ކުނި އުކާނުލެވި، މާލޭގެ ބައެއް ސަރަހައްދު ގޮނޑުވެއްޖެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ މާލޭގެ ގިނަ ސަރަހައްދުތަކުން ކުނި ނަގާފައި ނުވާތީ، ކުނިތަކުން މާލޭގެ ބައެއް ސަރަހައްދުތައް ގޮނޑުވެއްޖެ އެވެ.


ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އާ ދެމެދު ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. އެކަމަކު އިއްޔެ ރޯދަ މަސް ފެށި އިރު، މާލެ އާއި ހުޅުމާލޭގެ ގިނަ ގެތަކަށް ކުނި ނަގަން ވެމްކޯއިން ގޮސްފައެއް ނުވެ އެވެ.

މާލޭގެ މަގެއްގެ މައްޗަށް ގެތަކުން ރޭ ކުނި ނެރެފައި: މަގުތައް ވަނީ ވަރަށް ބޮޑަށް ގޮނޑުވެފައި-- މިހާރު ފޮޓޯ: ނިޝާން އަލީ

ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމާ އެކު، ގިނަ އަދަދެއްގެ ކުނި ގެތަކުން މަގުމައްޗަށް ނެރެފައިވެ އެވެ. އަދި ބައެއް މަގާއި ގޯޅިތަކުގެ ކަންމަތި، ކުނިކޮތަޅުތަކުން ފުރާލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުނިވެފައި ހުރި ކާބޯތަކެއްޗެވެ. ބައެއް ކޮތަޅުތަކުގެ ގޮށް މޮހި، މަގުމައްޗަށް ކުނި އެޅި މަގުތައް ވަރަށް ބޮޑަށް ތަޣައްޔަރު ވެފައި ވެސް ވެ އެވެ.

މާލޭގައި މަގެއްގެ ކަންމައްޗަށް ރޭ ގިނަ އަދަދެއްގެ ކުނި ނެރެފައި-- މިހާރު ފޮޓޯ: ނިޝާން އަލީ

ވެމްކޯއިން ބުނީ ރޭ ވެސް ގިނަ ގެތަކުން ކުނި ނެގި ކަމަށެވެ. އެކަމަކު މާލޭގެ ބައެއް ގެތަކުން މަގުމައްޗަށް ނެރެފައިވާ ކުނި އުކާނުލެވި ހުރި މައްސަލާގައި ބުނީ ރަސްމީ ދުވަހެއްގައި ސިޓީއަކުން އެ ސުވާލު ކުރުމަށެވެ.

ރޯދަ މަސް ފެށުމާ އެކު މާލޭގެ މަގުތަކުގައި ކުނި ގިނަވެ، ގޮނޑުވެފައި ވުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އަދި ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދިން ނަމަވެސް، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ ގެތަކުން ކުނި ނެގޭނެތޯ ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

މަގުމައްޗަށް ކުނި ކޮތަޅެއް އެއްލާލާފައި -- މިހާރު ފޮޓޯ: ނިޝާން އަލީ

ރޯދަ މަހު ކުނި ނަގާ ގަޑިތައް:

- މާލެ، ހުޅުމާލެ، ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް. - މާލެ، ހުޅުމާލެ، ވިލިމާލޭގައި ވިޔަފާރިކުރާ ތަންތަނުން ކުނި ގެންދާނީ ހެނދުނު 10:00 އިން ހަވީރު 3:30 އަދި ރޭގަނޑު 8:00 އިން މެންދަމު 3:30 އަށް.

މާލޭގެ ގެއަކުން ރޭ މަގުމައްޗަށް ކުނި ނެރެފައި-- މިހާރު ފޮޓޯ: ނިޝާން އަލީ

- އައްޑޫގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި ގެންދިއުން: ހެނދުނު 10:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް. - ފުވައްމުލަކުގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި ގެންދިއުން: ހެނދުނު 10:00 އިން ހަވީރު 3:30 އަށް.

މިއީ ކުނި އުކާލުމުގެ މަސައްކަތާ ވެމްކޯ އިން ހަވާލުވި ފަހުން އައި ފުރަތަމަ ރޯދަމަހެވެ. އަދި ރޯދަމަހު އުފެދޭ ކުނި އެހެން މަސްތަކަށް ވުރެ އާންމުކޮށް އެތައް ގުނައެއް އިތުރުވެ އެވެ.