ސޫރަތުލް ފާތިޙާގެ މާތްކަމާއި ފައިދާތައް

ކީރިތި ޤުރްއާނުގެ ސޫރަތުލް ފާތިޙާ އަކީ ޤުރްއާން ފެށެން އޮންނަ އެންމެ ފުރަތަމަ ސޫރަތެވެ. އެއީ ހަތް އާޔަތުގެ މައްޗަށް އެކުލެވިގެންވާ ސޫރަތެކެވެ. އަލްފާތިޙާގެ އިތުރުން މި ސޫރަތަށް ދެވިފައިވާ ނަންތަކުގެ ތެރޭގައި އުއްމުލް ކިތާބު، އުއްމުލް ޤުރްއާން، އައްސަބްޢުލް މަޘާނީ، އަލްޙަމްދު، އަލްވާފިޔާ، އައްޝިފާ ފަދަ ނަންތައް ހިމެނެ އެވެ. މި ސޫރަތަކީ ކީރިތި ޤުރްއާނުގެ އެހެން ސޫރަތްތަކާ އަޅައިބަލާއިރު އެތައް ގޮތަކުން ތަފާތުވާ ސޫރަތެކެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ.


ސޫރަތުގެ މުހިންމު ކަމާއި މާތްކަން

ފާތިޙާ ސޫރަތުގެ މުހިންމު ކަމާއި މާތްކަމާ ބެހޭ ގޮތުން ޢިލްމުވެރިން ފާހަގަ ކުރައްވާފައިވާ ކަންތައްތަކެއް ވެއެވެ. އިމާމް އިބްނުލް ޤައްޔިމް އެކަލޭގެފާނުގެ މަދާރިކުއް ސާލިކީން ގައި މި ކަންކަމަށް އަލި އަޅުވާލައްވާފައި ވެއެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަ ކޮށްލަމެވެ.

1- މި ސޫރަތް ކިޔެވުން ނަމާދުގެ ރުކުނެއް ކަމުގައި ވެއެވެ. ޢުބާދަތު ބުނުއްޞާމިތުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވަނީ "ފާތިޙަތުލް ކިތާބު ނުކިޔަވާ މީހަކަށް ނަމާދެއް ނުވާ" ކަމުގައެވެ. (ބުޚާރީ އާއި މުސްލިމް)

2- މިއީ މުޅި ޤުރްއާނުގައިވާ އެންމެ މާތް ސޫރަތް ކަމުގައި ވެއެވެ. އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި، އުބައްޔުބްނު ކަޢުބުގެފާނަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކޮށްދެއްވާފައި ވަނީ ނަމާދުގައި ކިޔަވާ އުއްމުލް ޤުރްއާން ފަދަ އެހެން ސޫރަތެއް ތައުރާތުގައި ވެސް އިންޖީލުގައި ވެސް އަދި ކީރިތި ޤުރްއާނުގައި ވެސް ނުވާ ކަމަށެވެ.

3- މިއީ ކީރިތި ރަސޫލާ އަށް ﷲ ދެއްވާފައިވާ "ސަބްޢުލް މަޘާނީ" އެވެ. (އަލްޙިޖްރު 87). "ސަބްޢު" އިން އެ އިޝާރާތް ކުރަނީ ސޫރަތުގެ ހަތް އާޔަތަށެވެ. "މަޘާނީ" ގެ މާނަތައް ތަފާތެވެ. އެއް މާނައަކީ އެއީ "ކޮންމެ ރަކުޢަތެއްގައި އިޢާދަ ކުރެވޭ" އެވެ. އަނެއް މާނައަކީ، އެއީ "ﷲ އަށް ޙަމްދުޘަނާ ދެންނެވޭ" އެވެ. އަދި އަނެއް މާނަ އަކީ، "ކުރީގެ އުންމަތަކަށް ބާވާނުލެވި މި އުންމަތަށް އިސްތިސްނާ ވެގެންވާ" އެވެ.

