ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް: ގުޅީފަޅު ހިއްކާ ގޮތުން ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލަ މަޖިލީހަށް އޭނާ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/މިހާރު
31 މެއި 2020 - 20:13
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ ފަޅުން ބައެއް ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލަ ބަލައިދޭން އެދިވަޑައިގެން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ގުޅީފަޅުގެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމާ ގުޅިގެން ވިލިމާލޭ ފަރާއި ފަޅުގެ ތެރެއަށް ކިސަޑު ފެތުރި، ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ. މި މައްސަލައިގައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބައެއް އިސްބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް އުފެދި، އީޕީއޭގެ އިސްވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން ވަނީ އިންޒާރު ވެސް ދީފަ އެވެ.
މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އަމިއްލަ މެމްބަރު އުޝާމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވިލިމާލޭ ފަރަކީ މާލެ ސަރަހައްދުގެ ގިނަ ބަޔަކު އެކި ކަންކަމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަން ހަލާކުވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ގާނޫނުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށާއި އެހެންވެ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލައިދޭން އެދޭ ކަމަށް އުޝާމްގެ ސިޓީގައި ވެ އެވެ.
ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކެއްގެ މަތިންކަމަށް. ގުޅީފަޅު ހިއްކުމުގެ މަސައްކަތްކުރަނީ އެއުސޫލުންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރާނެ. pic.twitter.com/Kt4SnnDIcy
— Ahmed Usham (@a_usham) May 31, 2020
އުޝާމްގެ ޓްވީޓް
އުޝާމް ވިދާޅުވި ގޮތުގައި، ބިން ހިއްކުމަކީ ބައެއް ފަހަރު ކުރަންޖެހޭ ކަމަކަށް ވިޔަސް، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވެން ޖެހޭނެ އެވެ. އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. ގުޅީފަޅު ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ކިސަޑު ފެތުރިދާނެ ކަމަށް އީއައިއޭގެ ރިޕޯޓުގައި ފާހަގަކޮށް، އޭގެ އަސަރުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ރިޕޯޓުގައި ލަފާ ދީފައިވާ ކަމަށާއި އެކަމަކު އެ މަސައްކަތް ފެށީ އެ ފިޔަވަޅުތައް އެޅުމެއް ނެތި ކަމަށް އުޝާމްގެ ސިޓީގައިވެ އެވެ.
އެ މައްސަލަ މަޖިިލީހަށް ހުށަހެޅިއިރު، އީޕީއޭ އިން ކުރިން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށާއި ލިބެމުންދާ ގެއްލުންތައް މޮނީޓާ ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
01 June 2020
"އީޕީއޭގެ އިސްވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން ވަނީ އިންޒާރު ވެސް ދީފަ" ވަކިތަފާތެއްވެއްޖެ؟ މިނިސްޓްރީގެ އެކްޓިވިސްޓް ވެރިން ކުޅިގަޑުފެށީ. ނަންވާނީ ބްރޯ.
އިބިރިހިންބެއްޔާ
01 June 2020
ހަ މިލިއަން "ކިއުބިކް މީޓަރުގެ ސަރަހައްދެއް" ހިއްކުމުގެ މަސައްކަތް؟ ބޮސްކާލިސް "ޓީމަށް" އަނެއްކާވެސް ޕްރޮޖެކްޓްީ ދިނީީދޯީ؟ 2009 ގަވެސް "އައި އޮފް މޯލްޑިވްސް" ހެދި ލަންކާ އަދި އިގިރޭސި ވިލާތު ރައްޓެހިންނަށް ކަމެއްކޮށްދޭން ވެގެން.
ޝައިޚް.
01 June 2020
ކޮންމެ ފިޔަވަޅެއް އެޅިއަސް އިރުވައި މޫސުން ނޫން މޫސުމެއްގައި ގުޅީފަޅު ހިއްކާނަމަ ވިލިނގިލި ފަރަށް ކިސަޑު ދާނެ، އެއީ ވާނެގޮތް، އެ ކިސަޑު ފިލާނީ ދެތިން މަސްފަހުން، އެއީ ފަރަށް އެހާ ބޮޑު ބިރެއްނޫން،
ވަޑްޔައްތޮކިނަބާ
01 June 2020
ތިމާވެއްޓާ ބެހޭގޮތުން އ ވެސް ނޭނގިތިބެ ކޮމެންޓްތައްމިކުރަނީ. އުޝާމްވެސް ނުބުނެއޭ ގުޅީފަޅު ހިއްކުން ހުއްޓާލާކަށް. އެބުނަނީ އެކަންކުރަންޖެހޭނެއޭ އެކަމަކު ތިމާވެއްޓަށްލިބޭ ގެއްލުން ވީހާވެސް ކުޑަވާގޮތަށް ކުރުމޭ އެންމެރަނގަޅުގޮތަކީ.
ފޮނިޓައްޕު ހަސަނު
01 June 2020
ކޮންމެ ފަޅެއް ހިއްކިއަސް ޖެހިގެން އޮންނަ ފަރަށް އޮއިވަރު ހުންނަ ގޮތަކުން ކިސަޑުގެ އަސަރު ކުރާނެ އަދި އެކަން ހުއްޓުވުމަށް ކެރެވޭނެ ކަމެއް ނޯންނާނެ. މިސޮރަށް މިވަރު ހަމަ ނޭގެނީތަ ނޫނީ ކަމެއް ކުރާކަން ރައްޔޮތުންނަށް ދައްކަން އުޅެނީތަ. މިއުޅެނީ ހަމަ އެއްވަރެއްގެ މީހުން
ޓިނު
01 June 2020
ތިއީ މިހާރު ކޯޓެއްތަ ؟
ގޮބޮޅިބެ
01 June 2020
މާލެކައިރީގެ ދިރޭ އެއްވެސް ފަރެއް މިހާރަކުނެތް ގްލޯބަލް ވޯމިންގ އާ ހުރެ ލޮނުގަނޑު ހޫނުވެގެން ފަރުތައް ވަނީ މަރުވެފަ މަރުވެފައޮތް ފަރެއް ދެނެއް މަރެއް ނުވާނެ
ފެންބެ
01 June 2020
ނުލާހިކު އޮއި ބާރު ދުވަސްވަރެއް. ގަބޫލެއް ނުކުރަން ތިވަރުވާނެ ކަމަށް.
ބޮޑުމީހާ
01 June 2020
ތަރައްގީ ކުރއަސް ނެތް ސަލާމަތެއް ނުކުރިއަސް ނެތް ސަލާމަތެއް
ވިލިމީހާ
01 June 2020
ގުޅީފަޅު އެބަ ހިއްކާތަ, އެސްކަވޭޓާރ އަކުން ކޮންނަ މަންޒަރު ފެންނަނީ.. މަންޒަރާ އެއްގޮތަށް ވާހަކަ ދައްކާ, ފަޅު ކޮންނަ ސަބަބެއްވެސް ސާފުކޮއްލަދީ.. ނޫސްވެރިޔާ