ރިޕޯޓް / ރާއްޖެ-ސައުދީ

ސައޫދީ އެމްބަސީގެ ބަޔާނުން ފަހުމުވީ ކޮން އެއްޗެއް؟

ފ. ހިމިތީ: ސައޫދީ ސަރުކާރަށް ވިއްކާލަން އުޅެނީ މި ރަށާއި މި ރަށާ ގުޅިފައިވާ ފަޅު ކަމަށް ބައެއް ފަރާތްތަކުން ބުނޭ. ފޮޓޯ ގޫގްލް އާތު

ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނާ އެކު އާ ބަހުސެއް ފެށިއްޖެ އެވެ. އެއް ބަޔަކު އާ މައުލޫއެއް ނެގި އެވެ؛ ބައެއް މީހުން "އެހެންވިއްޔާ ރައީސް ޔާމީން އިތުރުފުޅު ހެއްދެވީ ނޫން ހެއްޔޭ؟" އޭ ބުންޏެވެ. އަނެއް ބަޔަކު ބުނަނީ ސައުދީ ސަރުކާރުން އޮޅުވާލަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ މި ހިސާބުން ސައުދީގެ "ޑީލް ފަނިވީ" ކަމަށެވެ. މިވީ ގޮތެއް ވަރަށް ރަނގަޅަށް ވިސްނި ބައެއް މީހުން ބުނަނީ، އެމްބަސީން އެ ބުނާ އެއްޗަކީ ސައުދީ "ސަރުކާރު"ން އިންވެސްޓް ނުކުރާ ވާހަކައޭ އެވެ. -- އެކަންވީ ބޮޑު އަރަތަކަށެވެ.

ސައޫދީގެ އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށެވެ. އިިންވެސްޓަރުންތަކެއް ނުވަތަ އެ ގައުމުގެ ޝާހީ އާއިލާގެ އިސް ބޭފުޅުންތަކެއް ފ. އަތޮޅުގައި މަޝްރޫއެއް ނުހިންގަވާނެ ވާހަކައެއް ބަޔާނަކު ނެތެވެ. ރާއްޖޭގެ ގިނަ މީޑިއާތަކުން ވެސް ދައްކަނީ ސައޫދީގެ ޝާހީ އާއިލާގެ އިސް ފަރާތްތަކަކުން ފ. އަތޮޅުގައި މަޝްރޫއެއް ހިންގަން އުޅޭ ވާހަކަ އެވެ. އެހެންވެ، ފ. އަތޮޅުގެ މަޝްރޫއު މުޅިން ހުއްޓުނީ ކަމަށް ނުވަތަ އެ ގައުމުގެ ޝާހީ އާއިލާގެ އިސް ބޭފުޅުންތަކެއްގެ ޝައުގުވެރިކަން އެ ހިސާބުން ނިމުނީ ކަމަށް ބުނަން އަދި މާ އަވަހެވެ.

ނަމަވެސް ފ. އަތޮޅުގައި މި އަހަރުގެ ޖެނުއަރީ 24 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެއީ "ސައޫދީ ސަރުކާރުގެ ފަރާތުން، ނޫނީވިއްޔާ ސައޫދީގައި އިސްކޮށް އެ ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން، ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް" ކަމަށެވެ. އަދި ސައޫދީން ވަރަށް ބޮޑު މަޝްރޫއެއް ފ. އަތޮޅަށް ރާވާފައިވާ ކަމަށް ރައީސް ޔާމީން އެ ދުވަހު ވިދާޅުވެފައި ވެ އެވެ.