4- މި ސޫރަތުގައި އަޅުތަކުން ﷲ އަށް ތަވައްސުލުކޮށް މުހިންމު އެދުމަކަށް އެދުން އޮވެ އެވެ. މި ގޮތުން ﷲ އަށް ހަމްދުޘަނާ ދެންނެވުމާއި އެކަލާނގެ މަތިވެރި ކުރުމުން ތަވައްސުލު (ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން) ކުރެވެ އެވެ. އަދި ﷲ ގެ އެއްކައުވަންތަކަމާއި އަޅުކަން ހައްގުވުން ގަބޫލު ކުރުމުން ތަވައްސުލު ކުރެވެ އެވެ. މި ދެ ތަވައްސުލަށް ފަހު ސީދާވެގެންވާ ތެދުމަގަށް މަގުދެއްކުމަށް އެދެ އެވެ. އިންސާނަކަށް ހަޔާތުގައި އެންމެ މުހިންމުވާނެ މި އެދުން ތަވައްސުލާ އެކު އެދުމުން އިޖާބަ ކުރެއްވުމުގެ ޔަގީންކަން ބޮޑުވެގެންދެ އެވެ.

5- ތައުޙީދުގެ ތިން ބާވަތް މި ސޫރަތުގައި ހިމެނިފައި ވެއެވެ. އެއީ ރައްބެއްގެ (ހައްދަވައި ބޮޑުކުރައްވާ ފަރާތެއްގެ) ގޮތުގައި ﷲ އެއްކައުވަންތަ ކުރުމާއި، އިލާހެއްގެ (އަޅުކަން ކުރުމާއި ވާގިއެދުން ހައްގު ފަރާތެއްގެ) ގޮތުގައި ﷲ އެއްކައުވަންތަ ކުރުމާއި، އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ﷲ އެއްކައުވަންތަ ކުރުމެވެ.

6- ބާޠިލު އެންމެހާ މިއްލަތްތަކާއި މި އުންމަތުގެ މީހުން ކުރެ ބިދުޢަވެރިންނާއި ގެއްލެނިވެގެންވާ މީހުންނަށް މި ސޫރަތުގައި ރައްދު ދެވިފައި ވެ އެވެ. އެއީ ތައުޙީދުގެ ތިންބައި އެކުލެވިފައި ވުމާއި ސީދާ މަގަކީ ކޮބައިކަން ބަޔާން ކުރެވިފައި އޮތުމުންނެވެ. ތައުޙީދުގެ ތިން ބަޔަކީ ކޮބައިކަން ކުރިން އިޝާރާތް ކުރެވިއްޖެ އެވެ. ސީދާ މަގު ބަޔާން ކޮށްފައި ވަނީ އެއީ ﷲ އެބަޔަކަށް ނިޢުމަތް ދެއްވި މީހުންގެ މަގު ކަމުގައެވެ. އެބަޔަކު ﷲ ގެއްލެނި ކުރެއްވި މީހުންގެ މަގާއި އެބަޔަކަށް ﷲ ކޯފާ ލެއްވި މީހުންގެ މަގު ނޫން ކަމުގަ އެވެ.

7- މި ސޫރަތަކީ މުނާޖާ އެކެވެ. ހަމައެއާ އެކު ﷲ އާ އަޅާއާ ދެމެދުގައި ކުރިއަށް ގެންދެވޭ ހިވާރެކެވެ. (ޑައިލޮގެކެވެ.) އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ޤުދުސިއްޔަ ހަދީސެއްގައި މިކަން ބަޔާންވެގެން ވެއެވެ. އޭގެ ޚުލާޞާ އަކީ، ﷲ އާ އަޅާއާ ދެމެދުގައި ނަމާދު ދެބަޔަށް ބެހިގެން ދިއުމެވެ. މިގޮތުން އަޅާ ސޫރަތުލް ފާތިޙާ ކިޔަވަމުންދާ އިރު ކަށަވަރު ކުރާ ކަންތައްތަކާއި އެދޭ މުހިންމު އެދުމެއް ވެއެވެ.

