ރިޕޯޓް / ވަކީލުން

ހުއްދަ ލިބުނަސް ވަކާލާތު ނުކުރެވި "މަގުމަތިވެފައި"

އެންމެ ފަހުން ވަކީލުކަމުގެ ހުއްދަ ލިބުނު ވަކީލުން ހުވާކުރަނީ: އެ ވަކީލުންނަށް ހުއްދަ ލިބިފައި އޮތަސް ކޯޓުތަކުގައި ވަކާލާތު ނުކުރެވެނީ ޖުޑިޝަރީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް ނުފެށޭތީ - ފޮޓޯ/މިހާރު

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްގެން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބި، ވަކީލުކަމުގެ ހުވާ ކުރުމުންނެވެ. އަހަރުތަކެއް ވަންދެން ކުރި އެ އިންތިޒާރަށް ނިމުން އައީ ކަމަށް އެ ވަކީލުންނަށް ގަބޫލު ކުރެވުނެވެ.

ވަކީލުކަމުގެ ހުވާ ކުރިޔަސް ވަކާލާތު ކުރަން ކޯޓުތަކަށް ދާން ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައެއް އިޖްރައާތުތައް ހުއްޓަސް މާ ބޮޑު ދަތިތަކެއް ނެތި އެކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ މީހުން އޭރު ގަބޫލުކުރި އެވެ. އެކަމަކު ކަން ދިމާވީ އެހެނެއް ނޫނެވެ. ހުވާ ކުރިތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އެ ވަކީލުން ތިބީ ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ ގޮތެއް ނެތިފަ އެވެ. މިއީ އެންމެ ފަހުން ރާއްޖޭގައި ވަކީލުކަމުގެ ހުވާކުރި ވަކީލުންގެ ވާހަކަ އެވެ.

އޮރިއެންޓޭޝަން ޕްރޮގްރާމް ނުބާއްވާތީ ވަކާލާތެއް ނުކުރެވޭ

ވަކީލުކަމުގެ ހުއްދަ ލިބުނަސް، ވަކާލާތު ކުރަން ކޯޓުތަކަށް ދިއުމުގެ ކުރިން ޖުޑިޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު ތިން މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ވަކީލުންނަށް އެ ޕްރޮގްރާމެއް ނުހިންގަ އެވެ. ނަތީޖާއެއްގެ ގޮތުން، އެރޭ ހުވާކުރި އެއްވެސް މީހަކަށް ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކަށް ދެވޭނެ ގޮތެއް އަދި ނެތެވެ.

ކުރިން ވަކީލުކަމުގެ ހުއްދަ ލިބި، ހުވާ ކުރުމުން އިތުރު ކަމެއް ފުރިހަމަ ނުކޮށް ކޯޓުތަކުގައި ވަކާލާތު ކުރެވުނަސް މިހާރު އޮންނަ ގޮތުން ހުވާ ކުރުމަށް ފަހު ޖުޑިޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ވަކީލުން ފުރިހަމަ ކުރަން ޖެހެ އެވެ. ވަކީލުންގެ ހައިސިއްޔަތުން ކޯޓުތަކަށް ދެވޭނީ އޭގެ ފަހުގަ އެވެ. އެގޮތަށް ހަމަޖެއްސީ ވަކީލުކަމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓު ދަށަށް ގެންދިއުމަށް ފަހު، އެކަމާ ބެހޭގޮތުން 2015 ގައި އެ ކޯޓުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުންނެވެ.

އެ ގަވާއިދުގެ ދަށުން ވަކީލުންނަށް ހިންގަންޖެހޭ އޮރިއެންޓޭޝަން ޕްރޮގްރާމް މިދިޔަ މަހު ހިންގަން ނިންމައި، ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން އެންމެ ފަހުން ހުވާކުރި 134 ވަކީލުންގެ ތެރެއިން ބޮޑު ބައެއް އެ ޕްރޮގްރާމްގައި ބައިވެރިވާން ހުށަހެޅި އެވެ. އެ މީހުންނަށް މިދިޔަ މަހުގެ ތެރޭގައި އެ ޕްރޮގްރާމް ހިންގަން ނިންމައި، އެކަން އެންގުމަށް ފަހު ޕްރޮގްރާމް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް އެކަން ފަސްކުރި ކަން ވަނީ އަންގައިފަ އެވެ.

