އޮޑިޓާ ޖެނެރަލް ނިޔާޒީ: ޝަރުތު ހަމަނުވާ ބަޔަކަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް އަނބުރާ ހޯދަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
14 އޯގަސްޓް 2021 - 13:56
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސަށް ޝަރުތު ހަމަނުވާ ބަޔަކަށް ދޫކޮށްފައިވާ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އާ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފި އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5،000ރ. ދޭން މިދިޔަ އަހަރު ސަރުކާރުން ފެށީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވި މުވައްޒަފުންނަށެވެ. ނަމަވެސް 5،000ރ. އަށް ވުރެ މަތިން އާމްދަނީއެއް ލިބިއްޖެ ނަމަ، އެ މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުދޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރި ގޮތާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައިވަނީ އިންކަމް ސަޕޯޓްގެ ގޮތުގައި މިހާތަނަށް 158 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރިއިރު، އޭގެ ތެރެއިން ޝަރުތު ހަމަނުވާ 217 މީހަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ނިޔާޒީ އަންގަވާފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އިންކަމް ސަޕޯޓް އެލަވަންސް މައިގަނޑު ގޮތެއްގައި ދޫކޮށްފައި ހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވިޔަސް، އެލަވަންސް ލިބުނީ ޝަރުތު ހަމަވާ މީހުންނަށް ކަން ކަށަވަރު ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްވެފައެއް ނެތެވެ. ސަބަބަކީ ޕެންޝަން އޮފީހާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެކަން ބެލޭނެ ނިޒާމެއް ގާއިމްވެފައި ނެތުމުންނާއި ނަގުދު ފައިސާ އިން މުސާރަ ލިބޭ މީހުން ވެސް ތިބޭތީ އިތުރު އާމްދަނީއެއް ލިބުނުކަން ނުވަތަ ނޫންކަން ކަށަވަރު ނުވާތީ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ވަނީ އެކަށީގެންވާ ނިޒާމެއް ނެތަސް، އިކޮނޮމިކް މިނިސްޓްރީން އެލަވަންސް ދޫކޮށްފައި ހުރީ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވެން ހުރި ގޮތްގޮތަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި އެލަވަންސަށް އެދި ހުށަހެޅުމަށާއި އެލަވަންސް ދޫކުރުމުގައި ރަނގަޅު ނިޒާމުތަކެއް ގާއިމްވެފައި އޮތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން ޝަރުތު ހަމަވި މީހުންގެ ތެރެއިން 86 ޕަސެންޓް މީހުންނަށް އެލަވަންސް ދީފައިވާއިރު، އޭގެ ތެރެއިން 52 ޕަސެންޓް މީހުންނަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނެވެ. ދެވަނައަށް އެންމެ ގިނައީ ދަތުރުފަތުރާ ގުޅުން ހުރި ދާއިރާތަކުގެ މުވައްޒަފުންނެވެ.
