ލިބުނު 12 ދަރިން ވެސް މަރު!

ދެމަފިރިންގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. އެ މީހުންގެ ޒުވާން އިރު ހަޔާތުގައި ހިނގާފައިވާ، ކަރުނުން ލޯ ތެމުނު، ޝަކުވާ އިން ހިތް ފުރުނު، އެކަމަކު ކެތްތެރިކަމުން ނަމޫނާ ދައްކައިދިިން ހާދިސާތައް އެނގޭނީ މަދު ބަޔަކަށެވެ. މިއަދު ފިރިމީހާގެ އުމުރުން 83 އަހަރެވެ. އަނބިމީހާ 77 އަހަރެވެ.


ދޮންކޮއްކޮ އާއި ފާތުމާފުޅަށް 12 ކުދިން ލިބުނެވެ. އެކަމަކު އެ ހުރިހާ ކުދިން ވެސް ވަނީ، އޭރު ގޮތް ނޭނގުނު ބައްޔެއް ނުވަތަ ބަލިތަކެއްގައި މަރުވެފަ އެވެ. އެންމެ ހަގު ދަރިފުޅު މީގެ ސާޅީހަކަށް އަހަރު ކުރިން މަރުވި ފަހުން މި ދެމަފިރިންނަށް ކުއްޖަކު ލިބިފަައެއް ނުވެ އެވެ.

ދޮންކޮއްކޮ އާއި ފާތުމާފުޅުގެ ހިނިތުންވުން ފެނިފައި ދިރިއުޅުމަކީ އޭގެ ޒާތުގައި ވެސް ލޯތްބެއްކަން އިހުސާސްކުރެވެ އެވެ. އާއެކެވެ. އެ މީހުންގެ ހަޔާތުގައި ކުރިމަތިވި އެ ހިތްދަތި، އެހެން މީހަކަށް ވިސްނައިގަންނަން ވެސް ނޭނގޭ ހާދިސާތަކާ އެކު ވެސް، އެހާ ގިނަ ދުވަހު އެކުގައި އުޅެވޭނީ ލޯބީގައި ދެގޮތެއް ނެތުމުންނެވެ. އެހެންކަމުން ހޯރަފުށީ މީހުންނަށް ވެސް އެއީ "ނަމޫނާ ދެމަފިރިން"ނެވެ.

ގޮތް ނޭނގޭ މަރުތައް

ޒަވާޖީ ހަޔާތް ފެށީ އޭރު އެހެން ގިނަ މީހުން ވެސް ކަން ކުރާ އުސޫލުތަކުގެ ތެރެއިންނެވެ. ފާތުމާފުޅު އުޅުނު ސަރަަހައްދަށް ދޮންކޮއްކޮ ދިޔަ އެވެ. ލޯބިވެރިޔާ ފެނުނެވެ. ކައިވެނިކުރަން ބޭނުންވި އެވެ. އެ ވާހަކަ ފާތުމާފުޅުގެ ދައްތަ ކައިރީ ބުންޏެވެ. އޭނާ ބުނީ "ފާތުމާ ރުހެންޏާ މައްސަލައެއް ނެތޭ" އެވެ. އެހާ ހިސާބުން ކައިވެނިކޮށް ދެ މީހުން އެކުގައި ހަޔާތުގެ ދަތުރު ފެށި އެވެ. ކުދިން ހޯދައި، އާއިލާ ބޮޑުކުރުމުގެ ހުވަފެންތައް ފިލައިގެންނެއް ނުދެ އެވެ.

ފާތުމާފުޅު ބަލިވެ އިނދެ ވިހަ އެވެ. އެކަމަކު ބަނޑުބޮޑުވާ ކޮންމެ ފަހަރަކު ވެސް އޭގެ ޒާތުގައި ދެމަފިރިންނަށް އެތައް ބުރައެއް ކުރިމަތިވި އެވެ. މައްސަލަ އަކީ ބަލިވެ އިނުމާ އެކު ފާތުމާފުޅު ރޯނާވުމެވެ. ރޭގަނޑު ލޮލަށް ނުފެނުމުން ދިމާވާނެ ބޮޑެތި މައްސަލަތަކެއް ހުންނާނެ އެވެ. އެއް ކަމަކީ، ދުނިޔޭގައި ހުރި ކުއްޖެއްވިއްޔާ އޭނާ ބަލާނެ އެހީތެރިޔަކު ހޯދުމެވެ. ދެމިފިރިން ކިޔައިދިން ވާހަކަތަކުން އެނގުނީ، ފާތުމާފުޅު ބަނޑުބޮޑުވާ އިރު އެ މީހުންގެ ދުނިޔޭގައި ހުރި ދަރިޔަކު ވިއްޔާ ބެލީ ދޮންކޮއްކޮގެ ދައްތަކަމެވެ.

