ވާހަކަ ނުދެއްކޭ ވަރަށް ޒާތީ މިނިވަންކަން ހިފެހެއްޓިދާނެތަ؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ މިހާރު ކުށެއްގެ ތުހުމަތުގައި ޝަރީއަތަށް ހާޒިރުކުރާ ބޭފުޅެކެވެ. މި ވެއަތުވެ ދިޔަ ވިއްސަކަށް ދުވަހު ގާސިމް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. އެހެންކަމުން އޭނާ މިނިވަންކޮށް ދޫކޮށްލާ ނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އަށް ރިއާޔަތް ކުރަން ޖެހެ އެވެ.


މި މާއްދާގައި ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު މިނިވަންކޮށް ދޫކޮށްލާ ނަމަ، ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓަށް ބޭނުންވާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވާނޭ ކަން ކަށަވަރު ކުރުމަށް އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ އެވެ. އެހެންކަމުން ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަ މީހަކު ދޫކޮށްލާ ހާލަތުގައި، ޝަރުތުތަކެއް ކަނޑައެޅޭނީ ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި އެ މީހަކު ކޯޓަށް ހާޒިރުވާނެ ކަން ކަށަވަރު ކުރުމަށްޓަކައި ކަން މި މާއްދާ އިން އެނގެ އެވެ.

ގާސިމް އިބްރާހީމް މިނިވަންކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅި އިރު އޭނާ އަށް މައިގަނޑު އަށް ކަމެއް ޝަރުތު ކުރި އެވެ. އެއީ (1) ތަހުގީގަށް އެއްބާރުލުން ދެއްވުން، (2) ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުން، (3) ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުން، (4) ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން، (5) ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުން، (6) ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުން، (7) އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުން އަދި (8) ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.

ކްރިމިނަލް ކޯޓުން ގާސިމް އިއްޔެ މިނިވަން ކުރުމުން އޭނާގެ ގެ މާފަންނުވިލާ ދޮރުމަތީގައި މަޑުކޮށްލައްވައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސުވާލަކީ މި އަށް ޝަރުތުގެ ތެރޭގައި، ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އޭނާ ކޯޓަށް ހާޒިރުވާނެ ކަން ކަށަވަރު ކުރެވޭނެ އެއްވެސް ކަމެއް ހިމެނޭ ހެއްޔެވެ؟ ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ދޫކޮށްލާ ހާލަތުގައި ފުރިހަމަ ކުރުމަށް ގާނޫނުއަސާސީގެ 49 މާއްދާ ލާޒިމް ކުރާ އެއްވެސް ކަމެއް މި ޝަރުތުތަކުން ފުރިހަމަވޭ ހެއްޔެވެ؟

އެ މާއްދާގައި ބުނެފައިވާ އިޖުރާއާތު ފުރިހަމަ ކުރުމަށްޓަކައި ކޯޓުތަކުން އަމަލު ކުރަމުން އަންނަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު" އަށެވެ.

މި ގަވާއިދުގެ ހަތް ވަނަ މާއްދާ އާއި އަށް ވަނަ މާއްދާ އަށް ރިއާޔަތް ކުރުމުން އެނގެނީ، ގާސިމް ބަންދުކޮށްފައި ހުއްޓައި އޭނާ ދޫކޮށްލަން ކޯޓުން ނިންމީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވަން މަސައްކަތް ކުރާނެ ކަމަށް ނުފެންނާތީ އެވެ. އަދި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން މަސައްކަތް ކުރާނެ ކަމަށް ނުފެންނާތީ އާއި ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ނުފެންނާތީ އާއި ފިލައިފާނެ ކަމުގެ އިހްތިމާލެއް ނެތުމުންނާއި އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓަށް ނުފެންނާތީ އެވެ.

މި ހާލަތުގައި މީހަކު ބަންދުން ދޫކޮށްލެވޭނީ މައިގަނޑު ތިން ގޮތަކުންނެވެ. އެއް ގޮތަކީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލުމެވެ. ދެ ވަނަ ގޮތަކީ ކަފާލާތުގެ އުސޫލުން އޭނާގެ މައްޗަށް އެހެން މީހަކު ޖާމިނުވުމެވެ. ތިން ވަނަ ގޮތަކީ ތަހުގީގަށާއި ކޯޓަށް ނުފިލާނެ ކަމުގެ އިތުބާރެއްގެ ގޮތުން، ފަނޑިޔާރު ކަނޑައަޅާ ވަކި އަދަދަކަށް ކޯޓުގައި (ކަފާލާތުގެ) ފައިސާ ބެހެއްޓުމެވެ.

