މަދަނީ މައްސަލަތަކުގައި ޖޫރިމަނާ ބޮޑެތި އަދަދުތަކަށް އަރަނީ، މިވަނީ ކިހިނެއް؟

ދާދި ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް ޖޫރިމަނާގެ ގޮތުގައި 138 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. ގާތްގަނޑަކަށް 21 މިލިއަން ރުފިޔާގެ މައްސަލައެއްގައި ސަރުކާރުގެ ކުންފުންޏަކުން އެހާ ބޮޑު އަދަދެއް ދައްކަން ޖެހުނީ ކީއްވެގެންތޯ ވެސް އާންމުން ސުވާލުކުރެ އެވެ.


ޖޫރިމަނާ އަށް 138 މިލިއަން، އަދި މަސައްކަތުގެ އަގަށް ވާ 21 މިލިއަނާ އެކު ޖުމްލަ 160 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލް އަށް ޖެހުމަކީ ކުޑަ މައްސަލައެއް ނޫނެވެ. މިއީ އެފަދަ މައްސަލައެއްގައި ސަރުކާރު ކުންފުންޏަކަށް ކުރިމަތިވި އެންމެ ބޮޑު ޖޫރިމަނާ އެވެ.

މިފަދަ އެހެން މައްސަލައެކެވެ. މީހެއްގެ އަތުން ދެ ލައްކަ ރުފިޔާގެ މުދާތަކެއް ބަޔަކު ގަތުމަށް ފަހު އެއަށް ފައިސާ ނުދައްކާ އޮއްވާ އޭގެ އަހަރުތަކެއް ފަހުން އެ މައްސަލަ ކޯޓަށް ގޮސް، މިދިޔަ އަހަރު ކޯޓުން މައްސަލަ ނިމުނުއިރު ޖޫރިމަނާ އަށް 286 މިލިއަން ރުފިޔާ އަރަ އެވެ. ފައިސާ ދައްކަން ޖެހުނީ މުދާ ނެގި ދެ މީހުންނެވެ. މިއީ އަމިއްލަ ފަރުދުންތަކަކަށް އެހާ ބޮޑު އަދަދެއްގެ ޖޫރިމަނާ ދައްކަން ޖެހުނު ފުރަތަމަ ފަހަރެވެ.

ދެ މީހަކު ވެގެން ދައްކަން ޖެހޭ އެ ދަރަނި އަދާކުރަން ކޯޓުން އެންގީ މަހަކު މަދުވެގެން 20،000ރ. ދައްކަމުން ދިއުމަށެވެ. އެ ރޭޓުން ކޮންމެ މަހަކު ފައިސާ ދައްކާ ނަމަ ދަރަނި އަދާކޮށް ނިމޭނީ 1200 އަހަރުންނެވެ.

ގިނަ ފަރާތްތަކުން ފައިސާ ނުދައްކާ ތިބެނީ އެއްބަސްވުމުގައި ޖޫރިމަނާގެ ވާހަކަ ނެތުމުން، ފައިސާ ނުދެކިއްކިޔަސް ޖޫރިމަނާ ނުވާނެ ކަމަށް ގަބޫލުކުރެވިގެން ނުވަތަ ޖޫރިމަނާގެ ގޮތުގައި މާ ބޮޑު އެއްޗެއް ދައްކަން ޖެހިދާނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށް ބެލެވެ އެވެ. ގިނަ މައްސަލަތަކުގައި ކަން ހިނގާފައި ހުންނަނީ ވެސް އެގޮތަށެވެ. އެކަމަކު މައްސަލަ ކޯޓާ ހަމައަށް ދާއިރު އޮންނަނީ އަސްލު ދަރަންޏަށް ވުރެ ޖޫރިމަނާ އެތައް ގުނައެއް ބޮޑުވެފަ އެވެ.