"ހުރިހާ ޗާޓުތަކާއި، ހުރިހާ ކުރެހުންތަކެއް ވަނީ ނިންމާފައި،" ފ. މަގޫދޫގެ ބަނދަރާއި އެ ރަށުގައި އިމާރާތްކުރި މިސްކިތެއް ހުޅުއްވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

"އެހެންވީމާ، އަޅުގަނޑުމެން މިދިޔަ އަހަރު ވެސް އިންތިޒާރު ކުރަމުން ގެންދިޔައިން، އެ ބޮޑު ބިޔަ މަޝްރޫއު މި އަތޮޅުގައި ފެށޭތޯ. އަދި މިހާރު ވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ. އެ ބިޔަ ބޮޑު މަޝްރޫއު، އޭގެ ސަބަބުން އެތަކެއް ސަތޭކަ ވަޒީފާ އުފެދިގެން ގޮސް، މުޅި މި އަތޮޅަކީ، ހަމަ އެންމެ ތަނަވަސް އަތޮޅުކަމަށް ވުމުގެ ފުރުސަތު އޮތްވަރުގެ ވަރުގަދަ ބިޔަ މަޝްރޫއެއް."

ރައީސް ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ސައޫދީ އަށް ވަޑައިގަތުމުން، ‏އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމަށް ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައި ބޭއްވި ހަފްލާއަށް ރައީސް ޔާމިން ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ސައޫދީ ސަރުކާރުގެ ފަރާތްޕުޅުން ނުވަތަ އެ ގައުމުގައި މިހާރު އިސްކޮށް އެ ތިއްބެވި ބޭފުޅުންގެ ހާއްސަ ޝައުގުވެރިކަމެއް ފ. އަތޮޅަށް އޮތް ކަމަށް ރައީސް ޔާމީން ސީދާ ވިދާޅުވީ ވެސް، އިދިކޮޅު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސައޫދީ ސަރުކާރާއި ޝާހީ އާއިލާއާ އޮތް ގުޅުން ބޮޑުކަމުންނެވެ. އެއީ ވަކި ނުކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވަނީ ކަމަށް މާނަ ނެގިދާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ސައޫދީ އެމްބަސީން ބަޔާން ނެރުމަކީ، ފ. އަތޮޅުގެ މަޝްރޫއު މަޑުޖެހުން ނޫން ކަމަށެވެ.

"ސައޫދީ އެމްބަސީން އެ ބުނަނީ އެ ގައުމުގެ ސަރުކާރުން ރާއްޖޭގައި އިންވެސްޓް ކުރަން ނޫޅޭ ވާހަކަ. ރާއްޖެ އިން ބިމެއް ގަންނަން ނޫޅޭ ވާހަކަ. އޭގެ މާނައެއް ނޫން ސައޫދީގެ ބޭފުޅުންތަކެއް ފ. އަތޮޅުގެ މަޝްރޫއު ނުހިންގާނެއެކޭ. ސައޫދީގެ ރަސްގެފާނު ރާއްޖޭގައި އިންވެސްޓް ނުކުރައްވާނެ ކަމަކަށް އަދިއެއް ނުބުނެވޭނެ. އެ މަޝްރޫއު މި ހިސާބުން ހުއްޓުނީއެކޭ ނުބުނެވޭނެ. އެހެންވީމާ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަދިވެސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ފ. އަތޮޅުގެ މަޝްރޫއާ ބެހޭ ގޮތުން އެންމެ ފަހުން ވާހަކަފުޅު ދެއްކެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ މިހާތަނަށް އެ މަޝްރޫއާ ގުޅޭ ގޮތުން އެންމެ ތަފުސީލުކޮށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި ފަހަރެވެ. ރައީސް ޔާމީން އެ ދުވަހު ހާމަކުރެއްވި އެންމެ ބޮޑު މައުލޫމާތަކީ ފ. އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމެވެ.