އެކަމަކު އެލަވަންސް ލިބުނު ގިނަ މީހުންގެ މާލީ ހާލަތު ރަނގަޅު ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެލަވަންސް ލިބުނު މީހުންގެ ތެރެއިން 59 ޕަސެންޓް މީހުންނަށް ދެވަނަ ފިޔަވަހީގައި ވެސް އެލަވަންސް ދީފައިވާ ކަމަށާއި އެހެންވެ، އެ މީހުންނަށް އިތުރު ތަމްރީނު ދިނުމާ އެކު ވަޒީފާގެ ބާޒާރަށް އެ މީހުން ނެރެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާން މައިންބަފައިން
14 August 2021
ތިހެން ހުރިހާ ކަމެއްވެސް. ކެރެންޏާ މަކަރު ހަދަންވީ. ފްލެޓްވެސް ދެމަފިރިންނަށް ދެބުރަކުން ނުވަތަ އެކަކަށް ދެބުރުން ވިޔަސް ބެލޭނެ ގޮތެއް ސަރުކާރަކު ނޯވެ. މިފަހަރުވެސް އެހެން އެބަހުރި، މިފަހަރު އަދި ދެމަފިރިން ފްލެޓް އެއްފްލެޓަށް ހަދައިގެން އެކަކުނަމަށް ހަދަން ބޭނުންވިޔަސް ދެން ހަދާނެ ގޮތެއް ނޭގިގެން ސަރުކާރުން އެތިބީ. މިވާ ސަރުކާރެއް
ކޮރަޕްސަން
14 August 2021
ޤައުމު ދަވާލައިގެން ތިބި މީހުން އަތުން ފައިސާ އަތުލާފް ދެން ތިހެން ކިޔާބަލަ. މިލިޔަނުން ބިލިޔަނުން ކައިފައި ތިބިމީހުން ހާމަކަން ބޮޑުގޮތެއްގއި އިނގޭއިރު އެމީހުން އަތުން އެފައިސާ އަތުލަން ނުކެރިގެން ތި އުޅެނީ ކީއްވެތޯ، ނިކަމެތި ފަޤީރަކަށް 5000 ރުފިޔާ ލިބިގެން ގަޔައް ހިނި އަރައިގެން ނުތެޅިބަލަ، ދައުލަޓުގެ ބަޖެޓް ދިރުވާލައިގެން ތިބި މީހުން ސޮރީ ބޭފުޅުން އަތުން އަތުލާބަލަ ފުރަތަމަ
އޮނަރަބްލް އަފީފު ދީދީ.
14 August 2021
ޝަރުތު ހަމަނުވާ މީހުނަށް ދީފައިވާ ލޯނުތައް އަބުރާ ހޯދުމުގެ ކުރިން ޝަރުތު ހަމަނުވާ މީހުނަށް ލޯނުދިން ފަރާތްތައް މަޤާމުން ދުރުކޮށް އެފަރާތް ތަކާއިމެދު ދައުވާ ކުރާން ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ޙައިސީއްޔަތުން ސަރުކާރަށް އަންގާން ޖެހިލުންވަނީ ކީއްވެގެންތޯ؟
އއރަބަލް އޮނަ
14 August 2021
ބަަޢްލަވާ އޮނަރަބަލް، ބަޔަކު މީހުން އޮޅުވާލަޢިގެން ފަޢިސާތަކެޢް ހޯދީމާ، އެ ފަޢިސާދޫކުރި ބަޔަކާމެދު ފިޔަވަޅު އަޅާނީ ކޮން އުސާލަކުންތަކުންތޯ. ޥަގު ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން މިލިޢަން ރުފިޔާގެ މުދާ ހޯދި މަޢްސަލަޢިގަޢި ފިޙާރަޢިގެ ސޭޓަށް ފިޔަވަޅު އެޅޭނެތޯ
އައްޑޫބެއްޔަބޭ
14 August 2021
ކަލޭގެ ވިސްނުން ތިޔަހުރީ ހާދަ ވިޔާނުދާކޮށޭ. ބަޔަކު ގަސްތުގަ އޮޅުވާލައިގެން މަކަރާ ހީލަތުން ކަމެއް ކުރީމަ ފިޔަވަޅު އަޅަންވާނީ އެ އޮޅުވާލި މީހުނަށްދޯ. މިނިސްޓްރީގެ މުވައްޒަފުންގެ ފަރުވާކުޑަކަމުން ނުވަތަ ގަސްތުގަ ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން ކަމެއްކުރީއެއްނޫން ދޯ.
ރިޝްމީ.
15 August 2021
އަފީފު ދީދީގެ ވިސްނުން ގޯހެއްނޫން. ތިޔަ ފައިސާ ބެހުމުގައި މިނިސްޓްރީ ތެރެއެިން ގޯސްކޮށް އެތައް ކަމެއް ކޮށްފައިވަނީ ގަސްތުގައި. އެކަމުގެ ޒިންމާ އެބަޔަކު ނަގާން ވާނެ.
ކައްވާލާ
14 August 2021
ޕާޓީ ކުދިން ކޮޅަށް ދިނީތޯ ސާބަހޭ ގައުމު ކައްވާލާ
ބަނގްލާސޮރު
14 August 2021
މުޅިގައުމުގަ ހުސް މިވައްތަރު ހުންނަނީ .. އަހަރެން ބޮސް ޕާސްޕޯޓު އަތުލަނީ ވިސާނުދެނީ،، ލާރި ކަނީ