އެ ޕްރޮގްރާމް ހިންގާނެ ކަން އެންގިޔަސް އެކަން ދެން އޮންނާނެ ދުވަހެއް ނޭނގުމަކީ އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި އެ ޕްރޮގްރާމް ފެށޭނެ ދުވަހެއް އަދި ނުނިމިގެން އުޅެނީ އެކަމާ ބެހޭ ބައެއް މަޝްވަރާތައް ކުރި އަށް ދާތީ އެވެ.

"ބައެއް މަޝްވަރާތައް ކުރި އަށް ދާތީ އެކަން އަދި މުޅިން ފައިނަލް ނުކުރެވި އޮތީ،" ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ޕްރޮގްރާމް ނުފެށި ލަސްވާ ސަބަބުތަކުގެ ތެރޭގައި ބަޖެޓުގެ ދަތިކަން ވެސް ހިމެނެ އެވެ. މިއަހަރު މުޅި ޝަރުއީ ދާއިރާ އަށް ކަނޑައެޅި ބަޖެޓް ކުޑަވުމުން އެކަމުގެ ޝަކުވާ ޝަރުއީ ދާއިރާ އިން ކުރިން ވަނީ ކޮށްފަ އެވެ.

ބައެއް ވަކީލުން އިތުރަށް ކިޔަވަން ޖެހުން

އޮރިއެންޓޭޝަން ޕްރޮގްރާމްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ކޯޓުތަކުގެ އުސޫލުތަކަށް އަހުލުވެރި ކުރުވަން ހިންގާ ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ހިމެނޭ ބަޔަކާއި ވަކީލުންގެ ޑިގްރީ ސެެޓްފިކެޓުގެ ޓްރާންސްކްރިޕްޓަށް ބަލައި، އިތުރަށް ކިޔަވަންޖެހޭ މާއްދާތަކެއް ހުރި ނަމަ ކިޔަވަންޖެހޭ ބައެކެވެ. އިތުރު ފީއެއް ނެގުމެއް ނެތި ހިންގާ އެ ޕްރޮގްރާމަކީ ހައެއްކަ މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

އޮރިއެންޓޭޝަން ލަސްވުމުގެ ޝަކުވާއާ އެކު އޭގެ ތެރެއިން ބައެއް ވަކީލުން ކުރާ އަނެއް ޝަކުވާއަކީ ކިޔެވުން ނިންމިޔަސް އިތުރު މޮޑިއުލްތަކެއް ކިޔަވަން ޖެހުމެވެ.

އެ މީހުންނަށް ވަކީލުކަމުގެ ހުއްދަ ލިބުނީ ވަކީލުކަމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ހެދި ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަވުމުންނެވެ. އެގޮތުން ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ ދާއިރާ އިން ޑިގްރީއެއް އޮތް ނަމަ ވަކީލު ކަމަށް ތައުލީމީ ޝަރުތު ހަމަވީ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ. އެ ޝަރުތު ހަމަވެގެން ވަކީލުކަމުގެ އެ ހުއްދަ ލިބުނަސް އޭގެ ތެރެއިން ބައެއް ވަކީލުން އިތުރު މޮޑިއުލްތަކެއް ކިޔަވަން ޖެހޭނެ ކަން އެ މީހުންނަށް ވަނީ އަންގައިފަ އެވެ.

މިފަދަ ބައެއް ވަކީލުން ބުނި ގޮތުން އެ މީހުންގެ ތެރެއިން އިތުރު މާއްދާތަކެއް ކިޔަވަން ޖެހެނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ފިޔަވައި ދެން ހުރި ތަންތަނުން ކިޔެވި މީހުންނެވެ. އެމްއެންޔޫ އިން ކިޔަވާފައި ތިބި މީހުން އިތުރު މާއްދާއެއް ކިޔަވާކަށް ނުޖެހެ އެވެ. އެހެންކަމުން އޮރިއެންޓޭޝަންގައި އިތުރު މާއްދާ ކިޔަވަން ޖެހެނީ ކުރީގެ ކުއްލިއްޔާ އިން ކިޔެވި މީހުންނާއި ބޭރުގެ ބައެއް ޔުނިވާސިޓީތަކުން ކިޔެވި މީހުން ކަމަށް، އެ ވަކީލުން ބުނެ އެވެ.