ވެރިކަންކުރާ ޕީޕީއެމުން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ހަފުލާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ރައީސް އެ ދުވަހު ވިދާޅުވީ ފ. އަތޮޅުގައި ހިންގާނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށް.---މިހާރު ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގައި އެއް އެސްޓިމޭޓަކަށް ގާތްގަނޑަކަށް 10 ހާސް މިލިއަން ނުވަތަ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ،" ފ. އަތޮޅުގެ މަޝްރޫއުގެ ވާހަކަ ސަރުކާރުން ހާމަނުކުރާތީ، މީޑިއާގައި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އެކަމަކު މި މަޝްރޫއުގެ ވާހަކަ މި ވަގުތު ހާމަކުރައްވަން އެމަނިކުފާނު ދެކޮޅު ހައްދަވަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެ މައުލޫމާތު ހާމަކުރައްވާނީ މަޝްވަރާތައް ނިމި އެ ހިސާބަށް ދިއުމުން ކަމަށެވެ.

ފ. އަތޮޅުގެ މަޝްރޫއެއް ނުހުއްޓޭ

މި މަޝްރޫއުގެ ކަންތައްތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ އެވެ. އެހެންވެ މަޝްރޫއުގެ "ހުރިހާ ފަރާތެއް" އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު މަޝްރޫއުގެ މަޝްވަރާތައް އަދިވެސް ކުރިއަށް ދާތީ، އެއާ ގުޅޭ ތަފުސީލަކަށް ވަޑައިގަންނަވަން ޝައިނީ ބޭނުމެއް ނުވެ އެވެ.

މިނސްޓަރު ވިދާޅުވާ ގޮތުގައި ސައޫދީގެ ބަޔާނުގައި އާ ވާހަކަތަކެއް ނެތެވެ. ސައޫދީ ސަރުކާރުން ރާއްޖޭގައި އިންވެސްޓް ކުރަން އުޅޭ ވާހަކަތަކެއް ދިވެހި ސަރުކާރަކުން އެއްއިރަކު ވެސް ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ސައޫދީގެ ރަސްގެފާނު ރާއްޖޭގެ އެއްވެސް ތަނެއް ބައްލަވައިގަންނަވަން ނުވަތަ އިންވެސްޓެއް ކުރައްވަން އުޅުއްވާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް. ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. އޭގެ ތެރޭގައި ސައޫދީގެ އިންވެސްޓަރުން ވެސް އުޅުއްވަފާނެ. އެ ނެގޯޝިއޭޝަންގެ ތެރޭގައި މިއުޅެނީ،" ޝައިނީ "މިހާރު" އަށް އިއްޔެ ވިދާޅުވި އެވެ.

ސައޫދީގެ އިންވެސްޓަރުންގެ ތެރޭގައި އެ ގައުމުގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ހިމެނޭތޯ ދެންނެވުމުން ޝައިނީ ސީދާ އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ، ސައޫދީގެ އެކިއެކި އިންވެސްޓަރުންނާ ވެސް މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

މިނިސްޓަރު ޝައިނީ: ފ. އަތޮޅުގައި ބިޔަ މަޝްރޫއެއް ހިންގުމަށް ގިނަ އިންވެސްޓަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

"އެހެންވީމާ އަޅުގަނޑުމެންނަށް އަދި ސީދާ އަގެއް ވެސް ނުދެންނެވިގެން މިއުޅެނީ. ގުރޫޕް އޮފް އިންވެސްޓާސް މިއުޅެނީ. އެ ޕްރޮޖެކްޓްތައް ވަޔަބްލް ވެ، ހުރިހާ ކަމެއް ނިމުނީމާ އެކަންކަން ހާމަކުރެވޭ ހިސާބަށް ދާނީ. އަޅުގަނޑުމެންނަކީ ރައީސް ނަޝީދު ސަރުކާރު ހިންގެވި ގޮތަށް ކަންތައް ކުރަން އުޅޭ ބައެއް ނޫން. ރައީސް ނަޝީދުގެ ސަރުކާރުގައި ކިތައް އެމްއޯޔޫއެއްގައިތޯ ސޮއިކުރެއްވީ؟ ކިތައް މަޝްރޫއުތޯ ކާމިޔާބުވީ؟،" ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް މައުލޫމާތުތަކެއް ހާމަކުރާނީ ހުރިހާ މަޝްވަރާއެއް ނިމި، އެކަމެއް ފެށޭ ހިސާބަށް ދިއުމުން. އަޅުގަނޑުމެން ދޭނެ ޔަގީން ކަމަކީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނެކަން."