މަދަނީ މުއާމަލާތްތަކުގައި ނަގާ ޖޫރިމަނާއަކީ މަދަނީ މުއާމަލާތްތަކުގައި ދެ ފަރާތުން ކުރެ ފަރާތަކުން އަދާކުރަން ޖެހޭ ޒިންމާއެއް އެ ފަރާތުން އަދާ ނުކުރުމުން ނުވަތަ އަދާނުކޮށް ލަސް ކުރުމުން އަނެއް ފަރާތަށް ލިބޭ ގެއްލުން ކުޑަކުރަން ނަގައިދޭ އެއްޗެކެވެ. އެކަމަކު މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށް ދައްކަން ޖެހޭ އަސްލު އަދަދަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް، ޖޫރިމަނާ އަރައިގެންދާ ދިއުމާ މެދު ވިސްނަން އެބަ ޖެހެ އެވެ.

އެއްބަސްވުމުގައި ނެތަސް ބައެއް ހާލަތްތަކުގައި ޖޫރިމަނާ ނެގިދާނެ

އާންމު އުސޫލުން ޖޫރިމަނާއަކީ މުއާމަލާތެއް ފެށުމުގެ ކުރިން ދެ ފަރާތުން ލިޔުމުން ނުވަތަ އަނގަ ބަހުން ވެވޭ އެއްބަސްވުމުގެ ދަށުން ނަގައިދެވޭ އެއްޗެއް ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުން އެއްބަސްވުމުގެ ބައިވެރިއަކު ފަހުން ހުށަހަޅާ ޝަރުތެއްގެ މައްޗަށް ބިނާކޮށް ވެސް ޖޫރިމަނާ ނެގިިދާނެ އެވެ.

ސުޕްރީމް ކޯޓުން 2015 ގައި ކުރި ހުކުމެއްގައި ބުނެފައިވަނީ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައި އޮވެ، އެ މުއްދަތުގައި ނުދައްކައިފި ނަމަ، ނުދައްކާ މުއްދަތުގައި ވަކި އުސޫލުން ޖޫރިމަނާ އަރަމުންދާނެ ކަމަށް ބުނެ އެކަން އަނެއް ފަރާތަށް އެންގުމުން އެ އެންގުމަށް އެ ފަރާތުން ދެކޮޅު ނަހަދާ ތިބެއްޖެ ނަމަ އެ އުސޫލުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

އެގޮތަށް ސުޕްރީމް ކޯޓުން ނިންމީ ވޯކްސް ކޯޕަރޭޝަނުން ސީޕީއެސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދައްކަން ޖެހޭ 286،000 ޑޮލަރު (އެއްބަސްވުން ހެދިއިރު އޭރުގެ ޑޮލަރު ރޭޓުން 3.6 މިލިއަން ރުފިޔާ) ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކި މައްސަލައިގަ އެވެ. ދެ ފަރާތުން އެއްބަސްވެފައި އޮތީ ދައްކަން ޖެހޭ ފައިސާއެއް ނަމަ ފަސް ދުވަސް ތެރޭގައި ދެއްކުމަށެވެ. އެކަމަކު ފަސް ދުވަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ދެން އަމަލުކުރަން ޖެހޭ ގޮތެއް އެ އެއްބަސްވުމުގައެއް ނެތެވެ.

އެހެންވެ ސީޕީއެސް ކުންފުނިން ވޯކްސް ކޯޕަރޭޝަނަށް އިންވޮއިސް ފޮނުވިއިރު އެ އިންވޮއިސްގައި، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް ދެ ޕަސެންޓް ރޭޓުން ޖޫރިމަނާ އަރަމުންދާނެ ކަމަށް ބުނެ ލިޔެފައިވެ އެވެ. އަދި އެ އިންވޮއިސްއާ މެދު ޝަކުވާއެއް އޮތް ނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި ނާންގައިފި ނަމަ އިންވޮއިސްގައި މައްސަލައެއް ނެތީ ކަމަށް ބެލެވޭނެ ކަމަށް ވެސް އޭގައި ލިޔެފައި އޮތެވެ.

