ސުޕްރީމް ކޯޓު: ޑްރަގް ބޮޑު މައްސަލައެއްގައި ހެކި ހޯދި ގޮތް ގޯސްވުމުން އެ ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ވެސް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
25 ޖޫން 2020 - 15:46
އޮފީހެއްގެ ތެރެއިން ދެ ކިލޯއަށް ވުރެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެއްގައި ފުލުހުން ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ގަބޫލު ކުރަން ސުޕްރީމް ކޯޓުން ވެސް ދެކޮޅު ހަދައި، އެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮފީހެއް ތެރެއިން 2011 ވަނަ އަހަރު ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ރ. މަޑުއްވަރީ މުޝްތަރީގޭ ހުސައިން ސޮބާހު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން 2014 ގައި އޭނާ މިނިވަންކުރީ އެ އޮފީހަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވާތީ އެތަނުން ހޯދި ހެކިތައް ގާނޫނާ ޚިލާފްވާތީ އެވެ. އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ސޮބާހާއި އިތުރު މީހަކު މަގުމަތިން ހުއްޓުވައި، ފާސް ކުރުމަށް ފަހު އެ މީހުން އަތުން އޮފީހެއްގެ ތަޅުދަނޑިއެއް ފެނުމުން އެތަނަށް އެ ދެ މީހުން ގޮވައިގެން ފުލުހުން ގޮސް އެތަން ފާސްކުރީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެ އޮފީހުން ފެނުނު މަސްތުވާތަކެތިން ސޮބާހް އިނގިލީގެ ނިޝާން ފެނުނަސް، އޭގެކުރިން އެ މީހުން މަގުމަތިން ހުއްޓުވީ ވެސް ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށާއި އަދި އޮފީހަށް ވަނީ ވެސް ކޯޓު އަމުރެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ.
ގާނޫނާ ޚިލާފަށް ހޯދާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާ ބޭރު ކޯޓުތަކުގެ ބައެއް ނިންމުންތަކާ ހަވާލާދީ، އެ ހުކުމުގައިވާ ގޮތުން އެފަދަ ހެކިތައް ބަލައިގަތުން ގާނޫނުއަސާސީން މަނާ ކުރާތީ އެ މައްސަލާގައި ގާނޫނާ ޚިލާފަށް ހޯދި ހެކިތަކަށް ބުރަދަން ދެވޭނެ ގޮތެއް ނެތެވެ.
ގާނޫނުއަސާސީގެ 47 ވަނަ މާއްދާ އޮތްގޮތުން ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނަކަށް ވަދެވޭނީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި އެކަނިކަން ފާހަގަކޮށް، ހުކުމުގައިވަނީ އެ އޮފީހަށް ވަނީ އެފަދަ ހާލަތެއް އޮވެގެން ކަން އެނގެން ނެތް ކަމަށެވެ. އަދި ސޮބާހާއި އިތުރު މީހަކު ގުޅިގެން މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުނު ވަގުތާއި އޭނާ ހައްޔަރުކުރި ވަގުތާ ދެމެދު ހަ ގަޑިއިރު ހޭދަވި ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ކޯޓު އަމުރެއް ނެތި މީސްމީހުންގެ އަމިއްލަ ތަންތަނަށް ނުވަދެވޭނެ ކަމަށް ގާނޫނުއަސާސީ ދީފައިވާ އެ ހައްގު ހަނިކޮށްފައިވާ ގާނޫނެއް އެ ހާދިސާ ހިނގިއިރު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފުލުހުންގެ އިހްތިޔާރުތަކާއި ބާރުތައް ބޭނުން ކުރުމުގެ ގަވާއިދުގެ ދަށުން އެފަދަ ތަންތަަނަށް ވަނުމުގެ ބާރު ދީފައި އޮތަސް، ގާނޫނަކުން ހަނި ނުކުރާ ހައްގެއް ގަވާއިދަކުން ހަނި ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުުކުމުގައިވާ ގޮތުން އެ މައްސަލާގައި ކަން ހިނގި ގޮތުން ގާނޫނާ އެއްގޮތަށް، ކޯޓު އަމުރެއް ހޯދަން އެކަށީގެންވާ ވަގުތު ލިބުނެވެ. އެކަމަކު އޭގެ ބަދަލުގައި ފުލުހުން އަމަލުކުރީ ފަސޭހަ އަދި ކުރު މަގަކުން ކަމަށާއި އެއީ ގާނޫނާ ޚިލާފް މަގެއް ކަމަށް އެ ހުކުމުގައިވެ އެވެ.
"ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހަރުދަނާ ހެކި ހޯދަން މަސައްކަަތް ކުރުމުގެ ބަދަލުގައި ފުލުހުން ޚިޔާރުކުރީ މަގްސަދު ހާސިލް ކުރުމުގެ ކުރު އަދި ފަސޭހަ، އެހެން ނަމަވެސް ގާނޫނާ ޚިލާފް މަގެކެވެ. މުޅި ހާދިސާ ބިނާވެފައިވަނީ ސައިކަލު ދުއްވަން ތިބި ދެ މީހެއްގެ ފަހަތުން ފުލުހުން ގޮސް އެ މީހުން ހުއްޓުވި ހިސާބުން ދެން ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަށެވެ." ހުކުމުގައިވެ އެވެ.
ދައުލަތުން ބުނެފައިވަނީ އެތަނަށް ކޯޓު އަމުރެއް ނެތި ވަދެފައިވަނީ އޭރު ފުލުހުން އަމަލުކުރި ގަވާއިދެއްގެ ދަށުން އެ ބާރު ލިބިފައިވާތީ އެވެ. އެހެންވެ، އެގޮތަށް އަމަލުކުރީ ހެޔޮ ނިޔަތުގައި އަދި އެކަށީގެންވާ ސަބަބުތަކެއް (ޕްރޮބަބްލް ކޯޒް) އެއް އޮވެގެން ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.
އެ ނުކުތާގައި ހުކުމުގައި ބުނެފައިވަނީ "ހެޔޮ ނިޔަތަކީ" އަސާސީ ހައްގަކުން މަހްރޫމް ކުރަން ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އަދި ހެޔޮޮ ނިޔަތުގައި ކަމަށް ބުނެ އަސާސީ ހައްގުތައް އެއްފަރާތް ކުރުމުގެ ފުރުސަތު ދެވުމަކީ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ލިބިދާނެ ކަމެއް ކަމަށާއި އަދި ހައްގެއް ބޭނުން ކޮށްގެން ކުށްތަކުން ސަލާމަތްވާން މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު ގާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ނަތީޖާއަކީ އެފަދަ ފަރާތްތައް އެއްކޮށް މިނިވަންވެގެން ދިއުން ކަމަށް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އެ މައްސަލައިން ލިބުނު ފިލާވަޅަކީ ގާނޫނުގައިވާ އިޖްރާއާތުތައް ފުރިހަމަ ނުކުރުމުން އަދަބު ލިބުން އެކަށީގެންވާ ފަރާތެއް މިނިވަންވެގެން ދިއުމެވެ. އޭގެ ސަބަބުން، އެފަދަ ކުށްތަކުން މުޖްތަމައު ސަލާމަތް ކުރަން ކުރާ މަސައްކަތް ބޭކާރު ވެގެންދާ ކަމަށާއި ގާނޫނަށް އަމަލު ނުކުރުމުގެ ނަތީޖާއަކީ ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކެއް ގެއްލުމުގެ އިތުރުން މުޖްތަމައުގެ މަސްލަހަތުތަކެއް ގެއްލުން ކަމަށް ވެސް ހުކުމުގައި އިތުރަށް ބުނެފައިވެ އެވެ.
"އެހެންކަމުން މިފަދަ ކުށްތަކުން މުޖްތަމައުގެ ސަލާމަތް ކުރެވޭނީ ފުލުހުން ހިިންގާ ތަހުގީގުތަކާއި އޮޕަރޭޝަންތައް ގާނޫނީ އިމުގެ ތެރެއިން ކޮށްގެންނެވެ." ހުކުމުގައިވެ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ސޮބާހްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތް ވިޔަސް، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާ މިހާރު ގެންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
26 June 2020
ހާދަ ހެއްވައޭ. މަނާއެއްޗެއް ބޮޑު މަނާ އެއްޗެއް ފުލުހުން ހޯދުމުން އެ ނެތް އެއްޗަކަށް ވަނީތަ. ކޮންމެ ގޮތަކަށް ހެކި ހޯދިޔަސް ސާބިތު ހެކިބަހަކަށް އަދަބު ދެވެންޖެހޭނެ. ޤާނޫނާ ޚިލާފުވި ފުލުހުންނާމެދު ފިޔަވަޅު ވެސް އެޅެންވާނެ. މީފާސިޤު ޙުކުމެއް. ކުށުން ބަރީއަ ކޮށްދިނުމަށް ލިބިފައިވާ ހިތްވަރެއް. ހެކިބަހަކީ ޤާނޫނާ އެއްގޮތަށް ހޯދަންޖެހޭ ކަމަކަށްވުން ލާޒިމުކުރީ ކޮން ޤާނޫނަކުންތަ.
