ކޮވިޑް-19 ފެެތުރޭ ހާލަތުގައި ޖަލްސާ ބާއްވާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވާ ކުރެއްވަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ބައްދަލުވުން. ވާޗުއަލްކޮށް ޖަލްސާ ބާއްވަން ފެށީ މި ބައްދަލުވުމަަށް ފަހު. ފިތުރު އީދު ބަންދުގައި ވެސް ޖަލްސާތައް ބާއްވާނެ.
20 މެއި 2020 - 16:25
ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތިގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، ނިންމަން އަންނަ ފިތުރު އީދުގެ ބަންދުގައި ޖަލްސާތައް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ މަސައްކަތް މިމަހުގެ 26 ،27 އަދި 28 ވަނަ ދުވަހު ކުރިއަށް ގެންދަވަން ގަސްދުކުރައްވާ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވަނަ ދުވަސް ދިމާވާނީ ފިތުރު އީދު ދުވަހުގެ ދެ ދުވަސް ފަހަށެވެ.
ފިތުރު އީދުގެ ތަހުނިޔާ މެމްބަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ރޯދަ މަހު ދަތިހާލުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މަޖިލީހުގެ ޔައުމިއްޔާތަކާއި ބަޔާންތައް އަދި ޚަބަރުތަކުން އެ މަސަައްކަތްތައް ހިނގައި ދިޔަ ގޮތް ސާފުކޮށް ފެންނަން އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މަޖިލިސް 19 ތަފާތުވާނޭ ތިޔަ ބޭފުޅުން ވިދާޅުވީ. މިހާތަނަށް ތިޔަ އިއްޒަތްތެރި މެމްބަރުން ތިޔަ ގެންދަވަނީ ތިޔަ އިއްޒަތްތެރި މެމްބަރުންގެ ރައްޔިތުންނަށް ދައްކަވަމުން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންގެ އިތުރުން މަޖިލިސްގެ އިދާރީ މުވައްޒަފުންނަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ކައުންސިލަރުންގެ ދައުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތެކެވެ. އެކަން ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތިގެންނެވެ. އެ މައްސަަލަ އަށް ހައްލެއް ހޯދަން ސަރުކާރުން ހުށަހެޅި ސަންސެޓް ގާނޫނުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ. އެކަަމަކު އެ ގާނޫނަށް އަމަލުކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ މަަސައްކަތް އަންނަ ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތީގައި ކުރިއަށް ގެންދަވާނެކަން އިއުލާނު ކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެންނާނީކަން ނުވަތަ ނޫންކަން ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެ ކަމުގައި ގޮތެއް ކަނޑައެޅުމަކީ އެ މަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެ މައުލޫމާތު ސާފުވެފައި އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސްް ނަޝީދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި މެމްބަރުން މިކަމުގައި ދެކެވެޑައިގަންނަވާ ގޮތް އެއީ އަޅުގަނޑާ ގުޅޭ ވާހަކައެއް ނޫން،" ރައްޔިތުންގެ މަޖިލީހުގައި ސުޕަަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފަށަން މި ނިންމީ، ކޮވިޑް-19 ފެތުރޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާނުކޮށްފައި ވާތީ މި ވަގުތު ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނެ ކަމަށް ސުވާލު އުފައްދައި އެތައް ބަހުސެއް ކޮށް އަދި ގާނޫނުއަސާސީ އިސްލާހު ނުކޮށް ގާނޫނަށް އިސްލާހެއް ގެނެސްގެން އެކަން ކުރުމަށް ވެސް މަސައްކަަތްކުރުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
20 May 2020
ޤއ އިސްލާޙްކޮށް ލާމަރުކަޒީ ގާނޫނު އޮތްގޮތް ބަދަލުކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ދާއިރާ ކަމުގައިހަދާ ސަރަހައްދުތަކުން ޤަވަރުނަރާއި އޭނާގެ ނައިބް އިންތިޙާބުކުރާނަމަ މަޖިލިސް އެތުރިގެންވާގޮތް ނުވަތަ މަޖިލީހަށް މެންބަރުން އިންތިހާބުކުރާގޮތަށްވެސް ހަމަ އެބަދަލުގެންނާންޖެހޭނެ. # އެގޮތުން މަޖިލިސް މެންބަރުން ތަމްސީލު ކުރާނީ އުތުރު، މެދު އަދި ދެކުނު ދާއިރާތަށް ކަމުގައި ކަޑައަޅާންވާނެ. ބަޙްސް ކުރާނީ ސަރަހައްދުގެ ހުރި މައްސަލަތަކަށް. ދާއިރާގެ ކަންކަން ބަލާނީ ޤަވަރުނަރު.
ކަސަބު
20 May 2020
މީބޮޑު މުސީބާތެއް. ﷲ މިދުއްޕާނުން މިގައުމު ސަލާމަތް ކޮށްދެއްވާ.
އާދޭސް
20 May 2020
ފޫހި ބައެއް. ތިތަން އުވާލަންފެނޭ. ބޭކާރު ޚަރަދުބޮޑޫ ތަނެއް. ހެޔޮނުވާނެ. ކޯޓަކުންނަމަވެސް، ރައީސް ނަމަވެސް މިމީހުންތަކަށް ދައުލަތުން މިކުރާ ބޮޑު ބޭކާރު ޚަރަދު ހުއްޓުވާދެއްވާ.
