އިދިކޮޅުން ބޭއްވި މީޑިއާ ބްރީފިންގައި މޫސާ ފަތުހީ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
10 ނޮވެމްބަރ 2020 - 18:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަަމަށް ވަޑައިގަތުމުގެ ވައުދުތައް ނުފުއްދެވި، މި ސަރުކާރު ދެ އަހަރުން ފޭލްވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި މި ވެރިކަމަށް ދެ އަހަރު ފުރޭތީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދެ އަހަރު ގައުމު ހިންގީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާ ޚިލާފަށް ކަމަށެވެ. މުންކަރާތްތައް އިތުރުވެ، އިސްލާމީ އަގީދާ ބަލިކަށިވާ އަމަލުތައް ގިނަވެ، ކޮރަޕްޝަން އާއްމުވެ، އިގްތިސާދު ވަޅުޖެހި ޝަރުއީ ނިޒާމް ޕެރެލައިޒްކޮށް ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައި، މި ވެރިކަން ހިންގުމުގެ ދޯދިޔާކަމުން ރައްޔިތުންގެ އާއްމު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން ކިޑްނެޕްކުރުން އިތުރުވެއްޖެ، ގޮތް ނޭނގޭ މަރުތައް އިންތިހާ އަށް އިތުރުވެއްޖެ. މީގެ އިތުރުން މި ބާވަތުގެ މުންކަރާތްތައް ހިނގުމުން ވެސް ސަރުކާރުން ފާހަގަކުރަނީ އެއީ ވަރަށް އާދައިގެ ކަންތައްތައް ކަމުގައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސް. ރައްޔިތުންނަށް ވީ ވައުދުތަކެއް ނުފުއްދޭ. މި ހާލަތުގައި އިސްވެ ދެންނެވި ހުރިހާ ސަބަބުތަކާ ހުރެ، މި ސަރުކާރަށް ދޭނީ އެފް ރިޕޯޓެއް. ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭ ނަމަ، ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިއުން."
ޕީޕީއެމާއި ޕީއެންސީން މިއަދު ވަނީ މި ވެރިކަމުގައި ރައްޔިތުންނަށް ވީ މުހިއްމު ވައުދުތަކަށް ވަކިވަކިން ފާޑުކިޔައިފަ އެވެ.
އާދަމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި، މި ވެރިކަމާ އެކު ދީނުގެ އަގީދާ ބަލިކަށިވާ ގޮތަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދީން ގަބޫލުނުކުރާ ފިކުރު ރާއްޖޭގައި ފެތުރުން ހުއްޓުވަން ވެސް މަސައްކަތް ނުކުރުމާއި އެމްޑީއެން އާއި އުތެމައިން ނެރުނު ރިޕޯޓާ ދެކޮޅަށް ފިޔަވަޅު ނޭޅުމާއި ބައެއް ދީނީ އިލްމުވެރިން ރާއްޖެ އައުން ވެސް މަނާކޮށް، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރަން އެއްވެސް ކަމެއް ނުކުރުން އޭގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ އަމަލުތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވެސް ގެއްލެމުންދާ ކަމަށެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން މި ސަރުކާރުން ހިތްވަރު ދެނީ ސިޔާދަތު ވިއްކާލާފައިވާތީ ކަމަށް އެ ކޯލިޝަނަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރުގެ އަސްކަރީ ބާރުތަކާ އެކު ޕްލޭން ހެދުމާއި ސިއްރު އެއްބަސްވުންތަކުގައި ސޮއިކުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކަންބޮޑުވުން އޮތް މައްސަލައެކެވެ.
"މި އެއްބަސްވުންތަކުގެ ތަފްސީލް ދޭން ސަރުކާރުން ދެކޮޅު ހެދުމަކީ އަޑި ނޭނގޭ ކަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަން ހިމެނޭތީ ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ދަރަނި ބޮޑުކޮށް، ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރަން ޖެހިލުންވާ ހާލަތު ރާއްޖެ އަށް ވަނީ ކުރިމަތިކޮށްފައި ކަމަށެވެ. ލޯނު ނަގައިގެން މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖް އެޅުމަކީ މި ވަގުތަށް އިސްކަންދީގެން ކުރުން މުހިއްމު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރަނީ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު މިވަނީ 19.5ރ. އަށް ވުރެން މައްޗަށް ގޮސްފައި. އަދި މި އަގު މައްޗަށް ދާން ފެށީމާ އިންޑިއާއާ އެކު ކަރަންސީ ސްވޮޕެއް ހެދީ، އޭގެ ސަބަބުން މާ ބޮޑު ލުޔެއް ނުލިބޭ. ނަތީޖާ އަކީ ތަކެތީގެ އަގު ބޮޑުވުން،" އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އިގްތިސާދީ ގޮތުން ކުރިއަރާ ކަހަލަ މަޝްރޫއެއް ނުވަތަ ނަފާވާ މަޝްރޫއެއް ސަރުކާރަށް ގެނެވެނު ތަނެއް ނުފެނޭ. ބަދަލުގައި ފެންނަނީ މުޅިން ވެސް ލޯނު ނަގަމުންދާތަން."