ގިނަ ނަމުގެ ވެރިޔާ
26 June 2020
ޤާޒީންގެ ކުރިމަތީ ކޯޓްގައި ހިނގާ ބައެއް ކަންކަމަށް ވަގުތުން ޙުކުމް ކުރުމުގެ ބާރު ޤާޒީންނަށް ލިބިފައި ވަނީވެސް ޢަދުލް އިންޞާފުކުރުމަށް. އެކަމަކު ޝައްކެއް ޞުބުޙައެއް ނެތް މިންވަރަށް ފުލުހުން ކަމެއް ކުރުމުން އެ ކަމަކީ ދީނާއި ޚިލާފު އަދި ޤާނޫނާވެސް ޚިލާފު އަދި ދިވެހި މުޖުތަމިޢު ބަރުބާދު ކޮށްލާ ކަމަކަށް ވީހިނދުވެސް އެކަމާއި ދެކޮޅަށް ޙުއްޖަތް ނެރެ މަތީ ކޯޓުތަކުން މިކުރާ ހުކުމުގެ ނުބައިކަމާއެވެ. ޔާ ﷲ އެފަދަ ޤާޟީން މި މުސްލިމް މުޖުތަމިޢަށް އިސްނުކުރައްވާށި! އާމީން.
ކަލަމިންޖާ
26 June 2020
ގާޒީން އައްޔަނުކުރަނީ ގާނޫނުގައި ބުނެފައޮތްގޮތަށް ހުކުން ކުރަން. ޢެއީ އިހުތިޔާރަށް ދޫކޮށްފަ އޮންނަ ކަމެއް ނޫން. ހުކުމްކުރީ ގާނޫނުގަ އޮތް ކަންކަމަށް ބަލާފަ. އަހަރެންވެސް ސުވާލުއުފެދިގެން ބަލާލިން. ބަދަލުކުރަންވީ ގާނޫނު.
އަހްމަދުޔ
29 June 2020
އިސްލާމީ ޝަރީޢަތުގައިވާގޮފް އިސްކުރަންޖެހޭ
ބަލާބަލަ
26 June 2020
އެންމެ ފަހުން ލޮކްޑައުން ތެރޭ ޖޫރިމަނާތައް ކުރީވެސް އެންމެ ފުންމިނުން ބަލައިފިނަމަ ގާނޫނާ ހިލާފަށް ކަމަށް ކިޔާއުޅޭ. އެކަން އެނގޭ ވަކީލުންވެސް ހަނު ތިބީ ލޮކްޑައުންއާ ހިލާފަށް ނިކުންނަ މީހުން ޕޮލިހުން ހިފެހެއްޓުން އެއީ ހެޔޮނިޔަތުގައި މުޖުތަމައުގެ ލާބައަށް ކުރެވޭ ކަމަކަށް އެކަންވާތީ އަނގަގަދަ ނުކުރަން ކަމަށް ކިޔާއުޅޭ. އެކަން އެހެން އޮތްނަމަ ކިތަން މީހުން ގާނޫނާ ހިލާފަށް ޖޫރިމަނާކުރެވިފައިވާނެ؟
އެޑަމް
26 June 2020
ފިންގަރޕުރިންޓަކީ ހެކީގެގޮތުގާ މުޅިދުނިޔެ ޤަބޫލުކުރާއެއްޗެއް އެތަކެތީގައޭނަގެނިސާން ހުރީމަ އޭނާގެމައްޗައްއެކަންސާބިތު,ވަންޏާ ދެންޤާނޫނާޚިލާފައްހެކިހޯދުންއެއީ ކުށެއްނަމަަ އެގޮތައް ހެކިހޯދިފުލުހުންގެ މައްސަލަތަޙުގީގުކުރިނަމައެގޮތައް ހެކިހޯދަންޖެހުނު ސަބަބުއެގުނީސްނޫންތޯ,ތީމިޤައުމުގަ ސާބިތުކުރަންހާދައުދަގޫކަމެކޭދޯ? ސަތޭކައަކުން އެކެއްސާބިތުވެހުކުމްކުރަނީ ޭއޭނަވެސްހަފުތާއަކުން މާފުލިބޭނެ!!އޭ
ބޯގޯސް ޤާއްޓޭ
26 June 2020
ޑްރަގަކީ މީހުންގެ ހަށިގަޑަށްށާއި ބުއްދިއަށް ގެއްލުން ދޭ އެެއްޗަކަށްވާއިރު، މަހިތުން އެވާނީ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކަށެވެ
ދެރަ
26 June 2020
މަޖިލީހުގައި އޮންނާނެ މިކަމާބެހޭ ކޮމެޓީއެއް. ޢެތަނުން މިކަންބަލަންފެނޭ. ޢެކަމަކު މިފަދަ ކަންކަމާ އެވެރިން ސައުގުވެރިކަމެއް ނުހުންނާނެ.