ދެމަފިރިންނަށް ކުދިން ލިބެމުން އައީ ކިހާ ދުރުމިނެއްގައި ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު ދޮންކޮއްކޮ ބުނި ގޮތުން ނަމަ "ކޮންމެ އަހަރަކު ވެސް ކުއްޖަކު ލިބެ" އެވެ. އެގޮތުން ދުނިޔޭގެ އަލިކަން ދުށީ ހަ ފިރިހެން ކުދިންނާއި ހަ އަންހެން ކުދިންނެވެ. އެންމެ ކުއްޖެއް ނޫނީ ދެން ހުރިހާ ކުދިން ވެސް މަރުވީ "ޅަފަތުގައި" ކަމަށް އޭނާ ބުނެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ގާތުުން ދޭ އުމުރުގައި ކަމެވެ. އޭރުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ހުރި ހޯރަފުށީ ބައެއް މީހުން ބުނާ ގޮތުގައި، ދޮންކޮއްކޮގެ ގިނަ ކުދިން މަރުވި ކަމަށް ލަފާކުރެވެނީ އަހަރެއް ނުވަތަ ދެ އަހަރުގަ އެވެ.

ދޮންކޮއްކޮ އާއި އަންހެނުން ފާތުމާފުޅު: ދިރިއުޅުމުގައި ދަސްކުރީ އެކުގައި އުޅެން

ވީ ގޮތެއް ނޭނގެ އެވެ. ސަބަބު އެނގޭނެ މީހަކު ވެސް ރަށަކު ނޫޅެ އެވެ. އޭރު ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު އޮތީ އެހާ ދަށުގަ އެވެ. ޑޮކްޓަރުންނެއް ނުތިބެ އެވެ. އެހެންކަމުން މި ދެމަފިރިންގެ ކުދިން މަރުވަމުން ދިޔައީ ކޮން ބައްޔެއްގައި ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. އެކަމަކު ދޮންކޮއްކޮ ބުނާ ގޮތުގައި ކޮންމެ ކުއްޖަކު ވެސް މަރުވުމުގެ ކުރިން އުކުޅުވަޅު ދުޅަވެ އެވެ.

"ހުމެއް ނާދޭ. އެތަން [އުކުޅުވަޅު] ދުޅަވަނީ. ދުޅަވެލާފައި މަރުވަނީ،" ދޮންކޮއްކޮ ބުންޏެވެ.

އެ މައްސަލަ ފާހަގަކުރެވުމުން އޭނާ އެހީތެރިކަން ހޯދީ ރަށުގައި އޭރު ދިވެހިބޭސް ހަދައިއުޅޭ މީހެއްގެ ފަރާތުންނެވެ. ކޮންމެވެސް އެއްޗެއް އުނގުޅާލުމަކީ، އޭރުގެ ހާލަތަށް ބަލާއިރު، އެންމެ އާންމު ފަރުވާ އެވެ. އެކަމަކު އެ އެއްޗެއް އުނގުޅައިގެން ވެސް އެއިން އެއްވެސް ކުއްޖަކު ސަލާމަތެއް ނުކުރެވުނެވެ.

އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މުހައްމަދު ފާއިޒަށް ދިމާވީ އަދި މުޅިން އެހެން މައްސަލައެކެވެ.

މުދިންކަލޭފާނު ހުރީ ހިތާމަވެރި ޚަބަރާ އެކު ގޮނޑުދޮށުގައި

ފާއިޒް ގެންގުޅުނީ ވަރަށް ލޯބިންނެވެ. ގިނަ ކުދިންތަކެއް މަރުވި ފަަހުން، އެތައް ދުއާއަކާއި އޭރުގެ ސަގާފަތުގައި ހިމެނޭ އެތައް ކަމެއްގެ ތެރެއިން، އެ ދަރިފުޅު ފެނުނީ ސިއްހަތު ރަނގަޅު، އެހެން ކުދިންނަށް ވުރެ އުމުރު ދިގު ކުއްޖެއްގެ ގޮތުގަ އެވެ. ބަސްއަހަ އެވެ. ކިޔަމަންތެރި އެވެ. އަބަދު ގޭގައި، މަންމަގެ ބެލުމުގެ ދަށުގައި އުޅެމުން ދިޔަ އެވެ.

