ރިޕޯޓް / ސިޔާސީ ޕާޓީ

ޕާޓީތަކަށް ބަހާ ފައިސާ: މި ހަރަދާ ކުޅެން ކެރޭނެތަ؟

ޕާޓީތަކަށް ފައިސާ ދޭ އުސޫލާ މެދު ބޮޑެތި ކަންބޮޑުވުން އެބަހުރި. އެ ފައިސާ އެކީ ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި

އިންތިހާބެއް ތެރެއިން ރަށެއްގައި ޕީޕީއެމް އާއި އެމްޑީޕީގެ ބެނާތައް ދަމާފައި -- ފައިލް ފޮޓޯ: މިހާރު

ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރެއްގެ ބަޖެޓުން ހޭދަ ކުރަނީ 0.1 ޕަސެންޓު ކަމަށް ބުންޏަސް އެއީ ކުޑަ އަދަދެއް ނޫނެވެ؛

ސިޔާސީ ހަރަކާތް ހިންގާ ޕާޓީތައް ބާރުވެރި ކުރުވުމުގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު 300 މިލިއަނާ ގާތް ކުރާ އަދަދަކަށް ޕާޓީތަކަށް ވަނީ ފައިސާ ބަހައިފަ އެވެ. މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް އެކަނި ބެލިޔަސް 147 މިލިއަން ރުފިޔާ ޕާޓީތަކަށް ހަރަދު ކޮށްފި އެވެ. ކޮންމެ އަހަރަކު ޕާޓީތަކަށް 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހެ އެވެ.

ފަސް ލައްކަ މީހުން ދިރިއުޅޭ އާބާދީއަކުން ނަގާ ޓެކްސް ފައިސާ އިން ހަރަދު ކުރަން ޖެހޭ މި ހުރިހާ ފައިސާއެއް ގޮސް ވަންނަނީ 10،000 މެމްބަރުން ހަމަވާ އެންމެ ހަތަރު ޕާޓީއަކަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޕާޓީތަކަކީ ފަސް އަހަރުން އެއް ފަހަރު ނޫނީ ސިޔާސީ މާ ބޮޑު ހަރަކާތެއް ހިންގާ ބައެއް ވެސް ނޫނެވެ.

ދުނިޔޭގެ އިގްތިސާދަށް މި އަންނަ ބޮޑު ލޮޅުންގަނޑާއެކު ދައުލަަތުގެ ބަޖެޓަށް ލުއި ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. ސިޔާސީ ޕާޓީތަކަށް މި ބަހާ ހުރިހާ ފައިސާއަކަށް ހަދަނީ ކިހިނެތް ހެއްޔެވެ؟ ޕާޓީތަކަށް ފައިސާ ދިނުން އެއީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ހެއްޔެވެ؟ މިލިއަނުން ފައިސާ ހަރަދު ކުރަނީ އެންމެ ރަނގަޅު އުސޫލަކުން ހެއްޔެވެ؟

ޕާޓީތަކަށް ފައިސާ ދޭ އަދަދުތައް

"މި އަހަރުގެ ބަޖެޓުން ވެސް 32.8 މިލިއަން ރުފިޔާ ހަތަރު ޕާޓީއެއް މެދުގައި މި އޮތީ ބަހާލާފައި. ރާއްޖޭގެ އާބާދީއަކީ ފަސް ލައްކަ ކަމަށް ވާއިރު 60 ޕަސަންޓަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުން. މުޅި ރައްޔިތުންގެ ބައިތުލްމާލުން ވަކި ބަޔަކަށް ފައިސާ ދޭނުމަކީ އެންމެ އިންސާފުވެރި ގޮތްތޯ؟" ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ސުވާލު އުފެއްދެވި އެވެ.

ފައިސާ ދޭ އުސޫލުގައި ބޮޑެތި މައްސަލަ!

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީތަކަށް ފައިސާ ދޭން ޖެހެނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ. އީސީ އާއި ޕާޓީތަކުގެ ބައެއް މެމްބަރުން ދެކޭ ގޮތުގައި ދައުލަތުން ބޮޑު އިސްރާފެއްކޮށް ހައްގު ނޫން ޕާޓީތަކަށް ފައިސާ ދިނުމާއި ވަގު ފޯމްތައް ހުށަހެޅުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ގާނޫނު އެގޮތަށް އޮތުމެވެ.

