ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ 26 ގެ ކުރިން ފިނޭންސަށް ޖަވާބެއް ދިނުން މުހިއްމުކަަމަށް.
20 އެޕްރީލް 2021 - 13:46
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް މި މަހުގެ 26 ކުރިން ޖަވާބެއް ދިނުން މުހިއްމު ކަމަށްް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރުމުގެ ބޭނުންތެރިކަން މެމްބަރުން ފާހަގަކުރައްވާ ކަމަށެވެ. [އެކަމަކު] އެ ހުށަހެޅުމާއި މެދު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޖަވާބއް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފިނޭންްސް މިނިސްޓްރީން މަޖިލީހަށް އިއްޔެ ހުށަހެޅީ ފައިސާ ޗާޕުކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ވަކި ހާއްސަ ހާލަތެއްގައި ވަކި ޝަރުތުތަކަކާ އެކުގައި ނޫނީ ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާތައް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ދިގުދަންމައިލުމަށެވެ. ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ނަޝީދު މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓަރު (އިބްރާހީމް އަމީރު) އޭނާގެ މާލީ އަންދާޒާތަކާއި ތަސައްވަރުތައް އެނގިވަޑައިގަންނަވާ ކަަމަށާއި އެ ތަސައްވަރުތައް ހުށަވެސް އަޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އެ ހިސާބުތަކާއި ތަަސައްވުރުތައް އެއީ ރަނގަޅު ހިސާބުތަކެއްތޯ، ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ކަށަވަރުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާ ބޭންކްތަކާ، އަދި އަމިއްލަ ވިޔަފާރިވެރިންނާ އަދި އެހެންވެސް މާލީ އިދާރާތަކާ އެކީގައި މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމާ މެދު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ވަނީ ދެކަފިވެފަ އެވެ. އެގޮތުން ފިނޭންސްގެ ހުށަހެޅުން އިތުރަށް ދިރާސާކުރަން ވަގުތު ހޭދަނުކޮށް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އިރު، އަނެއްބައި މެމްބަރުން ހުށަހެޅުއްްވީ އެކަން ރަނގަޅަށް ދިރާސާ ކުރުމަށެވެ. ފިނޭންސްގެ ހުށަހެޅުން ދިރާސާކުރަން ހާއްސަ ކޮމިޓީއެއް އުފަައްދަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް މިއަދު ވޯޓަށް އެހުމުން އެ ހުށަހެޅުން ފާހެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
21 April 2021
މަޖިލީހުގެ ޒިންމާއަކީ ޖަވާބުދާރީ ކުރުވުންތަ ނޫނީ ޖަވާބުދާރީ ވުންތަ؟ މިހާރު މަށައްވެސް އޮޅިއްޖެ
ހަނުހުންނަ މީހާ1
20 April 2021
މާނައަކީ 26ގެ ކުރިން ބޮޑުވަޒީރުގެ މަޝްވަރާއަށް ގޮތެއް ނިމެންޖެހޭ. މީހަކުވީ ހާއްލެއްގަ މަ ނުވާނަން.
އަލީރާޖާ
20 April 2021
އެމްްޑީޕީގެ މެންބަރުންވެސް އެމްޑީޕީއަށް ވޯޓުނުލަނީ މިކަމާ ހެދި. އަމިއްލަ ޕާޓީގަ މި އޮންނަނީ ދެފަޅިއަށް ބެހި އެއް ބަޔަކު އެނެއް ބަޔަކަށް ޖެއްސުންކުރުން. ކުރިން އެމްޑީޕީ ވެރިކަން ކުރިއިރު މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުން އުޅުނު ގޮތެއް ނޫން މިއީ!
ޢަނީ
20 April 2021
ހިސާބެއް ނެތް މިންވަަރަށް ފައިސާ ޗާޕްކުރާން ފިނޭންސް މިނިސްޓަރަށް ހުއްދަދީގެން ނުވާނެއެވެ. އަދިވެސް ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުންގެ މުސާރަ އިއާދަ ނުކުރިތާގައި ދެން މިފެނުނީ ބަދަލުދޭން ބަޖެޓްކުރިވަރަށް ވުރެން އިތުރަށް ފައިސާ ޚަރަދު ކުރި ޚަބަރެެވެ. މިހާރުގެ ނޫސްވެރިންގެ ނޫސްވެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.
