ހޮސްޕިޓަލްގައި ބޭއްވުމާ އެކު ފިލީ! ދެން ފެތުރުނީ ޝިގެއްލާ!

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއެކެވެ. ދަތުރަކަށް ފަހު މާލެ އައި އިރު އޭނާ ބޭރަށް ހިންގަ އެވެ. ސެންޓްރަލް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. ރޭގަނޑު އޭނާ އެތަނުން ފިލަ އެވެ. ހެންވޭރުކޮޅު ގެއެއްގައި މަޑުކުރެ އެވެ. އެގޭގެ ބައެއް މީހުން ބޭރަށް ހިންގަން ފެށި އެވެ. އެންމެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކަށް ވާތީ، އޭރު އަތޮޅަށް ފުރަން އޮތް ބޯޓަކަށް އެރި އެވެ. އެ ބޯޓު ޖެއްސި ކޮންމެ ރަށެއް ކަހަލަ ގޮތަކަށް، ބޭރަށް ހިންގުމުގެ ރޯގާއާ ކުރިމަތިވި އެވެ.


މިއީ 1982 ގައި މާލެއިން ފުރަތަމަ ފެނި، އޭގެ ފަހުން މުޅި ރާއްޖެއަށް އޭގެ ނުރައްކާ ބޮޑުވި ޝިގެއްލާ ބޭރަށް ހިންގުން ފެށު ގޮތް ކަމަށް، ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އިސްމާއިލްފުޅު (މަޝްހޫރު ނަމުން ނަމަ ފުޅު) ގަބޫލުކުރައްވާ ގޮތެވެ. އެ ބޭރަށް ހިންގުން މައިތިރިވެ، ރާއްޖެ ހަމަޔަކަށް އެޅުނު އިރު ގާތްގަނޑަކަށް 200 މީހުން މަރުވި އެވެ.

މިއަދު މުޅި ދުނިޔެ ކޮރޯނާވައިރަސްގެ ބިރުވެރިކަމުގައި ހުއްޓި، އެއިން ސަލާމަތްވާން އެތައް ބިލިއަން ބަޔަކު ތިބީ ގެއިން ބޭރަށް ނުނިކުމެ ބަންދުވެގެންނެވެ. ރާއްޖެ ވެސް މި ވަނީ އޭގެ ކުރިން ނުދެކޭ ވަރުގެ ނިކަމެތި ހާލަތަކަށް ވެއްޓިފަ އެވެ. މިއީ މީގެ 40 ހަކަށް އަހަރު ކުރިން ރާއްޖެ ތަޖުރިބާކުރި ބޭރަށް ހިންގުމުގެ ދެ ރޯގާއާ ވެސް ނުބައްދަލު، އެހާމެ ގެއްލުން ބޮޑު އަދި މީހުންގެ އިޖުތިމާއީ ގުޅުންތަކަށް ވެސް ލޮޅުންއެރުވި ބިރެކެވެ.

ސިއްހީ ދާއިރާގައި 46 އަހަރު ހިދުމަތްކުރެއްވި މުހައްމަދު އިސްމާއިލް ފުޅު "މިހާރު"އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އެކަމަކު 78-1977 ގެ ކޮލެރާ ބޭރަށް ހިންގުމާއި އޭގެ ހަތަރު އަހަރު ފަހުން ދިމާވި ޝިގެއްލާ އަކީ ވެސް، އޭރުގެ ނިސްބަތުން ރާއްޖެއަށް ކުރިމަތިވި ސިއްހީ ކާރިސާތަކެކެވެ. އޭރު ރާއްޖެއަކީ ދުނިޔެއަށް އެހާ ބޮޑަށް ހުޅުވިފައި އޮތް ގައުމެއް ނޫނެވެ. ހިމެނެނީ ތިން ވަނަ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގަ އެވެ. ސާފު ބޯފެނަކީ ނެތް އެއްޗެކެވެ. ފާހާނާކޮށް އުޅުނީ އަތިރި މައްޗަށް ނުވަތަ ގޭގެ ގިފިލި ތެރޭގައި އޮންނަ ހަނޑަސްބުރީގައި ވަޅު ޖަހައިގެންނެވެ.

އެ ދެ ކަމަކީ ވެސް، ފެނުގެ ޒަރީއާ އިން ފެތުރޭ އަދި އެކަށީގެންވާ އަވަހަށް ފަރުވާ ނުލިބިއްޖެ ނަމަ މީހާގެ ފުރާނަ ގެއްލޭ ފަދަ ނުރައްކާތެރި ކޮލެރާ އާއި ޝިގެއްލާ އުފަންވުމުގެ ސަބަބުތަކެވެ. މާލެ އާއި އެހެން ރަށްރަށުގައި ވެސް އޭރު އާންމުކޮށް ބޮއި އުޅުނީ ވަޅު ފެނެވެ. އަތް ދޮވުން ފަދަ ކަންކަމާ މެދު އޭރުގެ ހޭލުންތެރިކަން އަދި މާ ކުޑަ އެވެ. އެހެންކަމުން ބޭރަށް ހިންގުމުގެ ރޯގާތައް ދޭތެރެ ދޭތެރެ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކާލަ އެވެ. އެކަމަކު މުޅި ގައުމަށް ފެތުރުނީ މަދު ފަހަރަކު އެވެ.

ލ. މާމެންދޫގައި ބިރުވެރިކަން

ލ. މާމެންދޫގައި ދިރިއުޅެމުން އައި އެ އަތޮޅު ފޮނަދޫ މީހަކު މަހަށް ގޮސް އުޅެނިކޮށް، ހޮޑުލައި ބޭރަށް ހިންގަން ފެށި އެވެ. ދޯނި ރަށަށް އައި އިރު އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. އެހެންކަމުން ރަށު މީހުން ނިންމީ އާއިލާ ކައިރިއަށް ފޮނަދުއަށް ގެންދާށެވެ. އެކަމަކު އެ ނަސީބު އޭނާއަށް ނުލިބި، ކަނޑު މަތީގައި މަރުވި އެވެ.

މިއީ ޑިސެމްބަރު 1977 ގައި ފެތުރެން ފެށި ކޮލެރާގައި މަރުވި ފުރަތަމަ މީހާ އެވެ.

އެހާ ހިސާބުން "މާމެންދޫގައި ވެސް ބޭރަށް ހިންގުން ފެށިއްޖެ އެވެ. އަދި ރޯގާއެއްގެ ސިފައިގައި ވަރަށް އަވަހަށް ބޭރަށް ހިންގުން ރަށުތެރޭގައި ފެތުރިގެން ދިޔަ އެވެ. މަރުވަމުން ދިޔަ މީހުންގެ އަދަދު ވެސް ދިޔައީ އިތުރުވަމުންނެވެ،" ރާއްޖޭގެ ސިއްހީ ދާއިރާއާ ބެހޭ ގޮތުން ފުޅު ލިއުއްވި "ސިއްހީ ޚިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެ އާއި އިހަށް ދުވަސް" ފޮތަށް އޭރު ލ. އަތޮޅު ހެލްތު ސެންޓަރާ ހަވާލުވެ ހުންނެވި، ހެލްތު ވޯކަރު ހަސަން މޫސާ ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ފުޅު ލިއުއްވި ފޮތުން ނަގާފައިވާ ބައެއް ހިސާބުތައް

11،303: މުޅި ރާއްޖެއިން ކޮލެރާ ޖެހުނު މީހުން

252: ކޮލެރާގައި މަރުވި މީހުން

3،235: މާލެ އިން ކޮލެރާ ޖެހުނު މީހުން

7: މާލެއިން މަރުވި އަދަދު

"ވަރަށް ނުރައްކާތެރި ރޯގާއެއް ފެތުރޭ" ކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް އޭނާ އެންގެވި ނަމަވެސް، މާލެއިން ހާއްސަ ޓީމެއް މާމެންދުއަށް ދެވުނީ އޭގެ ދެ ހަފުތާ ފަހުން، ޖެނުއަރީ 15، 1978 ގަ އެވެ.

ސަރުކާރުގެ ރަސްމީ ލޯންޗު "ގޯލްޑަން ރޭ" ބަނދަރުކުރުމުން އެ ޓީމު ރަށަށް ފައިބައިގެން ފުރަތަމަ ވެސް ދިޔައީ ރަށު މައުލޫދު ހަރުގެއަށެވެ. ކޮލެރާގެ ސަބަބުން ހާލު ދެރަވި ބޮޑެތި މީހުންނާއި ކުޑަކުދިން އެތަނުގައި އޭރު ތިއްބެވެ.

ރާއްޖޭގައި 1982 ގައި ޝިގެއްލާ ފެތުރުނު ދުވަސްވަރު ރަށްރަށަށް ބޭސް ފޮނުވަން ބޭސް ނެގުމުގެ މަސައްކަތް މުހައްމަދު އިސްމާއިލް ފުޅު (ވ) ކުރައްވަނީ: އޭނާ ވަނީ ކޮލެރާ އާއި ޝިގެއްލާ ކޮންޓްރޯލްކުރަން އެކި ރަށްރަށަށް ވަޑައިގެންފައި

"ރަށަށް އޮތީ ކޮލެރާ ފެތުރިފައި. ދެން އަޅުގަނޑުމެން އެންގީ ގޭގޭގައި ތިބި ހުރިހާ ބަލިމީހުން ވެސް އެތަނަށް ގެންނަން،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯ އިން 1972 ގައި ރާއްޖޭގައި ހިންގި ހެލްތު ވޯކަރުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވެވަޑައިގެންނެވި ފުޅު، 72، ވިދާޅުވި އެވެ.

ގެއަކުން ނެރެގެން އެ ހަރުގެއަށް ފުރަތަމަ ގެނައީ، ވަރުދެރަކަމުން ހޭ ވެސް ނެތް ފިރިހެނެކެވެ.

"އޭނާގެ ހަތަރެސް ފަޔަށް އަޅުގަނޑުމެންނަށް ޖެހުނު އައިވީ ގުޅަން. އެހާ ވެސް ހާލު ދެރަކޮށް އޮތީ،" ފުޅު ކިޔައިދެއްވި އެވެ.

ހާއްސަ ޓީމު އެ ރަށަށް ދިޔަ އިރު ގާތްގަނޑަކަށް 12 މީހުން ވަނީ ކޮލެރާގައި މަރުވެފަ އެވެ. އެއް އާއިލައަކުން، ބައްޕަ އާއި މަންމަ އަދި ކުޑަ ކުއްޖަކު މަރުވުން ފަދަ ހިތާމަވެރި ނިމުންތައް ވެސް، މާމެންދޫ ރައްޔިތުންނަށް ކުރިމަތިވި އެވެ.

ސިއްހީ ހޭލުންތެރިކަން ކުޑަކަމުން، ކޮލެރާ ސިފަވެފައި އޮތީ ބައްޔަކަށް ވުރެ ބޮޑަށް "ރޫހާނީ" ކަމެއްގެ ގޮތަށެވެ. ހަށިގަނޑަށް ދިޔާ އެއްޗެހި ނޭޅިއްޖެ ނަމަ، ކޮލެރާގައި ހައެއްކަ ގަޑިއިރު ތެރޭ މީހާގެ ގައިން ފެން ހުސްކޮށްލަ އެވެ. ދެން މަރުވާ އިރު އެ މީހުންގެ ހަތަރެސް ފައި އޮންނަނީ ހަރު ދަގަނޑަށް ވެފަ އެވެ. ހިނަވާ ގަޑީގައި ބައެއް ފަހަރަށް ފަޔާއި އިނގިލިތަކަށް ކޮންމެވެސް ވަރެއްގެ ހަރަކާތެއް އާދެ އެވެ. އެހެންވެ ރަށު މީހުންގެ ތެރޭގައި ބިރުވެރިކަން އަދި މާ ބޮޑުވި އެވެ. ހިނަވަން ނުދާންވެގެން މުދިންމީހާ އުޒުރު ދައްކާ ހިސާބަށް ބިރު އޮތީ ފެތުރިފަ އެވެ.

"ހިނަވާ އިރު ގުނަވަންތަކަށް ކުއްލިއަކަށް ހަރަކާތެއް މި އަންނަނީ. ހިނަވާ މީހުން ހަޅޭއްފަޅޭއްލަވައި ދުވެ ރައްކާވަނީ. މުދިން މީހާ ނުދާންވެގެން މި ބުނަނީ ތިމަންނަ ހުންއައިސްފައޭ ހުރީ،" ފުޅު ވިދާޅުވި އެވެ.

އެ ބިރުގައި މާމެންދޫ މީހުން އުޅެނިކޮށް ލ. ގާދޫގައި ކޮލެރާ ޖެހިގެން ހާލު ބޮޑުވި މީހަކު، ސިއްހީ ޓީމަށް ދައްކަން ވެގެން ގެނައި މަގުމަތީގައި، ރަށަށް ލައްވާލުމުގެ ކުރިން، ދޯނީގައި މަރުވި އެވެ. އެކަމަކު މާމެންދުއަށް ގަބުރު އަރުވަން ރަށު މީހުން ދެކޮޅު ހެދުމުން، ދޯނީގެ މީހުންނަށް ޖެހުނީ ގަބުރު ހިފައިގެން އަނބުރާ ގާދުއަށް ދާށެވެ.

"އެއީ އެ ރަށް އޭރު އޮތް ހާލަތަކީ. އިރު އޮއްސުނީމާ ހުރިހާ ގެއެއްގެ ދޮރު ލައްޕާފައި އެންމެން ތިބެނީ ގޭގައި. އެހާ ވެސް ބިރުން ތިބީ،" ފުޅު ކިޔައިދެއްވި އެވެ.

އެއީ ރޫހާނީ ވަބާއެއް ކަމަށް ބަލައި، ރަށުތެރޭގައި އެކި ކަހަލަ ފަންޑިތަ ހެދުމާއި ކިޔެވެލި ކިޔެވުން ފަދަ އެތައް ކަމެއް އޭރު އޮތީ ކޮށްފަ އެވެ. އެކަމަކު ސިއްހީ ޓީމު ގޮސް، ބަލިމީހުން މުޅިން ވަކިކޮށް، އައިވީ ގުޅުމާއި ބޭސް ދިނުން ފަދަ ފަރުވާތަކަށް ފަހު، ގާތްގަނޑަކަށް 25 ދުވަހުގެ ތެރޭގައި، މާމެންދޫ ހަމަޔަކަށް އެޅުނެވެ.

އެއީ މިހާރު ލިބެން ހުންނަ ލޮނު ޕެކެޓް ރާއްޖެ އެތެރެކުރި ޒަމާނެއް ނޫނެވެ. ބަލިމީހުންގެ ހަށިގަނޑުން ބޭރުވާ ލޮނުގެ ބައި ހަމަޖައްސަން، ފެނަން ލޮނާއި ލުބޯ ހުތް ފަދަ އެއްޗެހި އަޅައިގެން ދެނީ އެވެ.

މާމެންދޫން ކޮލެރާ ފެށުނު ސަބަބާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެއް ބަޔަކު ބުނީ، އެ ދުވަސްވަރު މަރުވެގެން ރަށަށް ލައްގަމުން ދިޔަ ގިނަ އަދަދެއްގެ ގެރިބަކަރީގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށެވެ. އަނެއް ބަޔަކު ދުށީ، އޭރު ރާއްޖޭގެ އެކި ހިސާބުތަކުން ފަރުމަސް ގަތުމުގެ މަސައްކަތްކުރި ބޭރު ކުންފުންޏެއްގެ ބޯޓެއްގެ ފަޅުވެރިންގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އޭރު މަސް ގަންނަ ބައެއް ބޯޓުފަހަރު ބަނދަރުކޮށްފައި އޮންނަނީ މާމެންދޫގަ އެވެ. އެ ބޯޓުފަހަރަށް ރަށުގެ ޒުވާނުން އަރައި ކައިބޮއި ހެދުމާއި، ބޯޓުގެ މީހުން ރަށަށް ފައިބައިގެން އުޅުން ފަދަ ކަންކަން ހިނގަ އެވެ.

"ސީދާ މިވެނި ސަބަބެކޭ ބުނަން ދަތި،" ފުޅު ވިދާޅުވި އެވެ.

މާމެންދޫގައި ފެތުރެން ފެށި ކޮލެރާ ނައްތާލެވުނީ މުޅި ރާއްޖެއަށް އޭގެ ނުރައްކާ ދިޔަ ފަހުން، އަދި 250 އަށް ވުރެ ގިނަ މީހުންގެ މަރާ އެކު، ގައުމީ ވަރަށް ބޮޑު މަސައްކަތެއްގެ ތެރެއިންނެވެ. ފުޅު ހިމެނުނު ޓީމު ނޫނަސް، ހާލަތު ގޯސް އެތައް ރަށަކަށް އެކި ޓީމުތައް މާލެ އިން ފޮނުވި އެވެ.

ދެ ވަނަ ބޮޑު ބޭރަށް ހިންގުން، ޝިގެއްލާ

ރާއްޖޭގެ ވެރިރަށް ކަމަށް ވިޔަސް މާލެއަކީ ވެސް ބޭރަށް ހިންގުން ފަދަ ބަލިތަކުގެ އުނދަގޫ ތަހައްމަލް ކުރަމުން ދިޔަ ރަށެކެވެ. ސާފުތާހިރުކަމުގެ ގޮތުން ވެސް މާލެ ދަށެވެ. މިސާލަކަށް، މާލޭގެ އެކި ގޭގޭގައި ގެރިބަކަރި ގެންގުޅުމާއި، އެންދެރި ކަހަލަ އެއްޗެހި ރަށަށް އަރުވައި، އެ ހިއްކަން ބެހެއްޓުމުން މުޅި ރަށް "ކުނިވުން" ފަދަ ކަންކަން ހިނގަމުން ދިޔަ އެވެ. ފާހާނާ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތެވެ.

އިންޑިއާ އާއި މާލެ ދަތުރުކުރާ ބޯޓުގެ ފަޅުވެރިޔާގެ ފަރާތުން އައި ކަމަށް ފުޅު ގަބޫލުކުރައްވާ ޝިގެއްލާ ފެތުރެން ފެށީ މާލޭގަ އެވެ. އޭގެ ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރީ އެވެ.

"އޭނާ ދިޔަ ބޯޓު ބަނދަރުކުރި ކޮންމެ ރަށެއް ވީ ޝިގެއްލާގެ މަރުކަޒަކަށް. ފާހާނާކޮށްފައި އޭނާ އަތް ކާއްތާ ތަންތަނުގައި އެހެން މީހުން އަތް ލީމާ، ވަރަށް ކައިރި ބެލި ޖެހުން. އޭނާ ފައިބައި ރަށްރަށުގައި މަޑުކޮށް ހަދަންޏާ ހަމަ ފެތުރޭނީ،" ފުޅު، އޭނާގެ ތަޖުރިބާ ކިޔައިދެއްވި އެވެ.

ރާއްޖޭގެ ރަށެއްގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ދަނީ: 1970 ގެ އަހަރުތަކުން ފެށިގެން ވެކްސިން ޕްރޮގްރާމްތައް ގަވާއިދުން ކުރިއަށް ގެންދިޔަ

ނުރައްކާތެރިކަން ބޮޑުވާން ފެށުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި، ޓާސްކް ފޯހެއް އެކުލަވާލެއްވި އެވެ. މިހާރު ގައުމީ މިޔުޒިއަމް ހުންނަ ބިމުގައި އޭރު ހުރި މާލޭ އިންޑޯ ސްޓޭޑިއަމަކީ، ޓާސްކް ފޯސްގެ މައި މަރުކަޒެވެ. ރަށްރަށަށް ޓީމުތަކާއި ބޭހާއި ބޭނުންވާ އެހެން އެއްޗެހި ފޮނުވުމުގެ ރޭވުންތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް ވިލަރެސް ވެގެން އައީ، އެ ޓާސްކް ފޯސް ތެރެއިންނެވެ.