ޑީޖޭއޭ: އޮރިއެންޓޭޝަން ފަށަން މަޝްވަރާތައް ކުރަމުންދާ ކަމަށް ޑީޖޭއޭ އިން ބުނޭ --ފޮޓޯ/މިހާރު

އެކަމަކު ޑީޖޭއޭ އިން ބުނި ގޮތުގައި މާއްދާތަކެއް ކިޔަވަން ޖެހެނީ އޭގެ ތެރެއިން ކޮން ވަކީލުންނެއް ކަމެއް އަދި އެ ވަކީލުން ކިޔަވަން ޖެހެނީ ކޮން މާއްދާތަކެއް ކަމެއް އަދި ކަނޑައެއްނާޅަ އެވެ.

"ކޮން މާއްދާތަކެއް ކަމެއް ކިޔަވަން ޖެހޭނީ އެޔެއް އަދި ކަނޑައެއްނާޅާ،" ފައިސަލް ވިދާޅުވި އެވެ.

އެމްއެންޔޫ އިން ޑިގްރީ ހާސިލްކުރި މީހުން އެ ބުރަ އުފުލަން ނުޖެހުނީ އެތަނުން ހިންގާ ގާނޫނާއި ޝަރީއަތުގެ ކޯހުގައި، ޖުޑިޝަލް އެކަޑަމީން ބޭނުންވާ ހުރިހާ މޮޑިއުލްއެއް ހިމެނޭތީ ކަމަށް އެ ވަކީލުން ބުންޏެވެ. އެ މީހުން ބުނާ ގޮތުގައި އެ "ނަސީބު" އެމްއެންޔޫގެ ދަރިވަރުންނަށް ލިބުނީ އެމްއެންޔޫގެ ކޯސް ހިންގުމުގެ ކުރިން، އެ ކޯސް ފަރުމާ ކުރުމުގައި ޝަރުއީ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވުމުން އެމްއެންޔޫގެ ކޯސް އެންމެ ފުރަތަމަ ވެސް އޮތީ ޖުޑިޝަރީން ގަބޫލުކުރާ މިންގަނޑަކަށް ކަމަށް ވުމުންނެވެ.

ކޯޓުތަކަށް ދިއުމުގެ ކުރިން ވަކީލުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން މުހިންމު ކަމަށް އެ ވަކީލުން ވެސް އެއްބަސްވެ އެވެ. އެކަމަކު ކިޔަވައި ނިމި، ވަކީލުކަމުގެ ހުއްދަ ލިބޭ ފަހުން އިތުރު މާއްދާތަކެއް ކިޔަވަން ޖެހުމަކީ އެ މީހުންގެ ޝަކުވާއެކެވެ.

"އޮރިއެންޓޭޝަން ޕްރޮގްރާމް އޭގެެ ޒާތުގައި ހިންގުމަކީ ރަނގަޅު ކަމެއް. އެއީ ޔުނިވާސިޓީގައި ކިޔަވާ އިރު ކޯޓުތަކުގެ ޕްރޮސީޖާތަކާއި މިކަންކަން އެހާ ބޮޑަކަށް ނޯންނާނެ. އެ އެއްޗެހިތައް އޮރިއެންޓޭޝަންގައި ކިޔަވައިދިނުން މުހިންމު. އެކަމަކު އިތުރު ބައެއް މާއްދާތަކެއް އަޅުގަނޑުމެން ކިޔަވަން ޖެހުން އެއީ މައްސަލައަކީ،" ކުރީގެ ކުއްލިއްޔާ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް ބަދަލުވުމުގެ ކުރިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ އެކަމަކު އޮރިއެންޓޭޝަންގައި އިތުރު މާއްދާތަކެއް ކިޔަވަން ޖެހޭ ވަކީލަކު ވިދާޅުވި އެވެ.