ފުރަތަމަ ކަމަކަށް ސިޔާސީ ޕާޓީއަކުން ކުރަން ޖެހޭ ހަރަދުތައް ގިނަ ވުމާއި އެ ޕާޓީއެއްގެ ތާއީދު އޮންނަ މިންވަރު އެނގެނީ އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަކުންނެއް ނޫން ކަން ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާ އަށް ބަލާފައި އެނގެ އެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން ލިބުނު ޝަކުވާގެ އަދަދުތައް

ދަފްތަރުގައި 10،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބަސް އިންތިހާބެއްގައި 5000 ވޯޓު ވެސް ނުލިބޭ ޕާޓީތަކަށް ވެސް މިހާރު ވެސް މިލިއަނުން ފައިސާ އެބަ ލިބެ އެވެ. އަދި ފަސް އަހަރު ނިމިގެން ދާއިރު ސިޔާސީ ހަރަކާތެއް ބާއްވައި ނުލައި އަދި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ އަށް ހަދާ ނަހަދާއެއް ވެސް ނޭނގޭ ޕާޓީތައް އެބަ ހުއްޓެވެ.

އެންމެ ފަހުން ބޭއްވި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ އެ ޕާޓީ އަށް ލިބޭ ފައިސާ އަށް "ވާނުވާއެއް" ނޭނގުމެވެ.

"މިހާރު މި އޮންނަ ގޮތުން ފަސް އަހަރުވަންދެން ނިދާފައި ތިބޭ އަދާލަތާއި ޖޭޕީ ފަދަ ޕާޓީތަކަށް ކޮންމެ އަހަރަކު އެތައް ފައިސާއެއް ހަރަދު ކުރަން އެބަ ޖެހޭ. އެއީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއް،" އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައިި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މި މައްސަލާގައި އީސީގެ ނައިބު ރައީސް އިސްމާއިލްް ހަބީބް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ 2016 ވަނަ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން އަލުން ހުރިހާ މެމްބަރުން ފިންގާ ޕްރިިންޓު ޖަހަން ޖެހި ކޮމިޝަންގެ ދަފްތަރު "ހަލާކު ކޮށްލުމެވެ." އެހާ ހިސާބުން ފައިސާ ދެވެނީ އެންމެ ސައްހަ އަދަދަށް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ވެސް އޭރު އަލުން ޖެހުނު ފިންގާ ޕްރިންޓާ އެއްޗެހި ހަމަކޮށްގެން އެމްޑީޕީގައި ރަޖިސްޓާވާން. އެކަން އެގޮތަށް ނުވާ އެތައް މެމްބަރުންނެއް ތިބި. މިހާރު ވެސް އެ ޕާޓީން ކުރާ ޝަކުވާއަކީ 20،000 އަށް ވުރެ ގިނަ މެމްބަރުން މިވަނީ ބޭރު ކުރަން ޖެހިފައި،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި މެމްބަރުންގެ އަދަދަށް ބަލާފައި ފައިސާ ދޭ ގޮތަށް އޮތުމުން ދިމާވާ އަނެއް މައްސަލައަކީ ސައްހަ ނޫން ފޯމް ހުށަހަޅައިގެން ވެސް ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމެވެ.

އެކަމުގައި އެއް ޕާޓީއެއް އަނެއް ޕާޓީއަކަށް އިނގިލި ދިއްކުރިޔަސް ހުރިހާ ޕާޓީއެއް ވެސް ޝާމިލުވާ ކަމަށާއި ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ޕާޓީތަކަށް ފައިސާ ދޭ ދުވަސް ވަރާ ދިމާކޮށް އެތައް ހާސް ފޯމްތަކެއް ހުށަހަޅާ ކަމަށް ހަބީބް ވިދާޅުވި އެވެ.

"މި މައްސަލަ ބޮޑުވެގެން ޕާޓީތަކާއެކު ބޭއްވި ހައެއްކަ ބައްދަލުވުމުގައި ބުނިން ޖޫރިމަނާ ކުރަން ފަށަނީއޭ. އެކަމަކު ސިޔާސީ ޕާޓީތަކުން ވަރަށް އެދިގެން މިހާތަނަށް ވެސް އަޅުގަނޑުމެން އެކަން ނުކޮށް މިއޮތީ،" ހަބީބް ވިދާޅުވި އެވެ.