"މީނާ [އަންހެނުން] ކައިރިން ދުރަކަށް ނުދާނެ. ގުރުއާން ކިޔަވައި، ޅެން ބައިތު ކިޔާނެ. ބޭރަކަށް ކުޅިވަރު ކުޅޭކަށް ނުދާނެ. ދޮރުމައްޗަށް ނުކުންނާނީ. [އެހެން] ކުދިންނާ ބައިވެރިވެގެންނެއް ނޫޅޭނެ،" ދޮންކޮއްކޮ ބުންޏެވެ.

ކުޑަކުޑަ ފާއިޒަށް އެ ދެމަފިރިން ދޭނެ ލޯތްބާ މެދު އެއްވެސް ސުވާލެއް ނުއުފެދެ އެވެ. އަޅާލާނެ މިންވަރާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ކަންތައް ދިމާވީ އުއްމީދުކުރި ގޮތަކަށް ނޫނެވެ.

އެއީ ބޮޑު އީދު ދުވަހެވެ. އީދު ނަމާދަށް ފާއިޒު ގެންދާނެކަން ޔަގީނެވެ. އޭރު އޭނާގެ އުމުރުން ހަތް އަހަރެވެ. އީދު ނަމާދަށް ފަހު ގެއަށް އައި ތަނުން ދޮންކޮއްކޮ ކައިރީ މީހަކު ބުނީ "އޮޑި ނުފުރިގެން" އުޅޭ ވާހަކަ އެވެ.

"ކޮންމެވެސް މީހަކު ބުނެފި ކަލޭ ނުގޮހެއް ނެތޭ މިކަން ވާކަށް. އޭނާ ބުނި އެއްޗެއްގެ މައްޗަށް މީނާ [އަންހެނުން] ކައިރީ ބުނެލާފައި ދިޔައީ،" ދޮންކޮއްކޮގެ ހަނދާންތައް އާކުރަމުން ކިޔައިދިނެވެ.

އެއީ ރަށާ ކައިރިން މަަސްވެރިކަން ކުރަން ނުކުތް ދަތުރެއް ނޫނެވެ. އޮޑި މިސްރާބު ޖެހީ ނ. އަތޮޅަށެވެ. އެނބުރި ހޯރަފުއްޓަށް އައީ މަހެއްހާ ދުވަސް ފަހުންނެވެ. ދޯނި ފަޅަށް ވަން އިރު ދޮންކޮއްކޮ އަށް ރަށުގެ މުދިންކަލޭފާނު، ރަށުގެ ތުނޑިމަތީ ހުއްޓާ ފެނުނެވެ. ދޯނިން އޭނާ ފޭބުމާ އެކު މުދިންކަލޭފާނު އެ ޚަބަރު ދިނެވެ. "ދަރިފުޅު މަރުވެގެން ވަޅުލައިފި" ކަމެވެ. އެދުވަހުގެ ފަތިސް ނަމާދަށް ފަހު އެވެ. އޭނާ ރަށަށް އައުމުގެ ގަޑިތަކެއް ކުރި އެވެ.

ދޮންކޮއްކޮ އާއި ފާތުމާފުޅުގެ އިންޓަވިއު

އޭނާ އަށް ގަބޫލެއްނުކުރެވުނެވެ. އޭރު އޭނާ ހީކޮށްގެން ހުރީ ޅަފަތުގައި ދަރިންކޮޅު މަރުވުމުގެ ސިލްސިލާ ނިމުނީ ކަމަށެވެ. އޭނާގެ ހަތް އަހަރުގެ ލޯބި ފާއިޒަށް، އޭގެ ކުރިން އެހެން ކުދިންނަށް ދިމާވި ހާލަތް ކުރިމަތިނުވާނެ ކަމަށެވެ. މުދިންކަލޭފާނުގެ ވާހަކަ އިވުނު ހިސާބުން އޭނާގެ ހަމަ ވިސްނުން ފިލައި ދިޔައީ އެވެ. ކެތްތެރިކަން ވެސް ކޮޅުންލީ އެވެ.

