިހާރު

24 ފެބުރުއަރީ 2020 - 08:44

4 comments

ތައުލީމީ ދާއިރާގައި، ހޭދަކުރެއްވި މި ދިގު މުއްދަތުގައި ވެސް އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލުން ދެމުން އަންނަ ސަމާލުކަމެވެ. މީގެ އެތައް އަހަރެއް ކުރިން އެކަން ފެށި އިރު ގިނަ މީހުން ގަބޫލުކުރީ އެފަދަ ކުދިން ތިބެން ޖެހޭނީ ހަމައެކަނި ގޭގައި ކަމަށެވެ. ނަމަވެސް އެ ކޮށި ވިސްނުން ބަދަލުކޮށް އިންގިލާބީ ބަދަލެއް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ޖަމާލުއްދީނެވެ.

އެ ކާމިޔާބު މަސައްކަތާ އެކު ޕްރިންސިޕަލް ހަސަން މުހައްމަދަށް ލިބިވަޑައިގަންނަވަނީ ހާއްސަ އުުފަލެކެވެ.

މިދިޔަ ހަފުތާގައި ޖަމާލުއްދީން ސްކޫލުން ފާހަގަކުރީ 35 ވަނަ އަހަރެވެ. އެއީ ރާއްޖޭގައި އެންމެ ޑިމާންޑު ބޮޑު އެއް ސްކޫލެވެ. ގިނަ މީހުންނަށް އެ ސްކޫލް ކަމުދާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ހުރިހާ ދަރިވަރުން ބައިވެރިކޮށް ކިޔަަވައިދިނުމާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ބަދަހި ގުޅުމެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގައި މިހާތަނަށް 15 އަހަރު ހޭދަކުރައްވާފައިވާ ހަސަން ވިދާޅުވީ އެ ސްކޫލުގައި މިހާރު ވެސް، އަޑުއިވުމުން މަހުރޫމް ވެފައިވާ ކުދިންނާއި އޯޓިސްޓިކް ކުދިންނާ އެކު، ހާއްސަ އެހީތެރިކަން ބޭނުންވާ ފަންސާހަކަށް ކުދިން ކިޔަވަ އެވެ. އެ އެހީތެރިކަން ބޭނުންވާ ބައެއް ކުދިން މީގެ ކުރިން އޯ ލެވެލް ވެސް ހަދައިފި އެވެ. ގިނަ ކުދިން ފަސް މާއްދާއިން ފާސްވިއިރު، ބައެއް ކުދިން މާއްދާތަކުން އޭ ސްޓާ ވެސް ހޯދި އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން އޯ ލެވެލް ހަދަ އެވެ. މި އަހަރު އެފަދަ ހަތަރު ކުއްޖަކު އޯ ލެވެލް ހަދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރި ބައެއް ސާމާނާ، ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން (ވ)، ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑު ކާމިޔާބީއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ވަރަށް ގިނަ ކަންތައްތަކެއް ޖަމާލުއްދީން ސްކޫލުން މި ވަނީ ކޮށްދީފައި. ރާއްޖޭގައި އެންމެ ފުރަތަމަ ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ކުދިން ކިޔަވަން ފެށީ ޖަމާލުއްދީން ސްކޫލުގައި،" 2،110 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

މިފަހަކާ ޖެހެންދެން ވެސް އެ ކުދިންނަށް ކިޔަވައިދެމުން އައީ ހަމައެކަނި ޕްރައިމަރީ ގްރޭޑަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން، އެ ކުދިންނަށް ސެކަންޑްރީ ތައުލީމް ތައާރަފުކޮށް އޯ ލެވެލް ހަދަން ފެށި އެވެ. ހަސަން ވިދާޅުވި ގޮތުގައި ޕްރައިމަރީއާ ހިސާބަށް ކިޔެވުމަށް ފަހު މީގެ ކުރިން އެ ކުދިން ދާން ޖެހެނީ ގެއަށެވެ. އިތުރަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ފަހިވެފައެއް ނެތެވެ.

"އެއީ ވަރަށް ބޮޑު އިންގިލާބެއް އަޅުގަނޑުމެން ގެނައި. ފުރަތަމަ ފަށައިގެން އިރު ކުރި ކަމަކީ، އޭރު ތިބި ޓީޗަރުންނަކީ ޓްރާންސްލޭޓަރުންގެ ގޮތުގައި ބެލި. ބަލާފައި ސަބްޖެކްޓް ޓީޗާސް ތަންތަނުން ގެނެސްގެން ކިޔަވައިދޭން ފެށީ. ފަށައިގެން ފުރަތަމަ އަހަރު ވެސް އަށް ކުދިން އޯ ލެވެލް ހެދި. މިހާތަނަށް 16 ވަރަކަށް ކުދިން އޯ ލެވެލް ނިންމައިފި،" ހަސަން ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ޓީޗަރަކު ފިލާވަޅު ނަގައިދެނީ --- ފޮޓޯ: މިހާރު

އަދަބީ ދާއިރާއިން އެންމެ ކާމިޔާބު ސްކޫލު

ހަސަން ވިދާޅުވާ ގޮތުގައި، ބަހާއި ހިސާބު ރަނގަޅަށް އެނގޭ ދަރިވަރެއް ނަމަ، އެހެން މާއްދާތަކުން ވެސް ކުރި ހޯދޭނެ އެވެ. އެކަންކަމަށް ހިތްވަރު ދިނުމަށް، ދިވެހި ބަހަށް ހާއްސަކޮށްގެން "ސަލާހުއްދީން އެވޯޑު"ގެ އިތުރުން އިނގިރޭސި ބަހަށް "ޝޭކްސްޕެއާ" ގެ އެވޯޑު ތައާރަފުކުރި އެވެ.