އަދި އެއާ އެއްގޮތްވާ ގޮތަށް ﷲ މަލާއިކަތުންނަށް ވަހީކުރައްވަމުން ގެންދަވާ ބަސްފުޅުތަކެއް ވެއެވެ. އެއީ އަޅާ ޙަމްދު ކޮށްފިކަމާއި، ތަޢުރީފު ކޮށްފި ކަމާއި، މަތިވެރިކަން ބަޔާންކޮށްފި ކަމާއި، އަޅުކަމާއި ވާގިވެރިކަމަށް އެދުމުގައި ﷲ އެއްކައުވަންތަ ކޮށްފިކަމާއި، ތެދުމަގަށް މަގުދެއްކެވުމަށް އެދެފިކަމެވެ. އަދި މީގެ ނަތީޖާ އެއްގެ ގޮތުން އަޅާ އެދުނު ކަން ﷲ ފުއްދަވާދެއްވާނެ ކަމެވެ.

ސޫރަތުން ލިބޭ މަންފާތައް

މި ސޫރަތުން ލިބޭ މަންފާތަކާ ބެހޭ ގޮތުން ވެސް ޢިލްމުވެރިން ކަންތައްތަކެއް ބަޔާން ކުރައްވާފައި ވެއެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަ ކޮށްލަމެވެ.

1- މިއީ ހިތްތަކަށް އޮތް ވަރަށް ވަރުގަދަ ޝިފާއެއް ކަމުގައި ވެއެވެ. އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި ހިތްތައް ފަސާދަ ވަނީ މީހާގެ ޢިލްމު ފަސާދަވުމާއި މީހާގެ ނިޔަތް ފަސާދަވުމުންނެވެ. ޢިލްމު ފަސާދަވެއްޖެ ނަމަ ނަތީޖާ އަކީ މަގުގެއްލިގެން ދިއުމެވެ. ނިޔަތް ފަސާދަ ވެއްޖެ ނަމަ ނަތީޖާ އަކީ ﷲ ގެ ކޯފާ ލިބިގެން ދިއުމެވެ. މި ދެބަލިން ސަލާމަތްވާނެ މަގު ސޫރަތުގައި ވެއެވެ.

މިގޮތުން ޢިލްމު ފަސާދަވުމުގެ ބަލިން ސަލާމަތްވާނީ ބާތިލު އެންމެހާ މަގުތަކުގެ ބަދަލުގައި ސީދާވެގެންވާ ހައްގު ތެދުމަގުން ހިދާޔަތު ހޯދައިގެންނެވެ. މި ހިދާޔަތު ލިބޭނީ މި ސޫރަތުގެ އެހީގައި ތަކުރާރުކޮށް ކޮންމެ ދުވަހަކު މިކަމަށް އެތައް ފަހަރަކު އެދިގެންނެވެ.

އަދި މި އެދުމަކީ ހަގީގަތުގައި ވެސް ﷲ ގެ ހަޒްރަތުން މިކަމަށް ބޭނުންވެގެން އެ ނިޔަތުގައި އެ ރޫހުގައި އެދޭ އެދުމަކަށް ވެގެންނެވެ. ނަފްސުގައިވާ އެދުންތަކާއި ޝައިޠާނާގެ ވަސްވާސް ތަކުގެ ސަބަބުން ނުބައި މަގަކުން އެޅުމުގެ ފުރުސަތު އަބަދުވެސް އޮންނާތީވެ މި އެދުން ތަކުރާރު ކުރުން ވަރަށް މުހިންމެވެ.

