މުނިފޫހިފިލުވުން / ބޮލީވުޑް

ފޭނުން އެދެނީ ކަންގަނާ އާއި ރަސަލްގެ ފިލްމެއް

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތާއި ހޮލީވުޑްގެ މަޝްހޫރު ތަރި ރަސަލް ކްރޯ އެކީގައި ފިލްމަކުން ފެންނަން ބޭނުންވާ ކަމަށް ބުނެ ޓްވިޓާގައި އެ ވާހަކައިގެ އަޑު ގަދަކުރަން ފަށައިފި އެވެ.

މި ވާހަކަ ހިލުނީ ސޯމިއާ ކިޔާ މީހެއްގެ ޓްވީޓަކާ އެކީގަ އެވެ. އޭނާގެ ޓްވީޓްގައި ވަނީ އޮސްކާ އެވޯޑް ހޯދާފައިވާ އެކްޓަރާއި ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އެކީގައި ފިލްމަކުން ފެނުމަކީ ކިހާ ވަރުގަދަ ކަމަކަށް ވެދާނެތޯ ސުވާލުކޮށްފަ އެވެ. އަދި ކަންގަނާ އާއި ރަސަލް އަކީ ދެ އިންޑަސްޓްރީގެ ވަރަށް ހުނަރުވެރި ދެ ތަރިންނަށްވާތީ އެ ދެ މީހުން އެކީގައި ފިލްމަކުން ފެނިދާނެތޯ ސުވާލުކޮށްފައިވެ އެވެ.

ސޯމިއާގެ މި ޓްވީޓްގެ ރައްދުގައި ވަރަށް ގިނަ ބަޔަކު ޓްވީޓްކޮށް އެ ދެ ތަރިން އެކީގައި ފިލްމަކުން ފެނުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ޝައުގުވެރި ކަމަށް ވާނެ ކަމަށް ބުނެފައިވެ އެވެ. މި ވާހަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ސޯމިއާގެ ޓްވީޓް ރަސަލް ވެސް ރިޓްވީޓްކުރުމެވެ. އަދި އެކަން ގިނަ ބަޔަކު ސިފަކުރީ ކަންގަނާއާ އެކީގައި ފިލްމެއް ކުޅެން އޭނާ ޝައުގުވެރިކަން އޮތް ކަމެއްގެ ގޮތުގަ އެވެ.

ނިއު ޒީލެންޑަށް އުފަން ރަސަލް، 57، އަކީ 2000 ވަނަ އަހަރުގެ "ގްލޭޑިއޭޓާ" އިން މޮޅު އެކްޓަރުގެ އޮސްކާ ހޯދި ތަރިއެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "އަ ބިއުޓިފުލް މައިންޑް" އާއި "އިންސައިޑާ" އާއި "އެލްއޭ ކޮންފިޑެންޝަލް" އަދި "ނޯއާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ރަސަލްގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި "ދަ ޖޯޖްކްރައުން ޕްރޮޖެކްޓް" އާއި "ތޯ: ލަވް އެންޑް ތަންޑާ" ހިމެނެ އެވެ.

މި ހަފުތާގައި ހަންގޭރީގައި އެކްޝަން ތުރިލާ "ދާކަޅް" ގެ ޝޫޓިން ނިންމައިލި ކަންގަނާ، 34، އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އޭނާ އަށް ހަތަރު ވަނަ ނެޝަނަލް އެވޯޑް ލިބުނީ މި އަހަރު އެވެ. އެއީ މިދިޔަ އަހަރުގެ ފިލްމު "ޕަންގާ" އާއި 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އަދި މިހާތަނަށް އިންޓަނޭޝަނަލް ޕްރޮޖެކްޓެއްގައި މަސައްކަތެއް ނުކުރެ އެވެ. ކަންގަނާ އަކީ އަބަދު ވެސް ފިލްމުތަކަށް އެއްބަސްވާ އިރު، އޭނާ އަށް ކުޅެން ލިބޭ ކެރެކްޓާގެ ވަރުގަދަކަމާއި ހާއްސަ ކަމަށް ބަލައިފައި ފިލްމުތަކަށް ސޮއިކުރަން އިސްކަންދޭ ބަތަލާއެކެވެ. އެހެންވެ ފިލްމަކަށް އޭނާ ގެނައުމަކީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް މާ ފަސޭހަކަމެއް ވެސް ނޫނެވެ.

އެހެންވެ އަދި ހުޅަނގުގެ ފިލްމަކުން ފުރުސަތު ލިބުނަސް އޭނާ އާދައިގެ އެއްޗަކަށް އެއްބަހެއް ނުވާނެކަން ޔަގީނެވެ. އެކަމަކު ރަސަލް ކަހަލަ މޮޅު އެކްޓަރަކާ އެކީ ކަންގަނާ ފަދަ އިންޑިއާގެ މޮޅު ބަތަލާ އަކު ފެނުމަކީ ހަމަ ކުރެވިދާނެ އުންމީދެކެވެ.

ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދާކަޅް" ގެ އިތުރުން "ތަލައިވީ" އަދި "ތޭޖާސް" ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454