އަފުރާސިޔާބު
20 April 2021
މަޖިލީހުގައި ނެތްތޯ ތަސައްވުރުގައި ހިސާބުޖަހާލެވޭ ވަރުގެ މެންބަރ ކުދިންކޮޅެއް؟ ތިޔަތަނުގައި އެފެންވަރު ނެތިއްޔާ މީހަކު ކޮންމެ އެއްޗެއް ހުށަހެޅިޔަސް ޖެހޭނީ ގަބޫލުކުރަންދޯ؟ އޭގައި ބުނާ އެއްޗެއް ފަހުމުކުރަންވެސް މިދާންޖެހެނީ އެހެންބަޔަކު ކައިރިއަށްދޯ؟ ދެރައީ އަދުރޭ ކަހަލަ ހިސާބު ޢިލްމަށް މޮޅު މީހަކު މިހާރު ތިޔަތަނުގައި ނެތީމައި!
ާގައްދޫ ދަރިއެއް
20 April 2021
ދައުލަތުގެ ފައިސާ އަމީރުއަށް ދެނީ ކޮން ކުޅިވަރެއް ކުޅުއްވަން ތޯއެވެ؟ އެއްމެ ފަހުންވެސް ދެއްވި ފައިސާއިން އަމީނުއާއި ގުޅި ލާމެހިގެން ހިންގެވީ ޖަރީމާއެވެ. އެކައުންޓަބުލް ނުވާ ގޮތަށް އެއްވެސް ތަޖިރިބާއެއް ނެތް މޮޔައަކަށް ދައުލަތް ރޮލާއި ކާންދޭން ހެޔޮ ނުވާނެއެވެ.
ކަކުނިބޯ
20 April 2021
ޑްރާމާކުޅެނީ ހެހެހެ ހަމަ ހުއްދަދޭންޖިހޭނީ ކީތްކުރާނީ ނުދީ ކޮންޑްރާމާއެއްކުޅޭކަށް މާމޮޅަށް ބަލާބައެއްކަން ދައްކަން ކޮންމެހެން ދެބޯގެރިދުއް ވާގެން ދެން އިތުރަށް މީހުން މޮޔަހައްދަން އުޅޭމެކަމެއްނެތް ވަރަށް ސަލާމް އިންތިޒާރުމިކުރަނީ 2023 އަށް
ނުފޭލް
20 April 2021
ސަރުކާރު ފެއިލް އެއްނުވޭ.މަޖިލީހުގައި އަދި މުޅި އޮޑީގައި ނަޝީދުގެ ދެފައި ދަމަނީ. އެހެންވެ ސަރުކާރަަށް އެތެރޭން ޕްރެޝަރ ކޮއް ބަރުލަމާނީ އަށް ބަދަލްކޮށް ވެރިކަން ނުލިބިގެން ތެޅެނީ. ރައީސް ދައްކަންޖެހޭ ވާހަކައެއްވެސް މީނަ ޕްރެޝަރ ކޮއްފަ ކުރީބައިގައި މަބޮޑޭ ހެދެނީ.މިކަން އެންމެންވެސް ދަނޭ މިހާރު
ނުފެނެއޭ
20 April 2021
ސަރުކާރު ފެއިލް ވެފައިވާ ކަމުގެ ނިޝާން ތަކޭ މިފެންނަނީ ސަބަބަކީ ރައީސް އޮފީހުން ދައްކަން ޖެހޭ ވާހަކަ މަޖްލީހުގެ ރައީސް ދެއްކުން ދެން ބަރުލަމާނީ އަކަށް ރާއްޖޭގައި ވެރިކަން ކުރަން ނުޖެހޭ ސަބަބެއް މަމެންނަށް ނުފެނެއޭ އިނގޭތޭ..
އަލީ
20 April 2021
ލާރިގަނޑު ކާލަންވީ އަވަހައް.