ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 އެޕްރީލް 2020 - 11:50
ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރަންޖެހޭ ހަރަދުތަކާ އެކު، ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ، 13.3-16.9 ބިލިއަން ރުފިޔާއާ ދެމެދުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 އާ ގުޅިގެން، ދައުލަތުގެ އިގްތިސާދާއި މާލިއްޔަތަށް އަންނާނެ ބަދަލުތަކަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާހުގައި ވާ ގޮތުން، މި އަހަރުގެ ބަޖެޓު ޑެފިސިޓް، ކުރިން ލަފާކުރި ގޮތާ ހިލާފަށް 13.7 ޕަސެންޓާއި 22 ޕަސެންޓަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
މިި މަހުގެ ދެ ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ބަޖެޓް ޑެފިސިޓް، އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އެކަމަކު، އަނެއްކާ ވެސް ކުރަންޖެހޭ އިތުރު ހަރަދުތަކާ އެކު، ޑެފިސިޓް ލަފާކުރި މިންވަރު މި ވަނީ ބަދަލުވެފަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން، މި އަހަރުގެ ބަޖެޓުގެ ޑެފިސިޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހާލަތު ބަދަލުވެ، ބަޖެޓަށް ހަތް ބިލިއަނާއި 11 ބިލިއަނާ ދެމެދުގެ އަދަދެއް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރި ނަމަވެސް، ކުރިން ކަނޑައެޅި ގޮތަށް އާމްދަނީ އާއި ހިލޭ އެހީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާގެ އަދަދު ޔަގީން ވާނީ، ކަނޑައަޅާފައިވާ އިގްތިސާދީ "ސިނާރިއޯ" ތަކުގެ ތެރެއިން މި އަހަރު ނިމޭއިރު، އޮންނާނެ ސިނާރިއޯއެއްގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ލޮޅުން އަންދާޒާކޮށް، ފިނޭންސް މިނިސްޓްރީން ވަނީ ފަސް ސިނާރިއޯއެއް ލަފާކޮށްފަ އެވެ. މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާ އިރު އިގްތިސާދު އޮންނާނެ ކަމަށް ބެލެވެނީ ސިނާރިއޯ 3 ނުވަަތަ 4 ގެ ހާލަތުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިދެ ސިނާރިއޯ އަށް ބަލާ ނަމަ ދައުލަތުގެ ދަރަނި 70 ބިލިއަނާއި 72 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރުވާނެ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 84 ޕަސެންޓާއި 95 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. މި އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 57 ބިލިއަން ރުފިޔާގަ އެވެ.
މިހެން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީ ވަންނަ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް ދައުލަތުގެ ހަރަދުތައް ކުރުމަށްޓަކައި ބޭރުގެ ލޯނު އެހީތަކަށް ބަރޯސާވާން ޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
25 April 2020
މި އަހަރު ނިމޭއިރު، އޮންނާނެ ސިނާރިއޯ އާމްދަނީ ލިބޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން ތަފާތު އެކި ވާހަކަ ދައްކައިފި ރިކަވަރީ ޕެކޭޖް ރިލީފަށް ބަދަލުވެ ކުއްލިއަކަށް ހަތަރުހާސް ހަތަރުސަތޭކަ މިލިން ރުފިޔާގެ މުއްދަތެއް ނެތް އޯޑީއެއްގެ ތެރޭން ގައުމު ދަރަނިވެރިކުރަން ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ، 13.3-16.9 ބިލިއަން ރުފިޔާ ކަމަށް ބުނެ މެމްބަރުންނަށް ގުޅައިގެން މި ޖަހާ ސަކަރާތްގަނޑު މިތިބީ ބަލަން
އަލީ ހުސެއިން
25 April 2020
ޓީވީ އަށް އަރާ ދެތިން ބަހެއް ބުނެލާއިރަށް ފިނޭންސް މިނިސްޓަރކަން ދިނީމާ ވާނޭ ހައެތިވެނިމިފަ ތިއޮތީ، އެއްވެސް ތަޖުރިބާއެއް ނެތް، ދެން މާކަށް ގިނަދުވަހެއް ނުވާނެހެން ހީވަނީ. އިސްތިއުފާ ދީފާނެހެން ވަރަށް ހީވޭ.
ދެރަ
24 April 2020
މިވަރުންވެސް ދައުލަތުގެ މަތީމަގާމުތަކާއި ޖުޑީޝަރީއާއި މިނިވަން މުވައްސަސާތަކާއި ޕާލަމެންޓްގެ މުސާރަ 50 ޕަސެންޓް ކުޑަކިރާކަށްނުވޭތަ. ފައިސާގެ އަގުވެއްޓި އިންފްލޭޝަން މަތިވުމުން ހުރިހާ ގެއްލުމާއި ނިކަމެތިކަމެއް ދެރަ ފަގީރު ރައްޔިތުންނަށް. ބަންގާޅީންނާއި ސަރުކާރުގެ އިސްވެރިންނަށް ދައުލަތުން ކާންދޭނެ. ސައުދީ ތަންތަނުން ވެސް ބިދޭސީން ފޮނުވާލާއިރު ދިވެހިރާއްޖޭގައި އަދިވެސް އެމީހުންނަށް ވިލެޖް ހަދައިދެނީ.
މޮހޮނުނު
24 April 2020
ފަށަން ހުރި ގިނަ ޕުރޮޖެކްޓް ތައް އެއްގޮތަކަށްވެސް ނުފަށަ އަދި އެހެންވީމ އަލުން ބަޖެޓް ރިވައިސްކޮށް ޕުރޮޖެކްޓް ތައް ކެންސަލް ކުރަން ފެނޭ