ގާސިމް ދޫކޮށްލާފައިވަނީ މީގެ ތެރެއިން ފުރަތަމަ އިޖުރާއާތުގެ ދަށުންނެވެ. އެއީ ޝަރުތުތަކަކާ އެކު މިނިވަންކުރުމެވެ. މި ގަވާއިދުގައިވާ ގޮތުން، ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ކުރިމަތި ކުރެވޭނީ ހަތަރު ޝަރުތެކެވެ. އެއީ (1) ރަށުން ބޭރަށް ފުރައިގެން ނުދިޔުން، (2) ރަށުގެ ވަކި ސަރަހައްދަކަށް ނުދިޔުން، (3) ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެ ސޮއިކުރުން އަދި (4) އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، ކަނޑައެޅޭ ވަކި އިދާރާއަކަށް އެންގުމެވެ.

ގާސިމް ބަންދުން ވީއްލުމަށް ކުރި އަށް ޝަރުތުގެ ތެރޭގައި ހިމެނެނީ މީގެ ތެރެއިން އެންމެ ފުރަތަމަ އޮތް ޝަރުތު އެކަންޏެވެ. ސުވާލަކީ، ބަންދުގައި ހުރި މީހަކު މިނިވަންކުރާ އިރު، މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފިޔަވައި އެހެން ޝަރުތެއް ކުރެވިދާނެ ހެއްޔެވެ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުމަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާސިމްގެ ސަޕޯޓަރުން އެ ކޯޓުގެ ބޭރުގައި އިހުތިޖާޖު ކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ސުވާލުގެ ޖަވާބު ލިބޭ އެއް ގަޒިއްޔާ އަކީ، 30 ދުވަސް ވަންދެން، ހަތަރު މީހުންނަށް ވުރެ ގިނަ މީހުންނާ އެކު މަގުމަތީގައި ނޫޅުމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޚްލޫފްގެ މައްޗަށް ޖިނާއީ ކޯޓުން ޝަރުތުކުރުމާ ގުޅިގެން އޭނާ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމި ގަޒިއްޔާ އެވެ.

މި ގަޒިއްޔާގައި އެނގޭ އެއް ކަމަކީ، ބަންދުގައި ހުރި މީހަކު މިނިވަންކުރާ އިރު، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ޝަރުތު ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިދެވިފައިވަނީ، ހަމައެކަނި ކޯޓަށް ހާޒިރުވާނެ ކަން ކަށަވަރު ކުރުމުގެ ބޭނުމުގަ އެވެ. ދެ ވަނަ ކަމަކީ ބަންދުގައި ހުރި މީހަކު ދޫކުރާ އިރު ކުރެވޭނެ ޝަރުތުތައް، "ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެވެ.

މި ގަޒިއްޔާ އިން އެނގޭ ތިން ވަނަ ކަމަކީ، ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން މުޅިން ހިފެހެއްޓޭ ފަދަ ގޮތަކަށް ކޯޓުތަކަށް ޝަރުތު ނުކުރެވޭނެ ކަމަށް ދައުލަތުން (ޕީޖީ އޮފީހުން) ވެސް ދެކޭ ކަމެވެ. އަދި ހަތަރު ވަނަ ކަމަކީ، ކޯޓުން ޝަރުތެއް ކުރާ ނަމަ ކުރެވޭނީ، މި ދެންނެވި ގަވާއިދުގައި ބުނާ ފަދަ ޝަރުތެއް ނުވަތަ އެ މީހަކު ކޯޓަށް ހާޒިރުވުން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭ ޝަރުތެއް ކަމަށް ދައުލަތުން ދެކޭ ކަމެވެ. އަދި ފަސް ވަނަ ކަމަކީ، މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފިޔަވައި އެހެން ޝަރުތުތައް ބެލެވޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ޝަރުތެއް ކަމަށް ވެސް ދައުލަތުން ދެކޭ ކަމެވެ.

މި ގަޒިއްޔާ އިން އެނގޭ ހަ ވަނަ ކަމަކީ، ބަންދުގައި ހުރި މީހަކު ޝަރުތަކާ އެކު ނުވަތަ ޝަރުތަކާ ނުލައި ވިޔަސް ބަންދުން ދޫކޮށްލެވޭނީ ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމާއި، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމާއި ކޯޓަށް ހާޒިރު ނުވެދާނެ ކަމާއި ފިލައިފާނެ ކަމާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުން ފަދަ އެއްވެސް ސަބަބެއް ވުޖޫދުގައި ނެތް ހާލަތުގައި އެކަނި ކަމެވެ.

އެހެންކަމުން ބަންދުގައި ހުރި މީހަކު ދޫކޮށްލާއިރު، ކޯޓަށް ހާޒިރުވާނެ ކަން ކަށަވަރު ކުރުމުގެ ގޮތުން މެނުވީ ޝަރުތެއް ކަނޑަނޭޅޭނެ ކަމަށާއި، އެކަން ކަށަވަރު ކުރުމުގެ ގޮތުން ވެސް ކަނޑައެޅޭނީ، "ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ ނުވަ ވަނަ މާއްދާގައި ބުނާ ޝަރުތުތައް ކަން ވެސް ހައި ކޯޓުގެ މި ގަޒިއްޔާގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ނޫން ޝަރުތެއް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކަނޑައަޅާ ޝަރުތެއް ކަމަށް ވެސް މި ގަޒިއްޔާގައި ވަނީ ކަނޑައަޅައިފަ އެވެ.

ހައި ކޯޓުގެ މި ގަޒިއްޔާ އިން ކަނޑައަޅާފައިވާ ހުކުމް، މިހާތަނަށް ވެސް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ނުވާއިރު، މި ގަޒިއްޔާ އިން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާ ޝަރުއީ އަދި ގާނޫނީ މަބާދިއުތައް ދަށު ކޯޓުތަކުން ދަމަހައްޓަންވާނެ އެވެ.

ގާސިމް ހައްޔަރުކުރި މައްސަލައެއްގައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ގަޒިއްޔާއެއްގައި ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މަބާދިއުތަކަށް ބަލާއިރު، އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގައިލެވޭ އިންސާނީ ހައްގެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީޓްރައިލް ޑިޓެންޝަން) އެވެ.

އަދި ގާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ގާނޫނުއަސާސީ ހުއްދަކުރާ އިންތަކުގެ ތެރޭގައި ބޭނުންކުރުމާ ޚިލާފަށް ދެވޭ އަދަބަކީ ނުވަތަ ކުރެވޭ ހުކުމަކީ ގާނޫނުއަސާސީއާ ޚިލާފު އަދަބަކަށް ނުވަތަ ހުކުމަކަށް ވާނެކަމާއި އެފަދަ ޣައިރު ގާނޫނީ ކަމަކަށްޓަކައި މިނިވަންކަމެއް ނިގުޅައިގަތުމަކީ ފާޅުކަން ބޮޑު ގޮތުގައި ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އެކަން ހުއްދަވާނެ ކަމުގެ ހުއްޖަތެއް (ޖަސްޓިފިކޭޝަނެއް) ދެއްކުން އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އެފަދަ ހާލަތުގައި މިނިވަންކަން ހިފެހެއްޓުން ވާނީ އަނިޔާވެރި ގޮތުގައި މިނިވަންކަން ހިފެހެއްޓުމެއް ކަމުގައި ވެސް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި ބުނެފައިވެ އެވެ.

ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީގެ 21 ވަނަ މާއްދާ އިން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަދާފައިވާ ގާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެން ނުވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ކުނޫޒުގައި ކުރިން އޮތް ޖަލްސާއެއްގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއާމަލާތްތަކާ ގުޅޭ ގޮތުން އޮންނަ ފިގުހީ ގާއިދާއަކީ، ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމެއް ހުއްދަ ވެގެންވުމެވެ. މި ފިގުހީ ގާއިދާގެ ރޫހުގައި ގާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކު ވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެ ކަމަށެވެ.

މި މާއްދާ އަށް ބަލާއިރު، ގާނޫނަކުން މަނާ ނުކުރާ ކަމެއް އެހެން މީހަކު ކުރަނިކޮށް ހުއްޓުވުމަކީ ސަރުކާރުގެ އިސް ވެރިއަކަށް ވެސް، ގާނޫނު ހަދާ ބާރުގެ މެމްބަރަކަށް ވެސް ނުވަތަ ކޯޓެއްގެ ފަނޑިޔާރަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަން އެނގެ އެވެ.

ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ މިނިވަންކަމެއް ނުވަތަ ހައްގެއް ހިފެހެއްޓޭނީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކުން ކަން ގާނޫނުއަސާސީގެ 16، 19 އަދި 21 ވަނަ މާއްދާ އިން އެނގެ އެވެ. ނަމަވެސް ގާނޫނަކުން ވިޔަސް އެއިން މިނިވަންކަމެއް އެއިން މިނިވަންކަމެއް ނުވަތަ ހައްގެއް ހިފެހެއްޓޭނީ ކޮން ހާލަތެއްގައި ކަން 16 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

ދެ ވަނަ ބާބުން ކަށަވަރު ކޮށްދޭ ހައްގުތަކާއި މިނިވަންކަން ބޭނުންކުރެވޭނެ އިމަކީ، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވުން ކަން ގާނޫނުއަސާސީގެ 16 (ހ) އިން އެނގެ އެވެ. އެ އިން ފަހަނަޅައި ދިޔަނުދިނުމަށްޓަކައި، އަދި އިސްލާމް ދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެ ހައްގުތަކާއި މިނިވަންކަން ހަނިކުރުމުގެ ބާރު ލިބިދޭ ގާނޫނުތައް ހެދިދާނެ ކަން ގާނޫނުއަސާސީގެ 16 (ށ) އިން އެނގެ އެވެ.

