ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން: އެ މީހުންނާ ދޭތެރޭގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި މައްސަލަ ވަނީ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާފައި.
23 ފެބުރުއަރީ 2021 - 12:46
ބޮޑުފިނޮޅު ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުވައި މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންނަށް މުސާރަ ދީފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ރިޒް ކުންފުނިން ލިއުމެއްގައި ސޮއިކުރުވާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ތަހުގީގުކޮށްދޭން އެދުނީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުނިން މަސައްކަތް ކުރުވައި މުސާރަ ނުދީ ތިބި 198 ބިދޭސީންގެ ހައްގުގައި ޓްރައިބިއުނަލްއަށް ވެސް މައްސަލަ ވައްދައި ހައްގުތައް ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.
ފުލުސް އޮފީހަށް ހުށަހެޅި ތުހުމަތު ރިޒް ކުންފުނިން ދޮގުކުރެ އެވެ. އެ ކުންފުނީގެ ލޯޔަރު އަލީ ސައީދު ވިދާޅުވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަނީ މެމްބަރު ރިޒާއާ ޒާތީވެ އަބުރު ކަތިލަން ކަމަށެވެ.
ޕީއައިއެލްސީގެ ރައީސް އަދި ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މިދިޔަ އަހަރު ހުށަހަޅައި ޓްރައިބިއުނަލްގައި ވެސް ލަސްވަމުންދާ މައްސަލައިގައި ހިމެނޭ ބިދޭސީންނާ ދޭތެރޭގައި ގާނޫނާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ހިންގައި ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. މި ފަހުން ހިންގި ކަމަކީ މުސާރަ ދިން ކަމަށް ބުނެ އޮޅުވާލައިގެން ބިދޭސީން ލައްވައި ރިޒް ކުންފުނިން ލިއުންތަކެއްގައި ސޮއިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެތައް މަހެއްގެ މުސާރަ ނުދީ ތިބި ބިދޭސީން ލައްވައި އެ ލިއުމުގައި ސޮއިކުރުވަނީ ކުޑަ ފައިސާކޮޅެއް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ ޓްރައިބިއުނަލްއަށް މިދިޔަ ޖުލައި މަހު ހުށަހެޅި އިރު ވެސް ބައެއް މީހުންނަށް ހަ މަސް އަނެއް ބަޔަކަށް މުސާރަ ނުދޭތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
"އެކަމަކު ބިދޭސީން އެއްބަސްކުރުވަނީ މަސައްކަތް ކުރި ދުވަހަށް މުސާރަ ލިބިފައިވާ ކަމަށް. ބައެއް މީހުން ފައިސާކޮޅުގައި ހިފީ އެ ނޫން ގޮތެއް ނެތިގެން މަޖުބޫރީ ހާލަތުގައި ކަމަށް އެބަ ބުނޭ،" އޭނާ ވިދާޅުވި އެވެ.
ޝުނާނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ވަކީލުންނާ ނުލައި ލިއުމެއްގައި ސޮއިކުރުވުމަކީ ވެސް ރިޒް ކުންފުނީގެ ލޯޔަރުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ލިއުމުގައި، އޮތީ ޓްރައިބިއުނަލްގައި އޮތް މައްސަލަ ނަގަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"މިކަން ހިނގައި ދިއުމުން އެ ލިއުމުގެ ސައްހަކަން ކަށަވަރުކުރުމަށް މި ޖަމިއްޔާގެ ފަރާތުން މަސައްކަތް ކުރުމުން، މި ޖަމިއްޔާ އިން މަސައްކަތް ކުރަނީ ގަދަކަމުން މަޖުބޫރުން ބިދޭސީ މަސައްކަތްތެރިން ލައްވައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ވަކީލުން ކަމަށް ވާ އަލީ ސައީދު އާއި އަބްދުއްސަލާމް އާރިފް އެކި ފޯރަމްރަކުގައި އެފަދަ އިން ވާހަކަ ދައްކާ އެ މީހުންނަށް މުސާރަ ލިބުނުތޯ ކަށަވަރު ކުރަން ހުރަސްއަޅާފައިވެ އެވެ،" ޕީއައިއެލްސީން ރަސްމީ އިދާރާތަކަށް ފޮނުވި ސިޓީގައިވެ އެވެ.
ރިޒްގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުއްސަލާމަކީ މިހާރު ޗީފް އޮމްބަޑްސްޕާސަން އެވެ. އެއީ ރާއްޖޭގެ އެކި ވެރިކަމުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދޭން އުފައްދާފައިވާ އޮފީހުގެ އެންމެ އިސް ފަރާތެވެ.
