ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާ އިނގިރޭސިވިލާތުގައި ހައްޔަރު ކޮށްފައި ހުރުމުން އޭނާގެ ޝަރީއަތް މިއަދު ކުރިއަކަށް ނުގެންދެވޭ --- ފޮޓޯ/މިހާރު
26 އޯގަސްޓް 2021 - 13:59
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހަައްޔަރު ކޮށްފައި ހުރުމުން އޭނާއަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ނުވެވިގެން އޭނާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތްފަހުން އަލީ ވަހީދު މިހާތަނަށް ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. ކޯޓަށް ހާޒިރުނުވި މައްސަލައެއްގައި އޭނާ ދެ މަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އިނގިރޭސިވިލާތުން އިއްޔެ ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ވިސާގެ މައްސަލައެއްގަ އެވެ. އެކަމަކު އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކޮށްފައި އޮތެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުރިން އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔަޔަސް، މިއަދުގެ އަޑުއެހުމަށް ފިޒިކަލީ ކޯޓަށް ހާޒިރުވާން އޭނާއަށް އެ ކޯޓުން އަންގާފައިވާނެ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކޮށްފައިވާ ކަން އޭނާގެ ވަކީލުން މިއަދު ކޯޓަށް އަންގާފައިވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވޭ ކަމަށް އެ ކޯޓުން ބުންޏެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރު ކުރިޔަސް، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރަށް ނޭނގޭ ކަމަށް ސަރުކާރުން ބުނެެފައިވެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާގޮތުން ވިސާގެ މުއްދަތު ހަމަވުމަށް ފަހު ވިސާ އާ ކުރަން ނޭދި 30 ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ އެއީ ކުށެކެވެ. އަދި އެފަދަ މީހުން ޖަލަށްލުން ނުވަތަ ވަކި މުއްދަތަކަށް އިނގިރޭސިވިލާތަށް ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލެވެ އެވެ.
އިނގިރޭސިވިލާތުގައި އިމިގްރޭޝަންގެ ގާނޫނާ ޚިލާފްވާ މީހުން ހައްޔަރު ކުރުމަށްފަހު ބައިތިއްބަނީ ޚާއްސަ ޑިޓެންޝަން ސެންޓަރުތަކެއްގަ އެވެ. އެކަމަކު ޑިޓެންޝަން ސެންޓަރުތަކުން ދޫކޮށްލަން އެދި އެކަމަށް ޚާއްސަ ފަސްޓް ޓަޔާ ޓްރައިބިއުނަލަކަށް ހުށަހެޅިދާނެ އެވެ.
އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިމަހު ހުކުމްކުރީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެެންދާތީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިސްތިއުނާފް ޝަރީއަތަށް ސުޕްރީމް ކޯޓަށް އޭނާ ހާޒިރު ނުވުމުންނެވެ. އެ ހުކުމް ތަންފީޒުކުރަން އޭނާ ރާއްޖެ ގެންނަން މަސައްކަތްކުރާ ފުލުހުންނާއި ކަރެކްޝަންސް އިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްއޮބަރަބަލް ޑީޑީ
26 August 2021
އަލީ ވަހީދު ހައްޔަރުކުރި ހަބަރާއެކު އެތައްބަޔަކު އިބޫއަށް ހާދަ ތަހުނިޔާކިޔޭ. އޭނާގެ ސޯލިހުކަމަށް ތައުރީފުކުރިޔޭ. އެކަމަކު ފަހުން އެނގިގެންދިޔައީ ހައްޔަރާ އިބޫއާ އެއްވެސް ގުޅުމެއްނެތްކަން. އެގައުމުގެ ގާނުނުތަކެއް މުގުރައިގެން އެމީހުން އޭނާ ހައްޔަރުކުރީކަން.