ނަމަވެސް ސުވާލަކީ އެ ފަދަ ގާނޫނެއް ހަދާފައި އެބަ އޮތް ހެއްޔެވެ؟ އެކަމާ ކިރިޔާ ވެސް ގުޅުން ހުރި ގާނޫނަކީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރާ ގާނޫނެވެ.

ގާސިމް އިބްރާހީމްގެ މައްޗަށް ކުރި ޝަރުތުތަކުގެ ތެރެއިން ހަތަރު ޝަރުތެއް ގުޅުވާފައި އޮންނަނީ ފިތުނަ އުފެއްދުމާ އެވެ. އެފަދަ ވާހަކަ ދައްކާ މީހުންނާ ބައްދަލު ނުކުރުމާއި އެފަދަ ވާހަކަ ނުދެއްކުމާއި އެފަދަ ވާހަކަ ދެއްކުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރުމާއި އެހެން މީހުންނަށް ތަންތަން ދޫނުކުރުމެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ހަތަރު ހާލަތެއް މި ގާނޫނުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެއީ، (1) އިސްލާމް ދީނުގެ އަސްލަކާ ޚިލާފަށް ޚިޔާލު ފާޅު ކުރުމާއި، (2) ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ޚިޔާލު ފާޅުކުރުމާއި (3) އެހެން މީހެއްގެ ހައްގަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ޚިޔާލު ފާޅުކުރުމާއި (4) އާންމު ނިޒާމާ ޚިލާފު ޚިޔާލު ފާޅުކުރުމެވެ.

މުޅި މި ގާނޫނުގައި ވެސް ފިތުނަ އުފެދޭ ފަދަ ވާހަކަތަކާ ގުޅޭ ގޮތުން އޮތީ އެންމެ މާއްދާއެކެވެ. އެއީ ހަތް ވަނަ މާއްދާގެ (ނ) ގައިވާ، އާންމުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދި ބައިބައިވުމާއި ފިތުނަ އުފެދޭނެ ގޮތަށް ޚިޔާލު ފާޅުކުރުމެވެ. މިއީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގާނޫނުލް އުގޫބާތުގައި ވެސް ކަނޑައެޅިފައި އޮތް ކުށެކެވެ.

ސުވާލަކީ، މިހާރުގެ ސިޔާސީ މަސްރަހުގައި ގާސިމް އިބްރާހީމާއި އެ ނޫން ވެސް ސިޔާސީ ބޭފުޅުން ދައްކަވަނީ ދީނީ ގޮތުން މީހުންގެ މެދުގައި ޚިލާފު އުފެދި ބައިބައިވުމާއި ފިތުނަ އުފެދޭނެ ފަދަ ވާހަކަތައް ހެއްޔެވެ؟

ދީނީ ގޮތުން ފިތުނަ އުފެދުން ފިޔަވައި، އާންމު ގޮތެއްގައި ފިތުނަ އުފެދޭ ފަދަ ވާހަކަތަކަކީ ކޮބައިކަން އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި އޮތް ކަމެއް އެނގޭކަށް ނެތެވެ. ފިތުނަ އުފެދޭނީ މިވެނި ބަހެއް ބުނުމުންނޭ ނުވަތަ މިވެނި އިބާރާތެއް ބުނުމުން ކަން ވެސް ގާނޫނެއްގައި ކަނޑައަޅައިފައެއް ނުވެ އެވެ.

ފިތުނަ އުފެދެނީ ކިހިނެއް ކޮން ގޮތަކުން ކަން ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ހިނދު، މީހަކު ދެއްކި ވާހަކައަކީ ފިތުނަ އުފެދޭ ފަދަ ވާހަކައެއް ކަމުގައި ކަނޑައަޅާނެ ގޮތަކާ މެދު ސުވާލު ނުއުފެދޭނެ ހެއްޔެވެ؟ މީހަކު ދެއްކި ވާހަކައަކީ ފިތުނަ އުފެދޭ ފަދަ ވާހަކައެއް ކަމުގައި ކަނޑައަޅާ ނަމަ، އެ ވާހަކައިގެ ސަބަބުން އުފެދުނު ފިތުނައެއް ވެސް އޮންނަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ އެއީ ފިތުނަ އުފެދޭ ފަދަ ވާހަކައެއް ކަމުގައި ކަނޑައެޅިދާނެ ހެއްޔެވެ؟ އެއީ އެއްވެސް ގާނޫނެއްގައި "ފިތުނަ އުފެއްދުން" މާނަކޮށްދީފައި ނެތުމުންނެވެ.