"ބޭރަށް ހިންގާ މީހުން މާލޭގައި ގިނަވަމުން ގޮސް ސެންޓްރަލް ހޮސްޕިޓަލް ފުރޭ ހިސާބަށް ދިޔަ،" ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އެފަހަރު ވެސް އިސްކޮށް އުޅުއްވި ފުޅު ވިދާޅުވި އެވެ.

ފުޅު ލިއުއްވި ފޮތުން ނަގާފައިވާ ބައެއް ހިސާބުތައް

13،752: މުޅި ރާއްޖެއިން ޝިގެއްލާ ޖެހުނު އަދަދު

197: މުޅި ރާއްޖެއިން މަރުވި މީހުން

3،950: މާލޭގައި ބަލި ޖެހުނު މީހުން

33: މާލެއިން މަރުވި އަދަދު

ރާއްޖެ އިން ޝިގެއްލާ ކޮންޓްރޯލް ކުރި އެވެ. އެކަމަކު ރ. ކަނދޮޅުދޫގައި ދިމާވީ އެހެން މައްސަލައެކެވެ. ހަތަރު ވަރަކަށް ޓީމު ގޮސްގެން ވެސް މުޅިން ކޮންޓްރޯލް ނުވެ، ދޭތެރެ ދޭތެރެއިން ބަލި ޖެހޭ މީހުން ގިނަވަނީ އެވެ. އެންމެ ފަހުން ސަރުކާރުން ޓީމެއް ފޮނުވީ، ފުޅު އިސްކޮށް ބަހައްޓައިގެންނެވެ.

ކަނދޮޅުދުއަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު އެއް ރަށެވެ. ފުޅު ސިފަކުރެއްވި ގޮތުގައި ބަލިމީހުން ބައިތިއްބާނެ އެކަށީގެންވާ ޖާގައެއް ހުރި ތަނެއް ވެސް ނެތެވެ.

"އަޅުގަނޑުމެން ރަށަށް ދިޔަ އިރު ކަމުދާކަށް ނެތް، ބަލިމީހުންތައް ތިބީ އެމީހުންގެ ގޭގައި. އެކަމަކު މިކަހަލަ ރޯގާތަކުގައި ބަލިމީހުން ތިބެން ޖެހޭނީ އެއް ތަނެއްގައި،" ފުޅު ވިދާޅުވި އެވެ.

ކަނދޮޅުދޫގައި އޭރު ހޮޑުލައި ބޭރަށް ހިންގަމުން ދިޔަ 50 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އެ އެންމެންނަށް ފަރުވާ ދޭނެ ތަނެއް ޖެހުނީ ހަދާށެވެ. ފުޅު ވިދާޅުވި ގޮތުގައި ރަށުގެ ހުކުރު މިސްކިތު ފުރާޅު އާކުރަން ސަރުކާރުން ފޮނުވާފައި ހުރި ސިމެންތި ޓިނުތައް ބޭނުންކޮށްގެން ތަނެއް ހެދީ އެވެ. އަދި އެތަނާ ޖެހިގެން ދެ ފާހާނާ ވެސް ތައްޔާރުކުރީ އެވެ.

"މި އޮތް ހާލަތު ބަދަލުވެއްޖެއްޔާ [މާލެ ތެރެއިން ބަލި ފެނިއްޖެއްޔާ] ވަރަށް ހިތްވަރާއި އަޒުމުގައި ދާންވާނީ. އިހުމާލުން ހުއްޓާލެވިއްޖެއްޔާ، ފަހަތަށް، ކައްޗަށް ފިޔަވަޅެއް އެޅިއްޖެއްޔާ ވަރަށް ދެރަވާނެ."

