ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވަނީ. ފުލުހުންގެ މަތީ ރޭންކްތަކުގެ އޮފިސަރުން ވަކިކުރެވޭ އިސްލާހަކާއި އެކު ފުލުހުންގެ ބިލް މިރޭ ފާސްކުރި
06 ޑިސެމްބަރ 2020 - 23:46
ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކަށް ވުރެ މަތީ ރޭންކްތަކުގެ އޮފިސަރުންގެ ތެރެއިން ކަމިޝަނާ އޮފް ޕޮލިސް ފިޔަވާ އެހެން އޮފިސަރުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހާ އެކު ފުލުހުންގެ ހިދުމަތުގެ ބިލު މިރޭ ފާސްކޮށްްފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލަށް އީވާ މިރޭ ހުށަހެޅުއްވި ދެ އިސްލާހު ވެސް ފާސް ކުރި އެވެ. އެއް އިސްލާހަކީ ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު އެ ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވައިލަން ޖެހޭ ގޮތަށް ބިލަށް އަކުރެއް އިތުރުކުރުމެވެ. އެ އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.
އީވާ ހުށަހެޅުއްވި އަނެއް އިސްލާހަކީ ފުލުހުންގެ މަތީ ރޭންކްތަކަށް އަލުން ބޭފުޅުން އައްޔަން ކުރަން ބޯޑަށް ޖާގަ ލިބޭ ގޮތަށް އަކުރުތަކެއް އިތުރުކުރުމެވެ. ފުލުހުންގެ ރޭންކާއި ގްރޭޑް ބަޔާންކުރާ، އެ ބިލުގެ 13 ވަނަ މާއްދާއަށް ތިން އަކުރެެއް އިތުރުކުރި އެވެ. އެގޮތުން އެ މާއްދާއަށް އޭނާ އިތުރު ކުރެއްވި ފުރަތަމަ އަކުރުގައި ބުނެފައި އޮތީ ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާ އެކު ފުލުހުންގެ ބޯޑުން އެ ރޭންކްތަކަށް އަލުން ބޭފުޅުން އައްޔަން ކުރަންވާނެ ކަމަށެވެ. އެކަމަކު އެ މަރުހަލާ ނިމެންދެން، މިހާރު ތިއްބެވި ބޭފުޅުންގެ މަގާމު ދެމިއޮންނާނެ އެވެ.
ދެން ހުރި އަކުރުތަކުގައި ކަނޑައަޅާފައި އޮތީ އޮފިސަރުން އަލުން އައްޔަންކުރުމުގައި ބަލަން ޖެހޭނެ ކަންތައްތަކެވެ. އެގޮތުން ބަލަން ޖެހޭނެ ކަންތައްތަކުގެ ތެރޭގައި ތައުލީމީ ފެންވަރާއި ފުލުހުންގެ ތެރޭގައި އަދާކުރާ ދައުރާއި ހިދުމަތާއި ސުލޫކު އަދި މަސައްކަތުގެ އަހުލާގު ހިމެނެ އެވެ. އެކަންކަމާ ބެހޭ ގޮތުން ލަފާހޯދަން ޖެހޭނީ އިސްލާހުގައި ބުނެފައިވާ ގޮތުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ.
އޮފިސަަރުން އަލުން އައްޔަން ކުރުމަށް ޓަކައި އެންއައިސީން ދޭ ލަފާގައި ހިމަނަން ޖެހޭނެ ތަފްސީލްތައް ވެސް އިސްލާހުގައި ވެ އެވެ.
ފުލުހުންގެ މަތީ އޮފިސަަރުން އަލުން އައްޔަން ކުރުމަށް ޓަކައި އެ އޮފިސަރުންނާ ބެހޭ ގޮތުން އެންއައިސީން ދޭ ލަފާގައި ގިނަ ތަފްސީލުތަކެއް ހިމަަނަން ލާޒިމުކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ އޮފިސަރަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާގެ އަދަދާއި ބާވަތެވެ. އެގޮތުންް ކޮރަޕްޝަނާއި އަނިޔާވެރި ލާއިންސާނީ އަމަލެއް ހިންގިކަމުގެ ޝަކުވާއެއް އެ އޮފިސަރަކާ މެދު އޮތްތޯ ވެސް ބަލަން އިސްލާހުގައި ބުނެފައި ވެ އެވެ.
