ހައްޔަރުކުރީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގަ އެވެ. މީހުން މެރުމާއި މަސްތުވާތަކެތި އެތެރެކުރުން ފަދަ ބޮޑެތި ޖަރީމާތަކެވެ. އެކަމަކު ޖަލުގައި ތިބޭތާ ތިން އަހަރު، ހަތަރު އަހަރު، އަދި ފަސް އަހަރު ފާއިތުވެގެން އެ ދަނީ ހުކުމެއް ނައިހެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކުށެއް ސާބިތު ނުވެ އެވެ.
ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ މަރުހަލާތައް ދިގުލައިގެން ދިޔުމުގެ ސަބަބުން ހައްގުތައް ގެއްލިފައިވާ މީހުން ރާއްޖޭގައި މަދެއް ނޫނެވެ. ޖިނާއީ އަދުލުގެ މައިގަނޑު އެއް އަސާސަކީ ޝަރީއަތުން ކުށެއް ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުށްވެރިއެއް ނޫން ކަމެވެ. އެކަމަކު، ހުކުމަކާ ނުލައި ޖަލުގައި އަހަރުތައް ގުނަމުންދާ މީހުންނާ މެދު ކަން ހިނގަމުން ދަނީ މުޅިއަކުން އެހެނެއް ނޫނެވެ.
މީގައި އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. މި ކުށްތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟ މަރާލި މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދޭން ޖެހެ އެވެ. މަސްތުވާތަކެތި އެތެރެ ކުރުމާއި މީހުން މެރުން ފަދަ ކުށްތަކަކީ މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ބޮޑު ޖަރީމާއެކެވެ. މިފަދަ ކުށްތަކަށް އަދަބު ދީ، އަވަހަށް އިންސާފު ގާއިމްކުރަން ޖެހެ އެވެ. ބަޔަކު ޖަލުގައި ބޭތިއްބިޔަސް، ޝަރީއަތުން ވަކި ގޮތެއް ކަނޑަނާޅާހާ ހިނދަކު، އެކަން ހާސިލްކުރެވުނު ކަމަކަށް ނުބެލެވޭނެ އެވެ.
އަޑުއެހުންތައް ނިމި، އެކަމަކު ހުކުމް ނުކޮށް އެތައް އަހަރެއް
ހުކުމެއް ނުކޮށް، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި، 2011 ގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލުމުގެ ތުހުމަތުކުރެވޭ ތިން މީހަކު ވެސް ހިމެނެ އެވެ. އެ މީހުން ވޭތުވެދިޔަ ހަ އަހަރު ޖަލުގައި ހޭދަކުރީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް ނުނިމި އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމަށާއި ވަރަށް އަވަހަށް ހުކުމް ކުރާނެ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އަޑުއަހުމެއްގައި ބުނެފައި ވިޔަސް އެ ދުވަހެއް އަދި ނާދެ އެވެ.
"އަޅުގަނޑުމެން ހާދަ މަސައްކަތެއް ކޮށްގެން، ހާދަ ތަނަކަށް ސިޓީ ލައިގެން، ހާދަ ގިނަ ބަޔަކާ ބައްދަލުކޮށްގެނޭ ޝަރީއަތް ރަނގަޅަށް ހިނގަން ފެށީ ވެސް! އެންމެ ފަހުން ކޯޓަށް ގޮސް، 'ނުނިކުންނާނަމޭ، ބިޑި އަޅުވައިގެން ގެންދާށޭ' ކީމާ، ޝަރީއަތް ޝެޑިއުލްކުރަން ފެށީ ވެސް. އޭގެ ކުރިން މުއްދަތު ޖަހަޖަހާ ތިބީ،" އެ މައްސަލައިގައި ދައުވާ ލިބޭ އެކަކުގެ މަންމަ ކިޔައިދިނެވެ.
"މިހާރު (ހުކުމް ނުކޮށް) އެ ލަސްކުރަނީ ކޮން ސަބަބަކާ ހެދި ކަމެއް ވެސް ނޭނގޭ. ހުރިހާ ހެކިބަހަކާ އެއްޗެހި ވެސް ނަގައި ނިމިފައި އޮތީ."