އެ ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު މޫސާ ފަތުހީ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމު ރަނގަޅުކުރަން ވައުދުވި ސަރުކާރުން ވަނީ އެ ދާއިރާ ހައިޖެކްކޮށްފަ އެވެ. އަދުލު އިންސާފެއް ނެތް ކަމަށް ވިދާޅުވެ އެ ވައުދަށް ޖާގަ ހޯއްދަަވައި ވެރިކަމަށް ވަޑައިގެން ފަނޑިޔާރުގެތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިންސާފުވެރި ހުކުމްތަކެއް ނުނިކުންނަ ކަމަށާއި އިންސާފަށް ކަމަށް ބުނެ ހުޅުވި ދޮރުތަކުން ނުކުންނަނީ ސަރުކާރުގެ އޯޑަރު ކަމަށެވެ. އެއީ، ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާގެ ވެސް ހާލު ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް ދެ އަހަރުވީ، ކޮބައިތޯ ކޮމްޕޮޒިޝަނަށް އެއްވެސް ބަދަލެއް ގެނެސްފިތޯ؟ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަލާއިރު މިއަދު މި ހިންގަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ނޫންތޯ؟،" މޫސާ ފަތުހީ ވިދާޅުވި އެވެ.
"އެ ކޮމިޝަންގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ ވިދާޅުވޭ ތިމަން މަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނަވަނީކީ ސިޔާސީ މީހެއްގެ ގޮތުގައެއް ނޫނޭ. އަޅުގަނޑަކަށް ނޭނގެ ދެން ސިޔާސީ މީހަކަށް ވާ ގޮތެއް."
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ގީލާ އަލީ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ނައްތާލަން ވައުދުވި ސަރުކާރުގައި ފެންނަނީ ކޮރަޕްޝަން އާއްމުކޮށްފައިވާ ތަނެވެ. އެކަން ފެށީ، އެއްބަސްވުންތައް އުވާލުމުގެ ބަދަލުގައި ކަމަށް ބުނެ ސަރުކާރުގެ ވާގިވެރިވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުން ކަމަށް ވިދާޅުވި އެވެ.
ގިނަ ޕްރޮޖެކްޓްތައް މި ސަރުކާރުގައި ދޫކުރީ ބީލަމަށް ނުލައި ކަމަށާއި ރައްޔިތުންގެ މި މަޝްރޫއުތަކުން ކޮރަޕްޝަން ހިންގަމުންދާ ކަން ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ. މި ސަރުކާރަށް އިދިކޮޅުން ކުރާ ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގެ ތަފްސީލް ވެސް ދެއްވި އެވެ.
"މި ކަންކަމުގައި 2.6 ބިލިއަން ރުފިޔާގެ ކޮރަޕްޝަން މި ސަރުކާރުން މިހާރު ވެސް ހިންގާފައިވާ ކަން މި އަދަދުތަކުގެ ޖުމްލަ އިން ވެސް އަޅުގަނޑުމެންނަށް އެބަ ގެނެވޭ. މިއީ ދަންނަވަންތޯ ދެ ކޮޓަރީގެ އެޕާޓްމަންޓުގެ 600 އެޕާޓްމަންޓް ގަނެގެން އަޅުގަނޑުމެންގެ ދިވެހިންނަށް ބޭނުންކުރެވިދާނެ އަދަދުތަކުގެ ވާހަކަ،" ގީލާ ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމާ އެކު ވައުދު ނުފުއްދިގެން ދައްކާނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އިދިކޮޅުން ބުންޏެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޯލިޝަނުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާނޭ ހުރިހާ މަގެއް އޮތީ ތަނަވަސްވެފައި. އަދި އެއްވެސް ވައުދެއް ނުފުއްދުމުގެ މުގާބިލުގައި އެއްވެސް ހުއްޖަތެއް ދެއްކުމުގެ ޖާގައެއް ނެތް. ސަރުކާރުގެ ކޯލިޝަނުން ބޭނުން ގޮތަކަށް ކަންކުރުމުގެ ބާރުވެރިކަން އެއްވެސް ހުރަހެއް ނެތި ލިބި އޮތީ މިލްކުވެފައި. ވެރިކަމުގެ ތިންބާރު އޮތީ ރައީސްގެ ފުރިހަމަ ބާރުގެ ދަށުގައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ވައުދުތައް ނުފުއްދުމުން ބަހަނާ ނުދައްކައި އަވަސް އިންތިޚާބެއް ބާއްވަން އިދިކޮޅުން މިއަދު ގޮވާލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކެޔޮ
11 November 2020
ވައުދުވީ 5 އަހަރަށް. ޥެރިކަމަށް އަރާގޮތަށްއަރާ ވައުދެއްނުފުއްދޭނެ އެއްވެސްމީހަކަށް!
