ރައީސްކަން ބޭނުމެއް ނޫން، ބޮޑުވަޒީރުކަން ބޭނުމިއްޔާ ދަންނަވާނަން: ނަޝީދު

ބަރުލަމާނީ ނިޒާމެއް އަޔަސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ނަމަ އެކަން ރައްޔިތުންނަށް ދަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑިޕީން ކޮންމެ މަހަކު ދެ ފަހަރު ނެރޭ "ޚަބަރު ސިޓީ"އަށް ނަޝީދު ލިއުއްވާފައިވާ ގޮތުގައި ރާއްޖޭގެ ރައީސްކަން ކުރައްވަން އެމަނިކުފާނު ދެން ބޭނުންފުޅެއް ނޫނެވެ. އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް އެމްޑީޕީން ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށާއި އަދި އެކަން ވާން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެ ވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ އަދި ފަހުގެ ވާހަކައެއް ކަމަށާއި ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ވާހަކަ ދެއްކެވުމަކީ އެ ނިޒާމާ ގުޅިފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭ ނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރު ވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާ އާއި ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ."

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ކާމިޔާބު އޮތީ އަމާޒު ނުގެއްލި ކުރިއަށް ގޮސްގެންނެވެ.

"ވަޒީރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަން ފަސޭހައެއް ނޫން"

ނަޝީދުގެ ލިއުއްވުމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މަގާމުން ދުރުކުރުމުގައި އުފެދިފައިވާ މައްސަލައާ ގުޅޭ ގޮތުން ބައެއް ވާހަކަ ވިދާޅުވެފައިވެ އެވެ. ފައްޔާޒާ މެދު ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ އެމްޑީޕީގެ ތެރޭގައި "ބްރޯ ހެދިގެން" އުޅުއްވާ ކަމުގެ ތުހުމަތާ އެކުގަ އެވެ. މަޝްރޫއުތަކުގައި ކުރާ ކޮރަޕްޝަންގެ ތުހުމަތު ފައްޔާޒާ ގުޅުވިޔަސް ފައްޔާޒު އެކަން ދޮގުކުރައްވަ އެވެ.

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަވާ ކަމަށާއި ތުހުމަތެއް އޮތް ނަމަ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވުމަށް ފައްޔާޒް އެދިވަޑައިގަންނަވަ އެވެ. ނަޝީދުގެ މަސައްކަތްޕުޅާ ދެކޮޅަށް ފައްޔާޒްގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުމެވަޑައިގެން ވިދާޅުވީ މަގާމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް ފައްޔާޒް ނުކުރައްވާ ކަމަށެވެ.

މި ހިޔާލުތަފާތުވުމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާ އެމްޑީޕީގެ ވެރިކަމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. މި ވެރިކަމަށް ކުޑަވެސް ހީނަރުކަމެއް އައުމަކީ ވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން އެމަނިކުފާނަށް ދީފައިވާ އެންމެ ބޮޑު މަގާމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދެއްކެވުމުގެ ފުރުސަތެވެ. ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން ނުރުހުންފާޅުކުރުމަކީ ފަސޭހަކަމެއް ނޫން ކަަމަށް ވިދާޅުވި އެވެ.

"ރައީސަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ. އަޅުގަނޑު ކަށަވަރުކޮށް ދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުންފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާ އެކުގައެއް ނުނެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ މައިގަނޑު ދެ ކަމަކީ ޖަލުގައި އަނިޔާ ހުއްޓުވުމާއި ކޮރަޕްޝަން ނައްތާލުން ކަމަށްވާ އިރު ކޮރަޕްޝަނާ ދެކޮޅަށް ދައްކަވާ ވާހަކަތަކަކީ ސަރުކާރު ނިކަމެތިކުރުން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުކުރެއްވޭ ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ބަރުލަމާނީ ނިޒާމް ގެންނެވުމަކަށް ނޫނެވެ.

ޖަލުގެ އަނިޔާ މަދުވެފައި ވިޔަސް ކޮރަޕްޝަނާ ދެކޮޅު މަސައްކަތް ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ނަތީޖާ ހާސިލްނުވެ އޮތީ، ކޮރަޕްޝަން ހުއްޓުވަން ގާނޫނުއަސާސީ އަށް ގިނަ ސިފަތަކެއް ގެނައުމަށް ފަހު އެކަމާ ދެކޮޅަށް ކުރި މަސައްކަތުން ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އަނިޔާ އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޔިތުންގެ އިތުބާރު އެމްޑީޕީއާ ގުޅިގައި އޮންނަ ދެ ސިފަ އެވެ. ރައްޔިތުންގެ ވޯޓު އެ ޕާޓީއަށް ހޯދޭނީ އެ ސިފަތައް އާލާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.