އެ މީހުން ދެކޭ ގޮތުގައި އިތުރު މާއްދާތަކެއް ކިޔަވަން ޖެހޭ ނަމަ އެކަން ކުރަން ޖެހޭނީ ޔުނިވާސިޓީއާ މަޝްވަރާކޮށްގެން ޔުނިވާސިޓީގެ ކޯހުގައި އެ މާއްދާތައް ހިމަނައިގެންނެވެ. ކިޔަވައި ނިމި، ވަކީލުކަމުގެ ހުއްދަ ލިބޭ ފަހުން އިތުރު މާއްދާތަކެއް ކިޔަވަން ޖެހުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ. ކުރިމަގުގައި ހިންގާ ގާނޫނީ ދާއިރާގެ ކޯސްތަކުގައި މޮޑިއުލްތައް އިތުރުކުރާ ނަމަ ކުރަންވީ ކަމަށް އެ މީހުން ދެކެ އެވެ.

"މާއްދާތަކެއް އިތުރުކުރާ ނަމަ އިތުރު ކުރަން ޖެހޭނީ ޔުނިވާސިޓީއާ މަޝްވަރާކޮށްގެން އެތަނުން. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން މި ފުރިހަމަ ކުރީ އެމްކިއުއޭ އިން އެޕްރޫވް ކޮށްގެން ހިންގާ ކޯހެއް. އަނެއްކާ މިހާރު ކޯޓުތަކުގައި ތިއްބެވި ގިނަ ފަނޑިޔާރުންނަކީ ވެސް ކުއްލިއްޔާ (މިހާރުގެ އައިޔޫއެމް) އިން ތައުލީމް ހާސިލް ކުރެއްވި ބޭފުޅުން،" އިތުރު މާއްދާތަކެއް ކިޔަވަން ޖެހޭ އެހެން ވަކީލަކު ވިދާޅުވި އެވެ.

"މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން ވަކީލުކަމުގެ ހުއްދަ ދިން ދުވަސްވަރު ވިލާ ކޮލެޖުން ހިންގި ލޯ ކޯހެއްގައި، އެޓާނީ ޖެނެރަލްގެެ އޮފީހުން އެކަމަށް ކަނޑައެޅި މޮޑިއުލްތަކެއް ނުހިމެނޭތީ ފަހުން ވިލާ އިން އެ މޮޑިއުލްތައް އިތުރުކޮށްގެން އެ ކޯސް ކުރިއަށް ގެންދިޔައީ."

އިތުރު މޮޑިއުލްތަކެއް ކިޔަވަން ޖެހުމުން އެކަމުގެ ކަންބޮޑުވުންތައް ބައެއް ވަކީލުން ވަނީ ޖުޑިޝަލް އެކަޑަމީގެ އިސް ވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކާ ވެސް ހިއްސާކޮށްފަ އެވެ. އެކަމަކު އެ އުސޫލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލެއް ކަމަށްވާތީ މިހާތަނަށް އަލި މަގެއް ނުފެންނަ ކަމަށް އެ މީހުން ބުނެ އެވެ.

އާމްދަނީ އަށް ހުރަސް އެޅިފައި

ބޮޑު ޚަރަދެއް ކޮށްގެން ގާނޫނީ ދާއިރާ އިން ކިޔެވުމަށް ފަހު، ގާނޫނީ ވަކީލު ކަމަށް ގިނަ މީހުން ނުކުންނަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި އެކަން ކުރާށެވެ. ގިނަ ވަކީލުންނަކީ ހަމައެކަނި އެ މަސައްކަތަށް ހުސްވެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނެވެ. އެކަމަކު ފަހުން ހުވާކުރި ވަކީލުންނަށް އެ ފުރުސަތު އަދި އޮތީ ބަންދުވެފަ އެވެ.

