މުނިފޫހިފިލުވުން / ބޮލީވުޑް

އިންޑިއާގެ ތަމަޅައިންގެ ފިއްތުންތަކާ ހެދި މުތިއާގެ ބައޮޕިކް ވިޖޭ ދޫކޮށްލައިފި

22 އޮކްޓޯބަރ 2020 - 09:54

ސްރީ ލަންކާގެ ކްރިކެޓް ތަރި މުތިއާ މުރަލިތަރަންގެ ބައޮގްރަފިކަލް ޑްރާމާ "800" އިންޑިިއާ އިން މިދިޔަ ހަފުތާގައި އިއުލާންކުރުމާ އެކު އެ ގައުމުގެ ތަމަޅައިން އެ ފިލްމާ ދެކޮޅަށް ނުކުމެ، މުތިއާގެ ރޯލް ކުޅެން ސޮއިކުރި ވިޖޭ ސެތުޕަތީ ފިލްމު ދޫކޮށްލަން ގޮވައި، ކުރިމަތިކުރަމުން ފެށި ފިއްތުންތަކާ ހެދި އެ ފިލްމުން އޭނާ ވަކިވެއްޖެ އެވެ.

އެކަން ކަށަވަރުކޮށް ދެމުން، އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު މީޑީއާތަކަށް ބުނީ މުތިއާގެ ފިލްމު އޭނާ އަށް "ނިމިއްޖެ" ކަމަށެވެ. ވިޖޭ ފިލްމު ދޫކޮށްލީ މައްސަލަ އިތުރަށް ގޯސްވެ، ބޮޑު މައްސަލަގަނޑަކަށް ވެދާނެތީ މުތިއާ ވެސް އަމިއްލަ އަށް ވިޖޭގެ ގާތުގައި ފިލްމު ދޫކޮށްލުމަށް އެދުމުންނެވެ. އޭނާ ބުނީ ވިޖޭ ކަހަލަ އާންމުން ލޯބިވާ އެކްޓަރެއްގެ ކެރިއަރަށް އޭނާއާ ހެދި އެއްވެސް ބުރުލެއް އަރަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ވިޖޭ "800" ދޫކޮށްލުން ކަމަށް ބުންޏެވެ.

ވިޖޭ އަށް ފިލްމު ދޫކޮށްލަން ގޮވައިލި މީހުން ބުނެފައިވާ ގޮތުގައި މުތިއާ އަކީ ތަމަޅައިންނާ ދެކޮޅަށް އެތައް އަހަރުތަކެއް ވަންދެން ބޮޑެތި ޖަރީމާތަކެއް ހިންގި ގައުމެއްގެ މީހަކަށްވާތީ އެފަދަ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް އިންޑިއާގެ ތަމަޅަ އެކްޓަރަކު ކުޅެގެން ނުވާނެ އެވެ. އަދި މުތިއާ އަކީ ވެސް ތަމަޅައިންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ހިއްސާދާރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ތަމަޅައިންގެ ވަކި ދައުލަތެއް ގާއިމުކުރަން ލިބެރޭޝަން ޓައިގާޒް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) އިން ކުރި ދާހިލީ ހަނގުރާމަ ލަންކާ އިން ނިމުމަކަށް ގެނެސްފައި ވަނީ 2009 ގަ އެވެ.

މުތިއާގެ ބައޮގްރަފިކަލް ޑްރާމާ އިއުލާންކުރުމާ އެކު މައްސަލަ ހޫނުވާން ފެށުމުން މުތިއާ ބުނީ އޭނާ އަކީ ވެސް ލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އުފަންވި މީހެއް ކަމަށާއި އެކަމުގެ ހިތްދަތިކަމާއި ވޭނާއި ކެކުޅުން އަމިއްލަ އަށް ވެސް ތަޖުރިބާކުރި ކަމަށެވެ. އެކަމަކު ދުވަހަކު ވެސް ވަކި ޖަމާއަތެއްގެ ބަޔަކާ ދެކޮޅަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށް ބުންޏެވެ. އަދި އޭނާ އަކީ ތަމަޅައިންނާ ދެކޮޅަށް ލަންކާގައި ހިނގި ހަނގުރާމައިގެ ލޭ ހޭކިފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ އިންސާފެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ކޮންމެއަކަސް މުތިއާގެ ވާކަކަ ކިޔައިދޭން ހަދަން އުޅުނު ފިލްމު "800" ގެ ލީޑް އެކްޓަރު ފިލްމު ވަކިވުމުން، މި ޕްރޮޖެކްޓަށް ދެން ވާނެ ގޮތެއް ނޭނގެ އެވެ. ޔަގީނުން ވެސް އެ ފިލްމު ހެދުމަކީ ޕްރޮޑިއުސަރުންގެ ކުރިމަތީގައި މިހާރު އޮތް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު އެ ފިލްމު އިއުލާންކުރީ އެމްއެސް ތުރިޕަތީ ޑައިރެކްޓްކޮށް، މަންޒަރުތައް ލަންކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އިންޑިއާގައި ނަގާ ގޮތަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށައި ސިނަމާތަކަށް ގެންނަން ނިންމީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

އެކަމަކު މިހާރު ސުވާލަކީ ދެން "800" ހަދައިދާނެތޯ އެވެ؟

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454