ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ވަޒީފާއަދާކުރާ ސްކޫލް ކަނޑައަޅާ އުސޫލާ މެދު ޕްރިންސިޕަލުން ކަންބޮޑުވެއްޖެ

ތައުލީމީ އާ އަހަރުގެ ކިޔެވުން ފެށުމަށް ކަލާފާން ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ވެރިންނާއެކު އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން އަދި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

11 ސެޕްޓެމްބަރ 2020 - 18:20

60 comments

ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެކުލަވާލާ ކޮމިޓީއަކަށް ދިނުން ފަދަ ކަންކަމަކީ ތައުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ސިލްސިލާއެއް ކަމަށް ބުނެ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ތައްޔާރުކުރި އުސޫލާ މެދު ގިނަ ޕްރިންސިޕަލުން ކަންބޮޑުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާއްމުކުރި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލުގައި ބުނާގޮތުން، ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.

ޕްރިންސިޕަލްގެ މަގާމުގައި ތިބޭ މުއްދަތަކީ ހަތަރު އަހަރެވެ. އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް އެ އުސޫލުގައި ބުނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެހެން ސްކޫލަކަށް ބަދަލުކުރުމާމެދު ގޮތެއް ނިންމާނީ "ޕްރިންސިޕަލުން ވަޒީފާއަދާކުރާނެ ސްކޫލު ކަނޑައަޅާ" ކޮމިޓީން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ އުސޫލު އާއްމުކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ހިމެނިވަޑައިގަންނަވާ ވައިބަ ގްރޫޕުގައި ގިނަ ޕްރިންސިޕަލުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ ޕްރިންސިޕަލުންގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލީ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކޮށް ސީއެސްސީއާއެކު ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފައި ކަމަށެވެ. ޓީޗިން ސާވިސް އޮފިސަރުގެ އޮނިގަނޑު އުވާލައި އާ އޮނިގަނޑެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތައް ހައްލުވެގެން އަންނާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

"ސީއެސްސީ އިން އެޕްރޫވްކޮށްފައި މިއަދު އާއްމުކުރެވުނު އުސޫލަކީ މިދިޔަ އަހަރުން ފެށިގެން ސީއެސްސީއާއެކު މަޝްވަރާކުރެވި، ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ނިޒާމަށް މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން ވުޖޫދު ކުރެވުނު އުސޫލެއް. މިއަށް އަމަލުކުރެވިގެންދާއިރު އޭގައި ބުނެފައިވާ ކަންކަން ފުރިހަމަކުރެވޭނެ،" ވައިބާ ގްރޫޕުގައި ޕީއެސް ވިދާޅުވި އެވެ.

އޮނިގަނޑަށް ގެނައި ބަދަލު ޕީއެސް ސާފުކޮށްދެއްވި ވައިބާ ގްރޫޕްގައި ތައުލީމީ ދާއިރާގެ 247 މެމްބަރުން ހިމެނެ އެވެ.

އުސޫލާ މެދު ހިތްހަމަނުޖެހިފައި ހުރި ޕްރިންސިޕަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޔުނިވާސިޓީތަކުގެ ޑީން އައްޔަންކުރާ ގޮތަށް ޕްރިންސިޕަލުން ވެސް ވަކި މުއްދަތެއް ވަންދެން މަސައްކަތް ކުރުމަކީ ގޯސް ކަމެއް ނޫން ކަމަށް އަމިއްލައަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް މި އުސޫލުގައި، އެޑިއުކޭޝަން މިނިސްޓްރީ ބޭނުންވުމުން، އަމިއްލަ ރުހުމާ ނުލައި ވެސް ވަޒީފާ ބަދަލުކުރެވޭއިރު އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ތަނަކަށް އެޕްލައިކޮށްގެން އަޅުގަނޑަށް މި ލިބެނީ.... މިސާލަކަށް އަޅުގަނޑު މި ސްކޫލަށް އެޕްލައިކޮށްގެން މި ސްކޫލުގެ ވަޒީފާގައި ނޫންތޯ މި ދަނީ. އަޅުގަނޑުގެ މުޅި ދިރިއުޅުން ހުރިހާ ކަމެއް އޮންނާނީ މިތާގައި ނޫންތޯ. ކުއްލިއަކަށް މިނިސްޓްރީން އަޅުގަނޑުގެ ވަޒީފާ ކޮންމެ ވެސް އެހެން ރަށެއްގެ ތަނަކަށް ބަދަލުކުރީމަ އަޅުގަނޑުގެ މުޅި ދިރިއުޅުން ނޫންތޯ އެ ބަދަލުވެގެން ދަޔައީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވޭނެ ކަމެއް ނޫން،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ 212 ސްކޫލު ހުންނައިރު، މިހާރު ވެސް އެ ސްކޫލުތަކަށް އެކަށީގެންވާ ވަރަކަށް ޕްރިންސިޕަލުން ނުލިބެ އެވެ. އާ އުސޫލާ އެކު، އެއް ސްކޫލުގައި ގިނަ ވެގެން ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އަށް އަހަރަށް ހެދުމުން ގިނަ ބަޔަކު ތައުލީމީ ދާއިރާ ދޫކޮށްލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެހެން ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި އާ އުސޫލާ އެކު ވަޒީފާގެ ޔަގީންކަން ވަނީ ގެއްލިފަ އެވެ. އާބާދީ ބޮޑު ތަންތަނަށް ވުރެ ކުދި ރަށްތަކުގައި ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ގުޅޭ އެފަދަ މައްސަލަތައް ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލުންގެ މަގާމު މިހާރު އޮތް ގޮތުން ބޮޑަށް ފެންނަނީ ސިޔާސީ މަގާމެއްގެ ގޮތުގަ އެވެ.

