ޚިޔާލު / ދީން

ހަދީސެއްގެ އަލީގައި: ކުދިން އުފަންވުމުން ތަހުނީކު ކުރުމުގެ މުހިންމުކަން

ތުއްތުކުއްޖެއް.

އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާ ކުރެވިގެންވާ ހަދީސެއްގައި ވެ އެވެ. "ތިމަންނާ އަށް ފިރިހެންދަރިކަލަކު ލިބުނެވެ. ފަހެ އެ ދަރިފުޅު ގޮވައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ދިޔައީމެވެ. ފަހެ އެކަލޭގެފާނު އެ ދަރިފުޅަށް އިބްރާހީމްގެ ނަމުން ނަން ދެއްވައި ކަދުރަކުން ތަޙުނީކު ކުރައްވައި ބަރަކާތްލެއްވުމަށް އެދި ދުޢާ ކޮށްދެއްވުމަށް ފަހު، އެ ދަރިފުޅު ތިމަންނާއާ ހަވާލު ކުރެއްވި އެވެ." (ބުޚާރީ އާއި މުސްލިމް)

މި ހަދީސްގައި ބަޔާން ކޮށްފައި މި ވަނީ އަސްހާބު ބޭކަލުން އެ ކަމަކަށް ވަރަށް ބޮޑަށް ފަރުވާތެރިވި ކަމެއްގެ ވާހަކަ އެވެ. އެއީ ދަރިއަކު ލިބުމުން އެ ދަރިއަކަށް ބަރަކާތް ހޯދުމަށް ރަސޫލާ ﷺ ގެ އަރިހަށް އެ ދަރިއަކު ގެންދިއުމެވެ. އަބޫމޫސާ އަލްއަޝްޢަރީ ވެސް އެކަލޭގެފާނަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދަރިފުޅު ގޮވައިގެން ވަޑައިގެންނެވީ އެވެ. މިގޮތަށް ވަޑައިގަތުމުން އެ ދަރިފުޅަށް ބަރަކާތްލެއްވުމަށް ދުޢާ ކޮށްދެއްވުމުގެ އިތުރުން ވަރަށް މުހިންމު އެހެން ދެ ކަމެއް ވެސް ކީރިތި ރަސޫލާ ﷺ ކުރެއްވި އެވެ. އެއީ އުފަންވާ ކޮންމެ ކުއްޖެއްގެ ވެސް އެންމެ ފުރަތަމަ ދުވަސްކޮޅު (ހަދީސްތަކުން އެނގޭ ގޮތުގައި ހަތް ދުވަސްވާ ދުވަހު) ކޮންމެ ކުއްޖަކާ މެދު ވެސް ޢަމަލު ކުރުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ދެ ކަމެކެވެ. އޭގެ ތެރެއިން އެއްކަމަކީ ކުއްޖާއަށް ރީތި ނަމެއް ކިޔުމެވެ. މި ނަން ވާން ޖެހޭނީ މާނަ ރަނގަޅު އިސްލާމްވަންތަ ނަމެއް ކަމުގަ އެވެ.

ދެ ވަނަ ކަމަކީ "ތަހުނީކު" (ތަޙުނީކު) ކުރުމެވެ. ތަހުނީކު ކުރުމަކީ ހިމުން ކުރެވިފައިވާ ކަދުރުން ނުވަތަ މާމުއިން ނުވަތަ އެ ނޫން ވެސް ހިމުން ފޮނި އެއްޗަކުން ކުއްޖާގެ ތަލީގައި ކާއްތައި އޭގެ ދިޔަ ކަރުތެރެއަށް ދާ ގޮތް ހެދުމެވެ. ކީރިތި ރަސޫލާ ﷺ ތަހުނީކު ކުރެއްވީ ކަދުރަކުންނެވެ. އެ އަށް ފަހު، ކުއްޖާ އަށް ބަރަކާތްލެއްވުން އެދި އެކަލޭގެފާނު ދުއާފުޅު ކުރެއްވި އެވެ.