ދޮންކޮއްކޮ މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އެ ޚަބަރާ އެކު ދުވަސްގަނޑެއް ވަންދެން ރަށު ތެރޭގައި އޭނާ އުޅުނީ މޮޔައެއްހެންނެވެ.

ދިރިއުޅުމާ މެދު ދޮންކޮއްކޮގެ ދެމަފިރިން އޭރު ވެސް ހިތުގެ އަޑިން ގަބޫލުކުރަމުން އައި ހަގީގަތާ އެ މީހުން މުޅިން ދުރަކަށް ނުދެ އެވެ؛ ހިތާމައަށް ކެތްކުރުމާއި މާތް ﷲގެ ހަޒުރަތަށް ޝުކުރުކުރުމެވެ. އެ އީމާންތެރިކަން މިފަހަރު ވެސް އޭނާގެ ހަޔާތް ސަލާމަތްކޮށްދިނެވެ. ދައްތަ އާއި އެހެން މީހުންގެ އެހީތެރިކަމާ އެކު އަލުން އަނެއްކާވެސް އާދައިގެ ދިރިއުޅުމެއް ފެށި އެވެ.

"ގާތްގަނޑަކަށް ދެތިން މަސް ވަންދެން އުޅުނިން އެހެން. އިރާދަކުރެއްވިއްޔާ ބޮލަށް ބޭސްކޮށްލާ ކަންތައް ކޮށްލީމާ މާތް ﷲ ގެ އިރާދަފުޅުން ރަނގަޅުވެއްޖެ،" ދޮންކޮއްކޮ ބުންޏެވެ.

ފާއިޒް މަރުވީ އެހެން ކުދިންނާ ތަފާތުކޮށް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ އެހެން ދަރިންނަށް ދިމާނުވާ އެހެން ސަބަބެއް އޭރު މުޅި ރަށުތެރެއިން ފެނުމެވެ؛ ފެންބޯ ރޯގާ އެވެ. އޭރު ރަަށު ތެރޭގައި އެ ރޯގާ "ވަރަށް މައްޗަށް އޮތް" ކަމަށް ދޮންކޮއްކޮ ބުނެ އެވެ. މި ބަލީގައި އާދަޔާ ޚިލާފު ގިނައިން ކުޑަކަމުދެވޭ ކަމަށްވެ އެވެ. އެހެންކަމުން ބަލިޖެހޭ ކުދިން އާދަޔާ ޚިލާފު ބޮޑަށް ކަރު ހިއްކައި، ފެންބޮވާ ގޮތްވެ އެވެ. އެކަމަކު ދޮންކޮއްކޮ ބުނި ގޮތުގައި އެ ބަލީގައި ބޯން ޖެހެނީ ކެއްކި ފެނެވެ؛ ފާއިޒަށް ބޮވުނީ އާދައިގެ ފެނެވެ. އޭގެ ސަބަބަކީ، ދޮންކޮއްކޮ ދެކޭ ގޮތުގައި، ފާތުމާފުޅު ބަލިވެއިން ދުވަސްކޮޅަކާ ދިމާވުމުން، ރޭގަނޑު ފާއިޒް އުޅުނު ގޮތް ރޭކާނުލުމެވެ.

ދޮންކޮއްކޮ އާއި ފާތުމާފުޅު އެ މީހުންގެ ގޭގައި ހިނގާލަނީ --ފޮޓޯ/އަބްދުﷲ އައުރާފް/މިހާރު

"ރޭގަނޑު ވިއްޔާ ރޯނާވެގެން އުޅޭ މީހަކަށް ނޭނގޭނެ އެ ކުއްޖާ ދިޔައީ ކޮން ތަނަކަށް ކަމެއް،" މަންމަ ނިދާފައި އޮއްވާ ފާއިޒް އެކަނި ގޮސް ފެން ބުއީ ކަމަށް ބުނަމުން ދޮންކޮއްކޮ ކިޔައިދިނެވެ.

އޭނާ ގަބޫލުކުރަނީ ފާއިޒް މަރުވުމުގެ ސަބަބަކީ އެއީ ކަމަށެވެ.

