އަމިއްލަ މަސައްކަތެއް ކޮށްގެން މުޅި އާއިލާގެ ދިރިއުޅުން ކޮޅަށް ޖަހަން މުހައްމަދު ޖަމީލު އަބަދު ވެސް ބޭނުންވެ އެވެ. ހާއްސަކޮށް އޭނާގެ ކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދާ ބަޔަކަށް ވުމަކީ ޖަމީލުގެ އުންމީދެކެވެ. 

އެފަދަ ފުރުސަތަކަށް ބަލަބަލަ ހުއްޓައި ރަށުގެ ބަނދަރު ކުރިމަތީގައި ރެސްޓޯރެންޓެއް ހިންގަން ކައުންސިލުން ބޮޑު ބިމަކަށް އިއުލާންކުރި އެވެ. އެ ފުރުސަތުގެ ބޭނުން ލ. ފޮނަދު އަށް އުފަން ޖަމީލު ހިފީ ދޮއްޓަށް ހުރި ދެ ފިރިހެން ދަރިން ބައިވެރި ކޮށްގެންނެވެ. 

ރެސްޓޯރެންޓު ހިންގާނެ ބަޔަކު ހޯދަން 2018 ވަނަ އަހަރު އިއުލާން ކުރުމާ އެކު، ފަހަތަށް ބެލުމެއް ނެތި އެކަމަށް ޖަމީލު އިސްނެގި އެވެ. މިއީ އަބަދު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާގެ ސިކުނޑި އަށް ވިސްނުނެވެ. 

ދަ ޖެމް ކިޗަންގެ އެތެރެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދަ ޖެމް ކިޗަންގެ އެތެރެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާއިލީ އެ ވިޔަފާރީގައި މިހާރު އެންމެ އިސްކޮށް އުޅެނީ އަލީ މުއާޒެވެ. އާއިލީ ވިޔަފާރިއެއް ފަށަން ބައްޕަ އަބަދުވެސް ދައްކާ ވާހަކައިގައި ކުލަ ޖައްސަނީ އުފަލާ އެކުގަ އެވެ. 

ބައްޕަ ޖަމީލާއި އަލީ މުއާޒު އަދި ހަތަރު ދަރިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ އަބްދުﷲ މުއާޒުގެ އަތުގައި ރައްކާކޮށްފައި ހުރި ފައިސާއިން އެ ރެސްޓޯރެންޓަށް އިންވެސްޓު ކުރަން ނިންމި އެވެ. 

މުއާޒުގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑުއެއްބަފާ ތިން މީހުންނާއެކު ފޮޓޯއެއް ނަގަނީ. ޖަމީލް އަދި އަބްދުﷲ މުއާޒު މާލޭގައި ދިރިއުޅޭތީ ރެސްޓޯރެންޓު ހިންގުމުގައި އިސްކޮށް އުޅެނީ އަލީ މުއާޒު.
މުއާޒުގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑުއެއްބަފާ ތިން މީހުންނާއެކު ފޮޓޯއެއް ނަގަނީ. ޖަމީލް އަދި އަބްދުﷲ މުއާޒު މާލޭގައި ދިރިއުޅޭތީ ރެސްޓޯރެންޓު ހިންގުމުގައި އިސްކޮށް އުޅެނީ އަލީ މުއާޒު.

ތިން މީހުންގެ އަތުގައި ހުރި މިލިއަނެއްހާ ރުފިޔާއިން 2018 ވަނަ އަހަރު "ދަ ޖެމް ކިޗެން" ނަމުގައި ރެސްޓޯރެންޓު ހުޅުވީ 15 މޭޒާއެކުގަ އެވެ. އެކަމަކު، ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން، ހިޔާލުތައް ފައްކާކުރަމުން، ހަތް އަހަރު ފަހުން މިއަދު ވަނީ ފެންވަރު ރަނގަޅު ރެސްޓޯރެންޓަކަށް ބަދަލުވެފަ އެވެ. 