ހައްލަކީ ފައިސާ ނުދިނުންތަ؟

މި މައްސަލަތަކާ މެދު ކަންބޮޑުވެ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ މެމްބަރުންގެ އަދަދަށް ބަލައި ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އުވާލަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ---

އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން މަދު މީސްކޮޅަކަށް ކޮންމެ އަހަރަކު މިލިއަނުން ފައިސާ ދޭން ޖެހޭ ގޮތަށް ގާނޫނު އޮތުމަކީ އިންސާފެއް ނޫނެވެ. އަދި އެ ފައިސާ އަށް އެ ޕާޓީތަކުން ހަދާ އެއްޗެއް ނޭނގުމާއި އޭގެ ސައްހަކަން ކަށަވަރުކޮށް ޖަވާބުދާރީ ކުރުވޭނެ އެކަށީގެންވާ ނިޒާމެއް ނެތް އިރު މިވަގުތު ގައުމު އޮތް ހާލަތަށް ބަލާފައި ވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން އެއްކޮށް ހުއްޓާލުން ކަމަށް އުޝާމް ވިދާޅުވި އެވެ.

"2016 ގައި މި ގެނައި އިސްލާހާއެކު އެހެން ނޫނަސް އީސީގެ ދަފްތަރު ސައްހައެއް ނޫން. ސައްހަ ނޫން ދަފްތަރަކަށް ބަލާފައި ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަދި މީގެ ތެރެއިން ގިނައީ އެއް ގޮތަކަށް ވެސް ސިޔާސީ ކަންކަން ނުކުރާ ބައި-އިލެކްޝަނެއްގައި ވެސް ބައިވެރި ނުވާ ޕާޓީތައް،" އުޝާމް ވިދާޅުވި އެވެ.

މިހާ ވަރަށް ފައިސާ ދީގެން ރައްޔިތުންނަށް ވި މާ ބޮޑު ފައިދާއެއް ފެންނާކަށް ނެތް. ރަނގަޅު ގޮތަކީ ފައިސާ ނުދިނުން -- އުޝާމް

ދައުލަތުން ދޭ ފައިސާއަކަށް ބަރޯސާވެގެން ހިންގާ ސިޔާސީ ޕާޓީތައް ދުނިޔޭގައި ވެސް މަދު ވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޕާޓީތަކުން މެމްބާޝިޕް ކޮންޓްރިބިއުޝަން ހޯދައިގެން ނުވަތަ މެމްބަރުންގެ އަތުން ފީއެއް ނަގައިގެން ސިޔާސީ ހަރަކާތް ހިންގުން ފަދަ ގޮތްތަކަށް ބަދަލުވާން ޖެހޭ ކަމަށާއި ދައުލަތުގެ ބަޖެޓަށް މި ކުރާ ބުރަ ކުޑަ ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިހާ ވަރަށް ފައިސާ ދީގެން ރައްޔިތުންނަށްވި މާ ބޮޑު ފައިދާއެއް ފެންނާކަށް ނެތް. ރަނގަޅު ގޮތަކީ ފައިސާ ނުދިނުން،" އުޝާމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓިތަކަށް ދޭ ފައިސާ އެކީ ކަނޑާލަން އުޝާމް ތާއީދު ކުރެއްވި ނަމަވެސް އެކަމަށް އެމްޑީޕީ ބައެއް މެމްބަރުންގެ ހިޔާލު ތަފާތެވެ. އެ ޕާޓީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ކުއްލިއަކަށް އެކީ ކަނޑާލުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.

އޭގެ ބަދަލުގައި މެމްބާޝިޕަށް ބަލާފައި ފައިސާ ދޭ އުސޫލުގެ ބަދަލުގައި އިންތިހާބުތަކުގައި ހޯދައި ނަތީޖާ އަށް ބަލައިގެން ފައިސާ ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގަ ބަޖެޓަށް ވެސް ލުއި އަދި އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އިންތިހާބުތަކުގެ ނަތީޖާ އަށް ބަލާފައި ޕާޓީތަކަށް ފައިސާ ދިނުން. އެއީ ހުރިހާ ޕާޓީއަކަށް ފައިސާ ދިނަސް އެ ނަތީޖާ އަށް ބަލާފަ ކުޑަ ޕަސަންޓޭޖެއް ދިނުން ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ކުރިޔަށް މި އޮތް ދެ އަހަރަކީ ރާއްޖޭގެ އިގްތިސާދު އެންމެ ނާޒުކު އަދި ދައުލަތުން ކުރާ ހަރަދުތަކަށް އެންމެ ބަލަން ޖެހޭ ދެ އަހަރު ކަމަށް މާލީ އިދާރާތަކުން ބުނެ އެވެ. ހަމައެހެންމެ ކުރިޔަށް މިއޮތީ ސިޔާސީ ގޮތުން އެންމެ ހަރަކާތްތައް ގިނަ އިންތިހާބުގެ އަހަރުތަކެވެ. އެހެންކަމުން ހަރަދު ކުޑަ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ކުޑަވެސް އިސްލާހެއް ގެންނަން ހެއްޔެވެ؟