"ވަރަށް ހިތާމަކުރި. [އަންހެނުން] ވަރަށް ރޯން ވެސް ރުއި އަޅުގަނޑު ކައިރީގައި. އަޅުގަނޑު ބުނަނީ ﷲއޭ ދެއްވީ، ﷲއޭ ގެންދެވީ. ކެތްތެރިވާށޭ، ﷲ ނޫން އެހެން ފަރާތެއް ނެތޭ،" ހުރިހާ ކުދިން މަރުވަމުން ދިޔަ އިރު އަންހެނުންގެ ހާލަތު ހުރީ ކިހިނެއްހޭ ސުވާލުކުރުމުން ދޮންކޮއްކޮ ބުންޏެވެ.

"މުޖޭ ތުމްސެ ޕިޔާރު ހޯގަޔާ"

މިހާ ބޮޑު ހިތާމަތަކެއް ކުރިމަތިވި ދެމަފިރިޔަކު ދުނިޔޭގައި އެބަ ހުރި ހެއްޔެވެ؟ ހިއެއްނުވެ އެވެ. އެކަމަކު މިއަދު ވެސް ދޮންކޮއްކޮ އާއި ފާތުމާފުޅަކީ، ފުރަތަމަ ދުވަހެކޭ އެއްގޮތަށް، ނަމޫނާ ލޯބިވެރިންނެވެ. އެ ލޯތްބާ މެދު ސުވާލުކުރުމުން ދޮންކޮއްކޮ ބުނެލީ "މުޖޭ ތުމްސެ ޕިޔާރު ހޯގަޔާ" އެވެ. މާނަ އަކީ "އަހަންނަށް ކަލާ ދެކެ ލޯބިވެވިއްޖެ" އެވެ. އެ ލޯބި ދެމަފިރިންގެ ފަހު ދުވަހާ ހަމަޔަށް ދެމިގެންދާނެކަން ޔަގީނެވެ.

ކައިވެނީގެ ފުރަތަމަ ދުވަހު ވެސް އެކަކު އަނެކަކު ވީ އެކެއްގެ އެހީތެރިޔަކަށެވެ. މަސްވެރިކަން ކުރި އިރު ދޮންކޮއްކޮ ގެންނަ ހުރިހާ މަހެއް ކައްކައި، ހިއްކުމާއި ރިހާކުރު ކެއްކުމުގައި ފާތުމާފުޅު އުޅުނެވެ. މަސްވެރިކަން ހުއްޓާލުމަށް ފަހު ސަރުކާރުގެ އެކި އޮފީސްތަކުގެ މަސައްކަތު މީހަކަށް އުޅުނު އިރު ވެސް ފާތުމާފުޅު ހުންނަނީ އޭނާގެ ކައިރީގައި، ކޮންމެ ކަމަކަށް އެހީތެރިވާށެވެ.

ދެމަފިރިންގެ ގެ ހުރީ ނިސްބަތުން ރަނގަޅު ފެންވަރަކަށް ހަދައި، ކުއްޔަށް ބައެއް ކޮޓަރި ވެސް ދޫކޮށްފަ އެވެ. އެހުރިހާ މަސައްކަތެއްގެ ފަހަތުގައި ހުރީ ފާތުމާފުޅު ކަމަށް ދޮންކޮއްކޮ ބުނަނީ ފަޚުރުވެރިކަމާ އެކުގަ އެވެ.

"ވަރަށް އުފަލުން މި އުޅެނީ. ކައިބޮއިގެން އަރާމުކޮށް މި އުޅެނީ ސަރުކާރުން ދެއްވާ އެއްޗެއް އަމާނާތްތެރިކަމާ އެކު، އެއިން ބޭކާރު ޚަރަދުނުކޮށް،" އޭނާ ބުންޏެވެ.

އެކަނި ތިބި މި ދެމަފިރިންނަށް ހެޔޮހިތުން އެހީތެރިވާ ދެ އާއިލާއެއް އުޅެ އެވެ. އެ މީހުންނަށް ކާންދެނީ ޖެހިން ހުރި ގޭގެ އައިމިނަތު ހަސަންފުޅެވެ. ފަސް ކުދިންގެ މަންމަ ބުނި ގޮތުގައި އެއީ އެކަކު އަނެކަކަށް ވަރަށް އަޅާލާ، ވަރަށް އޯގާތެރި ދެމަފިރިންނެވެ.

