މިދިޔަ އަހަރު މާލޭގައި އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ކްލާސް ރޫމަކާ ވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖެނުއަރީ 2021 - 18:05
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ އެތައް މަހަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވަން ފެށުމަކީ، އެކި ކަންކަން ދަސްކުރުމުގެ އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމާ ގުޅިގެން، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސްކޫލަށް ހާޒިރުވުން ވެގެންދާނީ، އުނގެނުމުގެ އާ ފުރުސަތުތައް ފަހިވުމާއި ރައްޓެހިންނާ ބައްދަލުވުމުގެ އިތުރުން އާ ރައްޓެހިން ހޯދަން ވެސް ލިބޭ ފުރުސަތަކަށް ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، މާލެ ސަރަހައްދުގައި ގްރޭޑު 6 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ސްކޫލުގައި އަދި ކިޔަވައިދީފައެއް ނުވެ އެވެ. އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ކުޑަ ދުވަސްކޮޅަކަށް ޕްރީ ސްކޫލް ދަރިވަރުންނަށް ވެސް ކިޔަވައިދީފައިވެ އެވެ. އެހެންވެ މިއީ، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ހުރިހާ ދަރިވަރުންނާ ސްކޫލުން ބައްދަލުވާ ފަހަރެވެ. މި ފަހަރު ސްކޫލުތައް ހުޅުވާލާފައި ވަނީ ބޭބީ ނާސަރީގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދިނުމުގެ ހުއްދައާ އެކުގަ އެވެ.
Wishing our students, teachers and parents a great year as students return to their classrooms after many months of pandemic shutdown. May your return to school be filled with wonderful learning opportunities while reconnecting with old friends and making new ones.
— Ibrahim Mohamed Solih (@ibusolih) January 10, 2021
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކަކީ ރައްކާތެރި ތަނަކަށް ވާނެކަމުގެ ޔަގީންކަން ދެއްވައި ދަރިވަރުން ކިޔެވުމަށް ފޮނުވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ ފުރުސަތު ނުލިބި ގޭގައި ތިބެން ޖެހުމުން އެ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ.
"...ކުދިން ސްކޫލަށް ފޮނުއްވަވައިދެއްވާށޭ، އަޅުގަނޑުމެން ޔަގީންކަން އަރުވަމޭ ސްކޫލުތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހަދައިދޭނެކަން. އެގޮތުން އަޅުގަނޑުމެން ސްކޫލުތަކުގައި ސާފުތާހިރުވުމުގެ ކަންކަމާއި ހޭންޑް ހައިޖީންގެ އިތުރުން ރެސްޕިރޭޓަރީ ހައިޖީނަށް ހާއްސަ ސަމާލުކަންދީގެން ކަންކަން މި ވަނީ އިންތިޒާމް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy