ޢިޝާ · 19:07

އުމުރުން 78، އެކަމަކު އަދިވެސް މަސައްކަތުގައި!

އާންމު ގޮތެއްގައި އުމުރުން 65 އަހަރު ވުމުން ގިނަ ބަޔަކު އިހުތިޔާރު ކުރަނީ ގޭގައި ތިބުމަށެވެ. އެކަމަކު ހދ. ކުޅުދުއްފުއްޓަށް އުފަން އަބްދުﷲ ހާރޫންގެ ވިސްނުން މުޅިން ތަފާތެވެ. އުމުރުން 78 އަހަރުގައި އޭނާ އަދިވެސް ފެންނަނީ ވަރުބަލިވުމެއް ނެތި މަސައްކަތުގައި އުޅޭ ތަނެވެ. މިހާރު މާރުކޭޓްގެ ގޮޅިއެއްގަ އެވެ.


ކޮންމެ ދުވަހަކު ހެނދުނު 06:30 ގައި ދޯނި ފަހަރުން ފަޅޮލާއި ކަރާ އަދި ބަރަބޯ ގަނެގެން ގޮޅީގައި އަތުރާލާ ނިމޭއިރު ހުންނާނީ 08:00 ޖަހާފަ އެވެ. އެކަނިމާއެކަނި ގޮޅީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ސަޕްލަޔަރުން ހޯދަމުން، ތަކެތި ވިއްކުމުގެ މަސައްކަތް މެދުގަނޑާލަނީ މެންދުރެއް ހާއިރު އެވެ. އެއަށް ފަހު 2:30 ގައި އަނެއްކާވެސް ގޮޅިއަށް ގޮސް މަސައްކަތް ފަށަ އެވެ.

ނަމާދު ވަގުތައް ފިޔަވާ އެހެން ވަގުތުތަކުގައި އަބްދުﷲ އިންނަނީ ގޮޅީގަ އެވެ.

މާރުކޭޓުގެ ގޮޅިއެއް ނަގައިގެން އޭނާ މަސައްކަތް ފެށީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލްގައި 30 އަހަރު ދުވަހު ވަޒީފާއަދާކޮށް ރިޓަޔާކުރުމަށް ފަހު އެވެ. އެކަމަކު ގޭގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި އޭނާ އަނެއްކާވެސް ނުކުތީ މަސައްކަތަށެވެ. ރައްޓެއްސެއްގެ އެހީތެރިކަމާ އެކު މާރުކޭޓުން ގޮޅިއެއް ހޯދި އެވެ.

"އަޅުގަނޑު ކަކުލު ހުޅު ވެސް ވަރަށް ދެރަ. މިއީ ބުރަ މަސައްކަތަކަށް ނުވާތީ މި މަސައްކަތް ފެށީ،" އަބްދުﷲ ކިޔައިދިނެވެ.

ގޮޅީގައި އޭނާ ވިޔަފާރި ފެށީ އެންމެ 200 ރުފިޔާގެ ފަޅޯ ހޯދައިގެންނެވެ. އެކަމަކު މިހާރު 10،000 ރުފިޔާގެ މުދާ އެބަ ހުއްޓެވެ. ހުރިހާ ހަރަދުތައް ކެނޑުމަށް ފަހު މަހަކު 20،000 ރުފިޔާ ވަރު ލިބެ އެވެ.

އެހެންކަމުން އަބްދުﷲ ބުނީ "މިއީ ކުރަން ހަމަ ރަނގަޅު މަސައްކަތެއް" ކަމަށެވެ.

"އަޅުގަނޑަކީ ސަޕްލައި ކުރާ މީހެއް ނޫން. ސަޕްލައި ކުރާ މީހުންނަށް މިއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދޭނެ،" އޭނާ ބުންޏެވެ.

އަބްދުﷲ ހާރޫން މީހަކަށް ގޮޅިން ކަރާ ވިއްކަނީ --ފޮޓޯ:ނިޝާން އަލީ/މިހާރު

މިހާރު އަބްދުﷲ އަށް އޮތް މިނިވަންކަން ބޮޑެވެ. އޭނާގެ ހިތްހަމަޖެހުމަކީ، ބޭނުން އިރަކު ގެޔަށް ގޮސް، ބޭނުން ވަގުތަކު ގޮޅީގައި މަސައްކަތްކުރުމުގެ އިހުތިޔާރު އޮތުމެވެ. ކުރިން ނަމަ އެއީ އޭނާގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫނެވެ.