އިންވޮއިސް ލިބުމުން އެއާ ހަވާލުވުމަށް ފަހު ވޯކްސް ކޯޕަރޭޝަނުން އެ އިންވޮއިސްއާ ބެހޭ އެއްވެސް މައްސަލައެއް ސީޕީއެސް ކުންފުންޏަށް ނާންގަ އެވެ. އަދި އިންވޮއިސްގައިވާ ފައިސާ ދޭތެރެ ދޭތެރެއިން ވޯކްސް ކޯޕަރޭޝަނުން ދިޔައީ ސީޕީއެސްއަށް ދައްކަމުންނެވެ. ޖޫރިމަނާ ފައިސާ ހޯދަން ސީޕީއެސް އިން ކޯޓަށް ދިޔައިރު ޖޫރިމަނާ އަށް އެކަނި ވެސް އޮތީ ހަތަރު މިލިއަން ޑޮލަރު (އޭރުގެ ރޭޓުން 52.6 މިލިއަން ރުފިޔާ) އަރައިފަ އެވެ.

ޖޫރިމަނާ ފައިސާ އަށް ދެކޮޅުހަދައި ވޯކްސް ކޯޕަރޭޝަނުން ކޯޓުގައި ބުނީ ޖޫރިމަނާއަކީ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް އެއްޗެއް ކަމަށާއި އެހެންވެ، ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ. ވޯކްސް ކޯޕަރޭޝަނާ އެއްކޮޅަށް ހައި ކޯޓުން ހުކުމްކުރީ ޖޫރިމަނާގެ ވާހަކަ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތުމާއި އިންވޮއިސްގައި ބުނާ ޖޫރިމަނާގެ ޝަރުތަށް އެއްބަސްވާ ކަން ވޯކްސް ކޯޕަރޭޝަނުން އަނގަ ބަހުން ނުވަތަ ލިޔުމުން އަންގާފައި ނެތުމުންނެވެ.

ސުޕްރީމް ކޯޓު: އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ނަގައިދީގެން ނުވާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --ފޮޓޯ/މިހާރު

އެކަމަކު އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ނިންމީ އެ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަަސްވުމުގައި ޖޫރިމަނާގެ ވާހަކަ ބަޔާންކޮށްފައި ނެތަސް ސީޕީއެސް އިން ވޯކްސް ކޯޕަރޭޝަނަށް ފޮނުވި އިންވޮއިސްގައި ޖޫރިމަނާގެ ވާހަކަ ބަޔާން ކޮށްފައި އޮއްވާ އެ އިންވޮއިސްއާ ހަވާލުވެ އަދި އިންވޮއިސްއާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ނުކޮށް އޮތުމުން، އެ ޖޫރިމަނާގެ ޝަރުތު އެ ކުންފުނިން ގަބޫލުކުރީ ކަމަށް ބަލަން ޖެހޭތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން އެއްބަސްވުންތަކުގައި ބަޔާންކޮށްފައި ނެތް ކަންކަމަށް ހައްލު ހޯދައި ދިނުމަށް އެ އެއްބަސްވުމުގެ ބޭރުން ޝަރުތުތައް އިތުރު ކުރުމަކީ އެއްބަސްވުމުގެ ބައިވެރިއަކަށް ކުރެވިދާނެ ކަމެކެވެ. ޝަރީއަތާ ނުވަތަ ގާނޫނާ ޚިލާފް ނުވާ ގޮތަށް އަދި އެއްބަސްވުމުގެ މަގްސަދު ނުގެއްލޭ ގޮތަށް ކޮންމެ ޝަރުތެއް ވެސް އެއްބަސްވުމުގެ ބައިވެރިއަކަށް ކުރެވިދާނެ ކަމަށާއި އެ ޝަރުތު އެގޮތަށް ހުށަހެޅުމުން އެއާ މެދު އަނެއް ފަރާތުން ދެކޮޅު ނަހަދާ ނަމަ އެއީ އެ ފަރާތުން ވެސް އެ ޝަރުތު ގަބޫލުކުރީ ކަމަށް ބެލެވިދާނެ ސަބަބެއް ކަމަށް ހުކުމުގައިވެ އެވެ.

"ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓެއްގައި ހިމަނާ ޝަރުތެއްގެ ސަބަބުން އަނެއް ބައިވެރިއެއްގެ ހައްގަށް ހުރަސް އެޅިގެންދާ ނަމަ އެކަމާ މެދު އިންކާރުކޮށް، އޭނާގެ ހައްގު ހިމާޔަތް ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތަކަށް ވާއިރު، އެ މަސްއޫލިއްޔަތު ގަސްދުގައި އަދާނުކޮށް ހުރުމުގެ ސަބަބުން، އެ ޝަރުތަކާ މެދު ޟިމްނީ ގޮތުން ރުހި ގަބޫލުވެފައިވާ ކަމަށް ޝަރުއީ ގޮތުން ބަލަން ޖެހޭ ހާލަތުގައި ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި އެއްވެސް ޒިންމާއެއް ނަގަން ޖެހޭ ނަމަ އެ ޒިންމާއެއް ނަގާނީ ވެސް އެކަމުގައި އިހުމާލުވި ފަރާތުން" ކަމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން، އެއްބަސްވުމުގެ ބޭރުން ނުވަތަ އެއްބަސްވުމުގައި ނުހިމެނޭ ކަމަކާ ގުޅޭ ގޮތުން އެއްބަސްވުމެއްގެ ބައިވެރިއަކު ފަހުން ހުށަހަޅާ ޝަރުތެއް އަނެއް ފަރާތުން ގަބޫލުކުރީ ކަމަށް ފުޅާ މާނައެއްގައި ބެލިދާނެ އެވެ. އެ ޝަރުތެއް ބަލައިގަތީ ކަމަށް ލިޔުމުން ނުވަތަ އަނގަ ބަހުން ނުބުންޏަސް އެ ފަރާތުން އަމަލުކުރާ ގޮތަކުން ނުވަތަ ވަކި މާނައެއް ދޭހަވާ އިޝާރާތަކުން ވެސް، އެ ހުށަހެޅުމެއް އެ ފަރާތުން ގަބޫލުކުރީ ކަމަށް ބެލެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މިސާލަކަށް ފައިސާގެ ދައްކަން ޖެހޭ މުއްދަތު ކަނޑައެޅިފައި އޮވެ، އެ މުއްދަތުގައި ފައިސާ ނުދެއްކީ އެވެ. ފައިސާ ނުދައްކައިފި ނަމަ އަމަލުކުރަންވީ ގޮތެއް އެއްބަސްވުމުގައި ނެތެވެ. އެކަމަކު ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށާއި ނުދައްކައިފި ނަމަ ވަކި ނިސްބަތަކުން ޖޫރިމަނާ އަރާނެ ކަމަށް ފައިސާ ދައްކަން ޖެހޭ ފަރާތަށް އެންގުމެއް ފޮނުވީ އެވެ. އެގޮތަށް އެންގުމުން އެ އެންގުމާ މެދު އެއްވެސް މައްސަލައެއް ހުށަނާޅައި، ނުވަތަ ޝަކުވާއެއް ނުކޮށް އޮތް ނަމަ އެ ހިސާބުން އެ ފަރާތުން ޖޫރިމަނާގެ ޝަރުތު ގަބޫލުކުރީ ކަަމަށް ބެލިދާނެ އެވެ. އެ ހިސާބުން ޖޫރިމަނާގެ ފައިސާ ހޯދަން ކޯޓަށް ހިނގަައްޖެ ނަމަ އެ ޖޫރިމަނާ ލިބުމުގެ ފުރުސަތު ބޮޑެވެ.

އެ ހުކުމުގެ ނަތީޖާއަކަށް ވެގެންދަނީ ފައިސާ ނުދައްކާ ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ނެތަސް ފައިސާ ދައްކަން އަންގައި، ފޮނުވާ އިންވޮއިސްގައި ޖޫރިމަނާގެ ވާހަކަ އޮއްވާ އެ އިންވޮއިސްއާ ހަވާލުވެ، އަދި އެ އިންވޮއިސްއާ މެދު ޝަކުވާއެއް ނުކޮށް އޮތް ނަމަ އެ ޖޫރިމަނާގެ ޝަރުތު އެ ފަރާތުން ގަބޫލުކުރީ ކަމަށް ބެލެވުމެވެ.

އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ނެގުން މަނާ

ޖޫރިމަނާ ނަގޭ ގޮތަށް އެއްބަސްވުމުގެ ތެރެއަށް ޝަރުތު އިތުރުކުރެވޭ ގޮތަށް އޮތަސް އޭގެ މާނައަކީ ހިތުހުރިހާ އަދަދެއް ޖޫރިމަނާ ނަގައިދެވޭނެ ވާހަކައެއް ނޫނެވެ.

ޖޫރިމަނާގެ އެފަދަ ބޮޑު މައްސަލައަކާ ގުޅޭ ގޮތުން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އެކަށީގެންވާ މިންވަރަކަށް ވާން ޖެހޭނެ އެވެ. އެއްބަސްވުމެއްގެ ބައިވެރިއަކު ކުރަން ޖެހޭ ކަމެއް ނުކުރުމުން ނުވަތަ ލަސްކުރުމުން އަނެއް ފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ނަގައިދެވޭ އަދަދަކީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށާއި އެކަށީގެން ނުވާ ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ނަގަން ޝަރުތު ހިމެނުމަކީ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމުގައި ބުނެފައިވާ ގޮތަށް، އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ނެގުމަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް މަނާ ކަމެކެވެ. "އަންފެއާ ކޮންޓްރެކްޓް ޓާމްސް އެކްޓް 1977" ގެ ނަމުގައި އިނގިރޭސިވިލާތުގައި ގާނޫނެއް އޮވެ އެވެ. މަގްސަދަކީ މަދަނީ އެއްބަސްވުންތަކުގައި، އިންސާފުގެ ހަމަތަކާ ޚިލާފް ކަންކަން ހިމެނުން ހުއްޓުވުމާއި އަދި ގެއްލުން ލިބޭ ފަރާތަށް ބަދަލު ނަގައިދެވޭނެ ހަމައެއް ނުވަތަ ހައްދުތަކެއް ކަނޑައެޅުމެވެ.

އެކަމަކު ރާއްޖޭގައި އެފަދަ ގޮތަކަށް ލިމިޓޭޝަން ގާނޫނެއް ނެތެވެ. ހަމައެކަނި އޮތީ 1991 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ކޮންޓްރެކްޓާ ބެހޭ ގާނޫނެވެ. އެހެންވެ، މިއަދާ ހަމައަށް ވެސް މަދަނީ އެއްބަސްވުންތައް އެކުލަވާލަނީ ދެ ފަރާތުން އެއްބަސްވާ ގޮތަކަށެވެ. ނުވަތަ ދެ ފަރާތުން އެއްބަސްވެގެން ފަހުން އިތުރުކުރާ ޝަރުތުތަކެއްގެ މައްޗަށެވެ. ބޮޑެތި އަދަދުން ޖޫރިމަނާތައް އަރައިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ.

ބައެއް މައްސަލަތަކުގައި އަރާފައިވާ ޖޫރިމަނާގެ އަދަދު ބޮޑުކަމުން، އެހެން ގައުމުތަކުގައި އަމަލުކުރާ ބައެއް އުސޫލުތަކަށް ރިއާޔަތްކޮށް ޖޫރިމަނާގެ އެއް ބައި ކޯޓުން އުނިކޮށް ނުވަތަ ދަށްކޮށްފައިވެ އެވެ. އެމްޕީއެލް މައްސަލާގައި ވެސް އެ ކުންފުނިން އަސްލު ދައްކަން ޖެހޭނެ ކަމަށް އޮތް ޖޫރިމަނާގެ އަދަދަކީ 289 މިލިއަން ރުފިޔާ އެވެ. އެކަމަކު އޭގެ ދެ ބައި ކުޅަ އެއްބައި އަދަދު ކަމަށްވާ 138 މިލިއަނަށް ކޯޓުން ކުޑަކޮށް ދިނީ އެވެ. އެކަމަކު މިއީ ވެސް އޭގެ ޒާތުގައި، އަދި ރާއްޖޭގެ ނިސްބަތުން، ވަރަށް ބޮޑު އަަދަދެކެވެ.

