ފަރަންސޭސި ދިފާއީ ވަޒީރު ފްލޮރެންސް ޕާލޭ
20 ސެޕްޓެމްބަރ 2021 - 14:08
އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން އެކުލަވައިލި ސަލާމަތީ އެއްބާރުލުމާ ބެހޭ އިއްތިހާދުގެ މައްސަލައިގައި، ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ ފަރަންސޭސި ވިލާތް، އިނގިރޭސި ވިލާތާ އެކުގައި ބާއްވަން ތާވަލުކޮށްފައި އޮތް، ދިފާއީ މަޝްވަރާތަކުން ވަކިވެއްޖެ އެވެ.
ފަރަންސޭސި ވިލާތުން ބުނި ގޮތުގައި، ދިފާއީ ކަންކަމާ ގުޅޭ ގޮތުން އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް އާއި، ފަރަންސޭސި ދިފާއީ ވަޒީރު ފްލޮރެންސް ޕާލޭ ކުރައްވަން ހަމަޖައްސާފައި އޮތް މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ފަރަންސޭސި ދިފާއީ ވަޒީރު މިހާރު ވަނީ އިނގިރޭސި ވިލާތަށް އަންގައިފަ އެވެ.
އޯކަސް އިއްތިހާދާ ގުޅިގެން، ފަރަންސޭސި ވިލާތް ހިތްހަމަ ނުޖެހި، އޮސްޓްރޭލިޔާ އާއި އެމެރިކާގައި ތިއްބަވާ ފަރަންސޭސި ސަފީރުން މިހާރު ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.
އޯކަސް އިއްތިހާދުގެ ސަބަބުން ފަރަންސޭސި ވިލާތް ރުޅިއައީ، 37 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއްގެ ދަށުން، ފަރަންސޭސި ވިލާތުން އޮސްޓްރޭލިޔާ އަށް 12 ސަބްމެރިން އުފައްދައިދޭން ވެފައިވާ އެއްބަސްވުން އޮސްޓްރޭލިޔާ އިން އުވައިލުމުންނެވެ. އޭގެ ބަދަލުގައި، އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރީން، އޮސްޓްރޭލިޔާގައި ބަނުމަށް، އޯކަސް އެއްބަސްވުމުގައި ވަނީ ކަނޑައަޅައިފަ އެވެ.
ތިން ގައުމުގެ މެދުގައި ގާއިމުކުރި އޯކަސް އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓުވުން ކަމަށް ވިޔަސް، އޯކަސްގެ އެއްބަސްވުމުގައި އެފަދަ އިބާރާތެއް ނެތެވެ. އޭގެ ބަދަލުގައި އެއްބަސްވުމުގައި މުޅިން ވެސް ހުރީ ސަލާމަތީ ދާއިރާއިންނާއި ދިފާއީ ދާއިރާއިން ތިން ގައުމުގެ މެދުގައި އެއްބާރުލުމާއި އަސްކަރީ ޓެކްނޮލޮޖީ ހިއްސާކުރުމުގެ ވާހަކަތަކެވެ.
ފަރަންސޭސި ހާރިޖީ ވަޒީރު ޖޯން-އީވް ލެ ޑްރިއަން، އޯކަސް އިއްތިހާދުގެ އެއްބަސްވުން ސިފަކުރައްވަމުން ވިދާޅުވީ، އެއީ ރަހުމަތްތެރިއެއްގެ ބުރަކައްޓަށް ވަޅިހެރުން ކަމަށެވެ. އަދި އެއީ އެކުވެރި ބައިވެރިއެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ ސުލޫކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ވަޑައިގެން ދަތުރުމަތީ މަތިންދާބޯޓުގައި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އޯކަސް އިއްތިހާދާ މެދު ފަރަންސޭސި ވިލާތް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ.
"އަހަރެމެން ދެ ގައުމުގެ މެދުގައި މިއޮތީ ވަރަށް ރަހުމަތްތެރި ގުޅުމެއް. މިއީ ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވޭ ގުޅުމެއް. ފަރަންސޭސި ވިލާތާ މެދު އަހަރެމެންގެ ހިތްތަކުގައި އޮތީ ފިލުވައިނުލެވޭނެ ލޯތްބެއް،" ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯންނާނެ
20 September 2021
އޯކަސްގެ އެއްބަސްވުމުގައި އެފަދަ އިބާރާތެއް ނޯންނާނެ. އެކަމު އެންމެންނަށްވެސް ހަގީގަތް އެނގޭ. ހަމަ އެހެން މިގައުމާ އިންޑިއާއާ ވާ އެއްބަސްވުންތަކުގަވެސް ވާނީ. ކުރާނެ ކަމަށް ރަސްމީކޮށް ނުލިޔާ ކަންކަން ކުރުމުން އެކަމާ ދެކޮޅަށް ކުރެވޭނެ ކަމެއް މަދުވާނެ.
ހޯކަސް
20 September 2021
37 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއްގެ ކުރިމަތީ ތިޔަ ލޯތްބަކީ އެއްވެސް އެއްޗަކަށްނުވާނެ.