ފަހުދު
20 May 2020
ހޫން އަދިމަހީކުރީ އީދައް ބޮޑުވަޒީރުކަމާ ހަވާލުވަނީކަމައް
އޮނަރަބްލް އަފީފު ދީދީ
20 May 2020
އިއްޒަތްތެރި ރައީސް. މިހާރު އޮތް ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ކާމިޔާބް ނުވާނެ. އެމަރިކާ އަދި ޕިލިޕިންސް ގައި އޮތްގޮތަށް ރާއްޖެވެސް އިދާރީ ޤާނޫނީ 3 ސަރަހައްދަކަށް ޑިސެންޓްރަލައިޒް ކުރުމަށް ކަޑައަޅުއްވާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން ދާލަށް (މާލެވެސް ހިމަނައި) ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައި ނިންމަވާ މިއިން ކޮންމެ ސަރަހައްދެއްގެ ރަށްވެހިންގެ ތެރެއިން ޤަވަރު ނަރަކާއި ނައިބެއް ހޮވާން ރައްޔަތުންނަށް ފުރުސަތު ދެއްވާ.
ސުލާފޫން
20 May 2020
މުސާރަކުޑަކުރީމަ ބޮލުގެ އެއްޗެއް ތިހަދާލީ..ކޮމިޓީ އެލަވަންސްނަގައި އެބައި ހަމަކޮށްލަން .ދެރަކަމަކީ ދައުލަތުގެ އެހެން ވަޒީފާތަކަށް ތިޔަ ފުރުސަތު ނެތްކަން..
ޣަމާރު1
20 May 2020
ކޮމިޓީ އެލަވަންސް އެއީ ފިކްސްޑް އެއްޗެއް، އެ ބާއްވަނީ މަޖިލިސްގެ ޖަލްސާއެއް
އެޗްއެންއެސް
21 May 2020
ތިޔ މެމްބަޅުންގެ މުސާރަ ކުޑައެއްނުކުރެއޭ.
ހުޅު ހެންވޭރު.
20 May 2020
އޮނަރަބްލް އަފީފު ދީދީ ހާދަ ވަރަކަށް ރާއްޖެ 3 ބަޔަށް ބަހާން މިއުޅެނީ؟ އަނެއްކާ ދެކުނުގެ ޤަވަރު ނަރުކަން ލިބިދާނެ ހެން ހީވަނީތަ؟ ހެހެހެ. ހުވަފެނުން ތިކަން ވާނީ. ހަމަޖެހޭނީ ކުއްޔަށް މިތާގަ ތިބެން. ކޮން އުތުރެއް ދެކުނެއް ކިޔާކަށް؟
ސީޒަން ޖެކްޝަން
20 May 2020
ހީވަނީ ކުރާނެކަމެއްނެތިގެން ވައިވެގެންއުޅޭ މީހެއްހެން. ވަޒީފާއެއް ހަމަޖެހުނީމާ ރަނގަޅުވާނެ.
އަބޫބަކުރުބެ
20 May 2020
އީދުތެތެރެއަށް ތި ލީ މޮޅު ފަންޏެއްހަނދަންހޭ ހާދަ ހީވެޔޭ. އޭރުން މީހުންވެސް ތިބޭނީ އީދު އަވައިގައި ޖެހިފާ. ކޮންމެގޮތެއް ހެދިޔަސް އޭރުން އެއްޗެކޭ ބުނާނެމީހަކު ނުހުންނާނެ. ވާނެގޮތެއް ވެނިމުނީމާ ދެން ހެދޭނެގޮތެއްވެސް ނޯންނާނެ.
އޮނަރަބްލް އަފީފު ދީދީ
20 May 2020
އިއްޒަތްތެރި ރައީސ. މުޅި ވ. އަތޮޅުގެ އާބާދީ 2000 ހަމަނުވާއިރު އެއަތޮޅު ތިނަދޫގައި 80 މީހުން ރަކީދޫގައި 115 ވަރަކަށް މީހުން ތިބިއިރު މުޅި އަތޮޅުގައި ޤުދުރަތީ ރީތި 19 ރަށް އެބައޮތް. # ދަންނަވާން މިއުޅެނީ މިހާރުއޮތް ލާމަރުކަޒީ ނިޒާމުން "މިފަދަ އަތޮޅުތަކަށް އެކަނިމާއެކަނި" ކުރިއަރައިގެން ނުދެވޭނެއޭ. އެހެން ކަމުން ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަހައްދަކަށް ބަދަލުކޮށް ޑިސެންޓްރަލައިޒް ކުރުމަށް ފުރުސަތުލިބޭގޮތަށް ޤާނޫނުއަސާސީ އިސްލާހް ކުރައްވަވާށޭ.
ރަދީފްް
20 May 2020
ތިޔަ މެންބަރުންގެ ގޮތާއި މިވެރިކަން ވަރަށް ބޮޑަށް ރައްޔިތުން ނޯޓްކޮށްފި ނަތީޖާ ދައްކާނަން ލާވޯޓުން. ނަންވާނީ ހައިވަކރުއޮޑި.