އޭނާ ވިދާޅުވީ ގްރޭޑު އެކަކުން ފެށިގެން ދަރިވަރުންނަށް ވާހަކަދައްކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ. އޭގެ ފޮނި ނަތީޖާ މިދިޔަ އަހަރު ވެސް ފެނުނެވެ. މިދިޔަ އަހަރުގެ ވާހަކަދެއްކުމުގެ ގައުމީީ މުބާރާތުން، ތިން ގިންތިއަކުން އެއް ވަނަ ހާސިލްކުރީ ޖަމާލުއްދީން ސްކޫލެވެ. އޭގެ އިތުރުން މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން ވެސް އެއްވަނަ ހޯދި އެވެ.

މިދިޔަ އަހަރު ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެއް ވަނަ ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަތްޕުޅުން ޓްރޮފީއާ ހަވާލުވަނީ --ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ

"ސްކޫލު ލެވެލްގައި އަދަބީ އެކި ކަންކަން ކުރެވޭލެއް ގިނައީ ސްކޫލް ލެވެލްގައި،" ހަސަން ވިދާޅުވި އެވެ.

މިދިޔަ އަހަރު 107 ކުދިން ޖަމާލުއްދީނުގައި އޯ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 99 ޕަސެންޓް ކުދިން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.

މީގެ ފަސް އަހަރު ކުރިން ސާނަވީ ގްރޭޑު ތައާރަފުކޮށް، އޯ ލެވެލް ހަދަން ފެށުމާ ހަމައަށް ކިޔަވައިދިނީ ގްރޭޑު ހަތަކާ ހަމައަށެވެ. ނަމަވެސް އޯ ލެވެލް ހަދަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް ރަން ވަނަތަކެއް، ޖަމާލުއްދީނުން އަންނަނީ ހޯދަމުންނެވެ.

ހަސަން ވިދާޅުވާ ގޮތުގައި 35 އަހަރުގެ ސްކޫލް ކާމިޔާބީގައި މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް އޮންނާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

4 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހޭ

24 February 2020

މުހައްމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭގެފާނު)އަށް ނިސްބަތްވާ މާލޭ ޖަމާލުއްދީން ސްކޫލް ތަރައްގީވެ ކުރިއަރައިގެން ދިޔައިރު އެބޭފުޅާއަށް ނިސްބަތްވާ އަނެއް ސްކޫލް، ހުވަދޫ ވާދޫ ޖަމާލުއްދީން މަދަރުސާގެ ހާލަތު އިންތިހާއަށް ދަށްވެ ވީރާނާ ވެއްޖެ.

The name is already taken The name is available. Register?

އަހުމަދު މުޙައްމަދު

24 February 2020

"ވިސްނާލާފައި" އަށް ތިޔައީ ހެދުނީ ސީދާ އިތުރުފުޅެއް. ޖަމާލުއްދީންގައި ކިޔަވަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލާއިރު ގިނަވާނީ ރަށްރަށުގެ ދަރިވަރުން. ދަރިވަރުން ސްކޫލަށް ވައްދަނީ ޖަމާލުއްދީނުންނެއް ނޫން. އެއީ އެޑިއުކޭޝަނުން ކުރާކަމެއް.

The name is already taken The name is available. Register?

ވިސްނާލާފާ

24 February 2020

ކާމިޔާބީތައް ގިނަވީމާ އެވާހަކަ ދައްކާއިރު ވިސްނަންވާނެ ހަގީގަތަކީ ކަމުވޮށިވެގެންވާ، ފައިސާގެ ގޮތުންވެސް ތަނަވަސް އާއިލާތަކުގެ ކުދިންނަށްނޫނީ ތިޔަތަންތަނުން ފުރުސަތު ނުލިބުން. މާލޭގެ އިސްކަންދަރު ސްކޫލާ މާލޭގެ ޖަމާލުއްދީން ސްކޫލަކީ ރާއްޖޭގެ އެހެން ހުރިހާ ސްކޫލުތަކަށްވުރެ ހުރިހާ ގޮތަކުންވެސް އެއިރެއްގެ ސަރުކާރަކުންވެސް އަޅާލާ ދެސްކޫލް. އަހަރެން ހިތަށްއަރަނީ މިދެސްކޫލަށް އަޅާލާގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށްވެސް އަޅާލާނީ ކޮންދުވަހަކުންބާއޭ!

The name is already taken The name is available. Register?

ފުންއަސަރު

24 February 2020

ގަބޫލުކުރިޔަސް ނުކުރިޔަސް، ރާއްޖޭގެ އެހެން ހުރިހާ ސްކޫލަކަށްވުރެ ތިޔަ ސްކޫލަށާ އިސްކަންދަރު ސްކޫލަށް ކަންކަން ފަހިވާނެ. އެންމެ ކުރިންވެސް އަދިއަދަށް ދާންދެންވެސް ކަންއޮތީ އެހެން. އެއިރެއްގެ ބަޔަކު ރަނގަޅަށް ގެންދާންބޭނުންވާ ހަމަކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ކޮށްފާ އެބަހުރި. މިސާލަކަށް ޔުނިވާސިޓީގާ ކިޔަވަމުންގޮސް އެންމެ ރަނގަޅު ކަމަށް ފާހަގަވާކުދިން ނޫނީ ތިޔަ ދެސްކޫލަށް ނުނެގުން. ބެހުމުގެކުރިން ބޭނުންވާ ބައި ކުރިން ނެގުން. މީ ކަންތައްވާގޮތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454