ޖޫރިމަނާގެ ބޮޑެތި އަދަދުތަކުން ބައެއް މައްސަލަތަކުގައި ހަނި ފުރުސަތަކުން ސަލާމަތްވެފައި ވެސް އެބަ ހުއްޓެވެ. ގައުމީ އެއާލައިން ހިންގާ މޯލްޑިވިއަން ކުންފުނި، އައިލެންޑް އޭވިއޭޝަން ހަތަރު ހާހެއްހާ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ނުދައްކާ އޮވެގެން ޖޫރިމަނާގެ ގޮތުގައި އަރާފައި އޮތް ހަ ލައްކައެއްހާ ރުފިޔާ ދައްކަން ނުޖެހި، އެ ކުންފުނި ސަލާމަތްވީ ފައިސާ ދައްކަން ޖެހޭ މުއްދަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތުމުންނެވެ.

އެހެން މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން އަމިއްލަ އެހެން ކުންފުންޏެއްގެ އަތުން ޖޫރިމަނާގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލައެއްގައި އެ ޖޫރިމަނާ ދެއްކުމުން އެ ކުންފުނި ސަލާމަތްވީ ޖޫރިމަނާ އަރާނެ ކަން އަންގައި، ފޮނުވި އިންވޮއިސް ހަވާލުކުރި ތާރީޚަކީ ކޮބައިކަން ސާބިތުކޮށް ނުދެވުމުންނެވެ.

ބައެއް ވަކީލުން ދެކޭ ގޮތުގައި ޖޫރިމަނާގެ ގޮތުގައި ނަގައިދޭ މިންވަރުގެ ކޮންމެވެސް ހައްދެއް އޮންނަންވާނެ އެވެ. ޚިދުމަތަކަށް ނުވަތަ މުދަލަކަށް ދައްކަން ޖެހޭ ފައިސާއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް، ޖޫރިމަނާ ނެގުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އެ ވަކީލުން ދެކެ އެވެ. އެކަން ނުހުއްޓުވޭ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ލިމިޓޭޝަން ގާނޫނެއް ނެތުން ކަމަށް ވަކީލުން ވެސް އެއްބަސްވެ އެވެ.

އޭގެ ސަބަބުން، ޖޫރިމަނާ އެތައް މިލިއަނަކަށް ބޮޑުވަންދެން، އެ ފައިސާ ލިބެންވީ ފަރާތުން ދައުވާ ނުކޮށް ތިބުމަށް ފަހު އެތައް އަހަރެއް ފަހުން ދައުވާކޮށް އެކަށީގެންނުވާ ބޮޑެތި އަދަދުތައް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

"ފައިސާ ލިބެންވީ ފަރާތުގެ ޒިންމާއަކީ ކޮބައިހޭ ޖޫރިމަނާ ކުޑަ ކުރަން؟. ޖޫރިމަނާ ކޮންމެ ދުވަހަކު އަރަމުން ގޮސް އެތައް އަހަރުތަކެއް ވަންދެން މަޑުކުރަންވީހޭ އެތައް ގުނައެއް ބޮޑު ޖޫރިމަނާއެއް އަރަންދެން؟،" މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.

"ބައެއް ގައުމުތަކުގައި އޮންނާނެ ލިމިޓޭޝަން އެކްޓްތަކުގައި ބުނެފައި މިސާލަކަށް ޖޫރިމަނާ ފައިސާ އެންމެ ބޮޑަށް ވެސް ހިނގާނީ ފަސް އަހަރު ވަންދެނޭ. ދެން އޭގެ ފަހުން ގެއްލުމެއް ލިބެމުންދާ ނަމަ ލިބެމުންދާ ގެއްލުމުގެ ބަދަލެއް ހޯދުން އެއީ އަދި މުޅިން އެހެން މައްސަލައެއް."

މަދަނީ މުއާމަލާތްތަކުގައި އެއް ފަރާތުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާ ނުކުރުމުން އަނެއް ފަރާތަށް ދައްކަން ޖެހޭ ޖޫރިމަނާއެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ހަމައެއް ލަމައެއް ނެތި، އިންސާފުގެ ހަމަތަކާ ޚިލާފަށް، އަދި އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ނެގުން އެބަ ހުއްޓުވެން ޖެހެ އެވެ.