މިއަދު ހަވީރު 4:00 ގެ ފަހުން ކެފޭ/ރެސްޓޯރަންޓްތަކުން ދޭނީ ޑެލިވަރީ/ޓޭކްއަވޭގެ ހިދުމަތް
08 ފެބުރުއަރީ 2021 - 18:43
ކޮވިޑް-19 ގެ ކޭސްތައް އައްޑޫގައި އިތުރުވަމުންދާތީ އާއި މިހާރު މުޅި އައްޑޫ މޮނިޓަރިން އަށް ލާފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދު ހަވީރުން ފެށިގެން ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލަން ކައުންސިލުން އަންގައިފި އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި މި ވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ލަފާކުރެވޭތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫގެ މޮނިޓަރިން ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން މިއަދު ހަވީރު 4:00 ގެ ފަހުން ކެފޭ ރެސްޓޯރަންޓްތަކުން އާންމުކޮށް ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ދޭން ޖެހޭނީ ޓޭކްއަވޭ/ޑެލިވަރީގެ ހިދުމަތް އެކަނި ކަމަށް ބުންޏެވެ. އެގޮތަށް ހިދުމަތްދޭ އިރު ނަގުދު ފައިސާ ބޭނުން ނުކުރުމަށް ވަނީ އަންގައިފަ އެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރު ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މަަޑުޖައްސައިލުމުގެ އިތުރަށް އައްޑޫގެ އަވަށްތަކުގައި ހިންގާ ގާޑިޔާ ވިޔަފާރި ވެސް މާދަމާ ހުއްޓާލަން ޖެހޭނެ އެވެ.
މީގެ އިތުރުން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅެން ވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.
އައްޑޫން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މިހާރު އަންނަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy