ޚަބަރު / ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް

ޖޭޖޭޔޫ އަށް މިދިޔަ އަހަރު ގިނައިން ހުށަހެޅީ ސްކޫލަށް ނުދާ ކުދިންގެ މައްސަލަ!

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ޖޭޖޭޔޫއަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި ގިނައީ ސްކޫލަށް ނުދާކުދިން.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

27 އޯގަސްޓް 2020 - 17:53

އެކި ކުށްކޮށްގެން ޖުވެނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި އެންމެ ގިނައީ ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ މައްސަލަތައް ކަމަށް، މިއަދު އާއްމުކުރި އެ ޔުނިޓުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖޭޖޭޔޫގެ މިދިޔަ އަހަރުގެ ރިޕޯޓު ދައްކާގޮތުން، ގާނޫނާ ހިލާފުވެގެން މިދިޔަ އަހަރު ތަފާތު އެކި 312 މައްސަލައެއް ހުށަހެޅި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 11.9 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 147 ކުދިންނަކީ ކުށް ތަކުރާރުކުރި ކުދިންނެވެ. އެ ޔުނިޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 165 ކުދިންނަކީ އަލަށް ކުށްކުރި ކުދިންނެވެ.

ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 44 ޕަސެންޓް ކުދިންނަކީ ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެވެ. ކިޔަވަން ދާ ކުދިންގެ އަދަދު 17 ޕަސެންޓުގައި ހުރިއިރު، ތަފާތު އެކި ކުށްތަކުގައި ޖޭޖޭޔޫއަށް ރިޕޯޓުކޮށްފައިވާ ކުދިންގެ ތެރެއިން 33 ޕަސެންޓް ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިންނެވެ.

ޖޭޖޭޔޫ އިން ބުނާގޮތުގައި 2017 ވަނަ އަހަރުން ފެށިގެން އެ ޔުނިޓަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. އެކަމަކު ހުށަހަޅާ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާއީ އިގުތިސޯދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތައް ގިނަކަން ފާހަގަކުރި އެވެ.

މީގެ ދެ އަހަރު ކުރިއާ އަޅާ ބަލާއިރު، 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގައި އަލަށް ކުށްކުރި ކުދިންގެ އަދަދު މަދު ނަމަވެސް މިދިޔަ އަހަރު ކުށް ތަކުރާރުކުރި ކުދިންގެ އަދަދު އިތުރުވެފައިވެ އެވެ.

ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަލަށް ކުށްކުރި ކުދިންގެ އަދަދު 2018 ވަނަ އަހަރު ހުރީ 184 ގަ އެވެ. ކުށްތަކުރާރުކުރި ކުދިންގެ އަދަދު 111 ގައި ހުރިއިރު 2017 ވަނަ އަހަރު ކުށްތަކުރާރުކުރި ކުދިންގެ އަދަދު 153 އަށް އަރަ އެވެ. މައްސަލަތަކުގެ ތެރެއިން އަލަށް ކުށްކުރި ކުދިންގެ އަދަދު އެ އަހަރު އުޅުނީ 227 ގަ އެވެ. އޭގެ ކުރީ އަހަރު، ކުށްތަކުރާރުކުރި ކުދިންގެ އަދަދު 104 އަދި އަލަށް ކުށްކުރި ކުދިންގެ އަދަދު އުޅުނީ 217 ގައި ކަމަށް ރިޕޯޓުން ދައްކަ އެވެ.

ފާއިތުވި ނުވަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ކުޑަކުދިންގެ ކުށްތަކާ ގުޅިގެން ޖޭޖޭޔޫ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު އެކަނި ވެސް 405 މައްސަލަ ހުށަހެޅި އެވެ. ދެން އެންމެ ގިނައިން މައްސަލަ ހުށަހެޅި 2018 ވަނަ އަހަރު ވެސް 349 މައްސަލަ ރިޕޯޓުކުރި އެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 93 ޕަސެންޓް ގުޅެނީ ފިރިހެން ކުދިންނާ އެވެ. އަންހެން ކުދިންނާ ގުޅޭ މައްސަލަތައް މަދު ނަމަވެސް ފިރިހެން ކުދިންނާ އަޅާބަލާއިރު އަންހެނުން ކުދިންގެ ރައްކާތެރިކަމާ ގުޅުންހުރި ކަންބޮޑުވާ ތަފާތު މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރި އެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ 16-18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އަންހެން ކުދިންގެ ތެރެއިން އެންމެ ގިނައީ 16-17 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. ފިރިހެން ކުދިންގެ ތެރޭގައި ގިނައީ 17 އަހަރުގެ ކުދިންގެ މައްސަލަތެކެވެ.