އެކަމަކު ރަށުގެ ވެރިން ބުނި ކަމަށް ވަނީ އެތަނަށް އެއްވެސް މީހަކު ނާންނާނެ ވާހަކަ އެވެ. އޭގެ ސަބަބު ބެލިއިރު، ގޭގައި ކާނެ ބޭސް ކޮންމެވެސް ގޮތަކުން ބަލިމީހުންނަށް ލިބެމުން ދިޔަ އެވެ. އެކަމަކު އެއީ ހަމައެކަނި ބޭސް ކައިގެން ރަނގަޅުވާން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ސިއްހީ ޓީމުން ރަށުގެ ވެރިންނަށް އެންގީ، ފުޅު ވިދާޅުވި ގޮތުގައި، އެގޮތަށް ބޭސް ދެންޏާ އެ ދޭ ބަޔަކު މާލެ ފޮނުވާލާނެ ކަމެވެ. އެގޮތަށް މާލެ ފޮނުވުމަކީ އޭރު ހައްޔަރުވުމެވެ.

ވަގަށް ބޭސް ދެމުން ދިޔަ މީހުން، އެ ބިރުގައި، އެކަން ހުއްޓާލި އެވެ. ބަލިމީހުން އެންމެ ފަހުން ވަގުތީ މަރުކަޒަށް ގޮސް އެޑްމިޓް ވާން ފެށި އެވެ.

"ގާތްގަނޑަކަށް ފަސްދޮޅަހަކަށް މީހުން ބާއްވަން ޖެހުނު. އޭގެ ތެރޭގައި ވަރަށް ހާލު ދެރަ މީހުން ވެސް ތިބި،" ފުޅު ވިދާޅުވި އެވެ.

"ނަސީބަކުން އަޅުގަނޑުމެން ދިޔަ ފަހުން މީހަކު މަރެއް ނުވޭ. އެކަމަކު ޓީމު ދިއުމުގެ ކުރިން ބަލީގައި އެކަކު މަރުވި."

މިވަގުތު ކުރިއަށް ދާން ޖެހޭނީ ވަރަށް އަޒުމުގައި

އޭރު ހެލްތު ވޯކަރުންނަކީ ރާއްޖޭގެ އާންމު ސިއްހަތުގެ މުހިންމު އެއް ބަ އެވެ. އެއްވެސް ރަށެއްގައި ޑޮކްޓަރަކު ނުހުރެ އެވެ. ބޯދާ ވިސްނުންތަކުން ރައްޔިތުން ނެރެ، ޒަމާނީ ބޭސްވެރިކަން ތައާރަފުކުރުމުގައި ހެލްތު ވޯކަރުންގެ ދައުރު ވަރަށް ފުޅަ އެވެ. އަދި ބޭރަށް ހިންގުން ފަދަ ބަލިތައް ކޮންޓްރޯލްކުރަން، ޑަބްލިޔުއެޗުއޯ ފަދަ ޖަމާއަތްތަކުގެ އެހީ އާއި ރާއްޖޭގެ ޑޮކްޓަރުންގެ ލަފަޔާ އެކު، އެމީހުން ތިބެނީ ތަންދޮރު އޮޅުންފިލައި، ކަންކަން ކުރަން އެނގޭ ބަޔަކަށް ވެފަ އެވެ.

ޅ. ނައިފަރަށް އުފަން ފުޅު ވިދާޅުވި ގޮތުގައި ކޮލެރާ އާއި ޝިގެއްލާ ކޮންޓްރޯލްކުރަން އޭނާއަށް ކުރެއްވުނު ދަތުރުތަކުން ލިބިވަޑައިގަތް ތަޖުރިބާތައް ވަރަށް ބޮޑެވެ.

"އެއީ ދަސްވި ފިލާވަޅުތަކެއް،" ރާއްޖޭގެ ސިއްހީ ދާއިރާގައި 46 އަހަރު ޚިދުމަތް ކުރެއްވި ފުޅު ވިދާޅުވި އެވެ.

