އެމްޑީޕީ މަޖިލިސް ޕްރައިމަރީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޯގަސްޓް 2021 - 19:42
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އޮތް ބޮޑު ބިރެއް ކަމަށާއި އެކަމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމާއެކު ކޯލިޝަން ހެދުން ކަމަށާއި އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ހިމެނޭ ވަޓްސެޕް ގްރޫޕެއްގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު ދެން ކުރައްވަން އެންމެ ބޭނުންފުޅުވި އެ ކަންތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ނަޝީދުގެ އަރިސް ބައެއް އެހެން މެންބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި، ނަޝީދުގެ އެ ވިސްނުންފުޅާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި އެ ދެ ޕާޓީ އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގައި ތިބެގެން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތަށް އަދި ސިޔާސީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ މަލްޓި ޕާޓީ ނިޒާމަށް ތާއީދު ކުރާ މީހެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް ހުރި އެންމެ ރަނގަޅު ގޮތް ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކާ މެދު ސުވާލުކޮށް، ފާޑުކިޔެން ޖެހޭނެ ކަމަށާއި އެއާ ހިލާފަށް އެމްޑީޕީ އާއި ޕީޕީއެމް އެކުވެއްޖެ ނަމަ ރާއްޖޭގައި އޮތް ޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ޕީޕީއެމާއެކު ކޯލިޝަން ހެދުމަށް ތާއީދު ކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ވާހަކަ ދެއްކެވިޔަސް އެއީ އެމްޑީޕީގެ ނިންމުމެއް ނޫނެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ ކަންކަން ނިންމާނީ އެ ޕާޓީގެ ގުނަވަނަކުން ކަމަށެވެ. އަދި ޕީޕީއެމާ ގުޅެން އެމްޑީޕީ އަށް ހުށަހެޅިޔަސް އެ ގޮތަށް ނިންމުމަކީ އެ މަނިކުފާނު އެއްގޮތަކަށް ވެސް ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެއީ ކޮންމެހެން ޕީޕީއެމްއާ ގުޅުން ގޯސްވެގެން ނޫން. މަލްޓި ޕާޓީ ނިޒާމެއް މި ރާއްޖޭގައި އަށަގަނެ ތަރައްގީ ކުރުމަށް އަޅުގަނޑު ބޭނުންވާތީ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަނެއް ހަދަން ނުނިންމި ނަމަވެސް އެކަކު އަނެކަކާއެކު ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަޝީދު ބޭނުންފުޅުވާ ނަމަ ކުރީގެ ރައީސް ޔާމީނާ އެކީގައި މަސައްކަތްޕުޅު ކުރެވިދާނެ ކަމަށާއި އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ދެ ޕާޓީގެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ފައިދާ ހުރި ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް އާ ކޯލިޝަން ހެދުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ނަޝީދު ތަކުރާރުކޮށް ހާމަކުރައްވަމުން ގެންދެވި ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ އެ މަނިކުފާނުގެ އެ ދައުވަތު ގަބޫލު ނުކުރައްވާ ކަމަށް ބުނެފަ އެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ދުވަހަކު ވެސް ނުގުޅޭނެ ކަމަށް ބުނެ އެ ޕާޓީން ވެސް ވަނީ ނަޝީދަށް ރައްދު ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދުބެ
12 August 2021
އެމްޑީޕީގެ ވެރިކަން ވައްޓާލި އެއްމެން އަރިސްކޮށްގެން ކޯލިޝަން ހެދުން ރަނގަޅީތޯ. އެންމެ ބޮޑު ޕާޓީގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ ތަހުގީގު ނުކުރުން އެއީ ޕާޓީސިސްޓަމަށް ރަނގަޅުގޮތަކީތޯ. ސޯލިހަކީ ދިވެހިންނަށް އެއްޗެއް ވިސްނައިދެވޭވަރު ލީޑަރެއްނޫން. ތިޔަށްވުރެ ރަނގަޅުވާނެ ޓީވީއަށް އަރާ ރޮއެގަތަސް. ގައުމާމުހާތަބުކޮށް ދެއްކި ވާހަކައިން އެނގުނީ ވަގުތު ދެނީ ވައުދުފުއްދަންނޫން ކަމާ އިދިކޮޅު ހިޔާލުނައްތާލަންކަން. އެއީ ތިމާ ވެރިކަމަށް ގެނައި މީހަކަސް.
ބޯހަލާކު.