"އަޅުގަނޑު ﷲ އަށްޓަކައި، ހަމަ ހެޔޮ ނިޔަތުގައި ކޮށްދޭ ކަމެއް މިއީ،" ދޮންކޮއްކޮގެ ދެމަފިރިންނަށް ވެދޭ އެހީތެރިކަމާ މެދު އައިމިނަތު ބުންޏެވެ.

ދެން ހުރީ އަސްމާ އެވެ. މާލޭގައި 17 އަހަރު ދިރިއުޅުމަށް ފަހު މިދިއަ ޑިސެމްބަރު މަހު އަލުން ހޯރަފުއްޓަށް ބަދަލުވި އަސްމާގެ އެހީތެރިކަން ވެސް އެހާމެ ބޮޑެވެ. ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ދޮންކޮއްކޮގެ ދެމަފިރިން މާލެ އަށް ގެންގޮސް، ޑޮކްޓަރަށް ދައްކާ، ބޭސްކުރުމުގެ ހުރިހާ ކަމެއް ކޮށްދެނީ، ތިން ކުދިންގެ މަންމަ، އަސްމާ އެވެ.

އޭނާ ބުނި ގޮތުގައި ކުޑަކުދިން ދެކެ އެ މީހުން ވަރަށް ލޯބިވެ އެވެ. އޭނާގެ ތިން ކުދިންނަށް ވެސް އެ މީހުން ވަރަށް ހެޔޮކަން ފާހަގަކުރި އެވެ.

"އަޅުގަނޑަށް ފެނުނު ވަރަށް ލޯބި، ވަރަށް އޯގާތެރި ބަައެއް އެއީ،" އަސްމާ ބުންޏެވެ.

"މި ރަށުގެ ނަމޫނާ ބަޔަކަށް ވާނެ އެ ދެމަފިރިން."

ދޮންކޮއްކޮ އާއި ފާތުމާފުޅު، އެ މީހުންނަށް އެހީތެރިވެދޭ އަސްމާގެ ދޮށީ އަންހެން ދަރިފުޅާ އެކު 2007 ގައި ނެގި ފޮޓޯއެއް

ދޮންކޮއްކޮގެ ދެމަފިރިންގެ އެންމެ ބޮޑު އުއްމީދަކީ، އަދި މިހާރު ވެސް އިންތިޒާރުކުރަމުން އަންނަނީ، ހައްޖުގެ މަތިވެރި އަޅުކަން ކުރެވޭނެ ދުވަހަކަށެވެ. އެކަމަކު އެވަރަށް އަދި ލާރިއެއް ހަމައެއް ނުވެ އެވެ. އެ ފައިސާ ހަމަވާ އިރަށް ގާތް މީހަކު އެ މީހުންގެ އެހީތެރިޔަކަށް ދާނެކަމުގެ އުއްމީދު ވެސް އެބަ އޮތެވެ.

މިހާރުގެ ޒުވާނުންނަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ އެހުމުން ދޮންކޮއްކޮ ބުންޏެވެ: "ތިހެން އުޅެމުން ގޮސް މީހަކާ އިނިއްޔާ ރަނގަޅަށް އުޅެވޭތޯ ބަލާށޭ. ގޭގައި އަމިއްލަ ދިރިއުޅުމެއް އުޅެވޭތޯ ބަލާށޭ. ވަރިކޮށްލާފައި ނޫޅޭށޭ، އެއީ ހަޑިހުތުރު ކަންތައްތަކޭ."

ވަރަށް ރަނގަޅު ވާހަކައެކެވެ. މި ދެމަފިރިންގެ ހަޔާތުން އެ ދައްކައިދެނީ، ކިތައްމެ ބޮޑު ހިތާމައެއް، ސިލްސިލާކޮށް ދިމާވިޔަސް، ދެ މީހުން އެކުގައި ބައިވެރިވެގެން އުޅުމެވެ. ދެ މީހުން އެކަކު އަނެކަކަށް ހިތްވަރުދިނުމެވެ. ދެ މީހުން ދޫނުކޮށްލުމެވެ. ޝުކުރުވެރިވުމާއި ކެތްތެރިވުމެވެ.