ސުލޫކީ މައްސަލައެއް ސާބިތުވެފައިވާކަން ނުވަތަ ނޫންކަމާއި އާމްދަނީ އާއި އަރަންޏާއި ދަރަނީގެ ތަފްސީލު ވެސް އޭގެ ތެރޭގައި ހިމެެނެ އެވެ.
އޮފިސަރުން ފުލުހުންގެ ހިދުމަތުގައި ހޭދަކޮށްފައިވާ މުއްދަތާއި މަގާމުގެ ކުރިއެރުން ލިބުނު ގޮތުގެ ރެކޯޑް ވެސް ލަފާގައި ހިމަނަން ޖެހޭއިރު، އެންއައިސީން އެ އޮފިސަރުންނާ މެދު ދެކޭ ގޮތް ވެސް ހިމަނަން ޖެހެ އެވެ.
އޮފިސަރުންނާ މެދު އެންއައިސީން ތައްޔާރުކުރާ ތަފްސީލީ ލަފާ، ބިލު ގާނޫނަކަށް ވާތާ 45 ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެއެވެ.
އީވާ ހުށަހެޅުއްވި ގަވައިދާ ބެހޭ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާ ދެމެދު މިދިޔަ ބުދަދުވަހު މަޖިލީހުގެ ތަޅުމުގައި ބޮޑު ޒުވާބެއް ވެސް ހިނގި އެވެ. އެ ޒުވާބަށް ފަހު ކުރެއްވި ޓްވީޓްތަކެއްގައި ޝަރީފް ވިދާޅުވީ އެއީ ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ބަޔަކު މަގާމުން ވަކިކުރަން ހުށަހަޅާ އިސްލާހެއް ކަމަށެވެ. އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސްް އޭނާ އޭރު ވިދާޅުވި އެވެ، އެެހެން ނަމަވެސް މިރޭ އެ އިސްލާހާ އެކު މުޅި ބިލަށް ވެސް ޝަރީފް ވޯޓު ދެއްވި އެވެ.
މުޅި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ. އެބިލު ފާސްވުމާ އެކު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އުފާފާޅުކުރެއްވި އެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މުޅިން އާ ގާނޫނެއް ހަދަން އެ ބިލް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިތި މޫސަ
07 December 2020
މިފެނިގެންދަނީ ދުނިޔޭގެ އެންމެނާތަޙްޒިބީ ޤައުމުތަކުންފެނިގެންދާފަދަ މަންޒަރުތަށް ކުރާކޮންމެކަމަކާ އެއްބަސްނުވެއްޖެނަމަ ވަކިކުރުމުގެ ބާރުހޯދުން މިޒާތުކަންކަންކުރަނީ ފެއިލްވަމުންދާ ސަރުކާރުތަކުން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 December 2020
ތައުޅީމް މަތީ ތައުލީމް މިއަށް ތަރުތީބުވި ޕޮލިސް ސްލޫކް އިންތަކާއި މިންތަކަށް ފެތޭ ޒުވާނުން ޕޮލިހުގައި މަދެއްނޫން.
ތިމާވެށި
07 December 2020
ފުލުހުން ވެސް ސިޔާސީ ވީ އެވެ. މަތީ ތައުލީމް ހުރި ފުލުހުން މަދެވެ. ދެން އެބަޔަކު ވަކި ކޮށް ތައުލީމް ނެތް ފަރާތް ތަކަށް މަގާމް ދީ ޕާޓީ ނުފޫޒް ފޯރުވުން ކައިރި އެވެ.
ދޯބެ
07 December 2020
ރ ނަޝީދު ދުރުކުރި ބަގާވާތަށްފަހު ކޮންމެ ރައީސެއްވެސް ވެރިކަމުގަ ހުރީ ނަފްސާނީ ބިރުވެރި ކަމެއްގެތެރ ..ޔާމީނު ކިތަށް ކޮމިޝަރަރުން .. ކިތަށް ނައިބު ރައީސު ް ބަދަލުކުރި... އެވަރުން ހިތްހަމަ ނުޖެހިގެން އުއްތަމަ ފަދިޔާރު ވެސް ކުޑަކޮޅިއަށް.. މީ ރަގަޅު ބަދަލެއް. މީގެ ހިތްހަމަޖެހުން އެއިރަކު ވެރިކަމުގަތިބޭ ކޮންމެބަޔަކަށްވެސް އެބަްޮތް..