12 August 2021
ސޯލިހު ކޮންކަމަކާ ބިރުން ތިޔަ އުޅުއްވަނީ؟ މިއަދު އާރާއި ބާރު އޮތީ މަނިކުފާނު އަތުގައި. އަބަދު ވައުދޭ ވައުދޭ ކިޔުން ނޫންކަމެއް ނުވޭ
ްމަގޭ ބަސް
12 August 2021
ޕާޓީ ނިޒާމައް ބިރެކޯ! ކާކުތަ ޕާރޓީ މާ މުހިންމު ވެގެން އުޅެނީ! މުހިންމީ ގައުމު. ގައުމު އެހެން ބައެއްގެ އަތްދަށު ނުވެ، ގައުމު ކުރިއަރުވުން. އިންޑިއާ، އަފްގާން، ސައޫދީ، ޗައިނާ އަތް ދަށު ނުވުން. މަށައް ވަރިހަމަ ޕާޓީ ފުނޑުނަސް! ގައުމުގެ ރައްޔިތުން ނައް ފާގަތި އަދި ތަނަވަސް ރީތި ދިރިއުޅުމެއް ހޯދާދޭ ވެރިން ލިބެނިކޮއް. އަދި މުޅިންވެސް މިފެންނަނީ ގައްދާރުން، އަމިއްލަ ފައިދާއައް ގައުމުން ވައްކަން ކޮއް، ވިއްކުން ނޫން ކަމެއް ނުކުރާ ވެރިންތަކެއްް!
މިއަދު
12 August 2021
މަޖިލިހުގެ މެޖޯރިޓީ އަކީ އެމްޑީޕީގެ މެޖޯރިޓީއެއްނޫން އަދި މަނިކުފާނު ތިހުންނެވީ އެމްޑީޕީންވެސް ފޭލިވެފައި އަދި މަޖިލިހުގެ މެޖީރިޓީއަކީ ސިޔާސީ ޕާޓީތަކުގެވެސް މެޖީރިޓީއެއްނޫން ސިޔާސީޕާޓީތަކުގެ މެޖޯރިޓީއެއްވެސް މަނިކުފާނަކަށްނެތް މިއަދު މަމިކުފާނަށްއޮތީ ހަމައެކަނި.ފޭލިވެފަ ތިއްބެވި 3 ލީޑަރުންގެ މެޖޯރިޓީ
ބިލް ކުލިންޓަން
11 August 2021
މަށަށްރަނގަޅީ ޕާޓީސިސްޓަމް ބިރުވެރިކަމުގެތެރެއަށްވެއްޓި އޭގާ ކަތުރުފަނިއަޅާ އެ ނެތިފަނާވެގެންދިޔަށްޔާ.
އަލީރާޖާ
12 August 2021
އަނެއްކާވެސް ރަން 30 އަހަރަށް އަނެއް މައުމޫނު ހޮވާފައި 4 ތީމުގެ އަޅާފައި ބޭންދުންދޯ ރަގަޅީ؟
އޮނަރަބްލް އަފީފު ދީދީ.
11 August 2021
ތިކަންއިގޭއިރު ކީއްވެގެންތޯ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ޕާޓީހެދުމަށް މަގުބަންދުވާގޮތަށް ޕާޓީއެއްއުފައްދާން އެހާ ގިނަމީހުން ތިބެންޖެހޭކަމަށާއި ޕާޓީދެމިއޮތުމަށް ދަފުތަރުގައި 10 ހާސްމީހުން ތިބެންޖެހޭކަމަށް މަޖުބޫރުކޮށް ޤާނޫނު ހަދާފައިވަނީ. # ތިބޭފުޅުން ބޭނުންފުޅުވީ އިތުރު ޕާޓީތަކަށް ފުރުސަތު ނުލިބޭގޮތަށް ޤާނޫނުތައްހަދާ މަލްޓިޕާޓީ ސިސްޓަމްގެ ނަމުގައި އޮތް ކަމުގައިވިޔަސް އިތުރު ޕާޓީއެއް ހެދިޔަނުދޭންވެގެން ނޫންތޯ؟
ވަހީދު
11 August 2021
ގާސިމު، އަދާލަތު ސޭކުން، ނާޒިމުމެން ދެންވެސް ތިބި ސިޔާސަ މީހުންގެ ބޭނުން ކެނޑޭނެ.
މޯޑް
11 August 2021
ވަރަށް ރަގަޅު ވާހަކަފުޅެއް ތި ވިދާޅުވީ
ޝޯމީ
11 August 2021
އެމްޑީޕީގެ އިސްވެރިންގެ ގެކޮޅު އިގިރޭސް ވިލާތުގަ އެބަހުރި ސިޔާސީ ދާއިރާގަ އުޅެނީ ލާރި ހޯދަން ޤައުމީ ވަންތަކަމެއްނެ
އެމެރިކާ
11 August 2021
ހަގީގަތުގަވެސް މި ޤައުމަ ބޭނުމީ ކެރަފާއާއިލާ ސިޔާސީ ދާއިރާއިން ދުރައް ޖެހިލިއްޔާ