ފިރިމީހާގެ ބަންދާ މެދު މާޔޫސްވެ ގޮތް ހުސްވެފައި ހުރި އައިމިނަތު އަލީ (އަސްލު ނަމެއް ނޫން) ބުނީ ޖަލުގައި ތިން އަހަރު ހޭދަކޮށްފައިވާ އޭނާގެ ފިރިމީހާގެ ޝަރީއަތް މިދިޔަ އަހަރު ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، ހުކުމް ނުކޮށް އަދިވެސް އިތުރު ދުވަސްތަކެއް ބަންދުގައި ހުންނަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެންގެ ބަނޑަށް ހަތް މަހުގައި ހައްޔަރު ކޮށްގެން ގެންދިޔަ ގޮތަށް އޭނަ އަދިވެސް އެ ހުންނަނީ ބަންދުގައި. މިހާރު ދަރިފުޅަށް ތިން އަހަރުވީ. ކުޑަ ކުއްޖެއްގެ ބައްޕަ އެއީ،" އޭނާ ކިޔައިދިނެވެ.
"އަހަރެން ނުބުނަން ހަމަ ހުރެފައި އޭނަ ގެންދިޔައީއެކޭ. ކޮންމެ މީހެއް ވިޔަސް ކުށްވެރިވީމަ އެ މީހަކަށް ދޭން ޖެހޭނެ އަދަބު. އެކަމަކު އަދަބު ދިނުގައި ހޭދަވާ މުއްދަތު އިންސާފުވެރިވާން ޖެހޭނެ."
އަޑުއެހުންތައް ނިމި، އެކަމަކު ހުކުމް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ނުވަތަ އެއަށް ވުރެ ވެސް ދިގު މުއްދަތު ފާއިތުވެފައި އެބަހުއްޓެވެ. އާންމުކޮށް ޖިނާއީ މައްސަލަތައް ލަސްވާ ލަސްވުމުގައި ކޯޓުތަކުން ފާހަގަކުރާ އެއް ސަބަބަކީ ހާޒިރުކުރަންޖެހޭ ހެކިންނާއި އެފަދަ މުހިންމު ފަރާތްތައް ހާޒިރު ނުކުރެވުމެވެ.
އެކަމަކު ކޮންމެ މައްސަލައެއްގައި ވެސް އަޑުއެހުންތައް ނިންމާލާނީ އެ މައްސަލައެއްގައި ހާޒިރުކުރަން ކޯޓަށް ފެންނަ ހުރިހާ މީހުން ހާޒިރުކޮށް، އެ މީހުންގެ ބަސް ހޯދުމަށް ފަހު އެވެ. އެހެންވީއިރު އަޑުއެހުންތަައް ނިންމާލުމަށް ފަހު އެތައް ދުވަހެއް ވަންދެން މައްސަލަ ބާއްވަންޖެހޭ ސަބަބެއް ނެތެވެ.
އަޑުއެހުންތައް ނިންމާލުމަށް ފަހު ހުކުމް ނުކޮށް، އޮއްވާ އެ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވެއްޖެ ނަމަ އިތުރަށް އެ މައްސަލަ ލަސްވީ އެވެ. ހުކުމާ ހިސާބުގައި މައްސަަލަ އޮއްވާ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ފަނޑިޔާރެއްގެ އަތުން އެ މައްސަލަ އަތުލައި، އެހެން ފަނޑިޔާރަކާ ހަވާލުކޮށްފި ނަމަ ދެން އަންނަ ފަނޑިޔާރަކު އެ މައްސަލައިގެ އިތުރު އަޑުއެހުންތަކެއް އާންމުކޮށް ބާއްވާނެ އެވެ. އެއީ އެ ފަނޑިޔާރަކު އެ މައްސަލާގައި ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށެވެ. އެކަމަކު މިހެންވުމުން އިތުރަށް މައްސަލަ ލަސްވެ، ދައުވާލިބޭ މީހުން އުފުލަންޖެހޭ ތަކުލީފު ބޮޑެވެ.
ކުށްވެރިވަންޏާ އަދަބު ދީ، އެކަމަކު ލަސްކޮށްގެން ނުވާނެ
އާންމުކޮށް ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ މީހުންނަކީ ވަކި މުއްދަތެއް ނެތް ގޮތަށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނެވެ. އާންމުކޮށް މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ސީރިއަސް ކުށްތަކުގެ ދައުވާލިބޭ މީހުން މި އުސޫލުން، ހުކުމް ކުރަންދެން ބަންދުގައި ބައިތިއްބަނީ އެވެ. އެއީ އެކަން އޮންނަން ޖެހޭ ގޮތް ވެސް މެ އެވެ. ސަބަބަކީ އެފަދަ ކުށްތަކުގެ ސީރިއަސް ކަމާއި އެފަދަ މީހުންގެ ފަރާތުން މުޖްތަމައަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުމުން ބޮޑުކަމުންނެވެ.