"ފަސް މެމްބަރުންގެ ކޮމިޓީއަކުން މި ނިންމަނީ ޕްރިންސިޕަލް ދާނީ ކޮން ތަނަކަށްތޯ. އެ ފަސް މެމްބަރުންގެ އަތުގައި އޮތް ބާރެއް ނޫންތޯ، އަޅުގަނޑުމެންގެ މެރިޓް ސެޓްފިކެޓުތަކާއި އަޅުގަނޑުމެންގެ އެއްވެސް އެއްޗެއް އޭޭރުން ކައުންޓެއް ނުކުރާނެ. ނެތެއްނޫންތޯ އެއްވެސް ވެލިއުއެއް. ފަސް މެމްބަރުން ބޭނުންވާ ތަނަކަށް ލީމައި ނިމުނީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ އޮނިގަނޑުން ޕްރިންސިޕަލުން ބޭރުކޮށް، ޕްރިންސިޕަލުންނާ ގުޅޭ އުސޫލެއް ހަދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުންޏަސް ހަ އަހަރު ވެގެން ދިޔައިރު ވެސް އެފަދަ އުސޫލެއް ނެތެވެ. އެ މައްސަލައަށް ހައްލު ނުލިބި އޮއްވައި، ކުއްލިއަކަށް އާއްމުކުރި އުސޫލަކީ ޕްރިންސިޕަލުންނަށް ދިން "ލަނޑެއް"ގެ ގޮތުގައި ބައެއް ޕްރިންސިޕަލުން ދެކިވަޑައިގަންނަވަ އެވެ.

ގާނޫނީ ވަކީލް އަދި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރައްވާ މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލުން މަސައްކަތްކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު، ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފެވެ. މަސައްކަތްކުރާނެ ކޮންޓްރެކްޓެއް ހަދާފައި އޮއްވައި، އެ މީހަކު އެގޮތަށް ބަދަލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ގަވައިދުގެ ޗެޕްޓާ 8 ހާއްސަކޮށްފައިވަނީ ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުން އަދި ވަޒީފާއިން ވަކިކުރުމާ ގުޅޭ ކަންކަމަށެވެ. އޭގައި ބުނާގޮތުން ވަޒީފާ ދިނުމާއި އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ ބާރުތައް ލިބެނީ ސީއެސްސީއަށެވެ.