ތަހުނީކު ކުރުމުގެ މުހިންމުކަން

ކުދިން ތަރުބިޔަތު ކުރުމުގައި ކީރިތި ރަސޫލާ ﷺ ދެއްވެވި އިރުޝާދުތަކާއި ދެއްކެވި ނަމޫނާތަކަށް ތަބާވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް އެ ކަމަކީ އެކަލޭގެފާނު ތަޝްރީޢު ކުރެއްވެވި (ޝަރުއީ ގޮތުން ބަލާއިރު ކަމެއް ކުރަން ނުވަތަ ނުކުރަން އެންގެވި) ކަމެއް ކަމުގައިވާ ނަމަ އެ ތަޝްރީޢުގެ ދަރަޖައަކުން އެ އަށް ތަބާވުމަކީ ދީނީ ގޮތުން ކުރަންޖެހޭނެ ކަމެކެވެ.

ތަހުނީކު ކުރުމަކީ އެކަލޭގެފާނު ތަޝްރީޢު ކުރެއްވެވި ކަމެކެވެ. ނަމަވެސް މީގެ ދަރަޖައަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެއީ ގަރީނާތަކުން އެކަން އެގޮތަށް ހާމަވާތީ އެވެ. މިއީ ސުންނަތަކަށް ވިއަސް މިހާ ހިސާބުން އެކަނި ވެސް ތަހުނީކު ކުރުން މުހިންމުވާކަން އެބަ ހާމަވެ އެވެ. އާދެ، އެއީ މުސްލިމުންނަށް އޮތް ސުންނަތެއް ކަމުގައި ވާތީ އެ ސުންނަތަށް ތަބާވުމެވެ. އެ އިން ލިބޭ ދަރުމަ ހޯދުމެވެ.

ނަމަވެސް އިސްލާމްދީނުގެ އަމުރުތަކުގައި އަޅުވެތިވުމުގެ ފައިދާގެ އިތުރުން ވަރަށް ގިނަ އެހެން ފައިދާތައް ހުންނަ ކަމީ ފާހަގަވެގެންދާ ކަމެކެވެ. އޭގެ ތެރޭގައި ދުނިޔަވީ މާއްދީ ފައިދާތަކާއި އުޚުރަވީ ރޫހާނީ ފައިދާތައް ހުރެ އެވެ. ތަހުނީކު ކުރުން ވެސް އިލްމީ ނަޒަރަކުން ދިރާސާ ކޮށްފި ނަމަ އެކަމުގައި ހުރި ބައެއް ފައިދާތައް ހާމަވާނެ އެވެ.

މި ހަދީސުން މުރައްބީންނަށް ލިބޭ ފިލާވަޅުތަކަށް ބަލާއިރު އެއް ފިލާވަޅަކީ، ކުދިން އުފަންވާއިރު ކުރަންޖެހޭ ކަންކަމުގެ ތެރެއިން ތަހުނީކު ކުރުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމާއި އެ ކަމުގައި ދީނީ ގޮތުން ލިބޭ ފައިދާގެ އިތުރުން ދުނިޔަވީ މާއްދާ ފައިދާތަކެއް ވެސް ހުރި ކަމެއް ކަން ގަބޫލު ކުރުމާ އެކު ތަހުނީކު ކުރަން ޖެހޭނެ ކަމެވެ.

ސިއްހަތާއި ފައިދާ ހުރި ކާނާއާ ގުޅޭ ޚާއްސަ ޑަކުޓަރުން ދައްކާފައިވާ އާންމު އަދި ޚާއްސަ ވާހަކަތަކުގެ އަލީގައި ޑޮކްޓަރ މުޙައްމަދު ޢަލީ އަލްބާރު "މަޖައްލަތުލް އިޢުޖާޒުލް ޢިލްމީ" މަޖައްލާ ގެ ހަތަރުވަނަ އަދަދުގައި ލިޔުއްވާފައިވާ މަޒުމޫނެއްގައި ތަހުނީކު ކުރުމުގެ ބައެއް ފައިދާތަކަށް އަލިއަޅުވާލާފައި ވެ އެވެ. އޭނާ ފާހަގަ ކުރައްވާފައިވަނީ ކުދިން ވިހާއިރު އާންމު ގޮތެއްގައި ގުލުކޯޒުގެ މިންވަރު ދަށްވާނެ ކަމަށެވެ. ކުދިންގެ ބަރުދަން ދަށްވާ ވަރަކަށް މި މިންވަރު ނިސްބަތުން އިތުރަށް ދަށްވާނެ ކަމަށެވެ. މިގޮތަށް ގުލުކޯޒު ދަށްވުމަކީ ގާތުން ކިރުބޯ ހިތްނުވުމާއި ހަށިގަނޑުގެ މަސްތައް ކަންނެއް ކުރުވުމާއި ނޭވާލުމަށް ބައެއް ފަހަރު އުނދަގޫވުމާއި އަކުނިވަޔަށް ދެމުން ފަދަ ކަންކަން މެދުވެރި ކުރުވާ ކަމެއް ކަމަށެވެ. މިފަދަ ކަންކަން މެދުވެރިވާ ނަމަ ޖުމްލަ ގޮތެއްގައި ކުއްޖާ އެކި ކަންކަމުން ހެދިބޮޑުވުމަށް ހުރަސް އެޅޭ ގޮތް މެދުވެރިވެދާނެ ކަމަށެވެ. އެހެންކަމުން ކަދުރު ފަދަ ގުލުކޯޒު ގިނަ އެއްޗެއްގެ ދިޔަ ކުއްޖާގެ އަރުތެރެ އަށް ފޮނުވާލުމުން އޭގެ ހެޔޮ އަސަރު ކުއްޖާ އަށް ކުރާނެ ކަމަށެވެ.