އެކަމުގައި، އާއިލާތަކުން ނަގާ އެންމެ ބޮޑު މައްސަލައަކީ ހުކުމެއް ނުކޮށް އެހާ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމެވެ. އެ މީހުންގެ އިލްތިމާސަކީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ޝަރީއަތުން ކަނޑައަޅައިދިނުމެވެ. ސަބަބަކީ، ވާނީ ކިހިނެއްކަން ނޭނގި ބަންދުގައި ތިބެން ޖެހުމުން ގައިދީންނަށާއި އާއިލާ އަށް ވެސް ކުރިމަތިވެފައި ނަފްސާނީ ދަތި ހާލަތެވެ. އޭގެ އަނެއްކޮޅަށް ބަލާ އިރު، ކުށް ސާބިތު ނުވެއްޖެ ނަމަ، ޖަލުގައި ހޭދަކުރަން ޖެހުނު ހަ އަހަރު ދުވަސް ވެގެން ދާނީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ.
"ކުށެއް ކުރިއްޔާ ކޮންމެ މީހަކަށް ވިޔަސް އަދަބު ލިބެން ޖެހޭނެ. ކޯޓަށް ގޮސްފައި ވެސް އަޅުގަނޑުމެން މި އެދެނީ އެ މީހުން ކުށެއް ކުރިއްޔާ، އަދި އެ ކުށް ސާބިތުވަންޏާ އެ މީހުންނަށް ދޭ އަދަބެއް ދީފައި ބައިތިއްބާށޭ. އޭރުން ސަލާމަތްވާނެ ދުވަހެއް އެ މީހުންނަށް އެނގޭނެތާ. އެކަމަކު ހުކުމެއް ނުކޮށް އެހެން ބޭތިއްބީމާ އެ މީހުންނަށް އެއްވެސް ކަހަލަ އުއްމީދެއް ވެސް ނޯންނާނެއެއް ނޫންތޯ؟ އެއީ މައްސަލައަކީ،" ކުރިން ވާހަކަދެއްކި މަންމަ ފާހަގަކުރި އެވެ.
"މިކަމާ ވިސްނާ ވިސްނާ އަޅުގަނޑު އަބަދު މި ހުންނަނީ ބަލިވެފައި. ބޮލުގެ ރިހުން ނުކެނޑޭ. ދެން އަޅުގަނޑުމެންނަށް މި އިވެނީ ޖަލުގެ ކަންތައްތައް އެހާ ގޯހޭ."
ގާނޫނު އަސާސީ ބުނަނީ އަވަހަށް ދައުވާ އުފުލުމާއި ޝަރީއަތް ކުރެވުމަކީ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެކަމަކު ބައެއް މައްސަލަތަކުގައި ކަން ހިނގަނީ އޭގެ އިދިކޮޅަށެވެ. ބައެއް މީހުން އެ މީހުންގެ މައްސަލަތަކުގެ އަޑުއެހުންތައް ނިމި، އެކަމަކު ހުކުމް ނުކުރާތީ ދެތިން އަހަރު ވަންދެން ވެސް ބަންދުގައި ތިބެން އެބަޖެހެ އެވެ. ބަންދުގައި އެތައް އަހަރެއް ހޭދަކުރާ ފަހުން މައްސަލަ ނިމޭއިރު ދައުވާލިބޭ މީހާ ކުށްވެރިނުވާ ކަމަށް ނިމޭ ފަހަރުތައް ވެސް މަދެއް ނޫނެވެ.
ކިތަންމެ ދުވަހެއް ވަންދެން ބަންދުގައި ތިބެން ޖެހުނަސް، ބަންދަށް ލުޔެއް ލިބޭތޯ އިސްތިއުނާފަށް ދިއުމުގެ ފުރުސަތެއް ވެސް ބަންދުގައި ތިބޭ މީހުންނަކަށް ނޯވެއެވެ. ސަބަބަކީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި އެ މައްސަލައެއް ބަލާ ފަނޑިޔާރު ބަންދާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާތީ އެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި، މައްސަލަ ނިމެންދެން ބަންދު ކުރުމަށް ފަހު ކިތަންމެ ދުވަހެއް ވަންދެން ބަންދުގައި ތިބެން ޖެހުނަސް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.