މުއާޒު ބުނީ ރެސްޓޯރެންޓަށް މިހާތަނަށް ފަސް މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. 

"ފުރަތަމަ މިއީ އަސްލު އަޅުގަނޑު ބައްޕަގެ ޑްރީމެއް ރެސްޓޯރެންޓު ސްޓާޓު ކުރުމަކީ. އޭރު އަޅުގަނޑު ހުރީ މާލޭގައި ޖޮބެއްގައި. ޖޮބެއްގައި ހުރެފައި މީތި އޮޕަރޭޓުކުރަން އަޅުގަނޑު މި އައީ. އައިސްފައި މިކަމުގެ ތެރޭގައި މި ދިޔައީ ހަތް އަހަރު،" މުއާޒު، 33، ބުންޏެވެ. 

"ބައްޕަގެ ޑްރީމެއް އެއީ ބިޒްނަސްމޭން އަކަށް ވުމަކީ. އަޅުގަނޑުމެން އަސްލު ބައްޕަ ޑްރީމް ފުލްކޮށްދޭން ބޮޑަށް. އަޅުގަނޑު ވެސް ބޭނުންވޭ އަމިއްލަ ކަމެއް ކުރަން ވަރަށް. އަބަދު ޖޮބެއްގައި ނުހުރެ، އަމިއްލަ ފައި މައްޗަށް އެހެން ހުންނަން."

މުއާޒު، އޭނާގެ އާއިލީ ރެސްޓޯރެންޓުގައި ހުރެ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މުއާޒު، އޭނާގެ އާއިލީ ރެސްޓޯރެންޓުގައި ހުރެ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ އާއިލާއިން ރެސްޓޯރެންޓު ވިޔަފާރިއަށް ވަންއިރު މި ރަށުގައި ކާއެއްޗެހީގެ ޑެލިވަރީއެއް ނެތެވެ. އެކަމަކު، ޖަމީލުގެ ކުދިން ބޮޑު ރިސްކެއް ނަގާފައި އެ ކަން ވެސް ފެށި އެވެ. އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް މުއާޒު ބުންޏެވެ. 

ނަމަވެސް އޯޑަރުތައް ލިބި، ވިޔަފާރި ރަނގަޅަށް ހިނގައިގަތްތަނާ ކަހަލަ ގޮތަކަށް ކޮވިޑުގެ ބޮޑު ރާޅާ އެކު ދެ މަހަށް ރެސްޓޯރެންޓު ބަންދުކޮށް ބައެއް މުވައްޒަފުން ވަކިކުރަން ޖެހުނެވެ. ބޭންކު އެކައުންޓު ސުމަކަށް ވެއްޓުނެވެ. އެކަމަކު، އަތުގައި ހުރި ހުރިހާ ފައިސާއަކާއި ހަކަތައެއް ދުއްވާލައިގެން ބިނާކުރި ވިޔަފާރި ފުނޑުފުނޑުވެގެންދާކަށް އޭނާ ބޭނުމެއްނުވި އެވެ. އެއީ މުޅި އާއިލާގެ ވިޔަފާރި އެވެ. އެހެންވެ، އެއްވެސް ކުއްޖަކު ކުރިއަށް ދިއުމުގައި އިތުރަށް ނެރުނީ ހިތްވަރެވެ.

މުއާޒު ބުނި ގޮތުގައި. އެ އުނދަގޫ ހާލަތު ކުރިމަތިވުމުން ފުރަތަމަ މާޔޫސްވި އެވެ. ނަމަވެސް، އޭނާއަކީ ކަމެއް ހިތުއަޅައިފި ނަމަ އެކަމެއް ދޫކޮށްލާނެ މީހެއް ނޫނެވެ. މާލޭގައި އެ ދިރިއުޅުމަކީ ހަގީގީ ދިރިއުޅުމަކަށް ނުވާތީ އެ އެޅި ފިޔަވަޅުން ހުރިހާ ކަމެއް ވެސް ރަނގަޅުވެދާނެ ކަމުގެ އުއްމީދާ އެކު، ފަހަތަށް ނުޖެހި ކުރިއަށް ދިޔައީ އެވެ.  