ޝައިނީ ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި މަޝްރޫއު ހިންގާނީ ގާނޫނުއަސާސީގައި ވާ ގޮތުގެ މަތިން، އެ ޕްރޮޖެކްޓަކާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ. އެ ޕްރޮޖެކްޓަކާ ބެހޭ ހުރިހާ މައުލޫމާތެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައި، އެކަމާ ގުޅޭ ގޮތުން މަޖިލިހުގައި ބަހުސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅުގައި މި އަހަރުގެ ޖެނުއަރީ 24 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެއީ "ސައޫދީ ސަރުކާރުގެ ފަރާތުން، ނޫނީވިއްޔާ ސައޫދީގައި އިސްކޮށް އެ ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން، ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް" ކަމަށެވެ.

"އެންމެ ޕްރޮޖެކްޓެއް ނޫން. އެތައް ޕްރޮޖެކްޓެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ޕްރޮޖެކްޓާ ބެހޭ ހުރިހާ މައުލޫމާތެއް މަޖިލިހަށް ދީ، ގާނޫނެއްގެ ތެރެއިން އެކަން ކޮށް، ބަހުސް ކޮށްގެން މިކަން ކުރަން އުޅެނީ. މިއީ ގަވައިދާ ހިލާފު ކަންތައްތަކެއް ނޫން. މިގޮތަށް މަޝްރޫއުތައް ދޭން ގާނޫނެއް އެ އޮތީ ފާސްކޮށްފައި،" ބިން މިލްކު ކުރުމާ ބެހޭ ގާނޫނަށް އިޝާރާތް ކުރައްވައި ޝައިނީ ވިދާޅުވި އެވެ.

ފ. އަތޮޅުގެ މަޝްރޫއާ ސައޫދީއާ އޮތް ގުޅުން ސަރުކާރުގެ އެކި ބޭފުޅުން ހާމަކުރައްވަނީ އެކި މިންވަރަށެވެ. ބައެއް ފަހަރު ބައެއް ބޭފުޅުން މި މަޝްރޫއާ ސައޫދީއާ ވަރަށް ބޮޑަށް ދުރު ވެސް ކުރައްވަ އެވެ. ރައީސް ޔާމީން އަދި ސަރުކާރުގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު، މި ހުރިހާ ކަމެއް ގުޅެނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުން އޮތް މިންވަރެއްގެ މައްޗަށެވެ.

ރައީސް ޔާމީން މަގޫދޫގައި ވެސް އެ ވާހަކަ އެގޮތަށް ވިދާޅުވެފައި ވެ އެވެ. އެމަނިކުފާނު ފާހަގަކުރައްވާފައިވާ ގޮތުގައި ސައޫދީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފަށައި މިދިޔަ އަހަރު ވެސް ނިންމާލީ "ރާއްޖޭގައި އޮތް ހަލަބޮލިކަމާއި ރާއްޖޭގެ އެކި ހިސާބުން، އެކި ދިމާގައި، ފަތުރަމުންދާ އަޑާ ހެދި" އެވެ. އެކަމަކު އޭރު އަދި މި ދުވަސްވަރާ ކައިރި ކުރާ ވަރަށް ވެސް "މި އަޑުތަކެއް" ނެތެވެ.

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގުމަށް، ނައިބު ރައީސްގެ މަގާމުގައި އަހުމަދު އަދީބު ހުންނެވި ދުވަސްވަރު އެމްއޯޔޫއެއްގައި ސޮއިކުރެއްވި ކަމަށް، އޭރު އިކޮނޮމިކް ކައުންސިލްގައި ހުންނެވި މި ސަރުކާރުގެ ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެކި ފޯރަމްތަކުގައި ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވީ އޭގައި ސޮއިކުރެއްވިކަމާއި އެމްއޯޔޫގައި ހުރި ވާހަކަތައް އެނގިވަޑައިގަންނަވާނީ އިކޮނޮމިކް ކައުންސިލްގެ މަދު ބޭފުޅުންތަކަކަށް ކަމަށެވެ.