މިހާރު މި އޮތީ އަނެއްކާވެސް ބަލިމަޑުކަމެއް ކުރިމަތިވެފަ އެވެ. އެކަމަކު ރާއްޖެއަށް މީގެ ކުރިން ދިމާވެފައި ނުވާ ފަދަ ގެއްލުން ބޮޑު، ނުރައްކާތެރި ހާލަތެކެވެ. މި ކަހަލަ ވަގުތެއްގައި ފުޅުގެ ހަނދާނަށް ކުރީގެ ހާދިސާތައް އެނބުރި ނައިހެއް ނުދާނެ އެވެ. އެކަމަކު މިއީ، ފުޅު ވިދާޅުވި ގޮތުގައި، އަޅާނުކިރޭނެ ދެ ހާލަތެވެ. މިހާރު މި އޮތީ މުޅި ދުނިޔެ ހުއްޓިފަ އެވެ. މުޅި ގައުމު ހުއްޓިފަ އެވެ. އިގުތިސާދު ފުނޑުވެފަ އެވެ. ގެއިން ބޭރަށް ނުނިކުމެ ތިބުން ނޫން ފަރުވާއެއް ނެތިފަ އެވެ.

ކުރީގެ ދެ ހާދިސާގައި އެކަހަލަ ހުއްޓުމެއް ނާދެ އެވެ.

އެކަމަކު ޝިގެއްލާ ފެތުރެން ދިމާވި ފަދަ މީހުން މިހާރު ވެސް އެބަ ފެނެ އެވެ. ގެއިން ބޭރަށް ނުނިކުންނަން އެންގުމުން ވެސް ނުކުންނަނީ އެވެ. ވައިރަސް ހުރިކަން ތިމާއަށް ނޭނގި ވެސް އެހެން މީހުންގެ ތެރެއަށް އެ ފަތުރާލެވިދާނެ އެވެ. މާލެ މިހާ ހިސާބަށް ގޮސް މި އޮތީ ވެސް، އެތައް ބަޔަކަށް ރޭކާނުލައި އުޅެވުނު ގޮތުންނެވެ.

"މިހާރު"އަށް ފުޅު އިންޓަވިއު ދެއްވީ މާލެ ތެރޭގައި ކޮވިޑް-19 ފެތުރި، ލޮކްޑައުންއަށް ދިއުމުގެ ކުރިންނެވެ. އެކަމަކު އޭރު ވެސް އޭނާ ވިދާޅުވީ "އެއްވެސް މީހެއްގެ ފަރާތުން [މި ވައިރަސް] ގައުމު ތެރެއަށް ފެތުރެން ފަށައިފިއްޔާ ވަރަށް ސީރިއަސް މައްސަލަތަކެއް ނުކުތުން އޮންނާނީ ކައިރީގައި" ކަމަށެވެ.

އޭނާގެ އިރުޝާދަކީ ވެސް، ކަމާ ބެހޭ ފަރާތްތަކުގެ އެންގުންތަކަށް ކިޔަމަންވުމާއި ގެއިން ބޭރަށް ނުނިކުތުމެވެ.

ބޭރަށް ހިންގުމުގެ ރޯގާތަކުގައި އޭނާގެ ކުރިމަތީގައި މީހުން މަރުވި އެވެ. އެ ހުންނަނީ ސިއްހީ އެހީތެރިންނަށް ހިތްދަތި ވަގުތުތަކެވެ. އެހެންކަމުން އޭނާ ނަސޭހަތް ވަރަށް ސާފެވެ.

"މި އޮތް ހާލަތު ބަދަލުވެއްޖެއްޔާ [މާލެ ތެރެއިން ބަލި ފެނިއްޖެއްޔާ] ވަރަށް ހިތްވަރާއި އަޒުމުގައި ދާންވާނީ. އިހުމާލުން ހުއްޓާލެވިއްޖެއްޔާ، ފަހަތަށް، ކައްޗަށް ފިޔަވަޅެއް އެޅިއްޖެއްޔާ ވަރަށް ދެރަވާނެ،" އޭނާ ވިދާޅުވި އެވެ.

"ކަންކަން ކުރަން ތިބި މީހުން ވެސް ފޫހިނުވެ، ރައްޔިތުން ވެސް ފޫހިވެގެން ނުވާނެ."