އެ ގަވައިދުގައި، މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާ ބެހޭ މާއްދާއެއް ވެސް އެބައޮތެވެ. ނަމަވެސް އެއީ އެ މުވައްޒަފު އަމިއްލައަށް ބޭނުންވެގެން ވަޒީފާ ބަދަލުކުރުމާ ގުޅޭ ކަމެކެވެ. ވަޒީފާ ބަދަލުކުރުމާ ބެހޭ ވަކި މާއްދާއެއް އޮންނައިރު އޭގައި ބުނަނީ ސިވިލް ސާވިސް މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ވަޒީފާ ބަދަލުކުރުމަށް މަސްއޫލު އޮފީހުން ކޮމިޝަނަށް ހުށަހަޅާނީ ވަޒީފާ ބަދަކުރުމަށް އެދޭ ޗިޓުންނެވެ. އެ މާއްދާގެ ދަށުން މުވައްޒަފަކު އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާއިރު، އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް ނުވަތަ ރުހުމަކާއެކުގައި މެނުވީ ބަދަލުކުރެވޭނީ ވެސް ވަކި ހާލަތެއްގަ އެވެ. އޭގައި މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިއްމު ޝަރުތެއް މުވައްޒަފުގެ ކިބައިން އުނިވުމާއި މަސައްކަތްކުރަންޖެހޭ ފެންވަރަށް މަސައްކަތް ނުކުރުން ފަދަ ކަންކަމަށެވެ.

ސިވިލް ސާވިސްގެ ވަޒީފާއަކަށް އިއުލާނުކުރާއިރު، މަގާމުގެ ނަމާއި ވަޒީފާއަދާ ކުރަންޖެހޭ ތަނާއި ރަށާއި މަގާމުގެ ރެންކާއި ކްލެސިފިކޭޝަނާއި މަގާމުގެ ޝަރުތުތަކުގެ އިތުރުން ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް ބަޔާންކުރަންޖެހޭނެ އެވެ. ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު މިނިސްޓްރީގެ ވަކި ކޮމިޓީއަކަށް ދިނުމަކީ، ސީއެސްގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި ވާހަކަދެއްކެވި އެހެން ޕްރިންސިޕަލަކު ވިދާޅުވީ، ޕްރިންސިޕަލުން މަސައްކަތްކުރާނެ ތަނެއް ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ.

އެއް ސްކޫލެއްގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވަޒީފާއަކަށް ވާއިރު އެ އަށް ކުރިމަތިލުމުގެ ހައްގު އޭނާއަށް ލިބެން ޖެހެ އެވެ. ނަމަވެސް ހަނި އުސޫލަކުން އެ ހައްގުތައް ނަގާފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެ ކޮމިޓީއަށް ބޭނުން ގަޑިއެއްގައި ޕްރިންސިޕަލް އުފުރާލާފައި ބޭނުން ގޮތެއް ހެދޭތީ މައްސަލައަކީ. މިއީ ކޮން ކަހަލަ އުސޫލެއްބާ؟ މިހާރު ވެސް ސީއެސްގައި އޮވޭ މީހުން އައްޔަންކުރާ އުސޫލު. އެއް އަހަރުން ވެސް ޕްރިންސިޕަލުން ބަދަލުކުރާ ގޮތަށް ވެސް އޯކޭ. އެކަމަކު އުސޫލުތައް ގާނޫނާއި އެބައެއްގެ ހައްގުތައް ނުގެއްލޭ ގޮތަށް ހަދަން ވާނީ،" އުސޫލާ މެދު ހިތްހަމަނުޖެހިފައި ހުރި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

"ޕާފޯމް ނުކުރެވޭ މީހުން ވާނީ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅައި އެމީހުންގެ ކަންކަން ބަލަން. އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ވެސް އެ ބާރު އެބައޮތް. ޕްރޮފެޝަނަލްކޮށް މިކަން ކުރެވޭނެ،"

އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަންކުރުމަށެވެ. އޭގެ އިތުރުން އެއް ސްކޫލެއްގައި ދިގު މުއްދަތަކަށް އެއް ޕްރިންސިޕަލަކު ހުންނެވުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމާއި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް ބުންޏެވެ.

60 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 4%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ

13 September 2020

ވަރށް ރަގަޅު ނިންމުމެއް. އެއްތަނެއްގައި މާގިނަދުވަސް ވުމުން ކޮންމެ މީހަކަށްވެސް ހީވަނީ އެމީހެއްގެ ތަރިކަ މުދާހެން. މިސާލަކަށް ސީ.އެޗް.އެސް.އީ. ކޮންމެ އަހަރަކު ބާއްވާ މެގަބައިޓް އިން ލިބޭލާރި އަރަނީ މައްޗަށްކަމެއް ދަނީ އަޑިއަށްކަމެއް އެގޭ މީހަކު ނޫޅޭ. މިކަހަލަ ވާޖަކައެއް ދައްކަފާނެތީ ޓީޗަރުން ބައިތިއްބަނީ ބިރުގަންނަވާފަ. މިކަހަލަ ކިތަށްމެ ތަނެއް އެބަހުރި.

