28 ޖުލައި 2020 - 20:49
ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވުންތައް ބޭއްވުމާއި އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ، އެ ކަންކަން ނުކުރަން ފުލުހުން މިރޭ އަންގައިފި އެވެ.
އިދިކޮޅު، ޕީޕީއެމް/ޕީއެންސީއިން އާދިއްތަ ދުވަހުގެ ރޭ މާލޭގައި އެއްވުމެއް ބާއްވާފައިވާއިރު ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން ހުއްޓުވަން އަންގާފައިވާ ކަމަށެވެ.
"އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި، ބައެއް މީހުން މާސްކް ވެސް ނާޅައި އެއްވުންތައް ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފައި. މި ވަގުތަކީ ކޮވިޑް-19 އަށް ރާއްޖެ އިން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސާވިސް އިން އިލްތިމާސްކޮށް ހަނދުމަ ކޮށްދެން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތުގައި ހިޔާލުފާޅު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ބަޔާން ނެރެފައިވާއިރު އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މާލޭގައި މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ. އެންމެ ފަހުން ބޭއްވި މުޒާހަރާގައި ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނާޅައި ތިބުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިން ވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމުގެ ގޮތުން އެއްވުންތައް ބާއްވާ ސަރަހައްދުގައި ފުލުހުންގެ މީޑިއާ ހަރަކާތްތެރިވާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ. އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ސަރުކާރުގެ ހުއްދަ ނެތި މުޒާހަރާ އާއި އެއްވުންތައް ނުބޭއްވޭނެ ކަމަށް ޔާމީންގެ ސަރުކާރުން ކަނޑައެޅިޔަސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ވެރިކަމަށް އައީ އެކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެކަމަކު، ވެރިކަމުގައި ދޮޅު އަހަރުވީ އިރު ވެސް އެކަން އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި އެ އިސްލާހާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކައި، އެއާ ޚިލާފަށް މަގުތަކަށް ނުކުތީ ވެސް އެމްޑީޕީންނެވެ. އެގޮތަށް ނުކުތް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން އޭރު އަޑުއުފުލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
29 July 2020
ސަރުކާރަށް ބާރުބޮޑުކުރަން ކޮންމެހެން ކޮވިޑް ފަތުރަން މުޒާހަރާ ކުރާނެކަމެއް ނެތް. ކޮވިޑް ކޮންޓްރޯލް ނުވެއްޖެނަމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ލޮކްޑައުން ކުރަންޖެހޭ ހާލަތަށް ގޮއްސިނަމަ ދެންވެސް ޖެހޭނީ ގޭގަ ބަންދުވެގެން ތިބެން.
އަހުމަދު ނަސީރް
29 July 2020
ބަގުލަދޭޝް އިއްޒައްތެރިން ނިކުތީމަ ފިރުމާނީ ދިވެހިދަރީން މަގުތަކައް ނިކުތީމަ ކަރުނަގޭސް ހާއި ރަބަރު ވަޒަން ބޭނުން ކުރާނެ މިސަރުކާރުން ގޮޑިކޮއްކޮ ސަރުކާރެވިއްޔާ........
އާރީ
29 July 2020
އެމްސީ ހަމީދަށް ފުލުހުން ކޮންޓްރޯލު ނުވަންޏާ އިސްތިއުފާދީފަ ގޭގަ އޮވެބަލަ. މިދެން ކިހާ ދެރަކަމެއްތަ. ބޮނޑް ބަލިމަޑްކަމެއް ފަތުރަށް ޖާގަދީގެން ޓްވިޓް ކޮށްލަ ކޮށްލަ.
ވަންޑޯ
29 July 2020
ފުލުހުން ކީއްވެހޭ މުޒާހަރާތައް ނުހުންޓްވަން ތިއުޅެނީ. މީ ކުއްލިނުރަށްކަލުގެ ހާލަތެކޭ. އެޗްފީއޭން އެއޮތީ ގަވާއިދު ތައް އެކުލަވައިލާފަ. ފުލުހުން ތަންފީޒް ނުކުރާތި ސުވާލު އުފެދޭ މިހާރު އެބަ.
އަލީ!
29 July 2020
އެއްވުންތަށް ބާއްވާނަމަ އެއްވުންތަށް ޑިސްއިންފެކްޓުކުރަންޖެހޭ ކަރުނަގޭހުން.
ކަތީބު
29 July 2020
އަންބުޗުމެން ހީ ނުކުރާތި އަބަދު މަގުމަތިން ވެރިކަން ވެއްޓޭނޭ. ތިހެން އަތުންފައިން މަސައްކަތެއް ނުކޮށް މީހުން އަތުން ދަމައިގެން އުޅެނިކޮށް ނުރަޖެހީތި. ދެންވެސް ވަގުތު އޮށްވަ ހެޔޮމަގަށް ރުޖޫއުވެބަލަ ތި ބޯދާ ހިޔާލު ދޫކޮށްލައިފަ.
ރޫޅާލާ
29 July 2020
ތިމީހުންގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ކޮވިޑް ޖެހޭނެ، ތި ނިމާލު ޖަލަށް ލާ، ކިހާބޮޑު އުނދަގުލެއް، ކަރުނަ ގޭސް ޖަހާ ރޫޅާލާ
ާއުނިމާ
29 July 2020
ހަމައެކަނި އެއްވުންތައް ހުއްޓުވާކަންނުޖެހޭ! ދެން ހުރިހާ ކަމެއްކުރެވޭ! މަގުތައްމަތީ މީހުން ކިތައްމެ ގިނަވިޔަސް ހެޔޮދޯ، ބާޒާރުމަތި ބަލާބަލަ، ކެފޭ ހޮޓާތައްބަލާބަލަ، ކުޅިވަރުކުޅޭތަންތައް ބަލާބަލަ، ބީޗުތައް ބަލާބަލަ، ދަރުރުއެބަދޭ، ދޯނީތަކުގަ ފުރާފުރާ ބާރުކޮށް މީހުން ރައްރަށައްވެސް ގޮސްފި ..ދެން ކިޔާނެެެެެެ ކޮބާތޯ ތިޔަ ކުރެވުނު މޮނީޓޮރިންނެއް.. ހަރުކަށި ލޮކްޑައުން ނުކޮށް ދެން މިކަމެއްނުވާނެ..1 މަހުން މިކަން ސާފުކުރެެވޭނެ!
ކިޔުންތެރި
29 July 2020
މިއީ އެއްގޮޅިއަކަށް ދާނެމީހުން ގޮޅިއަށްދިއުމުގެކުރިން އުޅެވޭގޮތް މީ
އަލީ އަސްފާގު
29 July 2020
ކޮވިޑުގެ މި ދުވަސްކޮޅު ގައިރު ގާނޫނީ އެއްވުންތަށް ބާއްވާ ފަރާތްތައް ޖޫރިމަނާކޮށް އަދި މައްސަލަ ކޯޓަށް ފޮނުވުމަށް ގޮވާލަން. ޔާމީނުކަން ކުރިގޮތަށް މި މީހުނާއި މެދުވެސް އަމަލުކުރުމަށް ގޮވާލަން