ފާއިތުވި ނުވަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، 15 އަހަރުން ދަށުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހަޅާ އަދަދު ދަނީ އިތުރުވަމުންނެވެ. އެ އަދަދު 2015 އާއި 2016 ވަނަ އަހަރު ދެ ގުނައަށް އިތުރުވެފައި ވެ އެވެ.

ތައުލީމީ ހަޔާތް

މީގެ ހަތަރު އަހަރު ކުރިން، 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ އަދަދު ގާތްގަނޑަކަށް ދެ ގުނަ މަދުވެފައިވަނިކޮށް އެ އަދަދު 2018 ވަނަ އަހަރާއި މިދިޔަ އަހަރު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވެ އެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ނުވަތަ ކިޔެވުން ހުއްޓާލާފައިވާ ކަމަށް 133 ކުދިން ފާހަގަކުރެވޭ ކަމަށް ރިޕޯޓުން ބުންޏެވެ. އެގޮތުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ޕްރައިމަރީ ގްރޭޑުތަކުގެ ތެރޭގައި ގްރޭޑު 4-7 ގެ ދަރިވަރުން ހިމެނެ އެވެ. ސާނަވީ އަދި މަތީ ސާނަވީ ގްރޭޑުތަކުން ވެސް ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަކުރެވެ އެވެ. އެގޮތަށް އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވަނީ ގްރޭޑު 9 އަދި 10 ގައި ކިޔަވާ ދަރިވަރުންނެވެ.

ސްކޫލަށް ދިއުން ހުއްޓާލި ސަބަބުތަކުގެ ތެރޭގައި އެ ކުދިންނާއި އާއިލާއިން ފާހަގަކުރަނީ، އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކުށުގެ ވެށީގައި އުޅޭ ރައްޓެހިންނާ އެކު އުޅުމާއި އުމުރުން ދޮށީ މީހުންނާއެކު ބޭރުގައި އުޅުމާއި ސްކޫލުތަކުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ކިޔަވަން ދާހިތް ނުވުމެވެ. އޭގެ އިތުރުން އަހުލާގީ މައްސަލަތަކާ ގުޅިގެން ސްކޫލުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން ކިޔެވުން ހުއްޓާލި ކުދިންނާއި ޓީޗަރުންނާ މައްސަލަތައް ޖެހި އެ މައްސަލަތައް ހައްލުނުވުމާއި ކިޔެވުން ދަށްވަމުންދާކަން ގަބޫލުކުރެވޭތީ ކިޔެވުން ހުއްޓާލި ކުދިން ވެސް ހިމެނެ އެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2016 އަހަރުން ފެށިގެން ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު މަދުވިއަސް މިދިޔަ އަހަރު ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވެ އެވެ. ކުށުގެ ވެށީގައި އުޅުނު ނަމަވެސް ސްކޫލަށް ދާ ކުދިން 2016-2018 ވަނަ އަހަރު އިތުރުވަމުން އައި ނަމަވެސް އެ އަދަދު މިިދޔަ އަހަރު ގާތްގަނޑަކަށް ދެ ގުނަ މަދުވެފައި ވެ އެވެ.

އޯ ލެވެލް ނިންމާ ކުދިން ކުށުގެ ވެއްޓަށް ދިއުން ކޮންމެ ވެސް ވަރަކަށް މަދުކަމަށް ފާހަގަކުރެވުނަސް ސްކޫލަށް ދިއުން ހުއްޓާލާ ކުދިންގެ އަދަދު އިތުރުވާނަމަ ކުޑަކުދިން ކުށްކުރާ ނިސްބަތް އިތުރުވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އާއިލީ ހާލަތު

މިިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު 39 ޕަސެންޓް ކުދިން ނިސްބަތްވަނީ މައިންބަފައިން ވަކިވެފައިވާ އާއިލާތަކަށެވެ. އާއިލާގެ ތެރެއިން 33 ޕަސެންޓް ނިސްބަތްވަނީ މައިންބަފައިން އެކީގައި އުޅޭ އާއިލާތަކަށެވެ.