ސައޫދީގެ ރަސްގެފާނު ރާއްޖޭގެ އެއްވެސް ތަނެއް ބައްލަވައިގަންނަވަން ނުވަތަ އިންވެސްޓެއް ކުރައްވަން އުޅުއްވާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް. ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. އޭގެ ތެރޭގައި ސައޫދީގެ އިންވެސްޓަރުން ވެސް އުޅުއްވަފާނެ. އެ ނެގޯޝިއޭޝަންގެ ތެރޭގައި މިއުޅެނީ: ޝައިނީ

އެކަމަކު ޝައިނީ އެ ވާހަކަތައް ދޮގުކުރެއްވި އެވެ.

"އޭގައި އޮތް އެއްޗެއް މަލީހް ވިދާޅުވެ ދެއްވާ އަޅުގަނޑުމެންނަށް. މަލީހް އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަލީހް (ކ-2): ފ. އަތޮޅުގެ މަޝްރޫއުގައި ސައޫދީއާ އެކު ރާއްޖެ އިން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވޭ. އެކަމަކު މިނިސްޓަރު ޝައިނީ އެކަން ދޮގުކުރައްވާ.---ފައިލް ފޮޓޯ: އެމްޑީޕީ

ނަމަވެސް މަލީހް ވިދާޅުވީ އޭނާ އެ ވާހަކަ ދައްކަވަނީ އެއީ ހިނގާފައި އޮތް ކަމެއްކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށެވެ.

"ޝައިނީ އަށް އެނގޭނެ ޝައިނީ އެ ހަދަނީ ދޮގުކަން. ދިވެހި ރައްޔިތުންނަށް އެނގޭނެ މި ސަރުކާރުން ހަދަނީ ދޮގުކަން ނުވަތަ ތެދުކަން،" މަލީހް ވިދާޅުވި އެވެ.

ފ. އަތޮޅުގެ މަޝްރޫއާ އެކު ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޔާމީން ވަނީ ދެއްވައިފަ އެވެ. ނަމަވެސް މި މަޝްރޫއު މިއަދު ރާއްޖޭގެ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، ސަރުކާރު ދެކެނީ އެއީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ތަރައްގީ ހުއްޓުވަން ކުރާ މަސައްކަތެއް ކަމަށެވެ. ރަނގަޅު މައުލޫމާތު ނެތި، ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި އެ ގައުމާ ދެކޮޅަށް ވާހަކަތައް ދެއްކުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

"2013 ގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަައިގެންނެވިއިރު، ގައުމުގެ އިގުތިސޯދު އޮތް ވަރު ބައްލަވާލައްވާ. ޑޮލަރު ހޯދުމަށް ބޮޑު ކިއޫއެއް އޮތް. ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ނުފޮނުވިގެން ކިތައް އާއިލާތޯ ހާލުގައި އުޅުނީ؟ މިއަދު އެ ހުރިހާ ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ހައްލުކުރީމާ، އޭރުގެ ކަންތައް ބައެއް މީހުން ހަނދާން ނެތުނީ ކަމަށް ވެދާނެ. ހަމަ އެގޮތަށް ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ރައީސް ޔާމީން އުޅުއްވަނީ. އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވެގެން މި ހުރިހާ ކަމެއް މިކުރަނީ،" ޝައިނީ ވިދާޅުވި އެވެ.

ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅޭ މަޝްރޫއަށް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު މިވަނީ ހުއްޓިފަ އެވެ. ބައިނަލްއަގްވާމީ އެކި މީޑިއާތަކުގެ ސުރުޚީތަކަށް ވަނީ އަރައިފަ އެވެ. ސައޫދީ އެމްބަސީން ބަޔާން ނެރުނީ އެ ގައުމުގެ ސަރުކާރުގެ އަތެއް މި ކަމުގައި ނެތް ކަމަށް ދައްކަން ކަމުގައި ވާ ނަމަ، އެކަން ވަރަށް ބޮޑަށް ސާފެވެ. ނަމަވެސް މި މަޝްރޫއު ސައޫދީ ސަރުކާރު ނުވަތަ އެ ގައުމުގެ އިސްބޭފުޅުންނާ ނުގުޅުވޭނެ ގޮތަށް ކަންތައް މިހާތަނަށް ގޮސްފައެއް ނެތެވެ.

115 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓޮމާޓޯ ޓޮމޭޓޯ

13 March 2017

ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުން ނޫނީ އެގައުމުގެ ކުންފުންޏަކުން ގަންނާނީ. މިއީ ބަޔަކު ބަޔާނެއް ނުނެރުނަސް އެނގޭވަރު ކަމެއް. ބަޔާން ނެރުނީވެސް އިތުރަށް މީހުން އޮޅުވާލަން. ދިވެހިންނަކީ އެވަރު ގަމާރު ބައެއް ކަމަށް ހީކޮށް.

The name is already taken The name is available. Register?

އަބްދުއްލާ އަލީ

13 March 2017

99 ކުރިން ތަން އަތުލާނަމަ ހިއްކި ބިމަށް ފައިސާ ދޭންޖެހޭ 99 އަހަރު ވުމުން ހިއްކި ބިމުގެ އެއްވެސް % އެއް ހިއްކިފަރާތަށް މިލްކުވެގެން ނުވޭ .ފައިސާއެއްވެސް ދޭކަށް ނުޖެހޭ .ކުރި އިންވެސްޓްމަންޓަކީ ދިވެހި ދަވްލަތުގެ މިލްކު. ދިވެހި ރައްޔަިތަކަށް ވެގެން ނޫނީ ދިވެރާއްޖޭގެ ބިމެއް އެއްވެސް ފަރާތަކަށް ރަޖިސްޓަރީ އެއް ނުކުރެވޭ. ދިވެހި ރައއޔިތަކަށް ވެވެނީ ވަކިމުއްދަތެއްވަންދެން މެދު ނުކެނޑިރާއްޖޭގަ ދިރިއުޅެގެން ، ދިވެހމަޔަކާ ދިވެހި ބަފަޔަކަށް ލިބޭކޮންމެ ކުއްޖަކީ ދިވެހި ރައްޔިތެއް. ދިވެހިރާއްޖޭގަ އިންވެސްޓް ކުރާ ކުންފުނިން ކުރެވޭ އިންވެސްޓް ވަކިމުއްދަތެއް ގާނޫނު ބުނާ އިންވެސްޓް ގެ މުއްދަތު ހަމަވަންދެން އެކުންފުނީގެ މިލްކެއްގެ ގޮތުގާ ކޯޓްގާރަޖިސްޓަރީކުރެވޭ. އެ މުއްދަތުގެ ތެރޭ އެކުންފުނީގެ ހިއްސާއެކުންފުނިން ބޭނުންވާ ފަރާތަކަށް ވިއްކާލެވޭ. ރާއްޖޭގެ ރިސޯޓް ހަދަން ހޯދި ރަށްތަކުގާ ރެސޯޓް ހަދާފައާ ނަހަދާ ކިތައްރަށް ވިއްކާލާފަ އެބައޮތްބާ ؟

The name is already taken The name is available. Register?

ތުއްޕުޅު

13 March 2017

10 ބިލިޔަން ޑޮލަރުން ދިވެހިންނަށް 100 އެއްހާ ވަޒީފާ؟

The name is already taken The name is available. Register?