18 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯރުނުދޯރު

21 June 2022

މޫސާ ރަޝީދުމެން ތިޔަހެން ނޫހުގަ އާޓިކަލް ލިޔުނަސް ޕާޓީތަކަށް ދޭ ފައިސާ ހުއްޓާލާކަށް މިނިސްޓަރަކަށް ނުކެރޭނެކަން ޔަގީން. އެހެޔޮ ގައުމު ބަނގުރޫޓުވިޔަސް. ތަކެތީގެ އަގުބޮޑުވެ ރައްޔިތުމީހާ އަނގަޔާ އަތާ ދިމާނުވިޔަސް ޕާޓީ ހިންގަންޖެހޭ ވިއްޔަ

The name is already taken The name is available. Register?

މިފަހަރު ބިލިޔަނަރެއް

21 June 2022

މާގިނަ ވާހަކަ ދައްކާނެ ކަމެއް ނެތް ދައުލަތުން އެތައް ފައިސާއެއް، ވިޔަފާރިވެރީން އަތުން އެތައް ފައިސާއެއް ނަގާ ވެރިކަމަށް އަރާތިބެ ކުރަނީ ޚަޒާނާ ހުސްކުރާން ބޮޑެތި ވައްކަން. ބިލިޔަނަރަކު ހޮވީމާ އޭނާ ކުރާނެ ވައްމެއް ނެތް. ޕޯޑިއަމަށް އަރާ މޮޅެތި ވާހަކަތަކުން ޗިޕު ޖަހާ ވަގުން އުކާލަންވީ ބުރަކީ މީ. ޖާބިރު ވެރިކަމުގަ ހުއްޓަސް މިގޮތަށް ވައްކަން ނުކުރާނެ. ކާމިޔާބު ބިލިޔަނަރުން އެބަތިއްބޭ ވެރިކަމަށް ނަގަން.

The name is already taken The name is available. Register?

އައިމިނާ

20 June 2022

ޚަރަދު ކުޑަކުރަން ގޮވާއިރު ކަމަކުން ކުރެ ކަމަކާ ނުލާ ޙައްގުން ކުރެ ޙައްގަކާ ނުލާ މި ޕާޓީތަކަށް މިދޭ ފައިސާތަކުން ބައި އަނާ ވެސް މަދުކުރާކަށް ނޫޅޭ.

The name is already taken The name is available. Register?

ހަކީ

20 June 2022

އެއިރެއްގަ ވެރިކަމުގަ އޮންނަ ޕާޓީއަކަށް އެއްވެސް ގޮތަކަށް ޕާޓީ ފައިސާ ދޭނެ ކަމެއް ނެތް. ވެރިކަމުގަ އޮންނަ ޕާޓީގެ މީހަކު ރައީސްކަމަށް އެރީމަ ބަޖެޓުން އެބަ އެތައް މިލިއަނެއް ނުސީދާކޮށް ކެމްޕޭނަށް ހަރަދުކޮށްލައިގެން ތާއީދު ހޯދާ އިންތިހާބަށް. މިފަހަރު ކޮމަންޑޫ ބައިއިލެކްޝަން އެއީ ފައްކާ މިސާލެއް ވެރިކަމުގަ ތިބެ ނާޖާއިޒް ގޮތުގަ ދައުލަތުގެ ފައިސާ ޕާޓީއަކުން ބޭނުންކުރާނެ ގޮތުގެ. ރައީސްމީހާ ނުސީދާކޮށް ދައުލަތުން އެބަ އެތައް ހަރަދެއްކުރޭ ދަތުރުތަކަށް

The name is already taken The name is available. Register?