އައު ޓީޗަރު
11 November 2020
އައު ކަރިކިއުލަމްގައި "އެފް" އަކީ ފުލީ އެޗީވްޑް. ސްކޫލް ދަރިވަރުން މިހާރު އެންމެ އުފާވާނީ "އެފް" ލިބުނީމާ. އެހެންވީމާ އިދިކޮޅުން މި ސަރުކާރަށް "ފުލީ އެޗީވްޑް" އެއް އެ ދިނީ.
ޙަސަންދީ
11 November 2020
ކޮރޮޕްޝަނާ ފަސާދައިން ތައްތެޅިފައިވާ ބަޔަކަށް ދެވޭނީ މިފަދަ ރިޕޯޓެއް، އަދި ޤަލާޤަދަރަށް އީމާންވާން ނޭގޭ ބަޔަކަށް ވެސް ދެވޭނީ ހަމަ މިފަދަ ރިޕޯޓެއް.. .
އައިމިނާ
11 November 2020
ކިތައްމެ ރަނގަޅު ކަމުގައިވިޔަސް ތި މީހުން ނުދޭނެ އެފް ނޫން އެއްޗެއް.
މޯޑޭ
11 November 2020
އާދަނު މެން ދަށްކާ ކަނޑްކޮސް ވާހަކަތައް ގަބޫލު ކުރާނި މީހަކު ނެތް މިހާރު. ރަށްއިތުން ބޮނޑްތަނުން ނޫނޭ ބުނެފަ ތިބިބައެއްތީ.
ވަތަން އިސްކުރަންޖެހޭ
11 November 2020
މި ސަރުކާރުން މިހާރުވެސް ކުރަމުންދަނީ ރައިސް ޔާމިން ގެނައި ތަރައްގީ. އަދިވެސް އެމަސައްކައްތަ ފެންނަން ހުރީ. އާކަމެއްނެ. އާކަމަކައް އޮތީ ރައްޖެ ވިއްކާލުން
ޝޮކްތެރަޕީ
11 November 2020
އަދިވެސް އެފްރިޕޯޓެއްތަ ދެނީ. ރާއްޖޭގެ ކުރިމަގުގެ ތަސައްވަރު ނުވަތަ އަގުހުރި ކުންފުނިތަކުގެ ހިސްސާ ތައް ވިއްކާލަން ވަގުތީ ލާރި ގަނޑަކައް ރެޑީވަނީ. ދެރަ
ދޫނި
10 November 2020
އޮއްޓަރެއް ހުރި ވާހަކަ އެއް ދަށްކަން އިގޭ މީހަކުވެސް ފީފީއެމްގަ މިހާރު ނެތީތަ. އެހެންތާވާނި އައުޓޭ ގޮވަ ގޮވާފަ އިންޑިޔާ ފައިބުޑަށް ޔާމީނަށް އަނިޔާ ކުރަނިންޔޯ. ލަދެއްވެސް ނުގަނެއޭ.
މޯޑް
10 November 2020
މީއަޅެ މިގައުމްގަ އުޅޭބައެއްބާއޭ ހިތަށްއަރާ. އާދަނު ދާއިރާއަށް އަށްނަ ތަރަށްގީ ނުފެންނާނެ މާލޭގަ ހުރެގެންނެއް. ދާއިރާގެ ރަށްތަކަށް ގޮސް ރަށްއިތުންގެ ހާލުބަލާ ސަރުކާރުން ގެންނަ ތަރަށްގީ ބެލީމަ ފެންނާނި.
ރޮނޑުބެ
10 November 2020
އަދި ކިރިޔާ ސިޔާސީ ޕާރޓީއެއްގެ ޒިންމާ ތިޔަ އަދާކުރެވެނީ. ކޮންމެ މަހަކުވެސް ވާނެ ރިޕޯޓް ފޯމް ހަދާ މާކްސް ދޭން. ހިސާބު ހަދާނީ ހަމަ އަދުރޭ ޢިނގޭ! ސަރުކާރުން ޕާޓީ ހިންގަން ފައިސާ ދެނީ ތިޔަގޮތަށް މާކްސް ދޭށޭ.