ތައުލީމް ފޯރުކޮށްދިނުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރެއްވި ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން.-- ފޮޓޯ: ރައީސް އޮފީސް
27 ޑިސެމްބަރ 2020 - 17:52
ތައުލީމް ފޯރުކޮށްދިނުމުގެ ރޮނގުން، ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ގައުމީ އިނާމް ހާސިލްކުރައްވައިފި އެވެ.
އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވީ، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހަސަނަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ތައުލީމް ފޯރުކޮށްދިނުމަށް ކޮށްދެއްވި މަސައްކަތުންނެވެ.
މީގެ 35 އަހަރުކުރިން އުފެއްދި ޖަމާލުއްދީން ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ވަކިން ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެފަދަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކުރިން ކިޔަވައިދީފައިވަނީ އެހެން ކުދިންނާ އެއްކޮށް، އެއް ކްލާހެއްގަ އެވެ. ނަމަވެސް 1985 ވަނަ އަހަރު ސްކޫލު ހުޅުވުމަށްފަހު ޖެހިގެން އައި އަހަރު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކިން ކިޔަވައިދޭން ފަށައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްގެ ޕްރިންސިޕަލް ހަސަން މުހައްމަދަށް، ތައުލީމުގެ ރޮނގުން ހާސިލްކުރެއްވި ގައުމީ އިނާމު ރޭ ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭގެ ފަހުން އަޑުއިވުމުން މަހްރޫމްވެފައި ތިބި ކުދިންނަށް ހާއްސަކޮށްގެން "ކްލާސް އޮފް ހިއަރިން އިމްޕެއާޑް ޗިލްޑްރަން" ގެ ނަމުގައި 2001 ވަނަ އަހަރު ވަކިން ކިޔަވައިދޭން ފެށި އެވެ. އެހެންވެ، ދެން ތިބި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިން މާލޭގެ އެހެން ސްކޫލުތަކަށް ބަދަލުކުރި އެވެ. އެއާއެކު، ޖޭއެސް އިން އޭރު ސަމާލުކަން ދިނީ އަޑުއިވުމުން މަހުރޫމްވެފައި ތިބި ކުދިންނަށް އެކަނި ކިޔަވައިދޭށެވެ.
އެކަމަކު ފަހުން ހާއްސަ އެހީތެރިކަން ބޭނުންވާ ހުރިހާ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ. އެ ސްކޫލުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކްލާހުގައި 24 ކުދިން އަންނަނީ ކިޔަވަމުންނެވެ.
ހަސަން ވަނީ ތައުލީމީ ދާއިރާގައި 30 އަހަރު ހިދުމަތްކުރައްވައިފަ އެވެ. އޭގެ ތެރެއިން 15 އަހަރު މަސައްކަތްކުރައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮއްޓަރޭ
28 December 2020
ހަސަންއަކީ ހަމަ ހަގީގަތުގަވެސް ރާއްޖޭގެ އެންމެ ބަރާބަރު ޕްރިންސިޕަލް. ޖޭއެސްގެ ކާމިޔާބީގެ މޭސްތެރިޔާ. މަރުހަބާ ހަސަން
މުރާސިލް
27 December 2020
ހަސަންއަށް ތިޔަ އިނާމު ހަމަ ހައްޤެވެ. މާލޭގެ ގިނަ ސްކޫލްތަކެއްގެ ޕަރިންސިޕަލުން އަޅުގަނޑު ދަންނަމެވެ. ހަސަން އަކީ އެހެން ޕްރިންސިޕަލުންނާއި އަޅާ ބަލާއިރު، ވަރަށް ރަނގަޅު އަދި ބެލެނިވެރިންނާއި ގުޅިގެން ސުކޫލްގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި ލާމަސީލު ނަމޫނާބެފުޅެކެވެ. ކުދިންގެ ކުރިއެރުމާއި ސްކޫލްގެ ވަސީލަތްތައް އިތުރުކުރުމުގައިވެސް ނަމޫނާ ޕްރިންސިޕަލެކެވެ. ހަސަންއަށް އިތުރު ކާމިޔާބީއާއި ފުރިހަމަ ސިއްޚަތަކަށް އެދެމެވެ.