ޝަރުއީ ބައްޕަ ނެތް ކުދިންނާއި މަންމަ ނުވަތަ ބައްޕަ ނުވަތަ ދެ މީހުން މަރުވެފައިވާ ކުދިން އިތުރަށް ނިކަމެތިވެ ކުށުގެ ވެއްޓަށް ވަންނަން ފުރުސަތު ބޮޑުވެގެންދާކަން ވެސް ރިޕޯޓުގައި ފާހަގަކުރެވެ އެވެ. އެގޮތުން 2011-2018 ވަނަ އަހަރާ ހަމައަށް، ތަފާސްހިސާބުތަކުން ދެއްކީ ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އާބާދީގެ އެންމެ ބޮޑު ބައި ނިސްބަތްވަނީ ގުޅިފައިވާ އާއިލާތަކަށް ކަމެވެ. އެކަމަކު މިދިޔަ އަހަރުގެ ތަފާސްހިސާބުން ދެއްކީ ގާނޫނާ ހިލާފުވާ އެންމެ ގިނަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށް ކަމެވެ.

"އާއިލާއަކީ ކުއްޖާ ކުށުން ދުރުހެލި ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއަކަށް ވާހިނދު، އާއިލީ މައްސަލަތައް އިތުރުވުމުގެ ސަބަބުން ކުއްޖާ ކުށުގެ ވެއްޓަށް ދިއުމަށް މަގުފަހިވާނެ އެވެ. އަދި އާއިލީ މައްސަލަތައް ދިމާވުމުގެ ސަބަބުން ކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުސަތު އިތުރުވެގެން ދާނެ އެވެ. ކުއްޖާގެ އުޅުމަށް ނޭދެވޭ ބަދަލުތައް އަންނަ ހިސާބުން ފެށިގެން ކުއްޖާއަށް ބޭނުންވާ އަޅާލުން ނުދެވިއްޖެނަމަ ކުއްޖާ އުޅުން އިތުރަށް ގޯސްވުމުގެ ފުރުސަތު އޮންނާނެ އެވެ،" ސޯޅަ ސޮފްހާގެ ރިޕޯޓުގައި ބުންޏެވެ.

ކުށުގެ ބާވަތްތައް

މިިދިޔަ އަހަރު ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެފަދަ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި ބަނގުރާ ބޭނުންކުރުން ފަދަ މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 35 ޕަސެންޓެވެ.

މައްސަލަތަކުގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ވައްކަންކުރުމާއި މާރާމާރީގެ މައްސަލަތަކެވެ. އަންހެން ކުދިންގެ ފަރާތުން ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.

ބޮޑެތި މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުން އޮތް ވަރަށް ބަލާއިރު، ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ހަތް މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. ވޭތުވެދިޔަ އަށް އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. އެކަމަކު މިދިޔަ އަހަރު 18 އަހަރުން ދަށުގެ ކުދިން ހިމެނޭ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވެ އެވެ.

"އެހެން ނަމަވެސް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން އަދި އެފަދަ އެތަކެތީގެ ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވޭތުވެދިޔަ އަށް އަހަރުތެރޭގައި ވައްކަން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ،" ރިޕޯޓުގައި ބުންޏެވެ.

