ކަރުގައި ތާށިވި ރުފިޔާ ނަގަން އުފުލަން ޖެހުނު ތަކުލީފު

ށ. ފޭދޫގެ ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި މިދިޔަ ހަފުތާގައި ތާށިވި ރުފިޔާއެއް ނުނެގިގެން އާއިލާ އިން ޖެހުނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާށެވެ. ފޭދޫ ސިއްހީ މަރުކަޒުން އެކަން ނުވުމުން ދަތުރު ހަދައިގެން ދިޔައީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެންމެ އުތުރުގެ ތިން އަތޮޅަށް ޚާއްސަ އެ ހޮސްޕިޓަލުން ވެސް އެކަން ނުވުމުން، އެންމެ ފަހުން ޖެހުނީ މާލެ އަންނާށެވެ؛ އެ ރުފިޔާ ނަގަން، އައިޖީއެމްއެޗުގައި 30 މިނެޓު ވެސް ހޭދައެއް ނުވެ އެވެ.


މިހާ ކުޑަ ވަގުތުކޮޅެއްގެ ފަރުވާ، އެ ކުއްޖާ އަށް މި ލިބުނީ އާއިލާ އިން އެތައް ތަކުލީފެއް އުފުލައި އަތުން ބޮޑު ޚަރަދެއް ވެސް ހިނގި ފަހުންނެވެ. ފޭދޫ ސިއްހީ މަރުކަޒުން އެކަން ނުވީ، އެތަނުގައި ޑޮކްޓަރަކު ހުއްޓަސް އެކްސްރޭ ނެގޭނެ އެއްވެސް ވަސީލަތެއް ނެތުމުންނެވެ.

އެ ސަރަހައްދުގައި ދެން، އެންމެ ފުރިހަމަ ފަރުވާ ލިބޭނެ ތަނަކަށް ހުރީ ހދ. ކުޅުދުއްފުއްޓެވެ. އެތަނަށް ދެވުނީ، ރަށުން ލޯންޗެއްގައި 2،500ރ. ހަރަދުކޮށްފަ އެވެ. އެ ހޮސްޕިޓަލުން ވަގުތުން އެކްސްރޭ ނެގުނެވެ. އެކަމަކު ކަރުންމަތީގެ ޚާއްސަ ޑޮކްޓަރު ޗުއްޓީގައި ހުރުމުން ފަރުވާއެއް ނުދެވުނެވެ. އޮޕަރޭޝަން ޑޮކްޓަރު ބަލާފައި، އޭނާ އަށް ފެންނަ އެންމެ ރަނގަޅަށް ފަރުވާ ކުރިއަށް ގެންދިޔައީ، އާއިލާ އިން ބުނިގޮތުގައި، އެ ރުފިޔާ ނެގޭނެ ކަމުގެ ޔަގީންކަން އޮވެގެން ނޫން ކަން އޭނާ ދެއްކި ވާހަކަތަކުން އެނގުނެވެ.

"އޭރު ވެސް އެ ކުއްޖާގެ ހާލަތު ދިޔައީ ދަށަށް. އެކަމަކު ރުފިޔާ ނެގޭނެ ކަމެއް، ނުވަތަ ނޫން ކަމެއް ވެސް ނުބުނޭ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އެ ޑޮކްޓަރު ލަފާ ދެއްވީ ކާއެއްޗިއްސާ އެކު ރުފިޔާ ހަށިގަނޑުގެ ތެރެއަށް ފޮނުވާލާށެވެ. އެކަމަކު ކުއްޖާ އަށް ހޮޑުލެވޭތީ އެގޮތަކަށް ރުފިޔާ ނުވި އެވެ. އެންމެ ފަހުން، މާލެ އަންނަން ޖެހުނީ، ފަރުވާ ދެވޭނެ އިރެއް އަދި އޭތި ނެގޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތުމުން ކަމަށް އާއިލާ އިން ބުންޏެވެ.

ދެ ނަރުހަކު ބަލި މީހަކަށް ހިދުމަތް ދެނީ: ރަށްރަށުން އަދިވެސް ކުދިކުދި ކަންކަމުގައި މާލެ އަންނަން ޖެހޭ -- ފޮޓޯ: އައިޖީއެމްއެޗް

މިހާ ކުޑަ ކަމަކަށް، އެ އާއިލާ އިން ގާތްގަނޑަކަށް 10،000ރ. ހޭދަކުރަން ޖެހުނެވެ. އެއީ ކުޅުދުއްފުށިން ހަނިމާދު އަށް ލޯންޗު ދަތުރާއި ތިން މީހުން މާލެ އަންނަން ދެކޮޅު ޓިކެޓުގެ އިތުރުން މާލޭގައި ހުރުމުގެ ހަރަދުތަކާ ވެސް އެކުގަ އެވެ. މި ހާދިސާ އިން ބުނެ ދިނީ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި ސިއްހީ ހާލަތު އަދިވެސް އޮތް ހާލަތެވެ.