ނޫސަން
07 December 2020
ހަމަ ރަނގަޅު ކަމެއް. ޔުނިފޯމްގެ ނިވަލުގައި ތިބެ މުޖްތަމަޢުން ގަބޫލް ނުކުރާ ކަންކަން ކުރާ މީހުން ގިނަ. މި ސަގާފަތް ދުއްވާލަން ޖެހޭ. ފުލުހުންނަކީ މަދަނީ ބައެއް. މި މީޙުންނަކީ ރައްޔިތުންނަށްވުރެ މަތީ ތިބޭ ބައެއް ނޫން. ދެން ތިތަންތާ ތިބޭނީ ގައުމަށް ޚިދްމަތް ކުރަން ބޭނުން މީހުން.
އަލި
07 December 2020
ތިޔަ ގާނޫނުގައި އޮތް އެއްޗެއް އިނގިގެން ނޫނީ އެެއްޗެއް ބުނެވޭކަށް ނެތް.
ޑރ. ރާމީ ޙަސަން މަނިކު
07 December 2020
މިވެނިކަމެއް ކޮށްފިއްޔާ ސަރުކާރު ވައްޓާލާނަމޭ، އެވެނިކަމެއް ކޮށްފިއްޔާ ސަރުކާރު ވައްޓާލާނަމޭ ކިޔައިގެން ރައްޓެހިން ކައިރީގައި ފޮނިކަނޑާ އޮފިސަރުން މަދެއް ނޫން. އޮފިސަރުން ވެސް އަދި ހުރިހާ ފުލުހުން ވެސް ތިބެން ޖެހޭނީ ކުށެއް ކޮށްފިނަމަ ޤާނޫނުން ޢަދަބު އަންނަ ގޮތުގައި.
އަމާނާ
07 December 2020
ފުލުހަކަސް ސިފައިން ބޭކަލަކަށް ވިޔަސް އެހެން މީހަކަށް އެއްވެސް މީހަކު އަނެއް މީހަކަށް އަނިޔާ ކޮށްގެން ނުވާނެ.. ޤަވްމުތަކުގެ ފުލުހުން އެޤަވްމުތަކުގެ ރައްޔިތުންނަށް ވަރަށް އަނިޔާކުރޭ ހަމަ.. ބަލާބަލަ އެމެރިކާ .. އެހެން ވީމަ މިކަހަލަ ޤާނޫން ހަދަންޖެހެނީ.
މަނީމަނީ ޔޭއްސާ
07 December 2020
ބަޔަކައް އުމުރައް ދާއީމީކޮއް މަގާމެއް ލިބިއްޖެނަމަ ކޮންކަމެއްވެސް ކޮއްދާނެ! ގައުމަކު ރަރައީސްބުނި ދުވަހަކުވެސް ހަދާންނެތޭނެ ވާހަޔެއް މިއީ ރައީސް ވަހީދުބުނީ 8 ފެބުރު އަރީގަ ފުލުހުން ރައްތުން ތަޅާ ރޯނާގެންނުވީ އެމިހުން ޖަޒުބާލުގަ ޖެހިފަ ތިބީމައޭ
ލުތުފީ
07 December 2020
ފުލުހުންގެ ތެރޭގައި ނުބައި ކަންތައްތަކެއް ހުރިކަން އެގޭއިރު އެކަންކަން އިސްލާހުކުރަން މަސައްކަތްވެސް ކުރަންޖެހޭ. ސިފައިންގެ މައިމަރުކަޒަށް ހަމަލާދިން ފުލުހުން އަދިވެސް ފުލުހުންގެ ވަޒީފާގަ އެބަތިބި. އެކަންވެސް ނުބަލާ ލޯމަރައިގެން ތިބެންވޯތޯ!