މިބުނީނު

20 June 2022

މިހާރު ކަންތައްއޮތްގޮތުން ރައްޔިތުންގެ މަޖިލީހުގެ އެކަކުވެސް ތިކަމަށް އެއްބަހެއްނުވާނެ. ކަނާއަތުންޖަހައި ވައަތް ކަނޑާލެވޭނެނަމަ، ތިކަންވެދާނެ. ޕާޓީތަކުން މަޖިލީހުގެ މެޖޯރިޓީހޯދަން އެފައިސާއިން ޚަރަދުކުރޭ. އެހެންވީމަ ތިކަންވާނީ ކިހިނެތް. އެއްބަޔަކުވެސް މަސައްކަތްކޮށްގެން ލާރިހޯދައިގެން ޚަރަދުކުރާކަށް ބޭނުމެއްނުވޭ. ރައްޔިތުންގެ މާލިއްޔަތުން ދަމަންޖެހޭ. އެހެންވީމަ ތިކަމެއްނުވާނެ.

The name is already taken The name is available. Register?

އިބްރާހިމ

20 June 2022

މުވައްޒަފުންގެ އިތުރުގެ ގަޑީގެ ފައިސާ ކެޑުމުގެ ބަދަލުގައި ޕާޓީތަކަށް ބަހާފައިސާ ނުދީ ޚަރަދު ކުޑަކުރުން ރަގަޅު ވާނެ- ޕާޓީ ހިންގާ ކަމަށްވާނަމަ ޕާޓީން ޕާޓީ ހިންގާނެ ފައިސާ ހޯދާނެގޮތް އިންތިޒާމްކުރޭ - ސަރުކާރުން ޕާޓީތަކަށް ފައިސާ ދޭކަށް ނުޖެހޭނެ

The name is already taken The name is available. Register?

ސަސ

20 June 2022

މެންބަރުންގެ އަދަދުން ފައިސާދިނުން ހުއްޓާލީމަ ތިކަން އެ ނިމުނީ. ޕާޓީތަކަށް ފައިސާ ދިނުމަށްވުރެ ބޮޑެތި ބަލިތަކަށް ބޭސްކުރަން ވެފަ ތިބި މީހުންނަށް އެހީވިޔަސް މާބޮޑަށްވެސް ރަގަޅުވާނެ

The name is already taken The name is available. Register?

ބޮޑުމީހާ

20 June 2022

ސިޔާސީ ޕާޓީތަކަށް ކުރާ ޚަރަދުވެސް ކުޑަކުރަންވީ. މަޖްލީސް މެމްބަރުންގެ މުސާރަ އިނާޔަތްތައްވެސް ކުޑަކުރަންވީ. އާދައިގެ ސިިވިލްސާރވަންޓަކަށް 10000ރ ނުޖެހޭއިރު 85000ރ ބަޔަކަށް ދިނުމަކީ ހަމަޖެހޭކަމެއް ނޫން. އަދި ދައުލަތަށް ގެއްލުންވާ އެސްއޯއީތަކުގެ ޚަރަދުތައް ވެސް ކުޑަކުރަންވީ. މޯލްޑިވިއަންގެ އެމްޑީއަށް އެއްލައްކަ ލިބެންޖެހެނީ 159 މިލިއަން ރުފިޔާއަށް ދައުލަތް ދަރަނިވެރިކުރުވީމަތޯ!

The name is already taken The name is available. Register?

ވިސްނާ777

20 June 2022

ތި ހުރިހާ ޕާޓީތަށް އުވާލާފައި ޢުމަރު ނަޝިރު ރަސްކަލަކަށް ޤައުމު ހިންގަން ލާންވީ އަދި މަޖުލިސްގެވެސް އުވާލަންވީ. ޢޭރުން ބޭކާރުވެގެންދާ ބައި ކެނޑޭނެ. ޢުމަރު ނަޝީރު 2023

The name is already taken The name is available. Register?

އޭތް

20 June 2022

ފެންނަ ފެނުމަށް އުމަރު ނަސީރު އާއި ނަޝީދުގެ ނަން އެއްކޮށްލާފައި ނަޝީރު ހަދާފައި މި އޮތީ. ހެ ހެ ހެ......

The name is already taken The name is available. Register?

ދގދސެފ×

20 June 2022

ނާޒިމު މިކަމާ ހިފަންޏާ އަނެއްކާ އޭނާ ބާޣީއަކަށްހަދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454