އަންހެންމީހާ ގެންދަނިކޮށް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް--
22 މެއި 2021 - 18:56
މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންް ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލައިފި އެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ.
މާފަންނު ލެމަންގްރާސް ހުންނަ މަގުގައި އެ ރޭ 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 18 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެ މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބުމުގެ މުއްދަތު އިތުރުކުރަން، މިދިޔަ ބުދަ ދުވަހު، ފަސްވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.
އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެ މީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައި ވަނީ އަންހެންމީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށް ކަމަށް ޝަފީއު ވިދާޅުވެ އެވެ.
އެ އަންހެން މީހާ ގެންދާ ވީޑިއޯ އާންމުވެފައި ވާއިރު، އެއިން ފެންނަނީ އެ ދެ ފިރިހެނުންނާއެކު ނުދާން އަންހެންމީހާ ގަދަ ދައްކަމުން ދަނިކޮށް އުފުލައިގެން ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު، އެއިން މީހަކު އެކަމަށް އަޅާލާ މަންޒަރެއް ނުފެނެ އެވެ. ގަދަކަމުން ގޯޅި އަށް ވައްދަން އުޅުން ވަގުތު އަންހެންމީހާ ބިންމައްޗަށް ވެއްޓުން ނަމަވެސް ކައިރީ ތިބި މީހުން ފިޔަވަޅެއް ނާޅަ އެވެ. އެ މީހުން ތިބީ މަންޒަރު ބަލާށެވެ. އެންމެ ފަހުންް، އަންހެންމީހާ ސަލާމަތްކުރީ، ކައިރީގައި ހުރި އީދު މިސްކިތުން އެ ވަގުތު ތަރާވީސްކޮށްގެން ނުކުން ބަޔަކު ކަމަށް މަންޒަރު ދުށް މީހަކު ކުރިން ބުނެފައި ވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ. އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
23 May 2021
މަގުމަތިން މީހުން ޖަހައިގެނެގެން ކޮޓަރިއަށް ވައްދާ މީހުންގެ ކިބައިން މުޖުތަމައަށް އެއްވެސް ނުރައްކަލެއް ނެތްކަމަށްދޯ މިވީ...އެހެންވީމަތާ ބަންދުގަ ބަހައްޓައިގެން މައްސަލަ ތަހުގީގު ނުކުރަނީ..
އަހުމަދުބޭ
23 May 2021
މިއީ މިދައްކާ ވާހަކަ؟ ޑިމޮކްރަސީގެ ތެރެއިން ހެދިފައިވާ ގާނޫނުތަކުގައި މުޅިންވެސް ހުންނާނީ މިފަދަ ދެއުޅިއެއް ނުވާގާނޫނު، "ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ." ސުވާލަކީ އެމީހުންނަށް ފުރުސަތު ލިބުނުނަމަ ރޭޕްކުރީހެވެ. ފުރުސަތު ނުލިބުމުން ރޭޕްނުކުރެވުނީއެވެ، މިއީ ބުއްދީގެ ހަމަތަކުން ވިސްނާލަން ޖެހޭކަންކަމެވެ، މިސާލަކަށް ވައްކަން ކުރަން އުޅެ ނުކުރެވިގެން އުޅެނިކޮށް ފެއިލްވީމަ އޯކޭ
ކަކުނިބޯ
23 May 2021
ދެން އަވަހަށް ހުކުންއިއްވުމުގެ ކުރިން އަނެއްކުއްޖަކު ރޭޕްކޮށްލާ ސަޅިވާނެ ނަންވާނީ އަބްދުﷲ ޤާޒީ
ދުރުވިސްނާ
23 May 2021
އެދެމީހުންގެ ފަހަތުގައި ފާރައަށް ފައުޖެއް ބައިތިއްބަނީތަ ޝަރުޠު ކުރި ކަންތައް ބަލަން. ބޯހަލާކު
ސްޕޭސް
22 May 2021
މިއޮތީ އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދީފާ. ދެން ފައިބާ
އަތަވާ
22 May 2021
ލަދެއް ހަޔާތެއް ހުރިނަމަ މިވެރިން ޒީރޯ ޓޮލެރެންސޭ އިންސާފޭ ނުކިޔާނެ
އެމްސް
22 May 2021
ބުއްދީގެ ދަލީލާއި ނުލާ ކުރާ ތަޙްޤީގާއި ދަޢުވާ ދާނީ ތިހެން! ރޯމާ ދުވާލު، އެތައްބަޔެއްގެ ލޯ ކުރިމަތީ މީހަކު ކަތިލި ފަހަރެއްގަ ފުލުހުން ދަޢުވާކުރީ، "މަނާ ހަތިޔާރު ބޭނުންކޮށްގެން މީހަކު މެރުމުގެ" ދަޢުވާ! ޙަމަލާއެރިމީހާ ވަގުތުން މަރުވިއެއްކަމަކު ކުށް ސާބިތުނުވީ، "ކަނޑި" ޤާނޫނުގަ ބުނާ ހަތިޔާރުގެ މިންގަނޑަށް ނުފެތޭތީ!
ފައްސިމޭން
22 May 2021
ކުދިންނޭ. އެބަ އިނގޭތަ މިވާގޮތެއް. އެހެން ކުށެއްގެ ތުހުމަތުގަ ބަންދުކޮށްފައި ތިބީމާ ދޫކޮށްލަންޖެހުނީޔޭ ޚަބަރުގަ އޮތީ. ދެން ޖެހޭނީ ނޯމީންސް ނޯ އާ އެހެން އެއްޗަކާ އިންސާނީ މަގުފޭރުމާ ދެން ހުރި އެއްޗިހިންވެސް އުންސުރާ ފަންސުރާ އެއްޗިހި ހަމަޔަށް ހުރިވަރަށް ބަލާފަ ދައުވާކުރަން. މިހާރު ބަންދަކު ނުބެހެއްޓޭ ކޮންމެ ކޮންމެ ކުށެއްގެ ތުހުމަތަކު، ކުށްވެރީންގެ ހައްޤު ލިޔެދީފާ އޮންނަވަރުންނާ ނަހަމަގޮތުގައި ބަންދުކުރުމުގެ ބާރުގެ ބޭނުންކޮށްފާނެތީ.
މިވަރެއްނެތް
22 May 2021
މިވެރިކަމުގައި ޖިންސީފުރައްސާރަކުރާ މީހުންނަށް ލިބިދެނީ ހިތްވަރުދޯ؟ ހޯރައިއްބެ، ރޯޔަލް ރޭޕް، ހަސަން ފަޔާޒު، އަލީ ވަހީދު، އަހުމަދު އީސަ، އަދި މިވީޑިޔޯއިން ފެންނަ ކުދިން! ފެންނަ ފެނުމުގައި ރައީސު އިބޫގެ ޒީރޯ ޓޮލަރެންސްގެ ޙަގީގީ އަމާޒަކީ މިއީހެން މަމެންނަށް ބައެއްފަހަރު ހީވޭ!
ޖަމަލު
22 May 2021
އިންސާނީ މަގުފޭރުމަކީ އެހެންވީމަ ކުށެއް ނޫން؟