"ކުށުގެ ބާވަތްތަކަށް ބަލާއިރު، ބޮޑެތި މީހުންނާއި ގްރޫޕުތަކާ ގުޅިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. "މައްސަލަ ހައްލުކުރުމަށް" މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުންދާކަން ފާހަގަކުރެވެ އެވެ. މިފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާކަން ނުވަތަ އެ ކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުންދާކަން ވެސް ފާހަގަކުރެވެ އެވެ،"

އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު މާރާމާރީގެ މައްސަލަތަކުގައި އަންހެން ކުދިން ވެސް ބައިވެރިވެފައި ވެ އެވެ. އަތޮޅުތަކުން ވެސް ކުޑަކުދިން ގްރޫޕު މާރާމާރީއަށް މާލެ ގެނެސް، ކުށުގެ ވެށީގައި އުޅޭ މީހުން ދިރިއުޅޭ ގޭގެގައި ނުވަތަ ސަރަހައްދުތަކުގައި އެ ކުދިން ގެންގުޅޭކަމަށް ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރު އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތަކުންނެވެ. އެކި އަތޮޅުތަކުން 52 ޕަސެންޓް ކުދިންގެ މައްސަލަތައް ހުށަހަޅާފައި ވެ އެވެ. މާލެ ފިޔަވައި އެންމެ ގިނައިން މައްސަލަ ހުށަހެޅީ ހއ، ރ، ގދ. އަދި އައްޑު އަތޮޅުންނެވެ.

ކުޑަކުދިން ކުށްކުރުމަށް ދިމާވާ ސަބަބުތައް

ކުދިން ކުށްކުރުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެކަމުގައި ކުއްޖާ ތަރުބިއްޔަތުކުރުމުގެ ހުރިހާ މަރުހަލާއެއްގައި މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ހިމަނާފައިވާ ބައެއް ސަބަބުތަކުގެ ތެރޭގައި، ކުޑަކުދިންނަށް އެކަށީގެންވާ ތަރުބިއްޔަތު ނުލިބުމާއި މައިންބަފައިންނަށް ރީތި ނަމޫނާ ނުދެއްކެވުމާއި ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި ހައްލުކުރުމުގެ މައުލޫމާތާއި ހުނަރު މައިންބަފައިންނަށް ލިބިިފައި ނެތުން ހިމެނެ އެވެ. އޭގެ އިތުރުން ކުދިންގެ ފަރާތުން ފެންނަ އަހުލާގީ މައްސަލަތައް ނުވަތަ ކުށުގެ އަމަލުތައް މާ ބޮޑު ކަމަކަށް ނުހަދައި އެކަންތައްތައް ފޮރުވުމާއި މައިންބަފައިން ނުވަތަ އިތުބާރު ހިފޭ މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުމާއި އެފަދަ ކުދިން މުޖުތަމައުގައި އެކަހެރިވުމަކީ ވެސް ސަބަބެކެވެ.

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބޮޑެތި މީހުން، ކުށުގެ ތެރެއަށް ކުޑަކުދިން ވެއްދުމަށް މަސައްކަތްކުރުމަކީ ވެސް، ކުށްކުރާ ކުދިން އިތުރުވާ ކަމެކެވެ. އެގޮތުން މަސްތުވާތަކެތި ވިޔަފާރިކުރުމާއި އެތަކެތި ބޭނުންކުރުމަށް ހިތްވަރު ދީ ބޮޑެތި މީހުންގެ ޝިކާރައަށް ގިނަ ފަހަރު ވަނީ ފުދުންތެރިކަން ކުޑަ، އަޅާލާނެ މީހެއް ނެތް، ސްކޫލަށް ނުދާ އަދި ނަފްސާނީ ތަފާތު މައްސަލަތައް ހުންނަ ކުދިންނެވެ.

ކިޔެވުން ގެއްލޭ ކުދިންނަށް ތައުލީމާއި ތަމްރީނު ލިބޭނެ ފުރުސަތު އެންމެ އެކަށީގެންވާ ވަރަށް ނެތި، ސާނަވީ ތައުލީމް ކުރިއަށް ގެންދަން ބޭނުންވާ ކުދިންނަށް އެދެވޭ ގޮތުގައި އިތުރު ފުރުސަތުތައް ނުލިބުމުން ފެށިގެން އެއްގޮތަކަށް ވެސް ސްކޫލަށް ނުދާ ކުދިންގެ މައިންބަފައިންނަށް ކުދިންގެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވުމަކީ، ތަފާތު އެކި ކުށްތަކުގައި 18 އަހަރުން ދަށުގެ ކުދިން ބައިވެރިވާ ސަބަބެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 83%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454