The name is already taken The name is available. Register?

އަންތަރީސް99

12 September 2020

ހިތުގާ އުފެދޭ ސުވާލަކީ މިއުޅެނީ ބައިވަރު ޕްރިންސިޕަލުން ތަކެއް ތިބެ އެމީހުންގެ ފެންވަރު ދަށްކަމުންތޯ؟އެހެންވީރު ތަންދޮރު ނުދަންނަ ބޭރު މީހުނާ ސްކޫލުތައް ހަވާލުކޮށްފަ މި ތިބެނީ ކީއްވެބާ؟ ބޭނުމަކީ ތިބި ރަނގަޅު ޕްރިންސިޕަލުންވެސް މިނިސްޓްރީއިން ކިޔާހާ އެއްޗަކަށް އާހޫ ނުކިޔާތީ ބޭރުކޮށްލުންބާާ!

The name is already taken The name is available. Register?

Liv 52

12 September 2020

އަލުގަޑަށް ފެންނަނީ ޕާޓީތަކުގެ ރއަީސުންނަށާ ގައުމުގެ ރައީސުންނަށްވެސް 5 އަހަރަށްވުރެ ގިނައިން ނުހުރެވޭ ގޮތަށް ހަދަން. އަދި މިނިސްޓަރުކަންވެސް އެއްފަހަރަށްވުރެ ގިނަފަހަރު ނުކުރެވޭގޮތަށް ހަދަން. ވެރިކަންވެސް ކޮންމެ 5 އަހަރަކުން ވަކި ރަސަކަށް ބަދަލް ކުރަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2020

އައިޖީއެމްއެޗްގަ ހުންނަވާ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރާއި، ޑިފެންސް ފޯހުގެ މޭޖަރާއި، މޯލްޑިވިއަންގެ ފައިލެޓާއި، އޮޑިޓް އޮފީހުގެ އެކައުންޓަންޓް އާއި، ކޯޓް ތަކުގެ ފަނޑިޔާރު ފަދަ ޕްރޮފެޝަނަލް މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން މިގޮތަށް ރޮޓޭޓް ކުރުމަކީ ޤައުމަށާއި މިފަދަ ދާއިރާތަށް ކުރިއަރައި ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމެއް. # މިކަން ކުރުމަށްޓަކާ ރަށްރަށް ކަނޑައެޅުމުގެ ބަދަލުގައި 3 ރީޖަނެއް ކަޑައެޅުން ރަނގަޅު ކަމުގައި ދެކެން. މިކަމަށް ތާއީދުކުރަން.

The name is already taken The name is available. Register?

އިބް

12 September 2020

އިއްޒަތްތެރި ޕްރިންސިފަލުންނޭވެ. މިސަރުކާރުން ދައުލަތް ހިންގާގޮތާއިމެދު ކަންބޮޑުނުވަނީ ކޮންދާއިރާއެއްގެ ބައެއްތޯ؟ ހުރިހައި ދާއިރާއަކުންވެސް ކަންބޮޑުވުމާއި ހާސްކަމެވެ. ގައުމު ދަނީ ހުންގާނުނެތް އޮޑިއެއް ކަނޑުމަތީގައި އެނބުރޭގޮތަށެވެ. އެއްވެސް މިސްރާބެއް ނެތެވެ. އޮޔައިދާ ކަނދުގަނޑެކޭ ތަފާތެއް ނެތެވެ.

The name is already taken The name is available. Register?

ކާޅުބޭ

12 September 2020

މިއީ ކުރަން ވެއްޖެ ކަމެއް. ބައެއް ޕްރިންސިޕަލުން ތިބިތާ 10-15 އަހަރުވެ ހީވަނީ ސްކޫލަކީ ތަރިކަ މުދަލެކޭ. ބަދަލުވާން ޖެހޭ. ބަދަލު ތަކަށް ފަރިތަވާން ޖެހޭ. މިއުސޫލު ބަރާބަރު. މަގޭ ވެސް އެލްޓީ ކަމުގެ މިވަނީ 11 އަހަރު. ކުރި އެރުމެއް ނެތް. 16 އަހަރު ވެއްޖެ އެކަކު އެގޮނޑި ހޫނުކުރާތާ!

The name is already taken The name is available. Register?