ޕޮލިހަށް ހުށަހެޅި މައްސަލާގައި ޕީއައިއެލްސީން ބުނެފައި ވަނީ ރިޒް ކުންފުނީގެ ވަކީލުންގެ އަމަލަކީ މަކަރާއި ހީލަތާއި އެކްސްޕްލޮއިޓޭޝަން އަދި ޖިނާއީ ކުށެއްގެ އަމަލެއް ކަމަށް ބެލެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދޭން ވަނީ އެދިފަ އެވެ.
ރިޒްގެ ލޯޔަރު ސައީދު މިއަދު ވިދާޅުވި ގޮތުގައި އޮޅުވާލައިގެން މުސާރަ ދިން ކަމަށް ސޮއިކުރުވައިފައެއް ނޯންނާނެ އެވެ. އެކަމަކު ގިނަ ބަޔަކަށް މިހާރު މުސާރަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން އަމިއްލަ އަށް އެދިގެން، ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަނބުރާ ނަގައިފި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއައިއެލްސީގެ ހާޒިރުގައި ހެދި ސެޓްލެމެންޓް އެއްބަސްވުންތަކެއްގެ ދަށުން ވެސް ބައެއް މީހުން މައްސަލަ ނެގި ކަމަށާއި މިހާރު ތިބީ ގާތްގަނޑަކަށް 40 މީހުން ކަމަށެވެ. އެކަމަކު މައްސަލައިގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ޝުނާނާ ދައްކަވަމުންދާ ކަމަށާއި އޭނާގެ އަމަލުތައް ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ހުރެގެން މައްސަލަ ވެސް ހުށަހެޅި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ބިދޭސީންނަށް ދީފައި ވާނީ ހައްގު މުސާރަ އެވެ.
ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފުލުހުން ތަހުގީގުކޮށް ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވައިފަ އެވެ.
ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ ބޮޑުފިނޮޅުގެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ. ބޮޑުފިނޮޅު ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
މަސައްކަތް ކުރުވާފައި މުސާރަ ނުދިނުމާއި ބޭސްފަރުވާ އިން މަހްރޫމްކުރުން ފަދަ އަމަލުތަކެއް ހިންގި ބިދޭސީން މިހާރު ބައިތިއްބާފައި ވަނީ ހުޅުމާލޭގައި ހުންނަ އާރުޑީސީގެ ފެސިލިޓީގަ އެވެ. އެތަނަށް އެ މީހުން ގެންދިޔައީ ރިޒް ކުންފުނިން ޚަރަދުތަކާ ހަވާލުވާނެ ކަމަށް އެއްބަސްވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯގާތެރިކަންއޮބިނޯވޭ
06 August 2021
ބިދޭސީންގެ މައްސަލައެއް ނޫން، ބައެއް ދިވެހިންގެ މައްސަލަ ، ސަރުކާރު ހިންގުން ދޯދިޔާކަމުގެ މައްސަލަ، ގަވާއިދާ ޙިލާފު މިހާ ގިނަ ބިދޭސީން ތިބި އިރު އޭގެ ޒިންމާ ނަގާނެ މީހަކު ނެތް، ބިދޭސީންގެ ކަންކަން މެނޭޖު ނުކުރެވޭތި އެމީހުންގެ އިންސާނީ ހައްގު ގެއްލެނީ، ހާދަ އަނިޔާވެރި ރަހުމް ކުޑަ އަމަލެކޭ ހިއުމަން ޓުރެފިކިން އަކީ ، ކޮބާތަ މާ ހިއުމަން ރައިޓްސް ވެގެން އުޅޭ މީހުން
ޖުންސާ
25 February 2021
މުސާރަ ދިނީމަ ނިމުނީތަ؟ ކޮބާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިން ލައްވާ ރިޒް ކުންފުނިން މަސައްކަތް ކުރުވި މައްސަލަ؟ ކޮބާތޯ އިމިގްރޭޝަން؟ ކޮބާތޯ އިކޮނޮމިކް މިނިސްޓްރީ؟ މިހިރަ ފެންނަނީ ހަމަ ތާރީހުގެ ފަތްފުށްތަކުގައި ލިޔެވޭނެ ކަންކަން..