ކޮކުސް

12 March 2017

މާލޭ މީހުން ވަރައް ކަންބޮޑުވާނެ ރާއްޖެތެރެ ތަރައްގީ ވަންޏާ.

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

12 March 2017

ވާނުވާއެއް ނޭނެގެ. ނުވެސް އިނގޭނެކަންނޭގެ.

The name is already taken The name is available. Register?

ޔާސް

12 March 2017

އަހަރެން ހަމަ ހުވާ މިބުނީ ސަރުކާރުން ފ. އަތޮޅަށް އިންވެސްޓަރުން ގެންނާކަށް އެއްވެސް ނުރުހުމެއް ނެތް އެކަމަކު ފ. އަތޮޅުގައި ކުރަން އުޅޭ ކަމެއްގެ ކޮންމެވެސް ކަހަލަ ތަސައްވަރެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ރައީސްގެ އަރިހުން އެދެން. މިހާރު ޗާޓުތަކާ އެއްޗެހި ކުރަހާ ނިންމާފަ ހުރިއްޔާ ކޮންމެވެސް އެއްޗެއް ބުނެދެން ގައިމު އިނގޭނެ. އަދި ގެންނަން އުޅޭ އިންވެސްޓްމަންޓު ތަކުގައި ގޯހެއް ނެތިއްޔާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކިތަންމެ ހޯހޯއެއް ކިޔަސް އެމީހުން ފަހަތުގަ ތިބޭނެ ރައްޔިތުންނެއް ނުހުންނާނެ. މީ މަގޭ ހަމަ ބުއްދިއަށް ގަބޫލުކުރެވޭ ގޮތަކީ.

The name is already taken The name is available. Register?

ތިބެބަލަ

12 March 2017

ފާފު އަތޮޅުގައި ސައުދީން ކުރަން އުޅޭ އިންވެސްޓްމަންޓްގެ އެއްވެސް ތަފްސީލެއް ނުޖެހޭނެ ރައްޔިތުންނާއި ހަމައަށް ގެނެސްދޭން. މާލޭގެ ދެކުނުން އޮތް އެނބޫދޫ ފަޅު ހިއްކާ އެ ތަނުގައި ރިސޯރޓް ފީންނެއް ހަދަން ސަރުކާރުން ހަވާލު ކުރުމުން މާލޭ މީހުން އެކަމާއި މޭ ކަރައިގެން ކަން ބޮޑު ވެގެން ނޫޅެއެވެ. ދެން ފާފު އަތޮޅުގައި ސައުދީން އިންވެސްޓް ކުރާތީވެ ރަށްފުށު މީހުން އެމައުލޫމާތު ހޯދަން ނުޖެހޭނެއެވެ. އެއީ ތަމެންނާއި ބެހޭ ކަމެއް ނޫނެވެ. ރައްޔިތުން ވެރިކަން ހަވާލު ކުރީ ޕީޕީއެމް އާއި އެވެ. އެއީ އެމްޑީޕީ އާއި ނޫނެވެ. އެމްޑީޕީ އަށް ކުޑާ ކޮށް ސަައިޒު އޮޅިގެން އުޅޭހެން ހާދަ ހީވެއޭ ދޯ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

12 March 2017

ޔާސް، ގެންނަން އުޅޭ އިންވެސްޓްމަންޓް ގޯހެއް ނުވާނެ، ވަރަށް ބިޔަވެފަ ބޮޑު ވާނެ، ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހައްތަހާވެސް، ހަމަ އެކަނި މައްސަލައަކަށް ވެގެން މިއުޅެނީ އިންވެސްޓް ކުރާ ފަރާތްތަކަށް ރާއްޖޭގެ ބިންތައް މިލްކުވާތީވެ، ޔާސް މިކަން މިހެން އޮތިއްޔާ ކިހިނެއް ހަދާނީ!؟

The name is already taken The name is available. Register?