ާއުނިމާ

12 September 2020

ބަލަ ޕްރިންސިޕަލުން ނުލިބިގެން ޕްރިންސިޕަލުން ނެތް ކިތައް ސުކޫލު މިހާރުވެސް އެބަހުރި ފެންވަރު ހުރިއްޔާ ކުރިމަތިލާންވީނު،

The name is already taken The name is available. Register?

އިބްރާހީމްސ

12 September 2020

އެޑިއުކޭޝަނުގެ ޕޮލިސީއަކީ ވަރަށް ރަނގަޅު ނިންމުމެއް. ފެންވަރުހުރި ބަޔަކު ވަޒީފާގެ ބިރުން އުޅޭކަށް ނުޖެހޭނެ. އެއްބަޔަކު ގޯތިގެދޮރަށް ސްކޫލް ހަދަން އުޅުނަކަސް މުޅިއުމުރު އެއްތަނެއްގައި ހޭދަކުރުމަކީ ފެންވަރު ދަށްވެގެންދާނެކަމެއް.

The name is already taken The name is available. Register?

ބޮޑުކަން7

12 September 2020

ކަންބޮޑުވާ މީހުން އަބަދުވެސް އުޅޭނެތާ ދޯ. އެ ނޫން ގޮތަކަށް އެއްވެސް ކަމެއް ނުވާނެ. ފުލުހުން އުޅޭތީ ކަންބޮޑުވާ މީހުންނާ ތަހުގީގުކުރާތީ ކަންބޮޑުވާ މީހުންނާ ޝަރީއަތްކުރާތީ ކަންބޮޑުވާ މީހުންނާ މޮނިޓަރކުރާތީ ކަންބޮޑުވާ މީހުންނާ ކަންކަން އިސްލާހުކުރާތީ ކަންބޮޑުވާ މީހުންނާ އަތުގައި އޮންނަ ބާރުތައް ގެއްލޭތީ ކަންބޮޑުވާ މީހުންނާ އަމިއްލަ މަސްލަހަތު ގެއްލޭތީ ކަންބޮޑުވާ މީހުންނާ މިހެން ގޮސް ބައިވަރު ކަންކަމާ ކަންބޮޑުވާ މީހުން އުޅޭނެ.

The name is already taken The name is available. Register?

ޖަލީލު4

12 September 2020

ވަޒީފާއާބެހޭ ޤާނޫނާ ޚިލާފެއް ނުވާނެ. ސީއެސް ރެގިއުލޭޝަންއާ ތައާރުޒު ވަންޏާ އެޖަސްޓްކުރެވިދާނެ. ދެތިން މީހަކާ "ޕަބްލިކް އިންޓަރެސްޓް" ލޯޔަރެއް މިކަމެއް ނުކުރެވޭނެޔޭ ކިޔައިގެން އުޅުނަސް މިއީ ރަނގަޅު ކަމެއް. ޕްރިންސިޕަލުން ނޫނަސް މިބާވަތުގެ ވަޒީފާގައި މިގޮތަށް އަމަލުކުރޭ. ކޮމިޓީއަކުން ކުރާ ގޮތަށް ބައިވަރު ކަންކަން ހުންނަނީ. އޭގެ މާނައަކީ މެރިޓް ބޭސްޑް ވަޒީފާއަކަށް ނުވުމެއް ނޫން. ރޮޓޭޓް ކުރަނީ މީހާގެ މެރިޓަކަށް ނޫން. އެވަގުތެއްގެ ނީޑްއަށް ބަލާފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2020

މިނިންމުން ގޯސްކަމަށް ބުނާ މީހުން ހެއްކާއި ޤަރީނާ ތަކާއިއެކު މިކަން ގޯސްވި ސަބަބު ހާމަކޮށްދީ. # އެޑިއުކޭޝަންގެ އިތުރުން މެޑިކަލް ދާއިރާއާއި ޕޮލިސް އަދި ޑިފެންސް ފަދަ މުސާރަ ރަނގަޅު ދާއިރާތަކުގެ ވަޒީފާ މިގޮތަށް ރޮޓޭޓްވާގޮތަށް އޮތުމަކީ ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށްޓަކާ ކޮންމެހެން ކުރާންޖެހޭ ކަމެއް. # އަހަރުމެން މިބުނަނީ މިފަދަ ބަދަލުތަށް ގެނެސް "އެއްރަށް ދައުލަތް ސިޔާސަތު" މިތަނުން ފޮހެލައިގެން މެނުވީ މިރާއްޖެ ކުރިއަރައި ނުދާނެއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454