އެ ލިޔުމުގައިވާ ގޮތުން ކީރިތި ރަސޫލާ ﷺ ތަހުނީކު ކުރެއްވީ ކަދުރުކޮޅު އެކަލޭގެފާނު ހައްޕަވާ ލެއްވުމަށް ފަހު، ކަމަށް ވާތީ ކަދުރާއެކު ކުޅު ހިމެނޭނެކަން ޔަގީން ކަމަށެވެ. މިހެންވުމުން ކުޅުގައި ހިމެނޭ އެންޒައިމެއްގެ ސަބަބުން ޑައިސެކަރައިޑް ސެކްރޯޒް މޮނަސެކަރައިޑް ސެކްރޯޒް އަށް ބަދަލު ކޮށްލާ ކަމަށެވެ. މިކަމަކީ އަސްލު ހަޖަމު ކުރުމުގެ ތެރެއިން ހިނގާ ކަމަކަށް ވިއަސް މި ހާލަތުގައި ހަޖަމު ކުރުމުގެ ނިޒާމާ ހަމައަށް ދިއުމުގެ ކުރިން މި މަސައްކަތް ނިމޭތީ ތުއްތު ކުއްޖާއަށް ފަސޭހަކަމާ އެކު، ކަދުރުގައި ހިމެނޭ ހަކުރުގެ ބާވަތްތަކުން ލިބެންވާ މަންފާ އަވަހަށް ފޯރާނެ ކަމަށެވެ. ތަހުނީކު ކުރުމަކީ ހަކުރު ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް އޮތް ފުރުސަތެއް ކަމުގައި ވެސް ވާނެ ކަމަށެވެ.

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މި ހަދީސުން މުރައްބީންނަށް ލިބޭ ފިލާވަޅުތަކަށް ބަލާއިރު އެއް ފިލާވަޅަކީ، ކުދިން އުފަންވާއިރު ކުރަންޖެހޭ ކަންކަމުގެ ތެރެއިން ތަހުނީކު ކުރުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމާއި އެ ކަމުގައި ދީނީ ގޮތުން ލިބޭ ފައިދާގެ އިތުރުން ދުނިޔަވީ މާއްދާ ފައިދާތަކެއް ވެސް ހުރި ކަމެއް ކަން ގަބޫލު ކުރުމާ އެކު ތަހުނީކު ކުރަން ޖެހޭނެ ކަމެވެ.

ދެ ވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގައި ތަރުބިޔަތުގެ ހުރިހާ އަރިމަތިތަކުން ތަރުބިޔަތު ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެވެ. މި ހަދީސް އަށް އެކަނި ބަލައިލިއަސް މީގައި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތަރުބިޔަތު ކުރުމުގެ މުހިންމު ކަންތައްތަކެއް އެބަ ހިމެނެ އެވެ.

