ޑޮލަރުތަކެއް ގުނަނީ: ބިދޭސީއަކު ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި 48،000 ޑޮލަރު ދޫކޮށްލަން ކުރި ހުކުމް ވަނީ ބާތިލް ކޮށްފައި -- ފޮޓޯ/މިހާރު
24 ސެޕްޓެމްބަރ 2020 - 12:45
ބިދޭސީއަކު ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓި 48،000 ޑޮލަރު (ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްގެ ރައްޔިތަކު ރާއްޖެ އިން ބޭރަށް ފުރަން އުޅުނުއިރު، މޮބައިލް ފޯނު ލާން ގެންގުޅޭ ފޮއްޓަކަށް ލައިގެން އޭނާ ގެންދަން އުޅުނު 48،000 ޑޮލަރު ކަސްޓަމްސް އިން ހިފެހެއްޓީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ޑިކްލެއާ ނުކޮށް އެ ފައިސާ ގެންދަން އުޅުމުންނެވެ. އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު އަމުރުކުރީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ ހިފަހައްޓާފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ކަސްޓަމްސް އިން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށް ވާތީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަ ބަލާ އިޖުރައާތުގެ ތެރެއިން ކްރިމިނަލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ބެލޭނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ މުދަލާއި ފައިސާގެ މައްސަލަތައް އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން ހިފަހައްޓާ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަތައް ބަލާނެ އިޖުރައާތެއް، ޖިނާއީ އިޖުރައާތުުގެ ގާނޫނާއި މަނީ ލޯންޑްރިންގެ ގާނޫނުގައި ވެސް ބުނެފައި ނެތުމުން އެފަދަ މައްސަލަތައް ބަލަން ޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޯޓަކުން ކަމަށެވެ. އެ ފައިސާ ހޯދަން ބޭނުންވާ ނަމަ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް އެ ހުކުމުގައިވެ އެވެ،
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.
ނަގުދު ފައިސާއިން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ރާއްޖެ އިން ބޭރަށް ގެންދާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ. މީގެ ކުރިން ވެސް ޑިކްލެއާ ނުކޮށް ބޭރަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނީފައިސާ
24 September 2020
ބިދޭސީންގެ ފައިސާ ބޭންކަން ލެވޭނެ އެއްވެސް ކޮންޓްރޯލެއް ރާއްޖޭގައި ހަމަނެތީބާ؟ އަބަދުވެސް ދިވެހިންގެ ފަހަތުން ޖޫރިމަނާލާރިހޯދަން ސަލާންޖެހުމުގެ ހުތުރު ޢަމަލު ހުއްޓާލާފައި މިރާއްޖެއިން ބޭރުމީހުން ގެންދާ ފައިސާ ކޮންޓްރޯލްކުރެވޭނެ ގޮތެއް ހޯދަބަލަ. ކޮންމެ މީހަކު ބޮޑު ޓައިއެއް އަޅާފަ، ދައުލަތުގެ ބިޔަ ގޮނޑިއަކަށް އެރޭތޯ އުޅުމަކީ ހައްލެއްނޫން.
ޙިނި
24 September 2020
ކީއްވެބާ ހައިކޯޓުން މައްސަލަބެލި ފަންޑުޔާރުންގެ ނަންޖަހާފަ، ކުރިމިނަލް ކޯޓުން ބައްސަލަ ބެލި ފަންޑިޔާރުންގެ ނަން ނުޖަހަނީ، ނަމާ ޕޮޓޮޔާ ވެސް ޖަހަންފެނޭ އޭރުން މިކަންކަން އިސްލާހު ވާނީ. އާތީކަލް ގަ އިން ފޮޓޯއިން އެފެންނަނީ ކަމާ ގުޅުން ހުރިމީހެއްވެސް ނޫން.
ޓަކަފިރޯށި
24 September 2020
އެއީ ކުރިމިނަލްކޯޓުގަ އަލީ ރަސީދު އުޅުނު ދުވަސްވަރު މިހާރު އޭނައެހެރީ ހައިޖަމްޕެއް ޖަހާފަގޮސް ސްޕްރީމް ކޯޓުގައި އަނެއްކާ އޭނަބާ؟؟
ޙިނި
24 September 2020
ކުރިމިނަލް ކޯޓު އޯވަހޯލް ކުރާކައް ނުވޭތޯ. (ނަގުދު ފައިސާއިން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ރާއްޖެ އިން ބޭރަށް ގެންދާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ) މިގޮތައް ގާނޫނުގަ އޮތްއިރުވެސް މި ހުކުން އިއްވީ ފައިސާ އަންބުރާ ހަވާލުކުރަން ޚުރިމިނަލް ކޯޓުގަ ހިންގަނީ ކޮން ގައުމެއްގެ ގާނުނެއްތަ؟