ޖެމް ކިޗެން ހުޅުވިއިރު އެ ތަން ހުރި ގޮތް. މި އަށް އަހަރުގެ ތެރޭގައި އެ ރެސްޓޯރެންޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި.
ޖެމް ކިޗެން ހުޅުވިއިރު އެ ތަން ހުރި ގޮތް. މި އަށް އަހަރުގެ ތެރޭގައި އެ ރެސްޓޯރެންޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި.

"ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިއަސް އުއްމީދެއް އޮންނަން ޖެހޭނެ. އެ އުއްމީދު ނެތިއްޔާ އެއްވެސް ކަމެއް ނުވާނެ،" ޖުމުލަ 11 މުވައްޒަފުން މަސައްކަތްކުރާ ރެސްޓޯރެންޓު ވިޔަފާރިއާ ގުޅޭގޮތުން މުއާޒު ބުންޏެވެ. 

ނުކުޅެދުންތެރިކަން ހުރި ދަރިފުޅުގެ ފަރުވާ އަށް އާއިލާގެ އިސް މެމްބަރު ބައްޕަ ޖަމީލް މާލެ ބަދަލުވިތާ މިހާރު ތިން އަހަރުވެއްޖެ އެވެ. އަބްދުﷲ މުއާޒު ވެސް މަސައްކަތްކުރަނީ މާލޭގަ އެވެ. އެހެންވެ، ވިޔަފާރި ދުވަހުން ދުވަހަށް ހިންގުމުގައި އުޅެނީ އަލީ މުއާޒެވެ. 

އޭނާ ބުނީ އަމިއްލަ އަށް މަސައްކަތް ކުރުމުން ލިބޭ މިނިވަންކަން ވަރަށް ބޮޑު ކަމަށެވެ. އެކަމަކު، އެ މިނިވަންކަން ހޯދަން ވިއަސް ކޮންމެ ކޮންމެ ވިޔަފާރިއަކަށް ވަނުން ރަނގަޅު ނޫން ކަމަށް އަލީ މުއާޒު ބުންޏެވެ. 

"ދަ ޖެމް ކިޗަން" މިހާރު ހުރި ގޮތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ދަ ޖެމް ކިޗަން" މިހާރު ހުރި ގޮތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ރަނގަޅަށް ރިސާޗު ކުރަން ޖެހޭނެ. އެކަމަކު، ނާކާމިޔާބީއަކީ ވެސް ދިރިއުޅުމުގެ ބައެއްތާ،" ރެސްޓޯރެންޓުގައި ހުރެ ދިން އިންޓަވިއުގައި އޭނާ ބުންޏެވެ. 

"އެއްވެސް ރިގްރެޓެއް ނުކުރަން. އެ ވަރުގެ ކަމެއް ކުރެވުނީމާ ވަރަށް އުފާވޭ."

ބައްޕަގެ ހުވަފެނުގައި ދަރިންގެ ބައިވެރިވުމާއެކު ކުލަ ޖެހިއްޖެ އެވެ. އަދި ޖަމީލްގެ ޖެމް ކިޗަން އިތުރަށް ފުރިހަމަކުރަން މިހާރު ވެސް ހުރީ އިތުރު ކަންކަން ރާވައިފަ އެވެ. އެކަންކަން ވެސް ލޯ މައްޗަށް އަދި ފެންނާނެ އެވެ. މި އޮތީ ފުރަތަމަ މަރުހަލާ ކާމިޔާބު ކޮށްފަ އެވެ. ފޮނަދޫގައި މިހާރު އެންމެ ނަން ހިނގާ އެ ތަނަށް ހަދައިދީފި އެވެ.