ތިން ވަނަ ފިލާވަޅަކީ، ތަހުނީކު ކުރުމުގައި އެހެން ފޮނި އެއްޗަކަށް ވުރެ ކަދުރަށް އިސްކަން ދިނުމެވެ. ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެކަން ކުރާ ނަމަ އަނގައިން ކަދުރު ހިމުންކޮށްލުމެވެ. އެހެން މީހުން ލައްވާ އެގޮތަށް ކުރުވުމަކީ ފަހަރެއްގައި އެހާ ހިތްހަމަޖެހޭ ކަމެއް ކަމުގައި ނުވެދާނެ އެވެ. ސަހާބީން ކީރިތި ރަސޫލާ ﷺ އަރިހަށް ވަޑައިގަންނަވަނީ ހަގީގަތުގައި ކުއްޖާ އަށް ހުރިހާ ގޮތަކުން ވެސް ބަރަކާތް ލިބޭތޯ އެކަމުގެ އުންމީދުގަ އެވެ. އެހެނީ އެކަލޭގެފާނަކީ ބަރަކާތުން ފުރިގެންވާ ބޭކަލެކެވެ.

ހަތަރު ވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައި ތިމާއަށް ވުރެ ރަނގަޅަށް އެކަން ކުރެވޭނެ ބަޔަކު ތިބިއްޔާ އެ ބަޔަކު ލައްވާ އެކަންކަން ކުރުވޭތޯ ބެލުމެވެ. ބޭނުމަކީ އެންމެ ފުރިހަމަ ގޮތުގައި ތަރުބަވީ ކޮންމެ ކަމެއް ވެސް ކުރުމެވެ.

ފަސް ވަނަ ފިލާވަޅަކީ، ދަރިންނަށް ބަރަކާތް ލިބޭތޯ ދުއާކުރުމާއި ބަރަކާތް ލިބިދާނެ ފަދަ ހުއްދަ ކަންކަން ވެސް ކުރުމުގެ މުހިންމު ކަމެވެ. ހެޔޮލަފާ މީހުން ލައްވައި ދުއާ ކޮށްދިނުމަށް އެދެވިދާނެ އެވެ. ނަމަވެސް ޝިރުކަށް މަގުފަހި ވެދާނެ ފަދަ ނުވަތަ ބިދުއައަކަށް ވެދާނެ ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.

ހަ ވަނަ ފިލާވަޅަކީ، ކުދިންނަށް ކިޔާ ނަމަކީ އިސްލާމްވަންތަ، މާނަ ރީތި ނަމަކަށް ހެދުމާއެކު ވިހާތާ ފުރަތަމަ ހަފްތާގެ ތެރޭގައި މިކަން ކުރެވޭތޯ ބެލުން މުހިންމު ކަމެވެ.

މި ނޫނަސް މިފަދަ ފިލާވަޅުތައް މި ހަދީސުގެ އަލީގައި ލިބިގަނެ، ތަރުބަވީ ޚާއްސަ ކަމެއްގެ ގޮތުގައި ކުދިން ތަހުނީކު ކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިލް

16 April 2024

ވަރަށް ފުރިހަމަ

The name is already taken The name is available. Register?

ޝައްކެތްނެތް

10 April 2024

ސުންނަތްކަމަށް ބެލެވޭ ތިޔަފަދަ ކަންކަމުގައި ފޮރުވިފައިވާ ފައިދާތަކެއްވާނެކަން ކަށަވަރު. އީމާންކަން ވަރުގަދަނަމަ އެފަދަ ކަންކަމުގައި ހިމެނޭ ސައިންޓިފިކް ކަންކަން ކޮންމެހެން ނުބެލިއަސް އެކަން ބަލައިގަނެވޭނެ. ކީރިތި ރަސޫލާއަށް މާތްﷲ ދައްކަވާފައިވާނީ އެންމެ ފައިދާހުރި ގޮތްކަން ޔަގީން. ސުވާލު ގިނަނުކޮށް އެކަންކަން ކުރުމަކުން ލިބޭނެ ގެއްލުމެއް ނޯންނާނެކަން ޔަގީން. ހުރިހާ ތަކެއްޗެއް އުފެއްދެވި ރަސްކަލާނގެ ނަބިއްޔާއަށް ދަސްކޮށްދެއްވަވާނީ އެންމެ މޮޅު ގޮތް

The name is already taken The name is available. Register?

އުދުހޭ

09 April 2024

ކިޔުންތެރިންނަށް ފައިދާވާފަދަ މިކަހަލަ މައުލޫމާތު ހޫނުގައި ގިނަކުރަންވީ.

The name is already taken The name is available. Register?

ފިނި

09 April 2024

ހޫނުގައި؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454