ނިޔަތް ފަސާދަވުމުގެ ބަލިން ސަލާމަތް ވެވޭނީ އަޅުކަން ކުރުމާއި ވާގި އެދުމުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާނެކަން ބަހާއި ޢަމަލުން ދައްކައިދީގެންނެވެ. މިގޮތުން މި ސޫރަތުގެ އެހީގައި ދުވާލަކު އެތައް ފަހަރަކު މިކަން ﷲ އަށް ކަށަވަރުކޮށްދޭން ޖެހެއެވެ. އަދި މިކަށަވަރު ކުރުމަކީ ވެސް އިޚްލާޞްތެރި ކަށަވަރު ކުރުމެއް ކަމަށް ވާން ޖެހެއެވެ.

2- އެންމެ މަންފާ ހުރި އެއް ދުޢާ ކަމުގައި މި ސޫރަތް ވެގެން ދެއެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. އެންމެ މަންފާ ހުރި ދުޢާއަކަށް ވާނީ ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް އެދޭ އެދުމެވެ. މިކަން ސޫރަތުލްފާތިޙާ ގައި ވެއެވެ. އެއީ ތިމަންމެން އަޅުކަން ކުރަނީ އަދި ތިމަންމެން ވާގިވެރިކަމަށް އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނޭ މި ސޫރަތުގައި އޮންނާތީ އެވެ.

3- ޖިސްމާނީ ބަލިތަކަށް މި ސޫރަތުން ޝިފާ ލިބޭނެ ކަން ސުންނަތުންނާއި ތަޖުރިބާއިން ސާބިތުވެ އެވެ. މިގޮތުން އަބޫ ސަޢީދުލް ޚިދްރީގެ ކިބައިން ރިވާވެގެންވާ ހަދީސެއް ވެއެވެ. އަރަބިންގެ އަވަށެއްގެ ސާހިބެއްގެ ގަޔަށް އެއްޗެއް ކަށިޖަހައިގެން އޭގެ ވިހައިން ސަލާމަތްވާން އެދުނު ހިނދު އަބޫ ސަޢީދު އެތަނުގައި ފިރުމާލައްވައި ސޫރަތުލްފާތިޙާ ކިޔަވާ ވިދާޅުވުމުން ﷲގެ ވާގިފުޅާ އެކު ޝިފާ ލިބިގެން ދިޔައެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިކަން އިޤުރާރު ކުރެއްވި އެވެ. މިސަބަބަށްޓަކައި އަބޫސަޢީދު ވިދާޅުވެފައި ވަނީ "މިއީ ކޮންމެ ބަލިމަޑުކަމަކަށް އޮތް ޝިފާ އެއް" ކަމަށެވެ.

4- ކަންކަން ފުއްދެވުމަށް އެދޭ މީހުންނަށް މި ސޫރަތް ކިޔަވައިގެން ކަންކަން ފުދެއެވެ. ޢަޠާ ވިދާޅުވެފައި ވެއެވެ. "ތިބާ އެއްވެސް ކަމެއް ބޭނުންވެއްޖެ ނަމަ ސޫރަތުލްފާތިޙާ އެއްކޮށް ކިޔަވާށެވެ! ﷲގެ ވާގިފުޅާ އެކު އެކަމެއް ﷲ ފުއްދަވާނެތެވެ." އިބްނުލް ޤައްޔިމް ވިދާޅުވާ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނުގައި ރިހުމުން ސޫރަތުލް ފާތިޙާ ކިޔަވައި އެތަނުގައި ފިރުމުމުން ފަސޭހަވެދެ އެވެ. އަދި ޒަމްޒަމް ފެނަށް އެ ސޫރަތް ކިޔަވައި އެ ފެން ބުއިމުން ބޭސްތަކުން ލިބޭ ފަރުވާގެ ގޮތުގައި ފާހަގަވެފައިވާ ކަންކަމަށް ވުރެ ވެސް ރަނގަޅު ފަރުވާ ލިބޭކަން ތަޖުރިބާ ކުރެވިފައި ވެއެވެ.