އަބްދުﷲ އަށް މި ރޯދަމަހު ފާހަގަވާ އެއް ކަމަކީ އެހެން މަސްމަހަށް ވުރެ އާމްދަނީ ދަށްވުމެވެ. ކުރިން ނަމަ ރޯދަމަހު ވަރަށް ބޮޑު ފައިދާއެއް، ގޮޅިތަކުގެ މީހުންނަށް ލިބެ އެވެ. އެކަމަކު މި ރޯދަމަހު ވިޔަފާރި އެހާ ރަނގަޅު ނޫން ކަމަށް، ގިނަ ގޮޅިތަކުގެ މީހުން ބުނެ އެވެ.

"އާންމުކޮށް އެހެން މަސް މަހު 5،000 ލިބޭނެ ދުވާލަކު. މިފަހަރު 3،000 ވަރު މި ޖެހެނީ،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ އޭނާ ގޮޅީގައި: މާރުކޭޓްގައި މަސައްކަތްކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ --ފޮޓޯ:ނިޝާން އަލީ/މިހާރު

އަބްދުﷲ ގަބޫލުކުރާ ގޮތުގައި ޒުވާން އުމުރުގައި ބުރަ މަސައްކަތް ކުރުމަކީ ހަށިގަނޑުގައި ވަރު ޖެހޭ ކަމެކެވެ. ޔުނިވާސަލްގައި އޭނާ ބުރަކޮށް އުޅުމުން ހަށިގަނޑަށް އޭގެ ރަނގަޅު އަސަރުކޮށްފައިވާ ކަމަށް އޭނާ ދެކެ އެވެ. އެހެންކަމުން ގިނަ ޒުވާނުންނަށް ވުރެ މިހާރު ވެސް އޭނާ ފެންނަނީ މާ ހަރަކާތްތެރިކޮށެވެ.

"މިހާރު ވެސް އޮފީސްތަކުގައި އުޅޭ ކުދިން މާ އަވަހަށް މުސްކުޅިވާނެ. ބޭބެ ބަލައިލާފައި މީހަކު ނުބުނާނެ 78 އަހަރު ވެއްޖެއޭ،" ސަމާސާ ރާގަކަށް އަބްދުﷲ ބުންޏެވެ.

"އެމީހަކަށް ހިރިނުލެވެންދެން މަސައްކަތް ކުރަން ޖެހޭނެ. އަނެއް މީހާގެ ތައްޕާހަށް ނުވަދެ އުޅެން ޖެހޭނެ."

އޭނާގެ ހަތަރު ކުދިން ތިބެ އެވެ. މިހާރު މުނިކާފަ ވެސް ކިޔައިފި އެވެ. އެގޮތަށް މި އުމުރުގައި މާރުކޭޓް ގޮޅިއެއްގައި މަސައްކަތްކުރަން ދަރިން ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. ނަމަވެސް އަބްދުﷲ ބުނާ ގޮތުގައި އޭނާގެ ހިތްހަމަޖެހުމަކީ މަސައްކަތެއްގައި އުޅުމެވެ.

އުމުރުން ދުވަސްވުމަކީ އެއްވެސް ހާލެއްގައި މަސައްކަތް ނުކޮށް ހުރުމެއް ނޫނެވެ. އެހެން މީހުންނަށް ބަރޯސާވުމެއް ނޫނެވެ. މިއީ އަބްދުﷲ ކުރިން ވެސް އަދި މިހާރު ވެސް ގަބޫލުކުރާ ގޮތެވެ.

އެކަމަކު އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ނިޔަތަކީ ދެން ވީހާވެސް އަވަހަކަށް ރަށަށް ދިރިއުޅުން ބަދަލުކުރުމެވެ. އެކަމަކު އޭރުން ވެސް އެއްކަމެއް އޭނާ ދުލެއް ނުކުރާނެ އެވެ: މަސައްކަތްކުރުމެވެ.