މިހާ ތަކުލީފު އުފުލަން ޖެހުނުއިރު، މި ރުފިޔާ ނެގުމަކީ ހަގީގަތުގައި މާ އުނދަގޫ ކަމެއް ވެސް ނޫނެވެ؛ ވަސީލަތްތައް ހުރި ނަމަ، ސިއްހީ މަރުކަޒުގައި ނުވަތަ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވެސް ކުރެވިދާނެ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

މިއީ، ރަށްރަށުގައި ސިއްހީ ހިދުމަތް ހޯދަން އަދިވެސް އުފުލަން ޖެހޭ ތަކުލީފުތައް އަންގައިދިން އެންމެ ހާދިސާއެކެވެ. މިފަދަ އެތައް އުނދަގޫތަކެއް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އުފުލަ އެވެ.

ކޮންމެ ރަށަކަށް ޑޮކްޓަރެއް ހޯދައިދީ، ބޭސްފިހާރައެއް ސަރުކާރުން އަޅާދީފައި ހުއްޓަސް، ރަނގަޅަށް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ޑޮކްޓަރަކު ހުއްޓަސް އޭނާ އަށް އެކަށީގެންވާ ހިދުމަތް ދެވޭނީ ވަސީލަތްތައް ވެސް ހަމަވެގެންނެވެ. ސަރުކާރުން އެންމެ އިސްކަން ދެނީ އެކަންކަން ހަމަޖައްސަން ކަމަށް އިސް ވެރިން ވިދާޅުވެ އެވެ.

"ހުން އައިސްގެން ޓެސްޓު ހެދޭނެ ގޮތެއް ނެތިގެން ވެސް އެބަ ފޮނުވާލާ ކުޅުދުއްފުށީ ހޮސްޕިޓަލަށް. އެ ދަތުރަށް އެބަ ކޮޅަކަށް ހޭދަކުރަން ޖެހޭ 2،000-3،000ރ. މި ދަތުރު އާސަންދަ އިން ކަވަރެއް ނުކުރެވޭ، ހޭދަކުރަން ޖެހެނީ އަމިއްލަ އަތުން. އެތައް ރަށެއްގެ ސިއްހީ ހާލަތު ހުރީ މިހެން. މިއަށް ނުކިޔާނެ ދެއްތޯ ސިއްހީ ހިދުމަތް ފުރިހަމައޭ،" ސިއްހީ ހިދުމަތާ ގުޅޭ ގޮތުން ޝަކުވާ ކުރި ހއ. އަތޮޅުގެ އަހްމަދު ޔޫސުފް ބުންޏެވެ.

މި ޝަކުވާތައް މިހެން ހުއްޓަސް މި ސަރުކާރުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް ދާއިރާގެ ގޮތުގައި ޕްރޮމޯޓްކުރަނީ ސިއްހީ ދާއިރާ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސިއްހީ ދާއިރާ އަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓް ތަންފީޒު ކުރެވި އެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެ އެވެ.

އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރުގައި މީހަކަށް ހިދުމަތް ދެނީ. ތިން އަހަރުގެ ތެރޭގައި އައިޖީއެމްއެޗަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި --. ފޮޓޯ:ނިޝާން އަލީ/މިހާރު

އޭގެ ތެރޭގައި، ރަށްރަށަށް ޑޮކްޓަރުން ހަމަކުރުމާއި ސްޕެޝަލިސްޓުން ފޮނުވުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދަ ލިބޭ ގޮތަށް އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމާއި 20 އަތޮޅެއްގައި މުޅިން އަލަށް 25 ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއި ހުސް ނުވާ އާސަންދަ ހަމަޖައްސައިދިނުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

ރަނގަޅެވެ. ރާއްޖޭގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ؛ ތިން އަހަރުގެ ތެރޭގައި އައިޖީއެމްއެޗަށް ގެނައި ބަދަލުތަކާއި ކުރިއެރުންތަކަށް އެކަނި ބެލިއަސް އެކަމާ ދެބަސްވެވޭކަށް ނެތެވެ. އާސަންދައިން ގިނަ ކަންކަމުގައި އެހީތެރިވެ އެވެ. އެ ނިޒާމް އަންނަނީ ކުރިއަށް ވުރެ ބޮޑަށް ފުރިހަމަވަމުންނެވެ. އަދި އެންސްޕާ އިން ވެސް އެކި ބަލިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.

އެކަމަކު ރާއްޖޭގެ ބައެއް ރަށްރަށުގެ ސިއްހީ ޚިދުމަތަށް އަދިވެސް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭކަން ފޭދޫ ކުޑަކުއްޖާގެ ހާދިސާ އިން އެނގެ އެވެ.