"މިހާރަކު އަޅުގަނޑުމެންނަށް ކޯޓުތަކަކަށް ނުދެވޭ ވަކާލާތު ކުރާކަށް. މިހާރު މި ދާން ޖެހޭނީ އާންމު މީހުން ވެސް ދާ ގޮތަށް ބަދަލު ފޯމެއް ހުށަހަޅައިގެން. ކުންފުނިތަކުގެ ވަކީލުންނަށް ދާން ބަލާއިރު ގިނަ ކުންފުނިތަކުން ވެސް ބޭނުންވާނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރެވޭ ބަޔަކާ އެކަން ވެސް ހަވާލުކުރަން،" ފުރަތަމަ ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.

"އަޅުގަނޑު މިއީ އެހެން ވަޒީފާއެއް އަދާކުރާ މީހެއް. އެކަމަކު އެބަ ތިބި ހަމައެކަނި ވަކީލުކަން ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުން. އެ މީހުންނަށް ނެތް އެ ފުރުސަތެއް. އެ ޕްރޮގްރާމް ފުރިހަމަކޮށްގެން މިކަން ވާން އޮތީ. ޕްރޮގްރާމް ފެށޭނެ ކަމެއް ނުވަތަ ފެށޭނެ ދުވަހެއް އަދިވެސް ނޭނގެ،" ފަހުން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.

އެ ވަކީލުން ގަބޫލުކުރާ ގޮތުގައި އޮރިއެންޓޭޝަން ޕްރޮގްރާމް ނުފެށި، އޮކްޓޫބަރު މަސް ނިމިއްޖެ ނަމަ އިތުރު މަރުހަލާއަކަށް ނުގޮސް، ވަކީލުންގެ ގޮތުގައި ކޯޓުތަކަށް ދިއުމުގެ ފުރުސަތު އެ މީހުންނަށް ލިބެންވާނެ އެވެ.

"އޮކްޓޫބަރު މަސް ނިމެން ވާއިރަށް އޮރިއެންޓޭޝަން ނުފެށިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ ވަކާލާތު ކުރެވޭ ވަކީލުންގެ ދަފްތަރުގައި އަޅުގަނޑުމެން ހިމަނަން ޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ މައްސަލައަކުން ނޫން ދެއްތޯ އެ ޕްރޮގްރާމް ނުފެށި މިއޮތީކީ،" ފުރަތަމަ ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއްގެ އިންތިޒާރަކަށް ފަހު، ގާނޫނީ ވަކީލުކަމުގެ މަސައްކަތަށް ނުކުތް ބަޔަކަށް މިއޮތީ އެ މީހުން ދެކެމުން އައި ފަހުން ހަގީގަތަކަށް ހަދަން ބޮޑު ހުރަހެއް ކުރިމަތިވެފަ އެވެ. ސަބަބުތަކެއް ހުރިކަމުގައި ވިޔަސް އެ މީހުންނަށް އެ މީހުންގެ ފަންނު ކުރިއަރުވަން މަސައްކަތް ނުކުރެވި އޮތުމަކީ މައްސަލައެކެވެ. ކޮންމެވެސް މުއައްސަސާއަކުން މިކަމަށް ހައްލެއް ހޯދައިދޭން އެބަޖެހެ އެވެ.

44 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއުބެއްޔާ

09 February 2017

ރާއްޖޭގެ ޝަރުއީ ދާއިރާ ރަގަޅުވާނީ މިދާއިރާއަށް ކިޔަވައިގެންތިބި ގިނަ އަދަދެއްގެ އާ މޫނުތަކެއް އައިސްގެން!!! ޢެކަން އެގޮތަށް ވަމުންދާތީ ބަޔަކަށް އެކަން ހަޖަމްނުކުރެވިގެން އުޅޢހެން ވަރަށް ހީވޭ!!! ތިކަންވިޔަނުދޭން ކުރެވެން ހުރިކަމްއްވިއްޔާ ކުރާނެ!!!!!

The name is already taken The name is available. Register?