ވެލަރމޭން
06 August 2021
ގަވާއިދާ ޙިލާފަށް އުޅޭ މީހަކު ލައްވާ ކުޑަ މަސައްކަތެއް ކުރުވުން ވެސް ކުށަކަށް ހަދާފައި އަންސްކިލްޑް ލޭބަރަރއިން ގެނެވޭވަރު ވަރަަށް ބޮޑަަށް ލިމިޓްކޮށް ގަވާއިދާ ޙިލާފު މީހުން ގަވާއިދުގެ ތެރެޔަށް ވައްދާ ގާނޫނު ތަންފީޒުކޮއްގެން މި މައްސަލަ ހައްލުކުރެވޭނީ މިއީ ކުރެވޭނެ ކަމެއް
އިސްލާހު
23 February 2021
ރިޒް ކުންފުނީގެ އިތުރަށް ކަތިލާނެ އަބުރެއް އެބައޮތް ހެއްޔެވެ؟؟؟؟؟؟ ލަދުން ބޯހަލާކު.....
ކޮރަލް
23 February 2021
ރާއްޖެ ކަހަލަ ކޮރަޕްޓް ގައުމެއްގާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ތިޔަ ކުރާ މަސައްކަތް އާއްމުން ބަލައިގަންނަން ޖެހެ އެވެ. ސިޔާސީ ނުފޫޒުގަދަ ބޮޑެތި މީހުންގެ މައްސަލަ ތަކާ ގިނަ މީހުންނަށް ކައިރިވާން ނުކެރޭނެ އެވެ. ރިޒް އިން އެންމެނަށް މުސާރަދިނީމަ މައްސަލަ ނިމުނީ އެވެ. ދެން މުސާރަ ނުދީ އަހަރެއް ވަންދެން މަޑުކުރީމަ ބައެއްމީހުން ހާލުގަ ޖެހި މަޖްބޫރުވެގެން މުސާރައިގެ 20 ޕަސެންޓް ނަގާފަ ވެސް ސޮއި ކޮށްލަފާނެ އެވެ.
މުލޭ
23 February 2021
މިހާބޮޑު ސީރިއަސް މައްސަލަ ވެސް ވާނުވާ ނޭނގި ނުވާކަމަކަށްވެ ނިމެނީ. 10 ދުވަސް ތެރޭގައި ދަޢުވާ ކުރަނީ އާދައިގެ ނިކަމެތި މީހާއަށްކަން މި މައްސަލައިންވެސް ކަށަވަރުވެ ޔަގީންވޭ. މޮޅު މީހާއަށް މޮޅުގޮތް ހަދާކަމުގެ އިތުރު މިސާލެއް.
ބޮޑުވަރު
23 February 2021
ތިލޯފާމުން ކިޔެއްބާ ތިޔަ ދިފާއުކުރާ ބޭރުމީހުން ދިން ގެއްލުންތަށް ބަލަން ނޫޅެނީ، ކޮންމެ ކަމެއްގަވެސް ދެފަރާތް އޮތިއްޔާދޯ ރަންގަޅު ނިޔަތެއްގަ ކަމެއްކުރިކަމަށްވާނީ.
ނޯއިޓްއޯލް
23 February 2021
ލޯޔަރެއްގެ ޒިންމާ އަކީ އޭނާ ވަކީލުކަންކޮށްދޭ ފަރާތް ދިފާޢުކުރުން. އޭނާގެ މައްސަލަތައް ހާމަކުރުމެއް ނޫން. އެމީހުން ގޯސްކޮށް ކުރިކަމެއް ހޯދައި އެކަމަކަށް ދައުވާކުރަން ޖެހޭނީ ދައުލަތުން ނޫނީ ގެއްލުން ލި ބުނު ފަރާތަކުން.
މުސާރަ
23 February 2021
ބޭރު މީހުން ގެއްލުންދިން ނަމަވެސް އެމީހުންނަށްވެސް ޙައްޤުވާ މުސާރަ ލިބެންޖެހޭނެ. އެތައް މަސްތަކެއް ވީއިރުވެސް އެމީހުންނަށް ލިބެންޖެހޭ މުސާރަ ނުދީ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ކޮބާތޯ އިންސާނިއްޔަތުކަން.
ހިރުސް
23 February 2021
ލިޔުމުގައި އެބައޮތް ރިޒް ކުންފުނި...މިކަންވެސް ރޯޔަލް ވެފަ..ބެލޭނެ މުއައްސަސާއެއް އަޅާނެ ފިޔަވަޅެއް ހަރާމް..ރައްޔިތުން އެމްޑީޕީއަށްދިން ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގަނީ
ޑިސްއޮނަރަބަލް އަފީފު ޑީޑީ
23 February 2021
ތިކަން ދެން ހަދާންނައްތާލާ. މިގައުމުމުގާ މިއުޅެނީ އާއްމު ދިވެއްސަކަށް އިންސާފުނުލިބިގެން. ދެންކިހިނެއް ނިކަމެތި ބަންގާޅީއަކަށް އިންސާފުލިބޭނީ.