ވެސްޓު ޕާކް ހުރި ތަނާއި ވިލިމާލޭގައި ވަގުތީ މާރުކޭޓެއް

ވެސްޓު ޕާކް ރެސްޓޯރަންޓު ކުރިން ހިންގި ސަރަހައްދާއި ވިލިމާލޭގައި ވަގުތީ އާ ދެ މާރުކޭޓު ހެދުމުގެ މަސައްކަތް ފަށައި، އެ ދެތަނުން ގޮޅި ދޫކުރަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.


މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދެ މާރުކޭޓަކީ ވެސް ކުރިއަށް ހަ ރޯދައިގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ހަދާ ވަގުތީ ދެ ތަން ކަމަށެވެ. އެއީ ޓެންޓެއް ރާވާލައިގެން ހަދާ ދެތަން ކަމަށް ވާތީ މައިގަނޑު މަސައްކަތްތައް މިހާރު ހުރީ ނިމިފަ އެވެ.

ވެސްޓު ޕާކް ރެސްޓޯރަންޓު ހިނގި ތަނުގައި ހަދާ ވަގުތީ މާރުކޭޓު.---ހުސައިން ވަހީދު/މިހާރު

"މިހާރު ކުރިއަށް ދަނީ ކަރަންޓުލުން ފަދަ ބައެއް މަސައްކަތްތައް. ގުރުއަތުލުން ބާއްވާ ތާރީޚަށް އަންނަން ވާއިރަށް ދެ ތަނުގެ ވެސް ހުރިހާ މަސައްކަތެއް ނިމޭނެ،" ފަޒީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެސްޓުޕާކް ރެސްޓޯރަންޓު ހިންގި ތަނުގައި ހަދާ ވަގުތީ މާރުކޭޓުން 32 ގޮޅިއެއް ދޫކުރާނެ އެވެ. ވިލިމާލޭ މާރުކޭޓުން ދޫކުރަނީ 20 ގޮޅި އެވެ. އާ ދެ މާރުކޭޓުގެ ގޮޅިތައް ވެސް ހުންނާނީ މާލޭގެ ލޯކަލް މާރުކޭޓެކޭ އެއްގޮތަށް ބިން މަތީގައި ރޮނގު ދަމައިގެން ވަކިކޮށްފަ އެވެ.