ސައުދު

12 March 2017

ސައުދީ ޝާހީ އާއިލާ/ސަރުކާރު/އަރަމްކޯ...........އަކުރާއި ބަސްތަކާއި ފިލިކޯޅި ތަފާތު ވުމަކުން އަސްލު ނޯޅޭނެ. ފާފު އަތޮޅު ދަަމައިގަންނަން މަސަތްކަތް އެކުރަނީ. މާތްވެގެންވާ ގެފުޅާއި މަސްޖިދުއް ނަބަވީ އެބިމުގައި ވިކަމަކު އެތާ އުޅޭ މީހުން މާތްވާ ގޮތެއް ފަހެ އޮވޭބާ. އެބިމުގައި ވިޔަސް މިޖަޒީރާ ތަކުގައި އުޅުނަސް އެމީހަކު ކުރި ހެޔޮ ކަމަކައް ނޫނީ ޖަޒާއެއް ނެތް. ކީރިތި ގުރުއާނުގައި އަބޫ ޖަހުލުގެ ވާހަކަ ވަރައް ސަރީހަ ކޮށް ބަޔާން ކުރައްވާފައި އޮތުމަކީ މިކަމައް އޮތް ވަރައް ފުރިހަމަ ދަލީލެއް.

The name is already taken The name is available. Register?

މުހަންމަދު

12 March 2017

އަޅުގަނޑަށް ފަހުމް ވަނީ ކަދުރާ ބެހޭގޮތުން ނެރުން ބަޔާން އާ އެއްފަދަ ކަމަކަށް

The name is already taken The name is available. Register?

ދިވެހި ސޮރު

12 March 2017

ގިނަ ދިވެހިން ވަރަށް ދެރަވޭހެން ހީވަނީ ރާއްޖެ ތަރައްގީ ވެދާނެތީ...

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

12 March 2017

ދިވެހި ސޮރާ، މައުޟޫ އޮޅުވާ ނުލައްވާ، ރާއްޖެ ތަރައްޤީ ވެދާނެތީ ދެރައެއް ނުވެޔޭ، ދެރަވަނީ ރާއްޖޭގެ ބިންބިމާ ފަޅާ ގިރިއާ ހާހަލާ ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ތަރައްޤީވާތީއޭ، ތަރައްޤީ ވެއްޖެއްޔާ ދިވެހި ސޮރަށް ވަރިހަމަތޯ، ފައްޓަރުބައި ވިއްކާލައިގެންވިއަސް، ހެޔޮނުވާނެ ތިޔަ ވިސްނުން ބަދަލުކޮށްބަލަ.

The name is already taken The name is available. Register?

ދަލޭކަ

12 March 2017

އަހަރެންގެ ވަރަށް ބޮޑު ސުވާލެއް އެބައޮތް ދިވެހި ސިފައިންނަށް. މިލިޓަރީ ނަޒަރަކުން ފާފު ޕްރޮޖެކްޓް މިހާރު އެކިޔާގޮތަށް ހިންގުން އެއީ ހެޔޮވާވަރު ކަމެއްތޯ ނުވަތަ ނޫންތޯ؟ އާއެކޭވިޔަސް ނޫނެކޭވިއަސް ސަބަބަކީ ކޮބައިތޯ؟ މީ ޓެސްޓް ސުވާލެއްކަމަށް ބަލައިގެން ހުރިހާކުދިން ރަގަޅަށް ޖަވާބު ލިޔެ އަންގާލަ ދީބަލަ. އަޅެ ހެޔޮނުވާނެ. މާތްކަލާ ކޮށްޓަކާ

The name is already taken The name is available. Register?

ވާނެގޮތް

12 March 2017

މިލިޓަރީ ނަޒަރުން ބަލާއިރު ސައުދީ ގައި ފާފު އަތޮޅުން އިންވެސްޓް ކޮށްފިނަމަ އިނގިރޭސިން ނާއި އަދި އިންޑިއާ އިން ޖެހޭނީ މަހަށް ދާން އެވެ. އެއީ ވާނެ ގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454