ގޯސް
26 June 2020
ހެކި ހޯދުން ގޯސް ވިއްޔާ ހެކި ހޯދި މީހުން ކުއްވެރިވާނީ. އެކަމަކު މަސްތުވާތަކެތި ގެންގުމާ ވިއްކުމަކީ ދީނީގޮތުންވެސް ބޮޑުކުށެއް. ޥީމާ އެ މީހުން ސަލާމަތްވެގެންނުވާނެ.
މިވަރެއްނެތް
25 June 2020
ސީރިއަސް ކުށް ތަހްގީގުކުރާ ފަރާތްތަކަށް މިވަރުގެ އަސާސީ ކަމެއް ހަމަނޭގެނީބާ ނުވަތަ ހަނދާންނެތުނީބާ ނުވަތަ މިއީ ހަމަ ބަޔަކު ސަލާމަތްކުރަން ގަސްދުގައި ކުރި ކަމެއްބާ؟ މިއީ ހައްތާވެސް އުފެދޭ ސުވާލުތައް. ޑްރަގްގެ ވިޔަފާރިއަކީ "އޯގަނައިޒްޑް ކްރައިމެއް". އެ ކުށުގައި ތަހްގީގުކުރާ ފަރާތްތަކާއި، ގާޒީންނާއި، ސިޔާސީވެރިންނާއި ކަސްޓަސްމްސް ފަދަ ތަންތަނުގެ ވެރިން، އެކިއެކި ފެންވަރުގައި، ބައިވެރިކުރުވާ. ރާއްޖެވެސް އިސްތިސްނާ ނުވާނެ. މީގެ އަސްލަކީ ކޮރަޕްޝަން.
ފިތުރޯނު
25 June 2020
ތިމައްސަލަ މަޖުލީހުން ބަލަން ޖެހޭ ކަމަށް ދެކެން
ކަލޭގެ އިދިކޮޅު އަގަ
25 June 2020
ކަލޭ ކައިރިން ކާކު އެހީ މި މައްސަލަ ބަލަންޖެހޭ ތަން؟މަޖިލީހަށް ބިލެއް ފާސް ކުރަން ފޮނުވަނީ މައްސަލައެއް ބަލާކަށެއް ނޫން.
ނަން
25 June 2020
އެއީ ފުލުހުން ގަސްތުގަ ކުރާކަމެއް.
1828
26 June 2020
ވަރަށްބޮޑަށް ބެލެވޭ
ކާސިމު
29 June 2020
އަތް ނުފޯރާ ވަރަށް އިޖުރާއަތް ހަދާފަ، ވިޔަފާރިވެރިން ސަލާމަތް ވާނެހާގޮތެއް ކަނޑައަޅާފަ އޮތީމަ ހޯދެން އޮތްހާގޮތެއް ކުށްކުރާ މީހާ ހޯދާނެ. ފިންގާޕްރިންޓް ވެސް ފެނިފަ، އޭނާގެ ބާރު ހިނގާ ތަނަކުން ފެނުމަކީ ސާބިތުވާންޖެހޭނޭ ކަމެއް. ވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއިއެކު. އެމީހުން ނެތިސް ވަތްނަމަ ސަލާމަތް ވެވިދާނެ. ސްޕްރީމް ކޯޓުގަ ތިބެގެން ދެކޮޅު ނުޖެހޭ، މުޖުތަމަޢު ހަލާކުވާ ޒާތުގެ ކަންކަން ނުކުރޭ!