ވޮޓޭ
26 August 2021
ކޯޓަށް އަންނަން އުޅުނު މީހެއްނަމަ، އިއްޔެ ފުރާކަން ނުޖެހޭނެތަ؟ ރާއްޖެގެ އެއްވެސް މުއައްސަސާއަކަށް ނާންގަ އޭނާ ހައްޔަރުކުރީ މަޖިލީހު ރައީސް އަންގައިގެންތަ؟
ކަދީދައްތަގެ މުނީރާ
26 August 2021
އަހަރެމެން ހީކުރީ ހައްޔަރުކުރީމާކަމަށް ޝަރީއަތް ބޭއްވޭނީ. މިހާރު ވާނުވާ މުޅިން އޮޅިއްޖެ.
އަންތަރީސްވޭ
26 August 2021
ސަރުކާރަށް އިނގުނުކަމަކަށްނުވި އައްޔަ ބޭސްފަރުވާއަށް ފުރިއިރުވެސް އަދި އޭނާ އިނގެރޭސިވިލާތުގައި ހައްޔަރު ކުރިއިރުވެސް ސަރުކާރަށް އިނގޭކަމަށް ނުވޭ. ސަރުކާރުން ބޭނުންވީމަ ޕްރެސްކޮންފަރަންސް ހުއްޓުވަން ވިސާގެ މައްސަލަ އިނގެރޭސިވިލާތަށް ހުށަހަޅާ އައްޔަ ހައްޔަރުގައި ބެހެއްޓޭ. އެކަމަކު އެމް.އެމް.ޕީ.އާރ.ސީ ހިޔާނާތާއި ގުޅޭ މީހުން ހައްޔަރު ނުކުރެވި މިނިވަންކަމާއެކު ޔޫކޭގައި އުޅެވޭ. މިއީ އަޖައިބެއްނު
ބޭއިންސާފު
26 August 2021
ފުރަތަމަ އޭނަ ހައްޔަރުކުރީ ޕްރެސްކޮންފަރަންސް ދޭނެކަމށް ބުނުމުން ގޯހުން ގޯހަށް ހިނގާފައިވާ ކަންކަން ރައްޔިތުންނަށް ފޮރުވާ ސިއްރުކުރުމުގެ ބޭނުމުގައި. މިހާރު ޝައްކެތްނެތް ތިމައްސަލައަކީ ބޮޑު ފްރޭމްކުރުމެއްކަން.
ޢަލީވަހީދު
26 August 2021
އޭނަ އަތުގަ އަސްލު އެއްވެސް މުއުތަބަރު މައުލޫމާތެއް ހުރިނަމަ ސޯޝަލް މީޑިޔާއަށް ދޫނުކޮށްލާ ހުންނާނެހެން ހީވޭތަ މިއޮއްފަދަ ޒަމާނުގަ. ހުުސް ފޮނު.
ހަޖީ
26 August 2021
އަލީ ވަހީދު އުޅޭ ނޫޅޭ ގޮތް ބަލަން ޚާއްސަ ސެޓަލައިޓެއް ތައްޔާރުކޮށްފަ މިހާރު ޖައްވަށް ފޮނުވާ ހިސާބަށް ގޮއްސި.
ޖަހީ
26 August 2021
އަލީ އުޅޭ ނޫޅޭ ގޮތް ބަލާކަށް ނުޖެހޭ، އޭނާ އުޅުނީ ފިލައިގެންއެއްނޫން. ޔުކޭ ގައި އުޅޭ އެޑްރެސްއާއި ގުޅޭނެ ފޯނު ނަންބަރުވެސްއޮތީ ކޯޓުތަކަށައި އެކޮޅުގައި ހުންނަ ދިވެހި އެންބަސީއާއި ސަރުކާރަށް އަންގާފައި
ޖާހީ
26 August 2021
އެއްގޮތަކަށްވެސް ޝަރީއަތަށް ފިލާކަށް ނޫން ގޮސް ޔޫކޭގަ އެހުރީ. އެންމެން ދަނޭ އެކަން. މުޅި ގައުމުގަ ތިބީ ހުސް ކިރުބޯވަރުގެ ޅަކުދިންވިއްޔަ.