ހުކުމް ކުރީމަ މާ ރަނގަޅު، އަވަހަށް ހުކުމްކޮށް ދީ
ޖަލުގެ އެކި މައްސަލަތައް މީޑިއާއާ ހަމައަށް އައިސްގެން އުޅޭ މި ދަނޑިވަޅުގައި މި އާއިލާތަކުން ވެސް ބުނަނީ ޖާގަ އާއި ކެއިންބުއިމާއި ސިއްހީ ފަރުވާގެ ކަންކަމުގައި ވެސް ގައިދީންގެ އިންސާނީ ހައްގުތަކަށް ބެލުމެއް ނެތް ކަމަށެވެ. ވަކިން ޚާއްސަކޮށް، ހުކުމް ނުކޮށް ތިބޭ މީހުންނަށް ވުރެ ހުކުމްކޮށް، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ލިބޭ އިނާޔަތްތައް ބޮޑު ކަމަށް އެ އާއިލާތަކުން ތުހުމަތު ކުރެ އެވެ.
އައިމިނަތު ބުނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ޓްރެފިކިން ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާފުށީ ޖަލުގައި ހުންނަ 10 ފޫޓު، 15 ފޫޓުގެ ގޮޅިއަކީ ދެތިން މީހެއްގެ ޖާގަ ކަމަށާއި އެކަމަކު އެ ތަނުގައި ހަތް ގައިދީއަކު އެބަތިބި ކަމަށެވެ. ނުވި ތާކަށް އެ ތަނަށް ކަރަންޓު ވެސް ނުލިބޭ ކަމަށް އޭނާ ބުނެ އެވެ.
"އޭނަ އަަށް ބަލައިލީމަ ވެސް އެނގޭ ކޮން ކަހަލަ ހާލެއްގައިކަން އުޅެނީ. އަހަރެން ނުބުނަން ފައިވް ސްޓާ ފެންވަރަށް ކާ އެއްޗެހި އެ ތަނުގައި ހުންނަން ޖެހޭނެއެކޭ. އެކަމަކު ކުރިން މާލޭ ޖަލުގައި ހުރި އިރު ބުނަނީ ކެއުން ވަރަށް ބަރާބަރޭ އެކަމަކު މާފުށީގައި ހުންނަ އިރު އެބަ ބުނޭ ވަރަށް ސަކަރާތޭ ކެއުން. ގަވާއިދުން ގޮޅިން ބޭރަކަށް ވެސް ނުނެރޭ. ގޮޅިން ބޭރަށް ނެރޭނީ ފޯނު ކޯލަށް. އެކަމަކު ތިން ހަތަރު މަސް ވަންދެން ވެސް ފޯނު ކޯލަށް ނުނެރެ އެބަހުރޭ. ގޮޅިން ނުނެރެންޏާ އޭގެ މާނައަކީ ބޮލެއް ނުކޮށޭނެއޭ، ނިޔަފައްޗެއް ނުކެނޑޭނެއޭ،" ދެ ކުދިންގެ މަންމަ އައިމިނަތު ކިޔައިދިނެވެ.
"ޖަލަށް ފޯނާ އެއްޗެހި އެ ވައްދާ ގޮތަކަށް އެބަ ވައްދާ. ގޮޅިން ފޯނެއް ފެނިއްޖެއްޔާ އެ ތަނުގައި ތިބޭ އެންމެންގެ އިނާޔަތް ކަނޑާލަނީ. މާނައަކީ، އާއިލީ ބައްދަލުވުން ކަނޑާލަނީ، އާއިލާ އިން ޖަމާކުރާ ފައިސާ އިން އެ ތަނުން އެއްޗެހި ގަނެވޭ ގޮތަށް އޮންނަ އިނާޔަތް ވެސް ކަނޑާލަނީ."
