ސީރިއާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވަނީ މަރުވެފައި.
27 އޮކްޓޯބަރ 2016 - 09:11
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 27) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން މަރާލާފައިވާ ކަމަށް ޔުނިސެފުން ބުނެފި އެވެ.
"ގަސްދުގައި ދިން ހަމަލާއެއް ނަމަ މިއީ ހަނގުރާމައިގެ ބޮޑުވެގެންވާ ކުށެއް،" ޔުނިސެފްގެ ޑިރެކްޓާ އެންތަނީ ލޭކް ވިދާޅުވި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވައިގެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައި ވަނީ ރަޝިޔާ ނުވަތަ ސީރިއާގެ ބޯޓުތަކުން ކަމަށެވެ. އަދި ވައިގެ ހަ ހަމަލާގައި 22 ކުދިންނާއި ހަ ޓީޗަރުން މަރުވި ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.
ސީރިއާގެ އިދްލީބަށް ދޭ ހަމަލާތަކުގައި އެ ޕްރޮވިންސަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި. --ފޮޓޯ:ސީރިއަން ސިވިލް ޑިފެންސް
ލޭކް ވިދާޅުވީ ސްކޫލަށް ފުލުފުލުގައި ހަމަލާތައް ދީފައިވާ ކަމަށެވެ. އަދި މިއީ މީގެ ފަސް އަހަރު ކުރިން ސީރިއާގެ ހަނގުރާމަ ފެށި ފަހުން ސްކޫލަކަށް ދިން އެންމެ ނުރައްކާ ހަމަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީރިއާގެ އިދްލީބުގެ ކޮންޓްރޯލް އޮތީ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝް އަލް ފަތުހު ކިޔާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައި އެލަޔަންސެއްގެ ބާރުގެ ދަށުގަ އެވެ. މީގެ ތެރޭގައި ކުރީގެ ނުސްރާ ފްރަންޓް ނުވަތަ މިހާރުގެ ފަތަހަ ޝާމު ހިމެނެ އެވެ. އަދި އިދްލީބަކީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މަދު ތަންތަނުގެ ތެރޭން އެއް ތަނެވެ.
އެހީދޭ ޖަމާއަތެއް ކަމަށްވާ ސީރިއަން ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް އިން ބުނީ ހަމަލާ ދިން ކޮމްޕްލެކްސްގައި ތިން ސްކޫލް ހިމެނޭ ކަމަށެވެ. ހަމަލާ ދިން އިރު ސްކޫލް ކުދިންތައް ތިބީ ސްކޫލުން ނުކުންނަށް ތައްޔާރުވެފައި ކަމަށް ބުންޏެވެ. އެއީ އެ ޕްރޮވިންސްގެ އެހެން ތަންތަނަށް ދޭ ވައިގެ ހަމަލާތަކާ ގުޅިގެން އެ ދުވަހު އެ ސްކޫލް ކުދިން ކުރިން ގެއަށް ފޮނުވާލުމަށްޓަކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
27 October 2016
ދިވެހިން މިވާހަކަ ނުދައްކަނީ ކީއްވެތަ! އައި.އެސް ޖަމާޢަތުގެ ވާހަކަ ވަރަށް ބާރަށް ދައްކާން