ޝިފާޒު

09 February 2017

ޤަވާޢިދުގަ އޮތީ އޮރިއެންޓޭށަން ޕްރޮގްރާމްގެ ވާހަކައެއް އަލުން މާއްދާ ކިޔަވަން ޖެހޭ އެއްވެސް ވާހަކައެއް ނެތް، ވީއިރު ކީއްކުރަން މާއްދާ ކިޔަވަން ލާޒިމް ކުރަންވީ. އޮރިއެންޓޭށަން އަކީ ކުރު މުއްދަތެއްގެ މަޢުލޫމާތު ދިނުމުގެ ސެސަންތަކެއް. ކިޔަވާކަށް ނުޖެހޭނެ

The name is already taken The name is available. Register?

ގޮގި

09 February 2017

މިހާރު ހުއްދަ ލިބިފައިވާ މީހުން އަލުން އެއްވެސް ކަމެއް ކުރުމަށް ލާޒިމް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން

The name is already taken The name is available. Register?

އުދުހޭ

09 February 2017

ރާއްޖޭގެ ޝަރުއީ ދާއިރާ ރަގަޅުވާނީ މިދާއިރާއަށް ގިނަ އަދަދެއްގެ އާ މޫނުތަކެއް އައިގެސް. ޢެކަން އެގޮތަށްވަމުންދާތީ ބަޔަކަށް އެކަން ހަޖަމްނުކުރެވެނީކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ހސހސ

09 February 2017

އިނގިރޭސި އެއްވެސް ވަރަކަށް ނޭނގޭ ރަށްފުށު ގާޒީންނަށް މިިހާރު ބުލޮކް މޯޑަށް ހިންގާ ލޯ ޑިގްރީ ދިވެހި ބަހުން ހިންގާ ސެޓް ފިކެޓް ބެހުން ކޮހިނެއްވާނެބާ؟

The name is already taken The name is available. Register?

ވަކީލު

09 February 2017

ވަރައް ދިވެހި ވާހަކައެއް. ހުރިހާ އޮފިހެއްގައިވެސް މިކަހަލަ ދެއުޅިއެއްނުވާ ގަވާއިދު ހުންނާނެ. މިބާވަތުގެ ގަވާއިދު ތަކުން ދިވެހިން ސަލާމަތް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަ މަދުވެ އާއްމު މީހާއައް ހަމަޖެހިލައިގެ އުޅެވޭނެ.

The name is already taken The name is available. Register?

ނާނު

09 February 2017

ކަމެއް ހައްލުވާނީ ކިހިނެއް؟ ބަޖެޓް ގައި ލާރި ނެތިގެން ވިލިގިނލި އަދި ހުޅުމާލޭގައި އުޅޭ މީހުންގެ މައްސަލަތައް ސިވިލް ކޯޓުގައި އަހަރު ފެށުނީއްސުރެ ނުހިންގާ، މައްސަލަތަކަށް ނުކިޔާ.

The name is already taken The name is available. Register?

ޢަލީ

09 February 2017

މަގެމެންގެ ޕިންކީ ސަރުކާރުގައި ޖުޑިޝަރީ އޮންނާނީ ފުއްލާ ސްޕީޑުގައި އެކަމާ ހިތްހަމަނުޖެހޭމީހަކު ކޯޓަށްދާންވީ

The name is already taken The name is available. Register?

އަލީ

09 February 2017

ކިޔަވާނިމި ހުއްދަ ލިބި ނުވަތ ހުއްދަ ދިނުމަށްފަހު އަލުން ކިޔަވަން ޖެހުމަކީ ވަރަށް ދެރަ ކަމެކެވެ. ހުއްދަ ދިނުމުގެ ކުރިން ހުރިހާ އިޖްރާއާތުތައް ނިންމުމަކީ އެންމެ ރަނގަޅުގޮތެވެ.

The name is already taken The name is available. Register?

ފަހަރި

09 February 2017

ހުއްދަ ދޭން ވާނީ ތި ޝަރުތުތައް ހަމަވީމަ. ވަކީލު ކަމުގެ ހުއްދަ ލިބޭތާ 3 މަސް ވެގެން ދާއިރުވެސް ވަކީލު ކަމުގެ ޝަރުތު ހަމަނުވަންޏާ, ކީއްކުރަން ދިން ހުއްދައެއް..

The name is already taken The name is available. Register?

ޗަފީ

12 February 2017

ޥަރަށް ބޮޑު ތެދެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454