ޖަލުގެ ކަންކަމާ ގުޅިގެން ކުރާ ތުހުމަތުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކުރެ އެވެ. އެ ތަނުން ކުރިން ބުނެފައި ވަނީ ޖަލުގައި ތިބޭ ގައިދީންނާ މެދު އަމަލު ކުރަމުން އަންނަނީ އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ކަމަށެވެ. ގައިދީންގެ ކަންކަން ގާތުން ބަލަމުން އަންނައިރު، އެ މީހުންނަށް ކާން ދެނީ އިންސާނުންނަށް އެންމެ އެކަށީގެންވާ އެއްޗެހި ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވެ އެވެ.
"ހުކުމް ކޮށްފައި ތިބޭ މީހުން ގޮޅިން ބޭރަށް ނެރެ، ކޯސްތައް ހިންގާ އެ ހަދަނީ. ކިހާ އަރާމު އެ މީހުން އުޅޭލެއް؟ އެހެންވީމަ ހުކުމް ކުރީމަ މާ ރަނގަޅެއްނު؟" އައިމިނަތު ބުންޏެވެ.
ހަފްތާއަކު އެއްފަހަރު އެއްގަޑިއިރުގެ އާއިލީ ބައްދަލުވުމެއް ލިބެން އޮތަސް، އެކަހެރިކޮށް ފިރިމީހާއާ ބައްދަލުކުރުމުގެ ފުރުސަތެއް މިހާތަނަށް ވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"އަނބިމީހާ އާއި ފިރިމީހާ ތިން ހަތަރު އަހަރު ވަންދެން ވަކިން ބައްދަލެއް ނުކުރެވޭ. އެއީ ހައްގެއް ނިގުޅައިގަތުން،" އައިމިނަތު ފާހަގަކުރި އެވެ.
"މި ފަހަކާ ޖެހެންދެން އޮތް ގެއިން ކާއެއްޗެހި ވެސް ގެންދެވޭ ގޮތަށް. އެކަމަކު އެއީ ވެސް ހުކުމްކޮށްފައި ތިބޭ މީހުންނަށް ލިބޭ އިނާޔަތެއް."
އަޑުއެހުންތައް ނިމުމަށް ފަހު ހުކުމް ނުކޮށް، ލަސްވާންޖެހޭ ސަބަބެއް ނެތް
އާންމުކޮށް ޖިނާއީ މައްސަލަތައް ލަސްވާ ލަސްވުމުގައި ކޯޓުތަކުން ފާހަގަކުރާ އެއް ސަބަބަކީ ހާޒިރުކުރަންޖެހޭ ހެކިންނާއި އެފަދަ މުހިންމު ފަރާތްތައް ހާޒިރު ނުކުރެވުމެވެ. އެކަމަކު ކޮންމެ މައްސަލައެއްގައި ވެސް އަޑުއެހުންތައް ނިންމާލާނީ އެ މައްސަލައެއްގައި ހާޒިރުކުރަން ކޯޓަށް ފެންނަ ހުރިހާ މީހުން ހާޒިރުކޮށް، އެ މީހުންގެ ބަސް ހޯދައި އަދި ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރުމަށް ފަހު އެވެ. އެހެންވީއިރު އަޑުއެހުންތަައް ނިންމާލުމަށް ފަހު އެތައް ދުވަހެއް ވަންދެން ފަނޑިޔާރުގެ މޭޒުކޮޅު މަތީގައި މައްސަލަައިގެ ފައިލް ބާއްވަންޖެހޭ ސަބަބެއް ނެތެވެ.
އެކަމަށް ދެން އޮންނާނެ އުޒުރަކީ އަޑުއެހުންތައް ނިމުމުން ހުކުމް ކުރުމުގެ ކުރިން އެ މައްސަލައެއް ދިރާސާކުރަން ފަނޑިޔާރަށް ވަގުތު ބޭނުން ވުމެވެ. ހުރިހާ ލިޔުންތަކެއް ދިރާސާކޮށް، ހުކުމް ތައްޔާރު ކުރަން ކޮންމެވެސް ވަރެއްގެ ވަގުތުތަކެއް ނަގާފާނެ އެވެ. އެކަމަކު ދެ ތިން އަހަރު ފާއިތު ވާއިރު ވެސް ދިރާސާކޮށް ނުނިމޭ ނަމަ އެއީ ގަބޫލުކުރަން ދަތި ވާހަކަ އެކެވެ. ބައެއް ބޮޑެތި މައްސަލަތައް ދިރާސާކޮށް، ހުކުމް އިއްވާލަން މަހެއްހާ ދުވަސް ހޭދަވާއިރު އެހެން މައްސަލަތައް ވެސް އެހާ މުއްދަތެއްގެ ތެރޭގައި ނިންމުމުގެ ގާބިލްކަން ކޯޓުތަކާއި ފަނޑިޔާރުންގެ ކިބައިގައި ނެތް ކަމަކަށް ނުބުނެވޭނެ އެވެ.
ގިނަ ދުވަސްވީ މައްސަލަތައް އެންމެ ގިނައީ ކްރިމިނަލް ކޯޓުގައި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެކަމުގައި އެ ކޯޓުގެ ޖަވާބަކީ ގިނަ ދުވަސްވެފައި ހުރި ހުރިހާ މައްސަލަތައް އަވަހަށް ނިންމަން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ.
"ވަކި ބޮޑެތި މައްސަލަތައް އެކަންޏެއް ނޫން. ގިނަ ދުވަސްވެފައި ހުރި ހުރިހާ މައްސަލަތައް އަވަހަށް ނިންމަން ޓާގެޓް ކަނޑައަޅައިގެން މި މަސައްކަތް ކުރަނީ. މިއަހަރު ވެސް ތިން ޓާމަކަށް ބަހާލައިގެން އެކަމަށް ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖިނާއީ އިޖްރައާތާ އެކު ހައްލެއް، އެކަމަކު ބަންދުގައި ތިބި މީހުންނަށް އޭގެ އުފަލެއް ނެތް
އަޑުއެހުންތައް ނިމި ހުކުމް ނުކޮށް ގިނަ ދުވަސް ވަންދެން ހޭދަވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އެކަމަށް ހައްލެއް ގެނެސްދީފައިވެ އެވެ. އެ ގާނޫނު ބުނާގޮތުން ޖިނާއީ މައްސަލައެއްގައި އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ. ވަކި ބާވަތެއްގެ މައްސަލައެއް އެކަމުން އިސްތިސްނާއެއް ނުވެއެވެ. އެކަމަކު ހިތާމައަކީ އެ ގާނޫނުގެ އެ މާއްދާއިން ލިބޭ "ފޮނި މީރު" ކަން، މިހާރު ހިނގަމުންދާ މައްސަލަތަކުގައި ހިމެނޭ މީހުންނަކަށް ނެތެވެ.
ސަބަބަކީ އާންމު އުސޫލުން ގާނޫނުތަކަކީ ކުރިއަށް ހިނގާ އެއްޗެއް ކަމަށް ވެފައި އަދި އެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، ކުރިން ވެ ނިމިފައި އޮތް ކަމަކަށް، އެ ގާނޫނެއްގެ އުސޫލު ނުހިނގާތީ އެވެ. އެހެންވެ، ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށިޔަސް، އަޑުއެހުންތައް ނިމި ކުރިން ކޯޓުތަކުގައި ޕާކްވެފައި ހުރި މައްސަލަތައް 30 ދުވަސް ތެރޭގައި ކޯޓުތަކަށް ނިންމަން ލާޒިމެއް ނުވާނެ އެވެ. އެހެންވެ، މިހާރު އަޑުއެހުންތައް ނިމި ތާށިވެފައި ހުރި މައްސަލަތަކަށް އެކަމުން ހައްލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް މައުސޫމް މީހެކެވެ. އެކަމަކު މުޖްތަމައަށް ލިބިދާނެ ގެއްލުމަކުން ދުރު ކުރުމަށްޓަކައި، ކުށް ސާބިތުވުމުގެ ކުރިން ވެސް ބައެއް މީހުން މީހުން ބަންދުގައި ބައިތިއްބަން އެބަޖެހެ އެވެ. އެހެނަސް އެއީ، އަޑުއެހުންތައް ނިމި، އެކަމަކު ހުކުމް ނުކޮށް އެތައް އަހަރެއް ހޭދަވާން ޖެހޭ ސަބަބެއް ނޫނެވެ. ހުކުމެއް ނައިސް، ވާނުވާ ނޭނގި ޖަލުގައި ތިބެން ޖެހުމަކީ ނަފްސާނީ ގޮތުން އެ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ލިބޭ އަނިޔާއެކެވެ. ހަމަ އެހެންމެ ކުށުގެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ވެސް އެ މީހުން ނުލިބި، ލަސްވުމެވެ.